ލަނޑު ޖެހުމަށް ފަހު ސިޓީގެ ސާނޭ (ކ) އާއި އަގުއޭރޯ އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ
02 މާޗް 2017 - 10:44
މެންޗެސްޓާ (މާޗް 2) - އިނގިރޭސި އެފްއޭ ކަޕްގެ ފަސް ވަނަ ބުރުގެ ރީޕްލޭ މެޗުގައި ރޭ ސާޖިއޯ އަގުއޭރޯ ދެއްކި މޮޅު ކުޅުމާ އެކު ފަހަތުން އަރައި ހަޑްލްސްފީލްޑް ޓައުން އަތުން 5-1 އިން ހޯދި ބޮޑު މޮޅާ އެކު މެންޗެސްޓާ ސިޓީ މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
ރޭގެ މެޗު ފެށިގެން ހަތް ވަނަ މިނިޓްގައި ހަޑްލްސްފީލްޑްގެ ހެރީ ބަން ވަނީ ލަނޑެއް ޖަހައި ސިޓީ ސިއްސުވާލައިފަ އެވެ. ފަހަތުން އަރައި ސިޓީ މި މެޗުން މޮޅުވިއިރު އަގުއޭރޯ ވަނީ ފާއިތުވި މެޗުތަކުގައި އޭނާ ދައްކަމުން އައި މޮޅު ކުޅުން މި މެޗުގައި ވެސް ތަކުރާރުކޮށްފަ އެވެ. އޭނާ ވަނީ މި މެޗުގައި ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ.
ސިޓީ އަށް މެޗުގެ 30 ވަނަ މިނިޓްގައި އެއްވަރުކޮށްދިނީ ޖާމަނީގެ މިޑްފީލްޑަރު ލިރޯއީ ސާނޭ އެވެ. ސިޓީން ލީޑުނެގީ މެޗުގެ 35 ވަނަ މިނިޓްގައި އަގުއޭރީ ކާމިޔާބުކުރި ޕެނަލްޓީންނެވެ. އޭގެ ތިން މިނިޓް ފަހުން ޕަބްލޯ ޒަބަލޭޓާ ވަނީ ސިޓީ އަށް ތިން ވަނަ ލަނޑެއް ޖަހައިދީފަ އެވެ.
އަންނަ ސީޒަނުގައި ޕްރިމިއާ ލީގުން ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ހަޑްލްސްފީލްޑް ކޮޅަށް ސިޓީން ހަތަރު ވަނަ ލަނޑުޖެހީ މެޗުގެ 73 ވަނަ މިނިޓްގަ އެވެ. މި ލަނޑު ކާމިޔާބުކުރީ އަގުއޭރޯ އެވެ.
މެޗުގެ އިތުރު ވަގުތުގައި ސިޓީގެ ފަސް ވަނަ ލަނޑު ކާމިޔާބުކުރީ ނައިޖީރިއާގެ ފޯވާޑް ކެލެޗީ އިހެނާޗޯ އެވެ.
ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނީ މިއީ އޭނާ ކުރަމުން އައި މަސައްކަތުގެ ނަތީޖާ ނުކުތް މެޗެއް ކަމަށެވެ.
"އަހަރެމެންގެ ފަރުވާކުޑަކަމުގެ ސަބަބުން ބަލިވި މެޗުތަކުގައި ވެސް އަހަރެމެން އެބަހުރި ރަނގަޅަށް ކުޅެފައި. އެ މެޗުތަކަށް ފަހު އަހަރެން ކިޔައިދިނިން ކުޅުންތެރިންނަށް ޓީމުގެ މައްސަލަ. ކުޅުންތެރިން އެ ކަންތައްތައް ގަބޫލުކޮށް ކުރިއަށްދިއުމަށް ކުރާ މަސައްކަތް މި މެޗުން ފެނިއްޖެ،" ގާޑިއޯލާ ބުންޏެވެ.
ޖެނުއަރީ މަހު ސިޓީއާ ގުޅުނު ބްރެޒިލް ފޯވާޑް ގަބްރިއެލް ޖީސަސް އަށް އަނިޔާވެ އޭނާ އަށް ސީޒަން ނިމިފައިވާއިރު، ސިޓީގެ ފޯވާޑް ލައިން އެންމެ ބޮޑަށް ބަރޯސާވެފައި އޮތީ އަގުއޭރޯ އަށެވެ. ރޭގެ މެޗަށް ފަހު ގާޑިއޯލާ ބުނީ މިއީ އަގުއޭރޯގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މެޗެއް ކަމަށެވެ.
"އަގުއޭރޯގެ ފަރާތުން ފެނުނީ އަހަރެން ވަރަށް ހިތްހަމަ ޖެހޭ ކުޅުމެއް. ސިޓީ މިވަގުތު ބޭނުންވަނީ ވެސް އަގުއޭރޯގެ ފަރާތުން އެ ފަދަ މޮޅު ކުޅުމެއް. މިއީ އަދި ފެށުމެއް ކަަމަށް އަހަރެން ދެކެނީ އަގުއޭރޯ އަދި މި އަށް ވުރެ މޮޅަށް ކުޅޭނެ މެޗުތައް މި ސީޒަނުގައި އަންނާނެ،" ގާޑިއޯލާ ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy