ހުޅުމާލެ 2ގައި ހުންނަ އެމްޕީއެލްގެ ފްލެޓްތައް.-- ފޮޓޯ: މިހާރު
25 އޯގަސްޓް 2024 - 14:49
ހުޅުމާލެ 2 ގައި ހުންނަ އެމްޕީއެލް ހިޔާ ފްލެޓްގެ ޕްރޮޖެކްޓް ހިންގާފައި ވަނީ ކުންފުންޏަށް ގެއްލުންވާ ގޮތަށް ކަމަށް އޮޑިޓް ރިޕޯޓަކުން ހާމަވެއްޖެ އެވެ.
އޮޑިޓް އޮފީހުން މި މަހު 13 ގައި އާންމުކުރި އޮޑިޓް ރިޕޯޓުގައި ބުނީ 2018 ގައި "އެމްޕީއެލް ހިޔާ" ޕްރޮޖެކްޓް ކޮންޓްރެކްޓަރާ ހަވާލުކުރުމުގެ ކުރިން މަޝްރޫއަށް ހިނގާނެ ހަރަދާއި އިންވެސްޓްމަންޓް ރިކަވާކުރެވޭނެ މުއްދަތު ބެލުމަށް ފައިނޭންޝިއަލް ފީސިބިލިޓީ ސްޓަޑީއެއް ހަދާފައި ނުވާ ކަމަށެވެ. އަދި މަޝްރޫއު ފެށުމުގެ ކުރިން އެކަމަށް ބޭނުންވާ ފައިސާ ހަމަޖައްސާފައި ނުވާ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި ބުނީ ކުންފުނީގެ އާންމު އުސޫލުތަކާއި ދައުލަތުގެ ކުންފުނިތަކުން އަމަލުކުރަން ޖެހޭ ގަވާއިދާ އެއްގޮތަށް މަޝްރޫއުގެ ބިޑިން މަރުހަލާގެ ތެރެއިން ބިޑް ސެކިއުރިޓީ ނަގާފައި ނުވާ ކަމަށެވެ. ޕާފޯމަންސް ސެކިއުރިޓީގެ ގޮތުގައި ބަހައްޓަން ޖެހޭ މަޝްރޫއުގެ ޖުމްލަ އަގުގެ 10 ޕަސެންޓުގެ ބަދަލުގައި ހޯދާފައި ވަނީ އެންމެ 2.2 ޕަސެންޓް ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ.
ސަރުކާރު ކުންފުންޏަކުން އެންމެ ފުރަތަމަ ހަދަން ފެށި ފްލެޓްތައް ކަމަށްވާ "އެމްޕީއެލް ހިޔާ"ގެ މަސައްކަތް ހަވާލުކުރީ ސިންގަޕޫރުގެ ޑަބްލިއު އެންޑް އޭ އޯވަސީސް ޕްރައިވެޓް ލިމިޑެޓާ އެވެ.
• ޓަވަރުތަކުގެ ބައެއް ފުލޯތަކުގައި ކުލަލުމުގެ އަގު ބީއޯކިއުގައި ހިމަނާފައި ނުވޭ. އަދި އެ މަސައްކަތް ކޮށްފައި ވަނީ އާންމުކޮށް ކުރާ އަގަށް ވުރެ ބޮޑު އަގެއްގައި.
• ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަޝްރޫއު ނިމުނީ ފަސް އަހަރާއި ތިން މަސްދުވަހުން.
• މަޝްރޫއުގެ ކޮންސަލްޓެންސީ ހިދުމަތް ދޭނެ ބަޔަކު ހަމަޖައްސާފައި ވަނީ އަމަލީ މަސައްކަތް ފަށައި ހަ މަދުވަސްވީ ފަހުން.
• މަޝްރޫއު ފެށީ ވެސް މި މަސައްކަތަށް ބޭނުންވާ ފައިސާ ލިބޭނެ އިންތިޒާމު ހަމަނުޖައްސާ.
"މި މަޝްރޫއުއަށް އެމްޕީއެލް އިން ހަރަދުކުރަމުން ގޮސްފައި ވަނީ އެހެނިހެން ބޭނުންތަކަށް ކުންފުނީގެ ކޭޝް ފްލޯގެ ތެރޭގައި ހުރި ފައިސާއިން ކަމާއި އެކަމުގެ ސަބަބުން ކުންފުންޏަށް މާލީ ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަން ފާހަގަކުރެވުން،" އެ ރިޕޯޓުގައި ބުންޏެވެ.
އެ ރިޕޯޓުގައި ބުނި ގޮތުގައި، އެމްޕީއެލްގެ ކޭޝް ފްލޯގެ ތެރެއިން މި ޕްރޮޖެކްޓަށް ކުރަން ޖެހޭ ހަރަދުތައް ކުރަމުން ދިއުމުގެ ސަބަބުން 2018 އިން ފެށިގެން 2022 ގެ ނިޔަލަށް އެ ކުންފުނިން ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް ދެއްކުމަށް ޑިކްލެއާ ކޮށްފައިވާ 346 މިލިއަން ރުފިޔާގެ ތެރެއިން 291 މިލިއަން ރުފިޔާ ސަރުކާރަށް ދައްކާފައި ނުވެ އެވެ.
"ފްލެޓްތަކަށް ފައިސާ ދައްކާ ނިމޭއިރު އެމްޕީއެލްއަށް ލިބޭނެ އާމްދަނީގެ މިހާރުގެ އަގަށް ބަލާއިރު، އެ އަގަކީ މުޅި އިންވެސްޓަމަންޓުގެ މިހާރުގެ އަގަށް ވުރެ ކުޑަ އަގެއްކަން ފާހަގަކުރެވުން،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އެމްޕީއެލްގެ ފްލެޓްތައް މުވައްޒަފުންނަށް ވިއްކާ އަގަކީ ސަރުކާރުގެ އެހެން ބައެއް ކުންފުނިތަކުގެ ހައުސިން މަޝްރޫއުތަކުގެ ދަށުން އިމާރާތްކޮށްފައިވާ ފްލެޓްތައް ވިއްކާ އަގާ އަޅާބަލާއިރު ބޮޑު އަގެއް ނޫން ކަމަށް ވެސް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
އެމްޕީއެލް އިން މުވައްޒަފުންނަށް ދޫކުރީ 534 ފްލެޓެވެ. އޭގެ ތެރޭގައި ހިމެނެނީ އެއް ކޮޓަރީގެ 204 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 330 އެޕާޓްމަންޓެވެ. އެތަނުގައި މީހުން ދިިރިއުޅެން ފެށީ މިދިޔަ އަހަރު މެދު ތެރޭގަ އެވެ. އަދި އެ ފްލެޓްތަކުން ކުލި ނަގަން ފެށީ މީގެ ތިން މަސްދުވަސް ކުރިންނެވެ.
އެ މަޝްރޫއު ހިންގުމަށް އެމްޕީއެލް އިން ލޯނުގެ ގޮތުގައި 110 މިލިއަން ނަގާފައިވެ އެވެ. ލޯނުތަކުގެ އިންޓްރެސްޓްގެ ގޮތުގައި 10.7 މިލިއަން ރުފިޔާ އަރާފައިވާއިރު، ފްލެޓަށް ގެނައި ބައެއް ބަދަލުތަކުގެ ސަބަބުން 56 މިލިއަން ރުފިޔާއަށް އެރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޢަގުމދު
26 August 2024
މިތަނުގައި މީހުން މިއުޅެން ޖެހިފައިވާ އުނދަގޫ ހާލަތު ބަލައިލަން އިންޓަވިއު ކޮއްލން ހަވީރު ނޫހައް ދައުވަތުދެން. ވާރަެ ވެހިއްޖިއްޔާ މުޅި ކޮޓަރި/ އެޕާޓމަޓ ފެންބޮޑުވޭ... ނުވިތާކަށް އެވަރަށް ފެންވައިރުން ފެން ހޯސް ލާފައި ލީކުވޭ.... މިހެންގޮސް ބައވަރު ކަންކަން....
މާއަވަސް
25 August 2024
އަދިވެސް ތަންފުކެއް އަވަހީ އޮޑިޓް ރިޕޯޓުނެރުނުލެއް. އާސަރުކާރެއްނައިސް ކުރީ ސަރުކާރު ދެމިއޮތް ދުވަހެއްނަމަ ތިޔަރިޕޯޓެއް ނެރުނީސް ކަމާމެދުވެސް ސުވާލުއުފެދޭ.
ހެހެހެހހެ
25 August 2024
ތި ސިންގަޕޯ ކޮންޕެނީ އަކީ އެމްޕީއެލް ބައެއް ހަދާގެން އުޅޭތަނެއް ... އުޑިޓައް އިނގެބާ
ސްމޯކީ
25 August 2024
"ފްލެޓްތަކަށް ފައިސާ ދައްކާ ނިމޭއިރު އެމްޕީއެލްއަށް ލިބޭނެ އާމްދަނީގެ މިހާރުގެ އަގަށް ބަލާއިރު، އެ އަގަކީ މުޅި އިންވެސްޓަމަންޓުގެ މިހާރުގެ އަގަށް ވުރެ ކުޑަ އަގެއްކަން ފާހަގަކުރެވުން،" އޮޑިޓް ރިޕޯޓުގައި ބުންޏެވެ. މިބުނީ ރައްޔިތުމީހާ ނުފެލިވާހަކަ. މި މީހުން ހީކުރަނީ ތަން ވިއްކަންޖެހެނީ 3 މިލިއަނުން މަތިންނޭ. ސުކުރިއްޔާ ކުރީ ސަރުކާރު
ސުމޯކީ
25 August 2024
"ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމަން ހަވާލުކުރި މަޝްރޫއު ނިމުނީ ފަސް އަހަރާއި ތިން މަސްދުވަހުން." މި ރިޕޯޓް ލިޔުނުމީހާ އެދުވަސްވަރުހުރީ ދުނިޔެއިން ބޭރުގައިބާ؟ ނޫނީ އެއިރު އަދި ނުވިހަނީބާ؟ ކޮވިޑޭކިޔާއަޑު އެހިބާ؟
ތަމީމު
25 August 2024
މީހުން ދިިރިއުޅެން ފެށީ މިދިޔަ މާރިޗު ގެ މެދު ތެރޭގަ އެވެ. އަދި އެ ފްލެޓްތަކުން ކުލި ނަގަން ފަށަން ނިންމާފައިވަނީ އަންނަ އޮކްޓޯބަރ އެއްވަނަ ދުވަހުން ފެށިގެން.
ކަހެރުވައް
25 August 2024
ހެވެންނު.! ސަރުކާރުތަކުން ހިންގާ މިފަދަ ޖަރީމާތަކަށް ލޯމަރާލައިގެން ރައްޔިތުން ތިބޭނެއެންނު ބާރަށް އަތްޖަހަން...