ވެއްޓުނު ދަގަނޑު ފެންސު ކައިރީ މީހަކު ހުއްޓިލައިގެން: އެ ފެންސު ދަށުގައި ގިނަ އަދަދެއްގެ ވެހިކަތައް ވެއްޓި ވަނީ ހަލާކުވެފައި. --- ފޮޓޯ: ނިޝާން އަލީ / މިހާރު
15 އޯގަސްޓް 2024 - 21:40
ސަރުކާރުގެ މައި ހޮސްޕިޓަލް އައިޖީއެމްއެޗު ކައިރި ޖަހާފައި ހުރި ދަގަނޑު ފެންސެއް މާލެ އަށް މިރޭ ޖެހުނު ގަދަ ވައިގައި ވެއްޓި ސައިކަލްތަކަކަށް ބޮޑެތި ގެއްލުންތަކެއް ވެއްޖެ އެވެ.
އެއީ ހޮސްޕިޓަލުގެ އިމަޖެންސީ ބަޔަށް ވަންނަން އޮންނަ މަގާ ދިމާލުން ޕާކިން ޒޯން ކައިރީ ޖަހާފައި ހުރި ފެންސެކެވެ.
އައިޖީއެމްއެޗުން ހިދުމަތް ހޯދާ މީހުންނާއި ވިލިމާލޭގައި ދިރިއުޅޭ މީހުން ވެސް ބޭނުންކުރާ ޕާކިން ޒޯންގައި ޕާކު ކޮށްފައި ހުރި ގިނަ އަދަދެއްގެ ވެހިކަލްތައް އެ ފެންސުގެ ދަށުވެ ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ވެއްޓުނު ދަގަނޑު ފެންސު ދަށުގައި ގިނަ އަދަދެއްގެ ވެހިކަތައް ވެއްޓި ހަލާކުވެފައިވާ ސަރަހައްދުން ބަޔަކު ހިނގާފައި ދަނީ --- ފޮޓޯ: ނިޝާން އަލީ / މިހާރު
ބައެއް ސައިކަލުތަކުގެ މުއްގަނޑު އެއްކޮށް ހަލާުވެފައި ވާއިރު އަނެއްބައި ސައިކަލުތައް ބޮޑު މަރާމާތެއް ކޮށްގެން ނޫނީ ބޭނުން ނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ.
އެ ސަރަހައްދުގައު ހުރި ބޮޑު ގަހެއް ވެސް ވަނީ ވެއްޓިފަ އެވެ. ނަމަވެސް ގެއްލުން ލިބުނީ ކިތައް ސައިކަލަށް ކަމެއް އަދި އެ ހާދިސާގައި މީހަކަށް އަނިޔާވި ކަމުގެ މައުލޫމާތެއް އަދި ނުލިބެ އެވެ.
ވެއްޓުނު ދަގަނޑު ފެންސު ދަށުގައި ގިނަ އަދަދެއްގެ ވެހިކަތައް ވެއްޓި ހަލާކުވެފައި. --- ފޮޓޯ: ނިޝާން އަލީ / މިހާރު
މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މެޓް އޮފީހުން ބުނެފައި ވަނީ މާދަމާ އަދި ހޮނިހިރު ދުވަހު ވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވަރަށް ވައިގަދަވެ، ކަނޑުތައް ވެސް ވަރަށް ގަދަވާނެ ކަމަށެވެ.
ވެއްޓުނު ދަގަނޑު ފެންސު ދަށުގައި ގިނަ އަދަދެއްގެ ވެހިކަތައް ވެއްޓި ހަލާކުވެފައި.--- ފޮޓޯ: ނިޝާން އަލީ / މިހާރު
މާލެއަށް އެންމެ ބޯކޮށް ވާރޭވެހޭނެ ކަމަށް ބެލެވެނީ މާދަމާ އެވެ.
އާންމުކޮށް ވައިޖެހެނީ 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އަދި ވިލާގަނޑުގައި 50 މޭލަށް ވުރެ ވައިގަދަވުން އެކަށީގެންވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒިންމާ
16 August 2024
ޒިންމާ ނަގަން ޖެހޭނީ ސައިކަލުގެ ވެރިން. ކީއްވެ އެތާ ފެނެއް ހުއްޓާ ޕާކު ކުރީ؟
އެމްސް
15 August 2024
ވައިޖެހިގެން ފެންސެއް ވެއްްޓުނީމަ ގޯހީ ފެންސު ޖެހި މީހުންނެވެ! އެއީ ބޮންދުން ވިއްޔާ ބޮންދުން ރާއްޖެ އެތެރެކުރި ކުންފުންޏެވެ! އެމަސައްކަތް ކުރުވި ކުންފުނިން އެއްވެސް ޒިއްމާއެއް ނަގާކަށް ނުޖެހޭނެއެވެ! ފޯނު/ކަރަންޓު ކެނޑުނީ ބިމުއަޑީގަ އޮތް ކޭބަލްއަކަށް ފެން އެޅިގެންނޭ ބުނެވޭއިރު ބިމުގަ ފެން ހުންނާނެކަމެއް އެކޭބަލް ވަޅުލިބަޔަކަށް ނޭނގެނީބާއެވެ؟