ޕީއެންސީގެ ޕީޖީ މެންބަރުން -- ފޮޓޯ: ނިޝާން އަލީ/ މިހާރު
28 މެއި 2024 - 16:28
ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ އަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައި އޮތަސް މަޖިލިހުގެ މަސައްކަތްތައް ބައްޓަން ކުރާނީ އިދިކޮޅުގައި ތިބި މަދު މެމްބަރުން ވެސް ފުރުސަތު ފަހިކޮށްދީގެން ކަމަށް ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން މިއަދު ބުނެފި އެވެ.
ވިހި ވަނަ މަޖިލިހަށް އިންތިހާބުކުރި 93 ބޭފުޅުން މެމްބަރުކަމުގެ ހުވާ މިއަދު ހެނދުނު ކުރައްވައި، އާ މަޖިލީހުގެ މަސައްކަތްތައް ފެށުމަށް ފަހު، ޕީއެންސީގެ ޕާލަމެންޓްރީ ގުރޫޕުން ބޭއްވި ފުރަތަމަ މީޑިއާ ބްރީފިންގައި އެ ގުރޫޕުގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި މެޖޯރިޓީ ލީޑަރު އިބްރާހިމް ފަލާހު ވިދާޅުވީ، އެ ޕާޓީގެ "ބިޔަ ލަޝްކަރެއް" އޮތަސް އެންމެ އިސްކަންދޭނެ އެއް ކަމަކީ އެއީ ކަމަށެވެ.
މަޖިލިހުގެ މައިނޯރިޓީ ޕާޓީ އިދިކޮޅު އެމްޑީޕީގެ 12 މެމްބަރުންނަށް މަޖިލީހުގެ ތެރެއިން ބޭނުން ގޮތަކަށް ބޭނުން ފުރުސަތެއް ދީގެން މަސައްކަތް ކުރާނެ ކަމަށް ފަލާހު ވިދާޅުވި އެވެ.
"ވީހާ ވެސް ބޮޑަކަށް [މައިނޯރިޓީ މެމްބަރުން] ކޮމިޓީތަކުގަ އާއި ތަޅުމުގައި ވަކާލާތު ކުރުމާއި ހުރިހާ ކަމެއްގައި ބައިވެރި ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން އަރުވަން،" މީގެ ކުރިން ވެސް މަޖިލިހުގެ މެމްބަރުކަން ކުރެއްވި ފަލާހު ވިދާޅުވި އެވެ.
ޕީއެންސީ ޕީޖީ ގުރޫޕުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުން -- ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ޖުމުލަ 76 މެމްބަރުންނާ އެކު، ޕީއެންސީ އަށް މަޖިލިހުން ލިބިފައިވާ ސުޕަ މެޖޯރިޓީގެ ބޭނުން ނަހަމަ ގޮތުގައި ބޭނުން ކުރާނެތޯ ނޫސްވެރިއަކު ސުވާލު ކުރުމުން 20 ވަނަ ރައްޔިތުންގެ މަޖިލިހުގެ ރައީސަކަށް 71 މެމްބަރުންގެ ވޯޓުން މިއަދު އިންތިހާބުކުރި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، އެ ޕާޓީ އަށް ރައްޔިތުން އެހާ ބޮޑު އަޣުލަބިއްތެއް ދިނީ އެ ގޮތަށް މަސައްކަތް ނުކުރާނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވަމުން ގެންދަވާ ގޮތަށް ހަމަހަމަ ކަމާއި އިންސާފުވެރިކަމާ އެކީގައި އަބަދުވެސް ޕީއެންސީން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އޮތީމާ މިހާ ތަނަވަސް އަޣުލަބިއްޔަތެއް ރައްޔިތުން އެ ދެއްވީ،" ފޮނަދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަބްދުއްރަހީމް ވިދާޅުވި އެވެ.
އަބްދުއްރަހީމް ވަނީ ޕީއެންސީގެ ބޮޑު އަޣުލަބިއްޔަތު ބޭނުން ކުރާނީ ގައުމާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތަށް ކަމުގެ ޔަގީން ކަން ދެއްވައިފަ އެވެ.
މިދިޔަ މަޖިލީހުގެ އިންތިހާބުގައި ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބު ކޮށްފަ އެވެ. އޭގެ ފަހުން އަމިއްލަ ގޮތުން އިންތިހާބުވި 10 މެންބަރަކު އެ ޕާޓީ އާ ގުޅިވަޑައިގަތުމުން ޕީއެންސީގައި މިހާރު ތިއްބެވީ ޖުމްލަ 76 މެންބަރުންނެވެ.
މަޖިލީހުގައި ދެން ތިއްބަވާނީ އެމްޑީޕީގެ 12 މެންބަރުންނާއި އެމްޑީއޭގެ ދެ މެންބަރުންނާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި އެމްއެންޕީގެ މެންބަރަކާއި އަމިއްލަ ގޮތުން އިންތިހާބުވި މެންބަރެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮލުމާފުށި
30 May 2024
ތާރީހް އެކޮޅުކޮޅުން ޖެހުނީ. އެމްޑީޕީ ޑިމޮކްރެޓިވެގެން ގޮސް ބޮއްސުންލައި ޑިމޮކްރަސީގެ އުސޫލުގެއްލި ޒަމާންވީ ކޮންޒަވެޓިވް ޕާޓީ މިބަދަވީ ޑިމޮކްރެޓިކް އުސޫލަަށް. ދެޕާޓީގަ ތިބިމީހުން ބަލާލީމަވެސް މިކަން ދޭހަވޭ.
ޝިއުނާޒް
29 May 2024
ބަރާބަރު. އެމްޑީޕީ ކުރިކަހަލަ ހުދުމުހުތާރު ވެރިކަމެއް ކުރާނެކަމެއްނެތް
ކޖޖޖޖޖ
29 May 2024
މިނި ނާޅިން މިނާށޭ މަބުނާނީ. މާ ހެޔޮ ބޮޑުވީމަ އާޚިރުގައި ދަތް އަޅާނީ. ހިޔަޅުންކަން ދަންނަންވާނެ.
އިޔާދްް
29 May 2024
އަބަދުވެސް ޕީއެންސީއަކީ ކާމިޔާބުތަކުގައި ހިތްތިރިކުރާބަޔެއް. ރައްޔިތުންނަށް ކުރިޔަށްއޮތް ދުވަސްތަކުގައި ފެނިގެންދާނީ އަމާން އޮމާން މަޖިލިހެއް.
ހޖހހހހ
29 May 2024
ބިތް ތިރި ކުރުމެއްނޫން އެއީ. އެއީ ބުއްދިވެެިން ބުނާ އެނެމީން ނުދަތުން. ޔަހޫދީން ގެނެސް ފަލަސްތީނުގެ ތަންކޮޅއއްގައި އުޅެން ހުއްދަފިނީ. 75 އަހަރުވީއިރު އެތިބީ މުޅި ފަލަސްތީނު ޔަހޫދީންގެ ތަނަކަށް ހަދައިގެން. ނުލަފާ ކޮންމެ ބައެއްގެ ފަރާތުންވެސް ފެންނާނީ ހަމަ އެމަންޒަރު.
ޝާމިލާާ
29 May 2024
މިދިޔަ 19 ވަނަ މަޖިލީހުން ފެނުނު ހުދުމުހުތާރުކަމެއް މި މަޖިލިހަކުން ނުފެންނާނެ. އެހެން އެކަން ކުރުމަށް ރައީސް މުއިއްޒު ޖާގައެއް ނުދެއްވާނެ.
ޖައިލަމްް
29 May 2024
މި މަޖިލިސް ވެގެން ދާނީ ނަމޫނާ މަޖިލިހަކަށް. މި މަޖިލީހުގެ ކަންކަން ބައްޓަންވާނީ ހަމަހަމަ ކަމާއި އިންސާފުގެ މައްޗަށް. އެކަން އެގޮތަށް ކުރައްވާނެކަމާމެދު އެއްވެސް ޝައްކެތް ނުކުރަން.
މިގްދާދްް
29 May 2024
މައިނޯރިޓީއަށް ފުރިހަމަ އެއްބާރުލުން ދިނުނުން އެއީ ޑިމޮކްރަސީގެ ރީތި އުސޫލް. އެ އުސޫލްތަށް ޕީއެންސީއިން ހިފަހައްޓާނެ.
އަކްމަލްް
29 May 2024
އެމްޑީޕީހާ ހަޔާތްކުޑަ ޕާޓީއެއްނޫން ޕީއެންސީއަކީ. ނަމޫނާ ދައްކާނެ.
މުދިންހަސަންބެގެޅިޔަނު
28 May 2024
ރައްޔިތުން މަޖިލިހެއް މިހޮވީ މައިނޯރިޓީއަށް ޖާގަދޭނެކަމަކަށް އިންގިލާބީހަރަކާތެއް ފަށާކަށް ޅެންފަރިހި ކިޔާކަށް އަދަބީގުލްނެއް ފަރިކުރުވާކަށެއްވެސްނޫން. ގައުމުގެ ހަމަޖެހުމާއި މަސްލަހަތަށް މަސައްކަތްކޮށް ކުރިއެރުމާއި ތަރަގީހޯދުމަށް މަސައްކަތްކުރުމަށް. އެއީ މަނޯރިޓީ އުރާލައިގެން ވިއަސް ބޮލަށް ފިތާލައިގެން ވިއަސްމެ. މިގޮތަށް މަސައްކަތް ނުކުރެވޭނަމަ 21ވަނަ ދައުރަށް ރައްޔިތުންދޭނީ މިދައުރަށް އެމްޑީޕީއަށް ދިން ޖަވާބު.
ކޮރަލް
28 May 2024
މަޖްލީހަށް މަހަކު އަދި އަހަރަކު ހަރަދު ވާވަރު ޖަހާލަ ބަލާށެވެ. ދަރަނި ބޮޑުވަނީ ހަމަ އެކަނި ލޯން ނަގާތީ އެއް ނޫނެވެ. ހަރަދުތައް ވެސް ބޮޑު ވާތީ އެވެ.