އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހްމަދު ޒުހޫރު: ކޮމިޓީން ފުރަތަމަ ފަހަރަށް ބާއްވާ ޕްރެސް ކޮންފަރެންސް މާދަމާ އޮންނާނެ --- ފައިލް ފޮޓޯ: މިހާރު
17 ސެޕްޓެމްބަރ 2024 - 21:07
މިދިޔަ މަހު އެފްއޭއެމްގެ ހިންގުމާ ހަވާލުވި ނޯމަލައިޒޭޝަން ކޮމިޓީން، ބާއްވާ ފުރަތަމަ ޕްރެސް ކޮންފަރެންސް މާދަމާ އަށް ތާވަލުކޮށްފި އެވެ.
ފީފާއިން އައްޔަން ކުރި އެ ކޮމިޓީ، އެ އެސޯސިއޭޝަނުގެ ހިންގުމާ ހަވާލުވީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ.
ކޮމިޓީން، ސަރުކާރާއި ކްލަބްތަކާއި ފުޓްބޯޅައިގައި ޝާމިލުވާ އެކި ފަރާތްތަކާ ބައްދަލު ކުރި އެވެ. އަދި އެފްއޭއެމްގެ ފައިސާ އާއި ތަނުގެ ހިންގުން އޮތް ހާލަތުގެ ރިވިއުއެއް ވެސް ހެދި އެވެ.
އެކަމަކު އެ ކޮމިޓީ މަސައްކަތާ ހަވާލުވިތާ، މަހަކަށް ވުރެ ގިނަ ދުވަސް ވެގެން ދިޔައިރު ވެސް، އާންމުންނާ ހަމައަށް އެއްވެސް ކަމެއް ތިލަކުރަން ކޮމިޓީން އިސްވެ މަސައްކަތެއް ކޮށްފައި ނުވުމުން، ފުޓްބޯޅައިގައި އެކި ފަރާތްތަކުގެ ފާޑުކިޔުން އޮތީ ކޮމިޓީ އަށް އަމާޒުވެފަ އެވެ.
މިއަދު، އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން، ޝަރީފް ވަނީ ކޮމިޓީގެ ފުރަތަމަ ޕްރެސް ކޮންފަރެންސަށް ނޫސްވެރިންނަށް ދައުވަތު ދީފަ އެވެ. އެފްއޭއެމް މީޑިއާ ވަޓްސްއެޕް ގުރޫޕަށް ޖައުޝަން ފޮނުވި މެސެޖްގައި ބުނެފައި ވަނީ މާދަމާ ހަވީރު 4:15 އަށް ޕްރެސް ކޮންފަރެންސަށް ދައުވަތު ދޭ ކަމަށެވެ. ޕްރެސް ކޮންފަރެންސް ކުރިއަށް ގެންދާނީ، ވަގުތީ އޮފީހެއްގެ ގޮތުގައި ނޯމަލައިޒޭޝަން ކޮމިޓީން ބޭނުން ކުރަމުންދާ، ގަލޮޅު ދަނޑުގެ ވީއައިޕީ ރޫމްގަ އެވެ.
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުން؛ ކޮމިޓީގެ މެންބަރު އަހްމަދު މުއިއްޒު، ޗެއާމަން އަހްމަދު ޒުހޫރު، ކޮމިޓީގެ މެންބަރު ފަރީހާ ޝަރީފް، ކޮމިޓީގެ މެންބަރު އިސްމާއީލް ސިމަން، ކޮމިޓީގެ މެންބަރު އަހްމަދު އަލީ
ކޮމިޓީ އަށް ފާޑު ކިޔުން އަމާޒުވި އަނެއް ކަމަކީ، ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ޖައުޝަން ބަހައްޓައިގެން ކުރިއަށް ދާން ނިންމުމެވެ. އެކަމަކު ޖައުޝަން އެ މަގާމުގައި މަޑު ކުރީ ކޮމިޓީގެ ޗެއާމަން އަހްމަދު ޒުހޫރާއި ކޮމިޓީގެ އެހެން މެންބަރުންގެ އިތުރުން ފީފާއިން ވެސް އެދިގެން "މި ވަގުތަށް" ކަމަށް އޭނާ ވިދާޅުވި އެވެ.
އެ މައްސަލާގައި، ނޯމަލައިޒޭޝަން ކޮމިޓީ އަށް އެންމެ ބޮޑަށް ފާޑުކިޔުން އޮއްސާލީ، އެފްއޭއެމްގެ ކުރީގެ ރައީސް އަދި މަހިބަދޫ ދާއިރާގެ މަޖިލިސް މެންބަރު އަހްމަދު ތޯރިގް (ޓޮމް) ވެ. ކުރީގެ ލީޑާޝިޕުން ބާއްވަން އުޅުނު ދެ އިންތިހާބުގައި ވެސް ތޯރިގު ވާދަކުރުމުން، "ސައްހަ" ކެންޑިޑޭޓެއް ކަމުގެ ޝަރުތު ހަމަނުވާކަމަށް އެފްއޭއެމުން ނިންމި އިރު ޖެނަރަލް ސެކްރެޓަރީގެ މަގާމުގައި ހުންނެވީ ޖައުޝަން އެވެ.
ކޮމިޓީ އަށް ފީފާއިން ހަވާލު ކުރި މަސްއޫލިއްޔަތުގެ ތެރެއިން އެންމެ ބޮޑު މަސައްކަތަކީ ފީފާ އާއި އޭއެފްސީން ދީފައިވާ ފައިސާ، އެފްއޭއެމްގެ ކުރީގެ ވެރިން ހިޔާނާތްތެރި ވެފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެ ފައިސާ ހޯދުމެވެ. އަދި އެފްއޭއެމްގެ އަސާސީގަވާއިދު އިސްލާހުކޮށް ފުޓްބޯޅަ ހިނގައިގަނެވޭނެ ގޮތް ހަދައިދީ އާ އިންތިހާބަކަށް މަގުފަހިކޮށް ދިނުމަކީ ވެސް ކޮމިޓީގެ މަސްއޫލިއްޔަތެކެވެ. ކޮމިޓީގެ ދައުރު ހަމަވާނީ އަންނަ އަހަރު ޖުލައި މަހުގެ ނިޔަލަށެވެ.
އެ މަސްއޫލިއްޔަތުތައް ހަވާލުކޮށް ކޮމިޓީއަށް ފަސް މެންބަރަކު ފީފާއިން އައްޔަން ކުރި އެވެ. އެއީ ޗެއާމަން ޒުހޫރުގެ އިތުރުން ބީއޭއެމްލްގެ ކުރީގެ ޗެއާޕާސަން ފަރީހާ ޝަރީފާއި ކުރީގެ ޕްރޮސިކިއުޓާ ޖެނަރަލް އަހްމަދު މުއިއްޒާއި މީރާގެ ކުރީގެ އެސިސްޓެންޓް ކޮމިޝަނާ ޖެނަރަލް އަހްމަދު އަލީ އަދި މާލީ އަދި ގާނޫނީ ދާއިރާގެ ތަޖުރިބާކާރު އިސްމާއީލް ސިމަން އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
18 September 2024
ޤަބީލާވަންތަ ގޮތަކަށް ވޭތުވެދިޔަ 60 އަހަރު ކ.މާލޭގެ ކަންމަތީ ޤުރޫޕްތަކުން ކުރަމުންއައިކަންތައް ބަދަލުކުރަން އެމީހުން ދެކޮޅުހަދާނެ. އެހެންކަމުން ކުޅުދުއްފުށި، ތިނަދޫ، ފުވައްމުލައް އަދި އައްޑޫސިޓިގައި ފުޓްބޯޅައިގެ އެއްވެސްޙަރަކާތެއް ހިންގާން ކައުންސިލްތަކުން އެއްބާރުލުންދޭނީ މިދަންނަވާބަދަލުތައް ގެނެސް އެފަރާތްތަކުގެ ބައިވެރިވުންއޮންނަގޮތަށް ފެޑަރޭޝަން ޤާއިމްކުރުމުންކަމަށް ކައުންސިލްތަކުން އިއުލާންކޮށް މާލޭސަރުކާރަށް އަވަހަށް އަންގާންޖެހޭ.
އޮނަރަބްލް އަފީފު ދީދީ
18 September 2024
ދައުލަތުގެ ޤާނޫނުއަސާސީގައި ސާފުކޮށް ބުނެ އަމުރުކޮށްފައިވަނީ "ރާއްޖޭގެ އިދާރީދާއިރާތައް ހިންގާންވާނީ ލާމަރުކަޒީ އުސޫލުން" ކަމަށް. އެހެންކަމުން ދިވެހި ކުޅިވަރުވެސް ލާމަރުކަޒުކޮށް ހިންގުމަށްޓަކާ، ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާން ރީޖަންކަމުގައި ކަޑައަޅާ ކޮންމެރީޖަނެއްގައި ރީޖަނަލް އެސޯސިއޭޝަންތައް ޤާއިމްކުރަން ފުރުސަތުހޯދަން ކައުންސިލްތަކުން މަސައްކަތް ކުރާން އެބަޖެހޭ.
އޮނަރަބްލް އަފީފު ދީދީ
18 September 2024
ފީފާއާއި އޭއެފްސީގެ މާލީ ފަންނީ އެހީތެރިކަންހޯދައިގެން ނޯމަލައިޒޭޝަން ކޮމަޓީން ބަލާންވީ މިހާރުގެ އެފްއޭގެ ބަދަލުގައި މުޅިރާއްޖެ ތަމްސީލުކުރެވޭގޮތަށް ރާއްޖޭގެ 3 ރީޖަންގެ ރީޖަނަލް އެސޯސިއޭޝަން ތަކުގެ ބައިވެރިވުން އޮންނަގޮތަށް އުފައްދާ National Football Federation ވުޖޫދު ކުރުމުގެ މަސައްކަތްކޮށް ކ.މާލޭގެ ޤަބީލާތަކުގެ ވަކިތަކުން ދިވެހި ފުޓްބޯޅަ ސަލާމަތް ކުރެވޭނެގޮތް ހެދުން. މިހެން ބުނާއިރުވެސް އިގޭ ކޮމަޓީގެ ބާރުވެސް އޮތީ ތިރަށު މީޙުންގެ އަތުގައިކަން.
ތަލަބޯ
17 September 2024
ޒުހޫރު އެއީ ކުރީގެ މިނިސްޓަރެކެވެ. ދެން ތިބީ ހުސް ލޯޔަރުން އަދި ޗާޓަޑް އެކައުންޓަންޓުންނެވެ. އެހެންވީމާ ތޯރިގު ކޮންމެ ވާހަކައެއް ދެއްކިޔަސް ވަރިހަމައެވެ.
ނިޒާމްބެ
18 September 2024
ޖައުޝަންއަކީ ބައްސާމު އާއި ޝަވީދުގެ ކޮކްޓެއިލް. ދެން ތިކަން ވާނެ ގޮތެއް ނެތޭ.
ޕެލޭ
17 September 2024
އަހަރެންނަށް ހީވަނީ ތިޔަ އުޅެނީ އަތަށް ގޮވަންހެން!