ބޮލީވުޑްގެ އެކްޓަރު އަރްޖުން ކަޕޫރް އޭނާގެ ކޮއްކޮ އަދި އެކްޓްރެސް ހުޝީ ކަޕޫރް.
04 އޯގަސްޓް 2024 - 11:06
ބޮލީވުޑްގެ އެކްޓަރު އަރްޖުން ކަޕޫރް އޭނާގެ ކޮއްކޮ އަދި އެކްޓްރެސް ހުޝީ ކަޕޫރްއާ އެކު ފިލްމެއް ކުޅެން ނިންމައިފި އެވެ.
ރިޕޯޓްތައް ބުނި ގޮތުގައި، އަރްޖުން އާއި ހުޝީ މިފަހުން އިންސްޓްގްރާމް ސްޓޯރީގައި ހިއްސާކުރި ވީޑިއޯއަކީ އެ ދެމީހުން އެކުގައި ފިލްމެއް ކުޅެން ނިންމާފައިވާ ކަމުގެ އިޝާރާތެކެވެ. އެ ސިނެމަޓިކް ސައިން ވީޑިއޯގައި ދައްކަނީ "މެރޭ ހުޝީ އަރްޖުން އާއޭނގާ" ލިޔެފައިވާ ތަނެވެ. އަދި "ފޯ ދަ ފަސްޓް ޓައިމް އެވާ" އާއި "ހުޝީ އެންޑް އަރްޖުން" ލިޔެފައިވެ އެވެ.
ހުޝީ އާއި އަރްޖުން އަކީ އެއްބަފާ ދެބެއިންނެވެ. ނަމަވެސް، އެ މީހުންގެ ގުޅުން ވަރަށް ރަނގަޅެވެ.
މި ފިލްމާ ގުޅޭ މާ ގިނަ މައުލޫމާތެއް އަދި ނޭނގެ އެވެ.
އަރްޖުން ދެން އެންމެ އަވަހަށް ފެންނާނީ ކުރީގެ ހިންދީ ފިލްމު "މޭރީ ޕަތުނީ ކާ"ގެ ރީމޭކް އިންނެވެ. އޭނާ އަންނަނީ ރޯހިތު ޝެޓީގެ ކޮޕް ޔުނިވާސްގެ ފިލްމު "ސިންގަމް އެގެއިން"ގައި ވެސް މަސައްކަތް ކުރަމުންނެވެ. އެ ފިލްމުގައި އޭނާ ކުޅެނީ ވަރުގަދަ ވިލަންއެއްގެ ރޯލެވެ.
ހުޝީ ބޮލީވުޑަށް ތައާރަފުވީ މިދިޔަ އަހަރު ނުކުތް ނެޓްފްލިކްސްގެ ފިލްމު "ދި އާޗީސް" އިންނެވެ. އަރްޖުންއާ އެކު ކުޅޭ ފިލްމު ވާނީ އޭނާގެ ދެވަނަ ފިލްމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy