ނޫހުގެ ބޭރުގަނޑު ކުރެހި ލައީ އޭނާގެ ކުރެހުން ކައިރީގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
20 ޖުލައި 2024 - 11:27
މި ނޫހުގެ ބޭރުގަނޑު މި އޮތީ ދެލިން ފަވައިފަ އެވެ. އެކަމަކު، މިފަހަރު ޗާޕުކުރާ މެޝިނަކުން ނޫނެވެ. މަރްޔަމް ލަޔާލީ (ލައީ)ގެ ގަލަމުންނެވެ.
ލައީ އަކީ ބޯލްޕޮއިންޓް ނުވަތަ ގަލަމުގެ ކުރެހުންތަކަށް ކުޅަދާނަ އާޓިސްޓެކެވެ.
މިއީ، މިހާރު ކުރިއަށް ގެންދާ "އަންވެއިލިން ވިޝަން 2024"ގައި ލައީ އޭނާގެ ހުނަރު ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ނޫސް ކަރުދާހެއްގެ ބޭރުގަނޑެވެ.
އޭނާ ބުނި ގޮތުގައި، މި ހިޔާލު ލިބުނީ ގެއަށް ގަތް ސެރެމިކް ތަށިސެޓެއްގައި އޮޅާފައި އޮތް ނޫސްކަރުދާހެއް ފެނިގެންނެވެ.
ލައީ ވަނީ މިދިޔަ ދެ އަހަރު ވެސް "އަންވެއިލިން ވިޝަން"ގައި ބައިވެރިވެ، އޭނާގެ މި ހުނަރު ދައްކާލައިފަ އެވެ. ލައީގެ ހުރިހާ އާޓެއް ތައްޔާރުކުރަނީ ގަލަމުންނެވެ.
މި އާޓްވޯކް ތައްޔާރުކުރުމުގެ ކުރިން ލައީ ވަނީ ރާއްޖޭގެ އެންމެ ގިނަ ދުވަސްވީ ދުވަހުނޫސް "ހަވީރު" ނޫހުގައި ބޭރުގަނޑު ފަރުމާކޮށްފައި ހުންނަ ގޮތް ބަލައިފަ އެވެ. އަދި "ހަވީރު" ހުއްޓާލި ފަހުން އުފެއްދި "މިހާރު" ނޫހުގައި ބޭރުގަނޑު ފަރުމާކޮށްފައި ހުންނަ ގޮތް ވެސް އޭނާ ބެލި އެވެ.
"މިހާރު" އަކީ ރާއްޖޭގައި ޗާޕުކޮށްގެން މިހާރު ނެރޭ ހަމައެކަނި ދުވަހުނޫހެވެ.
ނޫހުގެ ބޭރުގަނޑު ކުރެހި ލައީ އޭނާގެ ކުރެހުން ކައިރީގައި މަޑުކޮށްލައިގެން.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ފުރަތަމަ ބެލީ އެއިޓީސްގެ ހަވީރު ނޫސްޕޭޕަރުތައް. އެކަމަކު އޭގައި އަކުރުތައް ތަންކޮޅެއް ކުދިކޮށް ހުރީމަ ހީވީ އެހާ ބަލަން ފަސޭހަ ނުވާނެއޭ. އެހެންވެ ދެން ބެލީ މިހާރު ނޫހުގެ ނޫސްޕޭޕަރުތައް. އޭގެން އެކި ސުރުހީތައް ކަފާލީ، ކަފާލައިފައި ދެން ހަމަޖެހޭ ކަހަލަ ގޮތަކަށް އަކުރުތައް އަތުރާލައިފައި ހަމަ ނޫހުގެ ބޭރުގަނޑެއް ފުރަތަމަ ހެދީ. އެ ބަލައިގެން ކުރަހަން ފެށީ،" އޭނާ ކިޔައިދިނެވެ.
"މީގައި ތާރީހު އިންނާނީ ބަދަލުނުކޮށް، އަސްލު ކަރުދާހުގައި އިން ތާރީހު ހަމަ."
ބައެއް އަކުރުތައް އޭނާ ނަކަލުކުރީ ނޫހުގައި ހަމަ ހުރިގޮތަށެވެ. މި ބޭރުގަނޑު ކުރަހާފައި ވަނީ ކަރުދާސްގަނޑު ބޮނޑިކޮށްލުމަށް ފަހު، އަލުން ހުޅުވާލުމުން އޮންނާނެ ގޮތަށެވެ.
ލައީ ކުރެހި "ނޫހުގެ ބޭރުގަނޑު".-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
މި އާޓްވޯކް ނިންމާލަން އޭނާ 82 ގަޑިއިރު ހޭދަކުރި އެވެ.
"މި އާޓުން ދޭން ބޭނުންވާ މެސެޖަކީ މައުލޫމާތު ފޯރުކޮށްދޭ މީހުން ނުވަތަ ނޫސްވެރިން ވެސް އެމީހުންގެ އޮންނަ ބާރާއި ނުފޫޒު ރަނގަޅު ގޮތުގައި ބޭނުންކުރުން. އަދި މައުލޫމާތު ލިބިގަންނަ މީހުންގެ މަސްއޫލިއްޔަތެކޭ ފެންނަ ކޮންމެ އެއްޗެއް ނުވަތަ އަޑުއިވޭ ކޮންމެ އެއްޗެއް ގަބޫލު ކުރާނީތޯ ނުވަތަ ނޫންތޯ ނިންމުން ވެސް،" ލައީ ބުންޏެވެ.
ލައީ ވަނީ އޭނާގެ މި ހުނަރު ދައްކާލުމަށް "އެކެއް"ގެ ނަމުގައި އޭނާގެ އަމިއްލަ އެގްޒިބިޝަނެއް މިދިޔަ ނޮވެމްބަރުގައި ބާއްވައިފަ އެވެ. އޭގެ އިތުރުން އޯގާ އާޓް ރިސޯޓް އަދި ކަނޑިންމާ މޯލްޑިވްސް ރިސޯޓުގައި ވެސް އޭނާގެ އާޓްވޯކުތައް ވަނީ އެގްޒިބިޓްކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަލަމިންޖާ1
22 July 2024
ވަރަށް ސަޅި.
ރަދީފްއޮފިޝަލް
20 July 2024
ވަރަށް ކްރިއޭޓިވް.
ރައީސް ޒާރޭ (މާއެނގޭ)
20 July 2024
ލަޔާލުއަށް ކާމިޔާބައްއެދެން
ޖުލައި
20 July 2024
ސާބަހޭ ލަޔާއްކޮ