ތިނަދޫ އުތުރު ދާއިރާގެ މެންބަރު ސައުދުﷲ ހިލްމީ--ފޮޓޯ: މަޖިލިސް
29 ޖުލައި 2024 - 11:19
ބިދޭސީ މަސައްކަތްތެރިންނަށް އިހުމާލުވާ ކުންފުނިތައް 50،000ރ. އިން ޖޫރިމަނާ ކުރުމާ ތިނަދޫ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު ސައުދުﷲ ހިލްމީ ދެކޮޅު ހައްދަވައިފި އެވެ.
ބިދޭސީ މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ފަހު، ކޯޓާ ފީ އާއި ވޯކް ޕާމިޓް ފީ ނުދައްކައިގެން ލައްކަކަށް ވުރެ ގިނަ ރުފިޔާ އަރާފައިވާ ކުންފުނިތަކުގެ ލިސްޓެއް ސަރުކާރުން ފުރަތަމަ ފަހަރަށް ހާމަކުރި އިރު، ސައުދުﷲގެ ކުންފުނިން ވެސް 1.1 މިލިއަން ރުފިޔާ ނުދައްކާ އޮތް ކަން އެ ލިސްޓުން އެނގެ އެވެ.
ރާއްޖޭގެ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ސުވިފްޓް އިންޖީނިއަރިން ކުންފުނީގެ ވެރިޔާ ސައުދުﷲ މިހެން ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގިން އިސްލާހުތަކާއެކު، ވަޒީފާއާ ބެހޭ ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ ބިލަށް ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.
އޭނާ ވިދާޅުވި ގޮތުގައި ބިދޭސީ މަސައްކަތްތެރިން ގެންނަ މީހުން އިހުމާލުވާ ނަމަ ކޮންމެ މީހަކު 50،000ރ. ގެ މަގުން ޖޫރިމަނާ ކުރާ ގޮތަށް އެ ބިލްގައި ހިމަނާފައިވާ މާއްދާއާ މެދު ކޮމިޓީ މަރުހަލާގައި އަލުން ވިސްނާލަން ޖެހެ އެވެ.
"ފަންސާސް ހާސް ރުފިޔާ އަކީ ކުޑަ އަދަދެއް ނޫން، ފަސް މީހުން ވެއްޖިއްޔާ އެއީ 250،000 ރުފިޔާ ދައްކަން ޖެހުން ފަދަ ކަމެއް،" ސައުދުﷲ ވިދާޅުވި އެވެ.
ސައުދުﷲ ވިދާޅުވީ ދައުލަތުންނާއި އަމިއްލަ ފަރާތްތަކަށް މަޝްރޫއުތައް ހިންގައި ދިނުމުން އޭގެ ބަދަލުގައި ދޭން ޖެހޭ ފައިސާ ކުންފުންޏަށް ނުލިބޭ ނަމަ މަސައްކަތް ކުރާ ފަރާތްތަކަށް މުސާރަތައް ދިނުމަށް ބޮޑެތި ދަތިތަކާ ކުރިމަތިވާ ކަމަށެވެ.
ބައެއް ކުންފުނިތަކުގައި އެގޮތަށް 5-4 މަސް ވަންދެން މުސާރަ ނުދީ ބިދޭސީ މަސައްކަތްތެރިން އެބަތިބި ކަމަށާއި އެ މައްސަލަ ހައްލު ކުރެވޭނީ ކުންފުނިތަކަށް ވެސް ލިބެން ޖެހޭ ފައިސާ ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެފަދަ ކަންކަން ކޮމިޓީ މަރުހަލާގައި ވިސްނާލާފައި ބަދަލު ކުރަން ޖެހޭ،" ސައުދުﷲ ވިދާޅުވި އެވެ.
ފަންސާސް ހާސް ރުފިޔާ އަކީ ކުޑަ އަދަދެއް ނޫން، ފަސް މީހުން ވެއްޖިއްޔާ އެއީ 250،000 ރުފިޔާ ދައްކަން ޖެހުން ފަދަ ކަމެއް،" --- ސައުދުﷲ
ގަވާއިދާ ހިލާފަށް ފިލައިގެން އުޅޭ ބިދޭސީން ޑީޕޯޓު ކުރުމާ ވެސް ސައުދުﷲ ދެކޮޅެވެ. އޭނާ ވިދާޅުވީ، އެއީ އަދަބެއް ކަމަށް ގަބޫލު ނުކުރަްވާ ކަމަށާއި އޭގެ ސަބަބުން މަސައްކަތްތެރިން ފިލައިގެން ދާން އިތުރު ބާރެއް ލިބޭނެ ކަމަށެވެ.
ކޮންސްޓްރަކްޝަން ދާއިރާގައި މަސައްކަތް ކޮށްގެން 350 ޑޮލަރު ލިބޭ ބިދޭސީން ފިލައިގެން މަހަށް ދިޔުމުން 2،000 ޑޮލަރު ލިބޭ ކަމަށާއި އެގޮތަށް ބޭނުން މުއްދަތަކަށް އުޅުމަށް ފަހު، ފުރަން ދިޔުމުން ޑީޕޯޓު ކޮށްލުމުގެ ސަބަބުން ދައުލަތާއި ކުންފުނިތަކަށް ވެސް ފައިދާ އަށް ވުރެ ލިބޭ ގެއްލުން ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.
"ޑިޕޯޓު ކޮށްލީމާ އަނެއް ދުވަހު ދުބާއީ ގަތަރު ނޫނީ ސައުދީ އަށް ދިޔައީމާ ގެއްލުމެއް ނޫން ލިބެނީ،" އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި ގާތްގަނޑަކަށް 50،000 އެއްހާ ބިދޭސީން ފިލައިގެން އުޅޭ ކަމަށް ބެލެވޭ ކަމަށާއި އެ މީހުން ޑީޕޯޓު ކުރުމުގެ ބަދަލުގައި އިތުރު އަދަބުތަކެއް ހިމަނަން ޖެހޭ ކަމަށް ސައުދުﷲ ވިދާޅުވި އެވެ. އޭގެ ސަބަބުން ދައުލަތަށް ލިބެން ޖެހޭ ފީތަކާއި އެހެނިހެން އާމްދަނީތައް ހޯދަން ފަސޭހަވާނެ ކަމަށް ވިދާޅުވި އެވެ.
ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންނާއި ގަވާއިދާ ހިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމުގެ މަސައްކަތް މި ސަރުކާރުން ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފަ އެވެ. ހާއްސަކޮށް ރެއިޑް އޮޕަރޭޝަންތައް ހިންގައި ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް ދަނީ ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސް ޑީޕޯޓްކުރާ މީހުންގެ ލިސްޓުގައި ހިމަނަމުންނެވެ.
މި ސަރުކާރުން މިދިޔަ 8 މަސް ތެރޭގައި 2،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓް ކޮށްލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލަދުހަޔާތް ކުޑޭ
30 July 2024
މަޖިލިހަށް ވިޔަފާރިވެރިން އެންޑޯޒް ކުރެެއްވުނު މޮޔަ މިހާރު ރައީސް ޑރ މުއިއްޒު ހިތަށް އަރައިވަޑައިގަންނަވާނެ.
ބޮލު
29 July 2024
ރޮދި
މުރާސިލް
29 July 2024
ކޮން ކަންބޮޑުވުމެއްތާ. ޓިޔަ އަދަދު ދޭންނުޖެހޭނެ މުސާރަ މުއްދަތިގައި މުސާރަ ދިނީމަކާ. އެއް ގޮތަކަށްވެސް ގޯހެއްނޫން
ރޯދަ
29 July 2024
އެއްކަލަ ރޯދަ އިނާޔަތް ނުދޭ މީހާ ދޯ މިއީ
1.1 މިލިއަން
29 July 2024
ރައްޔިތުންގެ މަޖިލީހަކަށް ޝަރުތު ހަމަނުވާނެ ރައްޔިތުންނަށް ދައްކަންޖެހޭ 1.1 މިލިއަން ނުދައްކާހުރެ. އަހަރެމެންގެ ފައިސާއިސް މުސާރަޔާ އިނާޔަތް ލިބިގެންނުވާނެ.
ޟމމމ
29 July 2024
ތިމާގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގައި އެންމެ ރަނގަޅީ ހަނުހުރުން.!
މަޖާ
29 July 2024
މީނަގެ މުސާރައިން ކަޑަންވީ 1.1 ހަމަވަންދެން.މީ އަސްލު ދައުލަތައް ދަޢްކަންޖެހޭ ސާބިތު ދަރަންޏެއް ވީމަ މީނަގެ ގޮޑި އަސްލު ގެލޭނެ.
ލަދުކޮބާ!
29 July 2024
ސައުދުﷲ ހިލްމީއަށް ވެދުން ސަލަަމަށްފަހު ދަންނަވަމެވެ. ތިޔަބޭފުޅާ ރައްޔިތުން މަޖިލިހުގެ ގޮނޑީގައި އިންނަވަނީ އަމިއްލަ ވިޔާފާރި ދިފާއުކުރަންކަން މިއަދު ހާމަވެއްޖެއެވެ. ރައްޔިތުންނަށް އިހުލާސްތެރިކަމާއިއެކު މަސައްކަތްކުރާ ވެރިޔަކު ލަދުގަންނަޖެހޭ ވާހަކަތަކެއް މި އިވުނީ. ދައުލަތަށްވެސް ލިބެންޖެހޭ 15 ބިލިއަން ރ ލިބެންދެން ސައުދުﷲގެ މުސާރަ ހިފަހައްޓާލަން ރައީސް މުއިއްޒުއަށް ދަންނަވަން. ތިމާއާއި ޖެހުނީމަ އިސާހިތަކު ރާގު ބަދަލުވެދާނެއެވެ.
ހިތަދޫ ހުސެން
29 July 2024
ސައުދު ދެއްކި ވާހަކައިގަވެސް އެބަހުރި ވިސްނާލަން ޖެހޭ ކަންކަން. މުސާރަ ނުދީ 4-5 މަސް ވީމަ ވަރަށް ބޮޑުވަރު އެއީ. އެވަރުވީމަ ރަނގަޅު ފިޔަވަޅު އަޅަން. ދިވެހިންނަށް މުސާރަ ނުދިނީމަ ޖުރިމަނާ ކިހާވަރެއް ދައްކަން ޖެހޭ؟
އަބްޑޫޅް +
29 July 2024
މި ބޭ ވެސް މުސާރަ ނުދީ ބަންގާޅު ކުދިން ގެންގުޅެނީ ދޯ؟