އޮޑިޓާ ޖެނެރަލް ނިޔާޒީ: ދައުލަތުގެ އިދާރާތައް އޮޑިޓްކުރަން މައުލޫމާތު ދޭން ދެކޮޅު ހަދާ ކަމަށް އޭނާ ވިދާޅުވި --- ފޮޓޯ/މިހާރު
15 ޖުލައި 2024 - 16:01
ސަރުކާރުގެ ބައެއް އިދާރާތަކާއި ކުންފުނިތައް އޮޑިޓް ކުރަން ބޭނުންވާ ލިޔެކިޔުންތައް ދޭން އެތަންތަނުން ދެކޮޅު ހަދާ ކަމަށާއި އަދި އޮޑިޓާ ޖެނެރަލްގެ އޮފީހުގެ މުވައްޒަފުންނަށް ގާނޫނީ ގޮތުން ހިމާޔަތެއް ނެތް ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ވާހަކަ ދައްކަވަމުން އޮޓިޑާ ޖެނަރަލް އޮފީހުގެ ލީގަލް ކައުންސިލް މުހައްމަދު ނަސީމް ވިދާޅުވީ އޮޑިޓް ރިޕޯޓުތައް ހެދުން ލަސްވާ ވަރަށް ގިނަ ސަބަބުތައް ހުރި ކަމަށެވެ. އޭގެ ތެރޭގައި އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ބިރު ދެއްކުމާއި އިދާރާތަކުން ލިޔެކިޔުންތައް ދިނުމަށް ދެކޮޅު ހަދާ މައްސަލަ ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ބައެއް މުއައްސަސާތަކުން ލިޔެކިޔުންތައް ހޯދަން ބަލާއިރު ގާނޫނީ ގޮތުން ސިއްރު މައުލޫމާތެއް ކަމަށް ބުނެ، ލިޔެކިޔުންތައް އެންމެ ފުރަތަމަ ސިއްރު ކުރަނީ އޮޑިޓް އޮފީހަށް ކަމަށް ނަސީމް ވިދާޅުވި އެވެ. އޭގެ ސަބަބުން އެ މުއައްސަސާތައް އޮޑިޓް ނުކުރެވި ހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ސިއްރު ކުރި ނަމަވެސް އެ ލިޔެކިޔުންތައް އެބަހުރޭ ކަންމަތީ ފިހާރަތަކަށް ވެސް ގޮސްފައި." ނަސީމް ވިދާޅުވި އެވެ.
އޭގެ މިސާލެއްގެ ގޮތުން އޭނާ ވިދާޅުވީ ފެނަކަ ކޯޕަރޭޝަންގެ މައްސަލަ އެވެ. ކޮރަޕްޝަނަށް ވަރަށް ބޮޑަށް ތުހުމަތުވެފައިވާ އެ ކުންފުނިން 2021 ވަނަ އަހަރުން ފެށިގެން އެއްވެސް ލިޔެކިޔުމެއް އޮޑިޓް އޮފީހަށް ނުދީ ހިފަހައްޓާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަސީމް ވިދާޅުވި ގޮތުގައި ދައުލަތުގެ އެއްވެސް މުއައްސަސާއެއްގައި ހުރި ލިޔެކިޔުންތަކެއް އޮޑިޓާ ޖެނަރަލް އޮފީހަށް ސިއްރު ކުރެވޭނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އެ ބައްދަލުވުމުގައި ވިދާޅުވީ ހަމައެކަނި އޮތީ ގާނޫނުގެ މައްސަލައެއް ނޫން ކަމަށާއި ބައެއް ތަންތަނުގައި ތިބޭ ވެރިންގެ ސަބަބުން ވެސް އޮޑިޓްތަކަށް ހުރަސް އެޅޭ ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ބައެއް މުއައްސަސާތަކުން އެއްބާރުލުން ދޭ ކަމަށާއި ނަމަވެސް ބައެއް މައުލޫމާތު ލިބުމުގައި ދަތިތައް ކުރިމަތިވާނީ އޮޑިޓްތައް ކުރިއަށް ގެންދިއުމުގެ ދަތިތައް ކުރިމަތިވަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެބަ ކުރިއަށް ގެންދަން އާސަންދައިގެ އޮޑިޓެއް. އެއީ ޕާފޯމަންސް އޮޑިޓެއް. ނަމަވެސް އޭގެ ޕޭޝަންޓުންގެ ބައެއް މައުލޫމާތު ލިބިގެން އަޅުގަނޑުމެންނަށް އެނގޭނީ އެ މީހަކަށް ހައްގު ނޫން ފަރުވާތަކެއް ހޯދުމުގައި ނުހައްގު ކަންތައްތަކެއް ކުރިއަށް ގެންދަން އެނަލިސިސްއެއް ހެދޭނީ." އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން މިނިވަން މުއައްސަސާތަކުގެ މުވައްޒަފުން ރަސްމީ ހައިސިއްޔަތުން ކުރާ ކަންކަމަށް ގާނޫނީ ގޮތުން ހިމާޔަތް ދިން ނަމަވެސް އޮޑިޓް އޮފީހުގެ މުވައްޒަފުންނަށް ގާނޫނުން އެފަދަ ރައްކާތެރިކަމެއް ނެތް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
"މަސްއޫލިއްޔަތު އަދާކުރާއިރު ކުރާ ކަމަކާ ގުޅިގެން އެއްވެސް ކަހަލަ ގާނޫނީ ގޮތުން ބިރު ދެއްކުމެއް އޮވެގެން ނުވާނެއޭ އޮވޭ އެހެން ގާނޫނުތަކުގައި. އެހެން ނަމަވެސް އަޅުގަނޑުމެންގެ ގާނޫނުގައި އެކަހަލަ އެއްވެސް ޕްރޮވިޝަނެއް ނެތް." އެ އޮފީހުގެ އޮފިޝަލަކު ކޮމެޓީގައި ވިދާޅުވި އެވެ.
ނިޔާޒީ ވިދާޅުވީ އެފަދަ ގޮތަކަށް ބައެއް މުއައްސަސާތަކުން ގާނޫނު މާނަ ކުރާނަމަ މަޖިލީހުން އެ މައްސަލައަށް ހައްލެއް ހޯދައި ގާނޫނުގައި ވަކި މާއްދާއެއް ހިމަނައިގެން ވިޔަސް އެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން ބައެއް މުވައްޒަފުންނަށް އިންޒާރުތައް ލިބި މުދަލަށް ގެއްލުން ދިނުމާއި ގުޅައިގެން ބިރު ދެއްކުން ފަދަ ކަންކަން ހިނގާފައި ހުރި ކަމަށް ނަސީމް ވިދާޅުވި އެވެ. އެމްއެމްޕީއާރްސީގެ ހިޔާނާތް ތަހުގީގު ކުރި އިރު އެފަދަ މައްސަލަތަކެއް ފުލުހަށް ވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންހުސެން
16 July 2024
ހައްލަކީ ސަރުކާރުގެ ކުންފުނިތަށް ސިޔާސީ ނުކޮށް ހަރުދަނާ ނަޒާހަތްތެރި ބޯޑަކާއި މެނެޖްމަންޓްތައް އައްޔަންކުރުމެވެ. ރެގިއުލޭޓަރުން ބާރުވެރި ކުރުމެވެ. ގެއްލުން ނުލިބޭނެ މިންވަރު ބަލައިގެން ޕްރައިވެޓައިޒް ކުރެވޭނެ ތަންތަން ޕްރައިވަޓައިޒް ކޮށްގެންނެވެ. ޑިޖިޓަލައިޒްކޮށް ދެފުށްފެންނަ ވަރު ބޮޑު ކޮށްގެންނެވެ. ބޯޑް އޮޑިޓް ކޮމިޓީއަށް އަށް ބޭނުންވާ ޗާޓަޑް އެކައުންޓަންޓުން ލިބިއްޖެތަ؟ އަމިއްލަ ނަފުސަށް ކުޑަވެސް އިހްތިރާމު ކުރާ މީހަކު ސަރުކާރު ބޯޑަކަށް ނުދާނެވެ
ގަރުދިޔަބަތް ކޮރަޕްޝަން ފްރީ
16 July 2024
ކޮރަޕްޝަންއެއް ދެން ނުފެންނާނެ. ނަގާނެ އެއްޗެއްނެތޭ. ހަމައެކަނި ގަރުދިޔައާ ބަތާ ހުރީ
ނައީމު
16 July 2024
އޮޑިޓަރ ޖެނެރަލާއި އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ލީގަލް ބޭފުޅުން އޮޑިޓް ޤާނޫނުގެ 11 އަދި 12 ވަނަ މާއްދާގައި ލިޔެފައި އޮތް އެއްޗެއް ދޭހަނުވަނީބާ ނޫނޫ ނުކިޔަނީބާ؟ އެހެން ނޫނީ އެގިތިބެ ރައްޔިތުންނަށް އޮޅުވާލަން ދައްކާ ވާހަކަ އެއްބާ؟ 11 ވަނަ މާއްދާއިން އޮޑިޓަރ ޖެނެރަލް އަށް މަޢްލޫމާތު ނުދޭ މީހުން ޖޫރިމާނާ ކުރުމުގެ ބާރު ލިބިގެންވޭ. 12 ވަނަ މާއްދާއިން މައުލޫމާތު ހޯދުމަށް ކޯޓުއަމުރެއް ހޯދައިގެން ކޮންމެ ތަނަކަށްވެސް ވަނުމުގެ ބާރު ލިބިދޭ.
ކޮތަރޭ
16 July 2024
ޖޫރިމަނާ ކުރީމަ އޮޑިޓަށް ބޭނުންވާ ލިޔެކިޔުންތައް ލިބުނީ ކަމަށް ވާނެތޯ؟ އެކަމަށް ދެކޮޅު ހަދާ އިދާރާއެއް ހިންގުމާ ހަވާލުވެހުރި އެންމެ އިސް މީހަކަށް ފިޔަވަޅު އަޅައި ޖީބަށް ލުއިވެގެން ދާވަރުގެ ޖޫރިމަނާއެއް ކުރަން ރަނގަޅު. އެކަމަކު ޖޫރިމަނާ އަންނަނީ އިދާރާއަށް ކަމަށް ވަންޏާ އެއީ ފިރިހެނަކު އޭނާ އިނދެގެން އުޅޭ އަނބިމީހާ ޖޫރިމަނާ ކުރުން ކަހަލަ ކަމެއް.
ޟުރާސިލް
16 July 2024
ކޮން ވާހަކައެތޯ ތިޔަ ދައްކަނީ. ކީއްވެތޯ އެތަންތަން ސާފު އިބާރާތުން ހާމަ ނުކުރައްވަނީ. ތިޔަ ކޮށްދެނީވެސް ވައްކަން. މީހެއްގެ މޫނަކަށް ބަލާކަށް ނުޖެހޭނެ. މައުލޫމާތު ނުދީ ތިބި ވަގުން ތިބޭތަންތަން ހާމަ ކޮށްދެއްވާ. ކޮންތާކުންތޯ ތިޔަކަށް އެހީތެރިކަމެއް ހޯދަން އުޅުނީ. މަޤާމަށް ޝަރުތު ހަމަވެގެން ޥަޒީފާގެ މަސްއޫލިއްޔަތަށް ރުހުން ދިން ތަނަށް ކީއްވެތޯ ހުށަނޭޅީ. ކާކުތޯ އެމަގު ބަންދުކުރީ. ވާޖިބަށް ހުރަސް އެޅުމަކީ ޤާނޫނީ ކުށެއް.
އެމެރިކާ
16 July 2024
އެމްޑީޕީ ސަރުކާރުގަ ކުންފުނިތަކުގެ ލިޔަ ކިކުންތަ ކޮންކުރިޓް މެށިނަ އަޅާފަ ނައްތާލީ.
ކެރެދި ބެއްޔާ
16 July 2024
2021 ވަނަ އަހަރުން ފެށިގެން އެއްވެސް ލިޔެކިޔުމެއް އޮޑިޓް އޮފީހަށް ނުދީ ހިފަހައްޓާފައިވާ ކަމަށް ވިދާޅުވާއިރު ކަޑަ އެޅިގެން ފެނަކަ ފަދަ ތަންތަން އޯަޑިޓް ކުރަން ހުރަސް އެޅުމުން ކޮންފިޔަވަޅެއް ތޯ އެަޅުއްވީ؟ އެކަމަށް ފުރުސަތު ދެއްވާފަ މިއަދު ގަރަދު ދިޔްާއި ރިހާކުރާ ކުޅި ރޮށްޓޭ ވިދާޅުނުވެ އިސްތިއުފާ ދެއްވާ!
އިސްމާލު2.0
16 July 2024
އޮޑިޓަކީ ގަވާއިދުތަކަށް ވުރެ ބޮޑަށް ޕްރިންސިޕަލްތަކެއްގެ މައްޗަށް ހެދިފައި ހުރި ސްޓޭންޑާޑްތަކަކާއި އެއްގޮތަށް ކުރާ މަސައްކަތެކެވެ. އެހެނީ، ހެކި ނުލިބިއްޖެ ކަމުގައި ވަނީނަމަ އޮޑިޓް އޮޕީނިއަނެއް ދިނުމުން އޮޑިޓަރަށް ބަރީއަވެވޭނެކަން އެ ސްޓޭންޑާޑްތަކުގައި އޮންނާނެވެ. އެކަމަކު އެއީ އެދެވޭ ގޮތެއްނޫނެވެ. ކުރިއަރާފައިވާ ގައުމުތަކުގައި މި ހާލަތު ދިމާވާނީ ނިސްބަތުން މަދު ފަހަރަކުއެވެ. ހަގީގަތަކީ، ޕްރިންސިޕަލް ނިޒާމުތަކަކީ ދިވެހިންނަށް ގުޅޭ އެއްޗެއްނޫނެވެ.
މަމިބުނީ
15 July 2024
ގުދޯގުދޯ ގޮވުމަކީ ރީތިގޮތެއްނޫން! އޮޑިޓާޖެނެރަލްގެ އޮފީހުން އާރްޓީއައި އެކްޓްގެ ދަށުން އާންމުފަރުދަކަށް ދޫކުރަން އިންފޮމޭޝަންކޮމިޝަނަރު އެންގެވި ލިޔުންތަކެއް އެންމެފަހުން ދޫކުރީ ހަތަރުއުދަރެސް ފެނުޖެހި ދެންހެދޭނެ އިތުރު ގޮތެއްނެތުނީމައެއްނޫންތޯ؟
އުދުހޭ
15 July 2024
މައުލޫމާތު ނުދޭ އިދާރާތަކުގެ ނަން އާންމުކޮށް އިއުލާނުކޮށްބަލަ. ދަމަކުންބަޑިއެއްޖަހާހެން އެއްޗެއް ބުނެލާފާ ޗުއްޕުކިޔައިގެން ނުތިބެ ޒިންމާދާރުވެބަލަ. މައުލޫމާތު ނުދޭ ފަރާތްތަކާ ދެކޮޅަށް ދައުވާކޮށްބަލަ. ކުރެވެންހުރި ކަންކަން ބައިވަރު.
އަމެއޔާތް
15 July 2024
އޮޑިޓަރ ޖެނެރަލް ސިޔާސަ ވެގެން ފުރަތަމަ ފަހަރަށް ހެދި ލިޔުން ތޯއްޗެއް. މުވައްޒަފުންނަށް ހިމާޔަތެއް ދޭންޖެހޭވަރުވޭބާ ހަމަ؟