އިސްލާމިކް ސެންޓަރުގައި ބަޔަކު ނަމާދުކުރަނީ: އިމާމުން ތަމްރީނުކުރަން ބުރޫނާއީ އަށް ފޮނުވަން އިސްލާމިކް މިނިސްޓްރީ އަށް ވަނީ ފޮނުވައިފައި.-- ފޮޓޯ: މިހާރު
02 ޖުލައި 2024 - 12:20
ދިވެހި އިމާމުން ތަމްރީނުކުރަން ބުރޫނާއީ އަށް ފޮނުވަން ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އިއްޔެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ލިބިގަތުމުގެ ފުރުސަތުގެ ދަށުން، ބުރޫނާއީ ދާރުއްސަލާމަށް 20 އިމާމަކު މި މަހު 15 ގައި ފުރާނެ ކަމަށެވެ.
މި ތަމްރީނު ޕްރޮގްރާމް އޮންނާނީ ބުރޫނާއީގެ ގައުމީ އިސްލާމީ ޔުނިވާސިޓީ، ސުލްތޯން ޝަރީފް އިސްލާމިކް ޔުނިވާސިޓީގައި ކަމަށް ޝަހީމް ވިދާޅުވި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ވަނީ މި ޕްރޮގްރާމްގައި ބައިވެރިވާން ޝައުގުވެރިވާ އިމާމުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފަ އެވެ. މި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވެވޭނީ ރާއްޖޭގައި މިވަގުތު ތިބި އިމާމުންނަށް ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އަރަބި ބަހުން ރަނގަޅަށް ލިޔަން ކިޔަން އެގުމާ އެކު، ކަމާ ގުޅޭ ދާއިރާގައި މަސައްކަތްކުރާ މީހެއް ކަމަށް ވުމަކީ ޝަރުތެއް ކަމަށް ވެސް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މި ޕްރޮގްރާމްގައި ބައިވެރިވުމަށް އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ފޯމު ހުށަހަޅަން ޖެހެ އެވެ.
މިނިސްޓްރީން ބުނި ގޮތުގައި، އެއީ ހަތް ދުވަހުގެ ތަމްރީނު ޕްރޮގްރާމެއް ކަމަށާއި އެ ޕްރޮގްރާމް ކުރިއަށް ގެންދާނީ މި މަހު 16 އިން 22 އަށެވެ.
އިމާމުންނަށް އަމާޒުކޮށްގެން ދީނީ މައުލޫމާތު ދިނުމުގެ މަގުސަދުގައި ހިންގާ މި ޕްރޮގްރާމްގައި ޓިކެޓާއި ވިސާ ފިޔަވާ އެހެން ހުރިހާ ހަރަދެއް ބުރޫނާއީ އިން ހަމަޖައްސައިދޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
އިމާމުން ތަމްރީންކުރަން އިސްލާމިކް މިނިސްޓްރީން މިދިޔަ ޖެނުއަރީ މަހު އިއުލާންކުރި ގައުމީ މަޝްރޫއުގެ ފުރަތަމަ ބުރުގައި އިމާމުންނާއި ހަތީބުންގެ 20 މީހަކު ވަނީ މިދިޔަ ފެބްރުއަރީ މަހު މައްކާ އަށް ފޮނުވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިދުމާ
03 July 2024
ރާއްޖޭގައި ހަމަ އެންމެ ރަގަޅަށް ކުރެވެން އޮންނަ ކަންކަމަށްވެސް ބޭރަށް ފޮނުވަންޖެހޭތަ؟ ބުރޫނާއީ އަކީ މާ މޮޅު ބައެއް ނޫން ޤުރުއާނުގެ ޢިލްމަށް އަދި މަޚްރަޖަށްވެސް! ބަޖެޓަށް ނުކަތާތީ، އެއް ޚަރަދު ކުޑަކޮށްފިއްޔާ، ދެ ޙަރަދު އެބަ އިތުރުކުރެ!
އެދުރުބޭބެ
02 July 2024
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީ އިން މިކަން ނުކުރެވެންވީ ސަބަބަކީ ކޮބައިތޯ؟ އިމާމުންނަކީ ބުރުނާއީ މީހުންތޯ؟ ޕާކިސްތާނު މީހުންތޯ؟ ސައުދީ މީހުންތޯ؟ އިމާމުން ދުނިޔެ ވަށައި ބުރުޖަހަން މިފޮނުވަނީ ކޮންމެވެސް އެހެން އެޖެންޑާއެއް އޮވެގެން ވަރަށް އަޑި ނޭނގޭ ކަމެއްހެން ހާދަ ހީވާން ފަށައިފިޔޭ. ޚަރަދުކުޑަކުރަން ގޮވަމުން މިފަދަ ޚަރަދުތައް މިދަނޑިވަޅު ހަމަ ކޮންމެހެން ކުރަންވެއްޖެތޯ؟
އަސްލު...
02 July 2024
އިމާމުން ހާދަވަރަކަށް ތަމުރީނުކުރަނީ ވެރިކަންބަދަލުވިފަހުން ވެސް އަތަށް ބަޔަކު ސައުދީންވެސް ކޯސްހަދައިފި....
ާހެޔޮނުވާނެ
02 July 2024
ބޭކާރު ޚަރަދެއް. ބޭނުމަކީ ހެޑްލައިނަށް އެރުން
ރަމަ
02 July 2024
މިހެންވެސް ހެލްތް މިނިސްޓްރީއަކަށް ދުވަހަކުވެސް ރާއްޖެތެރޭގަ މަސައްކަތްކުރާ ހެލްތްވޯކަރުން ތަމްރީނު ދޭކަށް ބޭރަށް ފޮނުވާކަށްނުކެރޭ! އެޑިޔުކޭޝަނުން ޓީޗަރުންނަށް ޑިގްރީއާއި ހަމައަށް ކިޔެވުމުގެ ފުރުޞަތުދީފި ޕްރިންސިޕަލުންނަށް ލަންކާއިން ކިޔެވުމުގެ ފުރުޞަތުދީފި ހެލްތްދާއިރާ އަބަދުވެސް ވާނުވާގައި ސާބަހޭ އިސްލާމިކު މިނިސްޓަރ ތިޔަކުރާ މަސައްކަތަށް އެކަމަކު ދައުލަތަކު ފައިސާއެއްނެތޭމިކިޔަނީ! އަންތަރީސްވެއްޖެ.
އިމާމު
03 July 2024
އަމިއްލަ ޖީބުން. އެއްވެސް އެއްޗެއް މނިސްޓްރީ އަކުން ޚަރަދެއް ނުކުރޭ. އަހަންނަކީ އިމާމެއް. މިހުރީ ދާން ބޭނުންވެފަ. މިވަގުތު ގެދޮރު ހަދާތީ އަތަކު އެއްޗެއް ނެތީމަ އެ ފޯރމެއް ނުފުރަން މިހުންނަނީ
ހަކާ
02 July 2024
ސުވާލު 1. ތަމްރީނު ނިމިގެން މިކޮޅަށް އައީމަ މުސާރައަށް ބަދަލު އާދޭތޯ؟ ސުވާލު 2. 18 އަހަރުން ދަށުގެ ކުދިން ތަމްރީނުގަ ބައިވެރި ނުކުރޭތޯ؟ >>>>>>>..