ރައީސް ޑރ. މުހައްމަދު މުއިއްޒު: ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަން ރައީސް ވަނީ އަންގަވާފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
06 ސެޕްޓެމްބަރ 2024 - 15:50
ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނަށް ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވައިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް ތަންފީޒު ކުރަން ފެށުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމާ ގުޅޭ އިދާރާތަކަށް އަންގަވައިފި އެވެ.
ރައީސް އެގޮތަށް އެންގެވީ ރޭގެ މެންދަމުގެ ވަގުތެއްގައި ބާރު ސްޕީޑުގައި ދުއްވި ސްޕޯޓްސް ކާރަކާއި ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ޒުވާނަކު ނިޔާވެފައިވަނިކޮށެވެ.
ރޭ މެންދަމު ތިނެއް ޖަހަން އުޅެނިކޮށް ހުޅުމާލޭގެ ސެންޓްރަލް ޕާކު ސަރައްދުން އުރީދޫގެ ހެޑް އޮފީހާ ދިމާލުން ހިނގި އެކްސިޑެންޓުގައި ނިޔާބީ ލ. އިސްދު އަށް އުފަން ހަސަން ސަމާހު އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މަސައްކަތްކުރާ އުމުރުން 23 އަހަރުގެ އެ ޒުވާނާ އެ ގަޑީގައި މަގުމަތީގައި އުޅުނީ ޓީއެފްޖީން ރޭ ދަންވަރު ބޭއްވި މެރަތަން ނުވަތަ ދުވުމުގައި ބައިވެރިވުމަށެވެ. އެކަމަކު، އެ ދުވުމުގެ ކުރިން ހިނގި އެކްސިޑެންޓުގައި ސަމާހު ނިޔާވީ އެވެ.
ސަމާހު: އޭނާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާ ދެނިކޮށް ހުޅުމާލެ ހޮސްޕިޓަލްގައި.
މި އެކްސިޑެންޓު ހިނގިއިރު ސްޕޯޓްސް ކާރު ދުއްވަން އިނީ ސ. ހިތަދޫ ވައިލެޓްފެހި މުހައްމަދު ވިސާމް ސިދުގީ އެވެ. އުމުރުން 29 އަހަރުގެ އެ ޒުވާނާ ރޭ ވަނީ ހައްޔަރުކޮށްފަ އެވެ.
ރޭގެ މެންދަމު ހުޅުމާލޭގައި ހިނގި އެކްސިޑެންޓުވި ކާރު ދުއްވި ޒުވާނާ.
އެކްސިޑެންޓުގައި ނިޔާވި ސަމާހުގެ އާއިލާ އަށް ތައުޒިޔާ ފޮނުއްވައި ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ އެއްވެސް ރަށެއްގައި އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ މީހުންނާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް އަންގަވާފައިވާ ކަމަށެވެ.
"ރާއްޖޭގެ އެއްވެސް ރަށެއްގައި، އެއްވެސް ވަގުތަކު ބާރު ސްޕީޑުގައި ވެހިކަލް ދުއްވާ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އެކަންކަން ތަންފީޒުކުރަން ފަށަން ސަރުކާރުގެ ކަމާ ގުޅުން ހުރި އިދާރާތަކަށް މިހާރު ވާނީ އަންގާފައި،" ރައީސް ވިދާޅުވި އެވެ.
އެކްސިޑެންޓުވިއިރު ސަމާހު ދުއްވަން އިން ސްކޫޕީ ސައިކަލް ވެއްޓި އޭގެ ބައިތައް ބުރައިގެން ގޮސްފައި: އުމުރުން 23 އަހަރުގެ އެ ޒުވާނާ ނިޔާވި މި އެކްސިޑެންޓު ހިނގީ ހުޅުމާލޭ ސެންޓްރަލް ޕާކް ކައިރިން އުރީދޫގެ މައި އޮފީހާ ދިމާލުން.---ފޮޓޯ: މިހާރު
އެ މަނިކުފާނު ވިދާޅުވީ އެފަދަ ނުރައްކާތެރި ހާދިސާތައް ހުއްޓުވުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ނުރައްކާތެރިކޮށް ބާރަށް އުޅަނދު ދުއްވުން ހުއްޓުވައި މާލެ އާއި ރާއްޖޭގެ އެހެން ރަށްރަށުގެ މަގުތަކަކީ ވެސް އެންމެނަށް އަމާންކަމާ އެކު، ބޭނުންކުރެވޭނެ ތަންތަނަށް ހެދުމަށް ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން ވި އެކްސިޑެންޓެއްގައި ރޭ މެންދަމުވަނީ ވަރަށް ހިތާމަވެރި ޙާދިސާއެއް ހިނގާ އަނެއްކާވެސް މީހެއްގެ ފުރާނަ ގެއްލިފައި. ރޭގައި ހިތާމަވެރި ގޮތެއްގައި މި ދުނިޔެ ދޫކުރި 23 އަހަރުގެ ޒުވާން ޙަސަން ސަމާޙުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު…
— Dr Mohamed Muizzu (@MMuizzu) September 6, 2024
ރޭގެ އެކްސިޑެންޓުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ރޭގެ މެންދަމު 2:48 ގައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އެކްސިޑެންޓުގައި ސަމާނު ނިޔާވީ ހުޅުމާލެ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. އެކްސިޑެންޓް ހިނގީ ޓީއެފްޖީގެ މެރަތަން އޮންނަ ސަރަަހައްދަށް ސައިކަލުގައި ބައެއް ރައްޓެހިން ގެންގޮސްދިން ފަހުންނެވެ.
ހަފްތާ ބަންދުގައި ހުޅުމާލޭގައި ސްޕޯޓްސް ކާރުތަކުގެ އުނދަގޫ އިންތިހާއަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައި މި އެކްސިޑެންޓު ހިނގިއިރު މިތަނުގައި މީގެ ކުރިން ވެސް އެފަދަ އެކްސިޑެންޓެއް ހިނގި އެވެ. ބާރަށް ދުއްވި ކާރަކުން ސައިކަލެއްގައި ޖެހި މީގެ ކުރިން ވެސް އެތަނުގައި މީހަކު މަރުވި އެވެ. އަދި މިފަހުން ވަނީ ހުޅުމާލޭ 2 ގައި ވެސް ސްޕޯޓްސް ކާރަކުން ޖެހި ސައިކަލެއްގައި އިން މީހަކަށް ވަރަށް ބޮޑަަށް އަނިޔާވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިމަލް
09 September 2024
ރަނގަޅު ހަމަ، 20 ގަ ދުވެލި ބަހައްޓަންވީ ގަދަކަމުން ވެސް، ކޮން ރޭސް އެއް ޖަހާކަށްތަ، 2 ފޫޓު ހަމަ ނުވާ ގައުމެއްގަ، ބަލަ ރޭސް ޖަހަނީ ބޮޑެތި ޓްރެކްތައް ހަދާފަ އޮންނަ ބިން ބޮޑު ގައުމުތަކުގައޭ، މިތާ މިއުޅެނީ 2 ފިޔަވަޅު އަޅާއިރަށް ކަނޑު ވަށާއިގެން އައިސް ޖެހިފަ އޮތީ.
މޭރާ ޚެޔާލް
07 September 2024
ފުރަތަމަ ކަމަކަށް ޓްރަފިކް ޕޮލިސް އެއް ޤާއިމް ކޮށްބަލަ
ސުވާލު
07 September 2024
ކޮބަތަ ކާރުގެ ވެރިފަރާތް އަދި ކާރަށްވެސް މުއްދަތު ޖަހަންޖެހޭ
ރާވެރިބެ
07 September 2024
ބާރަށް ސައިކު ދުއްވާ މީހުންނާ ބާރަށް ކާރު ދުއްވާ މީހުން ފެނުމުން އާއްމުން ރިޕޯޓު ކުރަން ހޮޓްލައިނެއް ގާއިމުކޮށްފަ ރިޕޯޓު ކުރާ މީހުންނަށް ފައިސާގެ އިނާމު ސަރުކާރުން ދޭން ނިންމައިފިއްޔާ މިކަން މައިތިރި ކުރެވޭނެ. އާއްމުން ނުލާ ތި ގަވާއިދު ތަންފީޒެއް ނުވާނެ. ދެން ބުނޭ ދޮގު ރިޕޯޓު ކުރާނޭ! ހެވޭ. އެހެން ބައެއް ގޯސް ރިޕޯޓު އަޔަސް މުޅި މައްސަލައަށް ހައްލެއް އަންނަން ފަށާނެ.
އާނދޯ
07 September 2024
ފުލުހުން ނަކަށް ނުވާނެ، އެފަދަ ލަޔާޤަތެއް ނެތޭ، ހަމަ ނެތޭ،
ޖުނައިދު އިބްރާހިމް
07 September 2024
ހަގީގީ ގަޓް ހުރުމަކީ މިއީ. ރައްޔިތުންގެ ހައްގުގައި މޫނަކަށް ކަނދުރާއަކަށް ނުބަލާ ފިޔަވަޅު އެޅެން ކެރުން
އަމީން މުހައްމަދު
07 September 2024
ބަރާބަރު. ހަރުކަށި ފިޔަވަޅު އަޅައި މީހުންގެ ފުރާނަ މިގޮތަށް ދިޔުން ހުއްޓުވަން ޖެހޭ
ސިއްބަތު އަޒީޒް
07 September 2024
ރައީސް މުއިއްްޒް އަށް މަގޭ ފުލް ސަޕޯޓް މިކަމުގައި އެބައޮތް. އިތުރު ހީޔާމަވެރި ހަދިސާ ނުހިގަނީސް މިކަންކަން ކުރަން ޖެހޭ
ދާއޫދު
07 September 2024
މިގައުމު އިސްލާހް ވާނީ މިކަން ކޮށްގެން. މަގޭ ފުލް ތާއިދު
މަފާޒް ސަލީމް
07 September 2024
ސާބަހޭ ރައީސް. ތި ހިތްވަރު ހުންނާން ވާނެ.
މާހިރު
07 September 2024
މައްސަލައަކީ ޤާނޫނު ނެތުމެއްނޫނެވެ. ޤާނޫނު ތަންފީޒު ކުރާނެބަޔަކު ނެތުމެވެ. ކިތައްމެ މޮޅު ޤާނޫނުތަކެއް ހެދިނަމަވެސް ޤާނޫނު ތަންފީޒު ނުކުރާނަމަ ޤާނޫނެއް އޮތުމެކޭ ނެތުމެކޭ ތަފާތެއް ކޮބައިހެއްޔެވެ. މިހާރުހުރި ޤާނޫނުތަކުންވެސް ނުރައްކާތެރިކޮށް އެއްޗިހި ދުއްވާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅޭނެއެވެ. އެހެންނަމަވެސް ރަށުތެރޭގައި ބާރުބާރަށް އެއްޗިހި ދުއްވާ މީހުން އުޅޭ އިރުވެސް ފުލުހުން އެބައިމީހުންނާ ސުވާލެއް ކޮށްލާތަނެއްވެސް ނުފެނެއެވެ.