ޗައިނާގެ އެފްޓީއޭ ތަންފީޒުކުރުމުން ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ މާފު ވާނެ. އަދި ވެލިއު އެޑެޑް އެކި ބާވަތްތަކުގެ ތެރެއިން 7،897 ބާވަތަކުން ޑިއުޓީ މާފު ވާނެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގެ ރައީސް ޝީ ޖިން ޕިންއާ އެކު.-- ފޮޓޯ: ރައީސް އޮފީސް
27 ޖުލައި 2024 - 11:16
ޗައިނާގެ ސަރުކާރާއެކު ދިވެހި ސަރުކާރުން ސޮއިކޮށްފައިވާ މިނިވަން ވިޔަފާރިގެ އެއްބަސްވުން (އެފްޓީއޭ) އަންނަ ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒު ކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ 59 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވި ރަސްމީ ޖަލްސާގައި ރައީސް ވިދާޅުވީ މި ސަރުކާރުން އެކުވެރި ގައުމުތަކާ އެކު މިހާރު ކުރަމުން އަންނަ މަސައްކަތުން ރާއްޖޭގެ ވިޔަފާރިއަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ.
އޭގެ ތެރެއިން އެއް ކަމަކަށް ރައީސް ފާހަގަ ކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ޗައިނާއަށް ވަޑައިގެން އެ ގައުމާ އެކުގައި ހެދި ޕްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ) ނުވަތަ މިނިވަން ވިޔަފާރިގެ އެއްބަސްވުމެވެ.
"ޗައިނާގެ އެފްޓީއޭ އިރާދަކުރެއްވިއްޔާ އެފްޓީއޭ ތަންފީޒުކުރަން މިހާރު އެ ހިނގާ ގާނޫނީ މަރުހަލާ ނިމިގެން ގޮސް ސެޕްޓެމްބަރު މަސް ނިމުމުގެ ކުރިން ތަންފީޒު ކުރަން ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ 59ވަނަ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި އޭގެ ނަތީޖާއެއްގެ ގޮތުން މަސްވެރިކަމުގެ 298 ބާވަތަކުން ޑިއުޓީ މާފު ވާނެ އެވެ. އަދި ވެލިއު އެޑެޑް އެކި ބާތްތަކުގެ ތެރެއިން 7،897 ބާވަތަކުން ޑިއުޓީ މާފު ވާނެ އެވެ. އެއީ ވިޔަފާރިކުރާ އަމިއްލަ ކުންފުނިތަކަށާއި އާންމުންނަށް ވެސް ލިބޭނެ ވަރަށް ބޮޑު ލުޔެކެވެ.
ރައީސް ވިދާޅުވީ ތުރުކީ ސަރުކާރާ އެކުގައި މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ވެސް މިހާރު ނިމުމަކާ ގާތަށް ހިނގައްޖެ ކަމަށެވެ. އެ އެއްބަސްވުމުގެ ސަބަބުން 53 ބާވަތަކުން ޑިއުޓީ މާފު ނުވަތަ ލުއިވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އިނގިރޭސިވިލާތާ އެކުގައި ވެސް މިނިވަން ވިޔަފާރިގެ މަޝްވަރާތައް ކުރިއަށް ގެންދާ ކަމަށާއި އިންޑިއާއާ އެކުގައި ވެސް މިނިވަން ވިޔަފާރިގެ އެއްބަސްވުމަކަށް އާދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނުކުރާނެއޭ
27 July 2024
ޗައިނާ އާއި ރާއްޖެ އާއި ދެމެދު ފްރީ ޓްރޭޑް އެއްބަސްވުމެއް ގާއިމް ކުރާނަމަ ފުރަތަމަ ގާފަރު ފަޅު ޖެހޭނީ ކުރިއަށް އޮތް 100 އަހަރަށް ޗައިނާ އަށް ކުއްޔަށް ދޫކޮށްލަން މަހަކު 10 މިލިއަން ޑޮލަރުގެ ކުއްޔަކަށް ގާފަރު ފަޅު ކުއްޔަށް ދޭނީ އެތަނުގައި ލިޓިލް ޗައިނީސް އިންޑަސްޓްރިއަލް ޕާރކް ހަދަން އެއިރުން އެތަނާއި ޗައިނާ އާއި ދެމެދު ސީދާ ކަނޑު ދަތުރު ފަތުރާއި ވައިގެ ދަތުރު ފަތުރު ކުރެވޭނެއޭ އެއިރުން އެފްޓީއޭ ގެ ހަގީގީ ފައިދާ ކުރާނީ ދެގައުމަށް ވެސް އެނޫންނަމަ
އެމެރިކާ
27 July 2024
މަސްސަލަ އަކީ އިންޑީޔާ ބޭނުންނުވާނެ މިގޮތެއް. ޗައިނަަޔާ އެކީ މިނިވަން ވިޔަފާރި ކުރުމަކީ ދިވެހި ވިޔަފާރިތަކަ ލިބޭނެ ކުރިއެރުމެއް
މޫސާ ޖާވިދު
27 July 2024
ރައީސް މުއިއްޒުގެ ވިޔަފާރީގެ އެއްބަސްވުންތަކަކީ އިގްތިސާދީ ކުރިއެރުމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ހަބޭސް
ހަސަން އަލީ.
27 July 2024
ޑިއުޓީ މައާފުކުރުމުން ވިޔަފާރިތަކަށާއި ކަސްޓަމަރުންނަށް ވެސް އޭގެ ފައިދާ ކުރާނެ.
އައިޝަތު އީމާން
27 July 2024
އުފާވެރި ޚަބަރެއް! ރައީސް މުއިއްޒުގެ އެފްޓީއޭގެ ސަބަބުން އަޅުގަނޑުމެންގެ އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ.
ޢަލްޓޮކޯ
27 July 2024
ޜަގަނޅު ނިންމުމެއް.
ހީވަނީދޯ
27 July 2024
މިނިވަން ވިޔާފާރީގެ އެއްބަސްވުމުން އެންމެ ބޮޑު ފައިދާ އެއް ކުރާނީ ޗައިނާ އަދި ޖަޕާން އާއި އެކު އެކަން ކޮށްގެން އިންޑިއާ އިން މިހާރުވެސް ފްރީ ޓްރޭޑް އެއްބަސްވުމަކަށް ލަންކާ ވަނީ އައިސްފައި އެކަމަކު ތަކެތީގެ އަގު ހެވެއް ނުވޭ އިންޑިއާ ފްރީ ޓްރޭޑް އެއްބަސްވުން އެއީ ނަމަކަށް ކުރާ ކަމެކޭ އިނގިރޭސި ވިލާތަކީ އެއީ މިހާރު އިންޑަސްޓްރިއަލައިޒްޑް ގައުމެއް ނޫނޭ އެގައުމު ވަނީ ފައިނޭންޝަލް އަދި އިންޝުއަރެންސް ހަބްއަކަށް ބަދަލުވެފައޭ ވޭތުވެދިޔަ 50 އަހަރު