ފޮރިން މިނިސްޓަރު ޒަމީރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އާ ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
26 ޖޫން 2024 - 08:13
ފޮރިން މިނިސްޓަރު މޫސާ ޒަމީރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަންއާ ބައްދަލުކުރައްވައި، ރާއްޖެ އާއި އެމެރިކާ އާ އެކު އޮންނަ ގުޅުން އިތުރު ދާއިރާތަކަށް ފުޅާކުރުމަށް މަޝްވަރާ ކުރައްވައިފި އެވެ.
މާދަމާގެ ނިޔަލަށް ޒަމީރު އެމެރިކާ އަށް ކުރައްވަމުން ގެންދާ ދަތުރުގައި، ވެރިރަށް ވޮޝިންގްޓަންގައި ބްލިންކަންއާ އެކު ބޭއްވި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ފުޅާކުރަން މަޝްވަރާ ކުރެއްވި ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އޭގެ ތެރޭގައި، މިނިސްޓްރީން ބުނި ގޮތުގައި ދިފާއީ ގުޅުމާއި ޑިމޮކްރަސީ ހަރުދަނާ ކުރުމާއި އިގުތިސާދު ކުރުމާއި މޫސުމީ ބަދަލުތަކަށް ވިލުންވެރިކަން އިތުރުކުރުން ހިމެނެ އެވެ.
އިތުރު ދާއިރާތަކަށް ރާއްޖެ އާއި އެމެރިކާގެ ގުޅުން އިތުރަށް ފުޅާކުރުމާ އެކު، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ހަމަޖެހުމާއި މެރިޓައިމް ސެކިއުރިޓީ އާއި ސުލްހަ ދެމެހެއްޓުމުގެ މައްޗަށް ދެ ބޭފުޅުން ވެސް އަލިއަޅުވައިލެއްވި ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓަރު ޒަމީރު، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކަން އާ ބައްދަލުކުރައްވަނީ. --ފޮޓޯ: ފޮރިން މިނިސްޓްރީ
އެ މިނިސްޓްރީން ބުނީ، މި ބައްދަލުވުމުގައި ބްލިންކަން ވަނީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓަށް ކުރަމުންދާ ނޭދެވޭ އަސަރުތަކާ ދެކޮޅަށް ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖެ އިން އަދާކުރާ އިސް ދައުރު ފާހަގަކުރައްވާފައި ކަމަށެވެ.
ދިވެހި ދަރިވަރުންނަށް އެމެރިކާ އިން ދޭ މަތީ ތައުލީމުގެ ފުރުސަތުތައް ފާހަގަކުރައްވައި، ޒަމީރު ވަނީ ދިވެހިންނަށް ފަސޭހައިން އެމެރިކާ ވިސާ ލިބޭނެ މަގު ފަހިކޮށްދިނުމަށް ބްލިންކަންއާ އެކު މަޝްވަރާ ކުރައްވާފައި ކަމަށް މިނިސްޓްރީން ބުންޏެވެ.
މިދިޔަ ހޯމަ ދުވަހު އެމެރިކާ އަށް ފެއްޓެވި ދަތުރުގައި ޒަމީރު އިއްޔެ ވަނީ ޔޫއެސްއެއިޑްގެ އެޑްމިނިސްޓްރޭޓަރު ސަމަންތާ ޕަވާއާ ބައްދަލުކުރައްވައި އިގުތިސާދީ ކުރިއެރުމާއި ތިމާވެށި ހިމާޔަތްކުރުން އަދި މުއައްސަސާތައް ހަރުދަނާކުރުމަށް އެ އޭޖެންސީގެ އެހީ އިތުރުކުރަން މަޝްވަރާ ކުރައްވައިފަ އެވެ.
ވޮޝިންގްޓަންގެ ދަތުރުގެ ތެރެއިން، ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ކައުންސިލް އޮފް ފޮރިން ރިލޭޝަންސްގެ މަޝްވަރާ ބައްދަލުވުމެއްގެ އިތުރުން، އެ ސިޓީގައި ދިރިއުޅޭ ދިވެހިންނާ ޒަމީރު ބައްދަލު ކުރައްވާނެ އެވެ.
އޭގެ ފަހުން، ޒަމީރު ނިއު ޔޯކަށް ވަޑައިގެން އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރެސް އާއި އެ ޖަމިއްޔާގެ ބައެއް އިސްވެރިންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.
ނިއު ޔޯކަށް ކުރައްވާ ދަތުރުގެ ތެރެއިން، ރާއްޖޭގެ ޓޫރިޒަމް ފުޅާކުރުމާ ގުޅޭގޮތުން އެ ސިޓީގެ އިސް ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޑްވައިޒަރުންނާ މިނިސްޓަރު ބައްދަލުކުރައްވާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. ހަތަރު ދުވަހުގެ މި ދަތުރު ނިންމަވައިލެއްވުމުގެ ކުރިން ނިއު ޔޯކްގައި ދިރިއުޅޭ ދިވެހިންނާ ވެސް ޒަމީރު ބައްދަލު ކުރައްވާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދައިގަންނަގުރާ
27 June 2024
ސަލާން ޖަހަން ގޮސް ބްލިންކަން ބުނި ހުރިހާ ވާހަކައެއް ނޫން ދޯ ރިޕޯޓު ކުރީ؟ ބްލިންކަން ކީކޭ ބުނީ ބޮލުގަ ފިރުމާފަ؟ އިޒްރޭލު މީހުންގެ ޕާސްޕޯޓު މަނާނުކުރާށޭ! ނޫންތައް؟ އެހެން ނޫނީ …
ޝަޒީމްް
26 June 2024
އަހަރުން އެމެރިކާ ދެކެ ކިތަންމެ ރުޅި އަޔަސް ރާއްޖޭގެ ޓުއަރިޒަމް ކުރިއަރާ އިގްތިސާދު ވަރުގަދަ ކޮށްދެވޭނެ ވަރުގެ ގައުމެއް އެމެރިކާ އަކީ. ދެ ގައުމު ގުޅިގެން ކުރިޔަތް ދިޔުން ބުއްދިވެރި
ޒުހުނީ
26 June 2024
ފެށުނީއްސުރެ އަހަރުން މިކިޔަނީ އެންމެ އެއްޗެކޭ. ރައީސް މުއިއްޒުގެ ސަރުކާރުން ގައުމުތަކާ ގުޅުން ވަރުގަދަކޮށޭ އޮންނާނީ. މިހާރުވެސް ހުރިހާ ގައުމު ތަކުގެ ރައީސުން މެދުގައި ސެލެބްރިޓީއެއް ރައީސް މުއިއްޒު އަކީ. މޭން އެކޭ
ރާއިފްް
26 June 2024
ރަނގަޅު. ދެ ގައުމުގެ މެދުގައި ގުޅުން ވަރުގަދަ ވާން މުހިންމު
ހިޝާންް
26 June 2024
ކޮން ބަޔެއްތަ ބުނީ މީ އަހަރުން ދިވެހީން ސައިޒު ކުރަން ގެންދާ ދަތުރެކޭ. މި ގައުމުގެ ރައީސް ޖެހިލުމެއް ނުވާނެ. ގަޓު ހުރި ރައީސްއެކޭ މިތާ ހުރީ
އާލިމް ރުޝްދީ
26 June 2024
ފެނިގެން މިދަނީ ބޭރު ދުނިޔެއާ ގުޅިގެން މިގައުމަށް ފައިދާވާ ކަންކަން ކުރަމުން މި ސަރުކާރުން ދާތަން. މިޔާއެކު ގިނަ ފައިދާވެގެންދާނެ.
އަސްލަމް ވަހީދު
26 June 2024
މި ހަބަރު އަޑުއަހަން ނުވަތަ ބަލަން އެމްޑީޕީއަށް ވަރަށް އުދަގޫވާނެ. ހެހެ
އަމްޝާދު އަޒީޒް
26 June 2024
މިސަރުކާރުން ހުރިހާ ކަމެއް ކުރާނީ ބޭރު ދުނިޔެއާ ގުޅިގެން. ފެނޭތަ؟
މަފާޒް ސަލީމް
26 June 2024
މިހެންވެ ބުނަނީ މި ސަރުކާރު މާ ގަދަވާނެޔޭ ބޭރު ދުނިޔެއާ ގުޅުން ބަދަހިކުރަން. އެކަން ފެނިގެން މިދަނީ
މަހްމޫދު ސައީދު
26 June 2024
އަލަށް ރާއްޖޭގެ ވެރިޔެއް މީނަޔާ މި ބައްދަލް ކުރީ. މަރުހަބާ