އެމަޖެންސީގައި ހިދުމަތް ދިނުމުގެ އިތުރުން ވިޔަފާރިގެ އުސޫލުން ފަސިންޖަރުން އުފުލުމަށްޓަކައި ޓޫރިޒަމްގެ ދާއިރާގައި ވެސް ހެލިކޮޕްޓަރު ބޭނުންކުރަން ޖެހޭނެ.
އެމްއެންޑީއެފްގެ ކުރަނގި ހެލިކޮޕްޓަރުގައި ދ. ބަނޑިދޫގައި އޮތް ހާލު ދެރަ ބަލިމީހަކު ވައިގެ މަގުން މާލެ ގެނައި ވަގުތު އެސަރަހައްދުގައި ސިފައިން ހަރަކާތްތެރިވަނީ.-- ފޮޓޯ: މިހާރު
06 އޯގަސްޓް 2024 - 11:18
ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ބަޔަކު ހޯދަން ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ އިއުލާންކޮށްފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ ރާއްޖޭގެ ނޭޝަނަލް އިމަޖެންސީ ސާވިސްގެ ހިދުމަތް ފުޅާކުރުމަށްޓަކާ އަދި ޓޫރިޒަމްގެ ދާއިރާގެ ބޭނުމަށްޓަކައި، ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކްސްޕްރެޝަންސް އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅަން މިހާރު ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
ހެލިކޮޕްޓަރުގެ ހިދުމަތުގެ ދަށުން ކުރަން ޖެހޭނެ ކަންކަން ވެސް އެ އިއުލާނުގައި ވަނީ ބަޔާންކޮށްފައިވެ އެވެ. އެއީ؛
• ހެލިކޮޕްޓަރުގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ދިނުން.
• ރާއްޖޭގެ ހުރިހާ ސަރަހައްދެއްގައި ސާޗު އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި އެހީވުން.
• ވިޔަފާރިގެ އުސޫލުން ފަސިންޖަރުން އުފުލުމަށްޓަކައި ޓޫރިޒަމްގެ ދާއިރާގައި ހެލިކޮޕްޓަރު ބޭނުންކުރުން.
ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ މި ހިދުމަތް ދިނުމަށް ހޮވޭ ފަރާތަކަށް ޓޫރިޒަމްގެ ބޭނުމަށް ފަސިންޖަރުން އުފުލުމަށްޓަކައި 10 އަހަރުގެ މުއްދަތެއް ދޭނެ ކަމަށެވެ. އަދި އެ މުއްދަތުގައި އެހެން އެއްވެސް ބަޔަކަށް އެ ހިދުމަތް ދިނުމުގެ ހުއްދަ ނުދޭނެ ކަމަށް އެ އިއުލާނުގައި ބުންޏެވެ.
ހެލިކޮޕްޓަރުގެ ހިދުމަތް ދިނުމަށް ބޭނުންވަނީ ރާއްޖޭގެ ރަށްރަށުގެ ނާޒުކުރު ވެށި ރަނގަޅަށް ދަންނަ، މި ހިދުމަތް ދިނުމުގައި ތަޖުރިބާކާރު ބައެއް ކަމަށް ވެސް އެ އިއުލާނުގައިވެ އެވެ.
އެ އިއުލާނުގައި ބުނެފައި ވަނީ އީއޯއައި މަރުހަލާއަށް ފަހު، ޕްރޮޕޯސަލް ހުށަހެޅުމުގެ މަރުހަލާ ފަށާނެ ކަމަށެވެ. އަދި އެ ޕްރޮޕޯސަލް ހަދަން ޖެހޭނީ މިނިސްޓްރީން ކަނޑައަޅާފައިވާ އިސްތިރާޖީ އަމާޒުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ވެސް އެ އިއުލާނުގައި ބުންޏެވެ.
އީއޯއައި ހުށަހެޅުމަށް ދީފައިވާ އެންމެ ފަހު ތާރީހަކީ މި މަހުގެ 19 ވަނަ ދުވަހެވެ.
މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގައި ހެލިކޮޕްޓަރުގެ ހިދުމަތް ފަށާނެ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރެއްވީ ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމަށްޓަކައި ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން ބޭނުންކުރަން ފެށުމަށްޓަކައި ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިދިޔަ މާޗު މަހު ބޭއްވި ރަސްމިއްޔާތުގަ އެވެ.
ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށްޓަކައި ޑޭޝް 8 ގެ މަތިންދާބޯޓަކާއި ސީޕްލޭނެއް ވެސް އެއާ އެމްބިއުލާންސެއްގެ ގޮތުގައި ބޭނުންކުރަން މި އަހަރު ވަނީ ފަށައިފަ އެވެ.
އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޑޯނިއާ މަތިންދާބޯޓާއި ދެ ހެލިކޮޕްޓަރު އޮޕަރޭޓްކުރަން ތިބި އިންޑިއާގެ ސިފައިން އަނބުރާ ފޮނުވާލުމަށް ފަހު، އެ ގައުމުގެ މަދަނީ މީހުންނާ އެކު އެ ބޯޓުތަކުގެ ދަތުރުތައް ވެސް ކުރިއެކޭ އެއްގޮތަށް މިދިޔަ މަހު ވަނީ ފަށައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިނާން މުހައްމަދު
06 August 2024
މަގޭ ކައިރީ ތަންކޮޅެއް ކުރިން ޓޫރިސްޓަކު އެހި ކީއްވެހޭ ހެލިކޮޕްޓަރުން ތިމަންނަމެން ނުއުފުލަނީ. އެންމެ ފަހުން މިކަންވެސް ވެގެން މިދަނީ. ހެޔޮ ބަދަލެއް
ތިއްޔިބު
06 August 2024
މިއީ ޓޫރިޒަމް އިތުރަށް ފުޅާކުރަން އެޅޭނެ ވަރުގަދަ ފިޔަވަޅަކަށް ވާނެ.
އާސިމް އަހުމަދު
06 August 2024
ދިވެހިންގެ ރާއްޖޭ ދިވެހިންނަ. ބޭރު ބަޔަކަށް ނުދީ ދިވެހިން ލައްވާ. ރައީސް މުއިއްްޒް ތަފާތު
ހުސެން ޔަޒީދު
06 August 2024
ބަޔަކު މީހުން މި ކަމަކީ ދިވެހިންނަށް ނުވާނެ ކަމެއް ކަމަށް ދައްކަން އުޅުނަސް ދިވެހިންނަށްވެސް މިކަން ވާނެ
ލަޔާނު
06 August 2024
ހެލިކޮޕްޓަރު ދުއްވަން ހުއްދަ ދިނނުމަކީ ވަރަށް ރަނގަޅު ކަމެއް. ދިވެހިންނަށް އެތަށް ގޮތަކުން މިކަމުން ފައިދާ ވާނެ
ޖަމީލު
06 August 2024
ރައްޖޭގެ ޓޫރިޒަމަށް މި ކަމުން ވަރަށް ފައިދާ ކުރާނެ
އަސީލު
06 August 2024
ކޮންމެހެން ހެލިކޮށްޓަރު ދުއްވާކަށް އެހެން ގައުމަކަށް ބަރޯސާވާކަށް ނުޖެހޭ
ކަލާމު
06 August 2024
ހެލި ކޮޕްޓާރަކީ ދިވެހިންނަށް ދުއްވަންނޭންނގޭނެ އެއްޗަކަމަށް ކުރީ ސަރުކާރުން ބުނި. އެކަމު މިހާރު އިނގޭ ދިވެެހިންނަށްވެސް ވާނެކަން
ރަފިއްޔާ
06 August 2024
އެހެން ގައުމުތަކަށް މިފަދަ ކަންކަމަށް ބަރޯސާވެފަ އޮތް އޮތުން ނިމުމަކަށް ގެނެސްދެއްވާނެ މި ސަރުކާރުން
ޒުލްފާ.
06 August 2024
މިއީ ހަގީގީ މާނާގަ ދިވެހިންނަށް ތަރައްގީ ގެނެސްދޭނެ ވެރިކަމެއް.