ދަރުމަވަންތަ ސްކޫލުގެ ކްލާސްރޫމެއްގައި ޓީޗަރަކު ކިޔަވައިދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
01 ޖޫން 2024 - 09:26
ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވެސް މިހާރު ޓެކްސްޓް ފޮތްތައް ފޮނުވާފައިވާ ކަމަށާއި އެ ސްކޫލުތަކަށް ފޮތްތައް ހަމަވާނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ސްކޫލުތައް ހުޅުވި ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުނު އިރުވެސް ސްކޫލުތަކަށް ފޮތްތައް ހަމަނުވާ ކަމުގެ ޝަކުވާ ބެލެނިވެރިން ކުރި އެވެ.
ސްކޫލުތަކަށް ފޮތްތައް ލިބުން ލަސްވި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން އެޑިޔުކޭޝަން މިނިސްޓަރު އިސްމާއިލް ޝަފީއު ވިދާޅުވީ މި އަހަރު ވެސް އެއް ސްކޫލުން އަނެއް ސްކޫލަށް ގިނަ އަދަދެއްގެ ދަރިވަރުން ބަދަލުވި ކަމަށެވެ.
"ދަރިވަރުންގެ މޫވްމެންޓުގެ ސަބަބުން ބައެއް ސްކޫލުތަކަށް ފޮތްތައް ގިނަވެ، މަދު އަދަދެއްގެ ފޮތްތައް ބައެއް ސްކޫލުން މަދުވުމަކީ އާންމުކޮށް ހިނގާ ކަމެއް. މިފަހަރު ވެސް މިފަދަ ހާލަތެއް މަދުން ނަމަވެސް ހުރުން އެކަށީގެންވޭ، މިނިސްޓަރު ވިދާޅުވި އެވެ.
ނަމަވެސް ހުރިހާ ސްކޫލުތަކަށް މިހާރު ފޮތްތައް ފޮނުވާފައިވާ ކަމަށާއި ރަނގަޅަށް ބަހާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދިރާސީ އާ އަހަރު ފެށިއިރު ރާއްޖޭގެ އެކި ސްކޫލުތަކުގައި 96،000 ދަރިވަރުން ކިޔަވަމުން އަންނަ ކަމަށެވެ. އެއީ 40،300 އަންހެން ދަރިވަރުންނާއި 42،700 ފިރިހެން ދަރިވަރުންނެވެ.
މިނިސްޓްރީން ބުނި ގޮތުގައި ސަރުކާރުގެ 217 ސްކޫލުގައި 83،000 އެއްހާ ދަރިވަރުން ކިޔަވަމުން އަންނައިރު މީގެ ތެރެއިން 17،000 އެއްހާ ދަރިވަރުންނަކީ މާލޭ ސަރަހައްދުގެ ސްކޫލުތަކުގައި ކިޔަވާ ދަރިވަރުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެހެން
02 June 2024
ކަނޑައެޅިގެން ދޮގެއް! ފޮނުވި ފޮތްކޮޅުވެސް ސްކޫލް ހުޅުވުނުތާ ހަފްތާއެއް ފަހުން ސްކޫލްތަކަށް ފޮނުވުނީ އަދި އެވަރުން ވެސް ބައެއް މާއްދާތަކުގެ ފޮތްތައް ހަމަނުވޭ! އަދި ބައެއް މާއްދާތަކުގެ އެންމެ ފޮތެއްވެސް ނެތް! ދޮގު ހެދުމާ، ހުޝާމަދު ކުރުން ފަދަ ކަންކަމުން ދުރުހެލިވޭ! މަދު ސްކޫލަކަށް ހަމަވެފަ ހުރެދާނެ! އެކަމު ރާއްޖޭގެ ހުރިހާ ސްކޫލަކަށް ހުރިހާ ފޮތެއް ހަމައަށް އަދިވެސް ފޮނުވިފަ ނުވާކަން އެއީ ހަޤީގަތެއް!
މުހައްމަދު އަފީފް
02 June 2024
ދިއްދޫ ސްކޫލަށް ފޮތް ލިސްޓް ސްކޫލް ފެށެން ވާއިރަށް ހަމަވި ފަަހަރު މިއީ
އީޒާން މުހައްމަދު
02 June 2024
އަދުގެ ސަރުކާރުން ތައުލީމީ ދާއިރާއަށް ދޭ އަހައްމިއްޔަތުކަން ފެނިގެން މިދަނީ.
އައިޝަތް މާރީ
02 June 2024
އަޅުގަނޑުގެ ދަރިޔަށް އަދި އަލަށް ހަމަ މިވީ ފޮތް ސްކޫލް ދައުރު ފެށުމުގެ ކުރިން.މިދިޔަ އެއްވެސް އަހަރަކު ނެތް ހަމަ ވެފަ މި ފަހަރު ފިޔަވާ
އާދަމް ޢާޒިމް
01 June 2024
އަހަންނަކީވެސް މި ސަރުކާރަށް ތާއީދު ކުރާ މީހެއް ނޫން. އެކަމަކު ހަގީގަތް ވާނީ ހަގީގަތަށް ފޮތް ހަމަ ވެއްޖެ. އަލަށް މިހާ އަވަހަށް ފޮތް މި ހަމަވީ
އިކްލީލް
01 June 2024
ވަރަށް ބޮޑަށް ޝުކުރިއްޔާ ސަރުކާރަށް. ސްކޫލް ފެށުމުގެ ކުރިން ފޮތް ހަމަ ކޮށްދިނީތީ
މާނިއު ހަސަން
01 June 2024
ކަން ކުރަން އިނގޭ މީހުން ކަން ކަމާ ހަވާލުވީމަ ތަފާތު މި ފެންނަނީ. މިދިޔަ 5 އަހަރު ފޮތް ހޯދަން ކޮން ހާލަކު އުޅުނީ
އިސްމާއިލް އުޝާމް
01 June 2024
އަލަށް މިހާ އަވަހައް ފޮތް ހަމަވި ފުރަތަމަ ފަހަރު މިއީ
އަހްމަދު އާޒިފް
01 June 2024
އަސްލުވެސް ހަމަ ވެއްޖެ. މިދިޔަ 5 އަހަރު 4 މަސް ދިޔަ ހަމަ ނުވެ.
އެހެން
02 June 2024
ކޮން ސްކޫލަކަށޯ ހަމަވީ؟ ގިނަ ސްކުލްތަކަށް އަދި ވެސް ފޮތް ހަމަނުވެގެން ގައިމު އުޅެނީ!
ދެރަ
01 June 2024
ގްރޭޑް 4 ގެ ބަދަލުވި ސިލަބަހުގެ ފޮތްތަކެއް ނުލިބޭ، ލިބުނީ ކުރީގެފޮތްބައި، އަލުން ފޮތްދޭނެކަމަށްވަނީ.... ކިހާ ބޭކާރު ޚަރަދެއް. ޢެއްއަހަރު ކިޔަވަން 2 ފޮތްބައި ޗާޕްކުރުން. ދެން ރަގަޅުގޮތެއް ހަދަންޏާ އަންނަ އަހަރު ފަށަށް މަޑުކުރައްވާ