01 އޯގަސްޓް 2024 - 19:44
ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރަހައްދުގައި ޕާކްކުރުން މަނާކޮށްފައިވާ ބައިގައި ޕާކްކޮށްފައި ހުރި 10 ރޭސިން ކާރެއް ފުލުހުން މިއަދު ޓޯކޮށްފި އެވެ.
ހުޅުމާލޭގައި ދުއްވާ ގިނަ ރޭސިން ކާރުތައް ޕާކް ކޮށްފައި ވަނީ ސެންޓްރަލް ޕާކް ސަރަހައްދުގަ އެވެ. އެ ސަރަހައްދުގެ ބޮޑު ބައެއް ނަގައިގެން މުޅިން ކަހަލަ ގޮތަކަށް ޕާކް ކޮށްފައި ހުންނަނީ ސްޕޯޓްސް ކާރުތަކެވެ.
ނަމަވެސް ފުލުހުން ބުނީ، މިއަދު ހަވީރު އެ ސަރަހައްދުން 10 ކާރު ޓޯކޮށްފައިވާ ކަމަށެވެ. އެއީ މާލެ ފިޔަވައި އެހެން ޒޯންތަކުގައި ދުއްވަން ރަޖިސްޓަރީ ކޮށްފައިވާ ކާރުތަކަކަށް ވާތީ ކަމަށް ފުލުހުންގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެ ވެހިކަލްތައް ޕާކްކޮށްފައި ހުރީ ވެސް ޕާކްކުރުން މަނާ ސަރަހައްދެއްގަ އެވެ.
ފުލުހުން ބުނީ، ސެންޓްރަކް ޕާކް ސަރަހައްދުން 10 ކާރު ޓޯކުރީ ހާއްސަ ކަމަކާ ގުޅިގެން ނޫން ކަމަށެވެ. ނަމަވެސް، އިއްޔެ މެންދުރު ހުޅުމާލެ 2 ގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ރޭސިން ކާރަކުން މީހެއްގެ ގައިގައި ޖެހުނު މައްސަލަ ވަނީ ވަރަށް ބޮޑަށް ހޫނުވެފަ އެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓަރީ ކޮށްފައިވާ އުޅަނދެއް ވެސް ނޫނެވެ. ކާރުގެ ނަންބަރު ޕްލޭޓްގައި އިނީ ބީ ޒޯން [ނުވަތަ ރާއްޖޭގެ އުތުރާއި ދެކުނުގެ އަތޮޅުތަކުގައި] ދުއްވަން ރަޖިސްޓަރީ ކޮށްފަ އެވެ.
އެ އެކްސިޑެންޓް ހިނގީ ވިނަރެސް ފްލެޓު ކައިރިން ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ސްޕޯޓްސް ކާރު ކޮންޓްރޯލުން ނެއްޓި، އެ މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން އިން މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެ އެކްސިޑެންޓުގައި އަނިޔާވި މީހާގެ ހާލު ސީރިއަސް ކަމަށް ފުލުހުން ވަނީ މިއަދު ބުނެފަ އެވެ.
އިއްޔެ ހުޅުމާލެ 2 ގައި ހިނގި އެކްސިޑެންޓާ ގުޅިގެން ހައްޔަރުކޮށް، ބަންދުކުރި ތިން މީހުން.--
ރޭސިން ކާރުން ޖެހި ހިނގި އެކްސިޑެންޓާ ގުޅިގެން ރޭ ތިން މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އަދި އެ މީހުން ތަހުގީގުގެ ބޭނުމަށް ބަންދުކުރަން ކޯޓުން މިއަދު ވަނީ ހުއްދަ ދީފަ އެވެ.
އެ މައްސަލާގައި ހައްޔަރުކުރީ ހ. ނޫރަންމާގެއާގޭ އިކްރާމުއްރަހުމާނާއި މ. ލޭންޑްއޮފްގާޑަން އިބްރާހިމް އިކްރާމް އަދި ގއ. ކަނޑުހުޅުދޫ އާޒާދުގޭ ޖިނާހް އިސްމާއިލެވެ. އެކްސިޑެންޓުވިއިރު ކާރުގައި ތިބީ އިކްރާމުއްރަހުމާނާއި އިބްރާހިމް އިކްރާމެވެ. ޖިނާހްއަކީ އެ ވަގުތު ސީންގައި އުޅުނު މީހެކެވެ.
އޭގެ ތެރެއިން އިކްރާމުއްރަހްމާނާއި އިބްރާހިމް އިކްރާމްގެ ބަންދާ މެދު ގޮތެއް ނިންމަން ގެންދިޔައީ ކްރިމިނަލް ކޯޓަށެވެ. ކޯޓުން ވަނީ އެ ދެ މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން އަމުރުކޮށްފަ އެވެ. ޖިނާހް ގެންދިޔައީ ހުޅުމާލެ ކޯޓަށެވެ. އެ ކޯޓުން ނިންމީ އޭނާ 15 ދުވަހަށް ބަންދު ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހޫމް
03 August 2024
ވ. ބަރާބަރު
މަގުތަޅާ
02 August 2024
ތިކާރުތައް ރަޖިސްޓްރީވެފަހުރީ ކޮންކޮންފަރާތެއްގެ ނަމުގަތޯ ބަލާފަ ހާމަކޮށްދެވިދާނެބާ؟
ހަމިންބެ
02 August 2024
ތިކާރުތަށް ޓޯކުރީ ކުރީ ސަރުކާރުން
ޔެކައުންޓަބިލިޓީ
02 August 2024
މި ސިޔާސީ މީހުންނަށް ހީވަނީތަ ހަމަ އާންމުން އެހާ ގަމާރޭ؟ ޕޮލިސީ ތަކުން މިފަދަ ކަންތައްތައް ހައްލު ކޮށްބަލަ!
22222
02 August 2024
މީގެ ދުވަސްކޮޅެއް ކުރިން ސީޕީ ބުނި ފުލުހުން މަސައްކަތް ރަނގަޅު ނުކުރެވެނީ ނިޒާމްގެ ސަބަބުން ކަމަށް. އަދިވެސް އޮތީ ހަމަ އެނިޒާމް.
ބާބް
02 August 2024
ފުލުހުންގެ މަސައްކަތް އެބަ ރަނގަޅުކުރޭ މިހާރު. ޝަރުއީ ދާއިރާ ހަމަޔަށް އެޅެނިކޮށް ރާއްޖެ ހިގައިގަންނާނެ. އެކަންކުރެވޭނީ ސިސްޓަމްގައި މޫލާފައި ހުރި ކޮރޮޕްޝަންތައް ފިލުވައިގެން.
އަލިހާޖީ
02 August 2024
މި ކަމާ ދޯ ރޭގަ ޒުވާނުންނޭ ކިޔާ ބަޔަކު ނިކުމެ ހަޅޭއްފަޅެއް ޖެހީ؟ ގާނޫނާ ގަވައިދަށް އުޅުމަށް ވުރެ ހަޅޭއް ފަޅެއް ޖަހާ ހިތުހުރި ގޮތަކަށް އުޅެން ދޯ މި ދިވެހިން ބޭނުންވަނީ؟
ކަންކަށި
02 August 2024
ޖަމަލުޖަހާ ފޮޑިއަށް ވާހެން ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅު
ހުސެންބެއްޔާ
02 August 2024
ގަދަ ފުލުހުން. ހުއްޓުމެއް ނެތި ޓޯކުރަންވީ ހަމަ. މިއޮއް ކުޑަ މާލޭގައި ކޮން ރޭސިންގ އެއްތަ
ލައިޓް
02 August 2024
މިހާރު އިހުސާސް އެބަވޭ މި ރާއްޖޭގައި ވަލިއްޔުލް އަމުރެއް ހުންނަކަން! ރައްޔިތުމީހާ ސަލާމަތްކުރަން ބަޔަކު އެބަތިބިކަން! ދިވެހި ދިދަ ވިހުރެވޭކަން!