ހައި އެޗީވާސް އެވޯޑު ދިނުމަށް ބެއްވި ރަސްމިއްޔާތުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ދަރިވަރަކަށް ހަދާނީ ލިޔުން ހަވާލުކޮށްދެއްވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
18 ޖުލައި 2024 - 22:35
މިދިޔަ އަހަރު ބޭއްވި އޭ ލެވެލް އިމްތިހާނުން ފަސް މާއްދާ އިން އޭ އަދި އެ އަށް ވުރެ މަތިން ހޯދި 117 ދަރިވަރަކަށް ހައި އެޗީވާސް ސްކޮލަޝިޕް މިރޭ ދީފި އެވެ.
މަތީ ސާނަވީ އިމްތިހާނުގައި ރާއްޖޭގެ 45 ސްކޫލަކުން 1،407 ދަރިވަރަކު ބައިވެރިވެފައިވާއިރު 136 ދަރިވަރަކު ވަނީ ފަސް މާއްދާ އިން މަތީ ގްރޭޑްތައް ހޯދައިފަ އެވެ.
އެ ދަރިވަރުންގެ ތެރެއިން 19 ދަރިވަރަކު ވަނީ ފަސް މާއްދާ އިން "އޭ ސްޓާ" ހޯދައި، ރައީސްގެ ސްކޮލާޝިޕް ހާސިލްކޮށްފަ އެވެ. އަދި 117 ދަރިވަރަކު ފަސް މާއްދާ އިން "އޭ" ހޯދައި ހައި އެޗީވާސް ސްކޮލާޝިޕް ހާސިލްކުރި އެވެ.
ހައި އެޗީވާސް ސްކޮލަޝިޕް ހާސިލްކުރި ދަރިވަރުންގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދަރިކަނބަލުން ޔަސްމީން މުހައްމަދު މުއިއްޒު ވެސް ހިމެނެ އެވެ. ސީއެޗްއެސްއީ އިން އޭ ލެވެލް ނިންމި ޔަސްމީން ވަނީ ފަސް މާއްދާ އިން އޭ ފާސް ހޯއްދަވައިފަ އެވެ.
މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުގައި ހައި އެޗީވާސްގެ ޝަރަފު ހޯއްދެވި، ރައީސް މުއިއްޒުގެ ދޮށީ ދަރިކަނބަލުން ޔަސްމީން މުހައްމަދު މުއިއްޒާ، އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ސެޓްފިކެޓް ހަވާލު ކޮށްދެއްވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު
ހައި އެޗީވާސް ސްކޮލަޝިޕް ލިބުނު ދަރިވަރުންނަށް ލިޔުން ހަވާލުކޮށްދެއްވީ އެކަމަށްޓަކައި ހުރަވީ ސްކޫލުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، އެއީ ދިވެހި ޒުވާނުންގެ އިލްމާއި ހުނަރުވެރިކަން ތަރައްގީކޮށް، ގައުމުގެ ކުރިމަގު ބިނާކުރާނެ ހުނަރުވެރި ޖީލެއް ބިނާކުރުމަށް ދޭ ސްކޮލާޝިޕްތަކެއް ކަމަށެވެ.
މިނިސްޓަރު ވަނީ ސްކޫލު މަރުުހަލާގައި ދަރިވަރުން ހޯދި ފަދަ ރަންވަނަތައް މަތީ ތައުލީމީ ހަޔާތުގައި ވެސް ހޯދައި، ގައުމަށް ހިދުމަތް ކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި ކިޔަވަން ލިބުނު ފުރުސަތުގެ ބޭނުން ރަނގަޅަށް ހިފުމަށް ވެސް ނަސޭހަތްތެރިވެވަޑައިގެންނެވި އެވެ.
ހައި އެޗީވާސް އެވޯޑު ދިނުމަށް ބެއްވި ރަސްމިއްޔާތުގައި ހަޔާ އެޑިޔުކޭޝަން މިނިސްޓަރު ޑރ. މަރްޔަމް މާރިޔާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ
"އަޅުގަނޑު ތިޔަ ކުދިންނަށް ދޭން ބޭނުންވާ އެއް މެސެޖަކީ، ބޭރު ގައުމެއްގައި އުޅޭއިރު ތިޔައިން ކޮންމެ ކުއްޖަކީ ވެސް މި ގައުމުގެ އެމްބަސެޑަރެއްކަން ދަނެގެން އުޅުން. ގައުމު ތަމްސީލު ކުރުމުގައި ރަނގަޅު ނަމޫނާއަކަށް ވުމަކީ ވަރަށް މުހިއްމު ކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.
"މާތްވެގެންވާ އިސްލާމްދީނުގެ ރިވެތި އަހުލާގުގެ މަތީގައި ދެމިތިބުމަކީ އަޅުގަނޑުމެންގެ އެންމެ އިސް ވާޖިބުކަމުގައި ހަދަން ވާނެ."
މަތީ ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދެއްވުމަށް ސަރުކާރުން ދޭ އަހައްމިއްޔަތުކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ދިވެހި ޒުވާނުން އިލްމީ ގާބިލު މީހުންނަށް ހެދުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކެނޑިނޭޅި ދެއްވާ ލަފާފުޅުތަކާ އެކު، ފަހިކޮށްދެއްވާ މަގުތައް ވެސް ގިނަ ކަމަށެވެ. އެ ކަންކަމުގެ ހެޔޮ ނަތީޖާ ކުރިމަގުގަިއ ފެންނާނެ ކަމަށް މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާބަ
19 July 2024
އަންނައަހަރުން ފެށިގެން ހައި އެޗީވާސް ސްކޮލަޝިޕް ދިނުން ހުއްޓާލަނީ ފައިސާ ނެތިގެން
އަބްޑޫޅް +
19 July 2024
އަހުރެންގެ ދަރިފުޅަށްވެސް ހައި އެޗީވާ އިޝްކޯލްސޮޕު ވަނީ ކުރިން ލިބިފަ. ކަލޭމެންނެއް ނޫން ދިނީ.