ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހަދާނެ ބިން ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފުލާގައި އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ފިނޭންސްގެ ސްޓޭޓް މިނިސްޓަރު އަހްމަދު މާޒިން.-- ފޮޓޯ: އެޗްޑީސީ
03 އޮކްޓޯބަރ 2024 - 18:43
ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހަދާނެ ބިން އެޗްޑީސީން ހަމަޖައްސައި ދީފި އެވެ.
ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހަދާނެ ބިން ހަމަޖައްސައި އެޗްޑީސީ އާއި ތިމާވެއްޓާ ބެހޭ މިނިސްޓްރީ އަދި ފިނޭންސް މިނިސްޓްރީން މިއަދު ވަނީ ޓްރައިޕާޓީ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީގައި ބޭއްވި ހަފުލާއެއްގައި މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމެވެ. އެޗްޑީސީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދެވެ. އަދި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހްމަދު މާޒިނެވެ.
ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހަދާނެ ބިން ހަމަޖެއްސުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހަފުލާގައި އެޗްޑީސީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދާއި ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހިމް އަދި ފިނޭންސްގެ ސްޓޭޓް މިނިސްޓަރު އަހްމަދު މާޒިން.-- ފޮޓޯ: އެޗްޑީސީ
މިނިސްޓްރީން ބުނި ގޮތުގައި، އެ އެއްބަސްވުމުގެ ދަށުން ހުޅުމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަން ހެދުމަށް ވަނީ ގާތްގަނޑަކަށް އެއް ހެކްޓަރުގެ ބިމެއް ދީފަ އެވެ. އަދި 13 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ބެލެވޭ އެ މަޝްރޫއުގެ ދަށުން ހަދާ އެ އިމާރާތުގެ ޑިޒައިން ނިމި، މަސައްކަތް ފަށާތާ ދޮޅު އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިމޭނެ އެވެ.
ނަމަވެސް، އެ ބިން ހަމަޖައްސައި ދިނީ ހުޅުމާލޭގެ ކޮން ތަނަކުން ކަމެއް މިނިސްޓްރީން އަދި ނުބުނެ އެވެ.
ހުޅުމާލޭގައި އުފައްދާ ކުނި މިހާރު މެނޭޖުކުރަނީ އެސްޓީއޯގެ ހޮޓަލާ ޖެހިގެން އުތުރަށް އޮންނަ ބިމުގައި ހިންގާ ވެމްކޯގެ ސައިޓުގަ އެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ބުނީ ހުޅުމާލޭގައި ހަދާ މި ވޭސްޓް ޓްރާންސްފާ ސްޓޭޝަނަކީ މާލެ ސަރަހައްދުގައި އުފެދޭ ކުނި ދެމެހެއްޓެނިވި ގޮތެއްގައި ނައްތާލުމުގެ ގޮތުން ފެށި ގްރޭޓާ މާލެ އެންވަޔަރުމެންޓަލް އިމްޕްރޫވްމަންޓް އެންޑް ވޭސްޓް މެނޭޖްމަންޓް ޕްރޮޖެކްޓްގެ ދަށުން ހިންގާ މަޝްރޫއެއް ކަމަށެވެ.
އެއީ، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ޖޭއެފްފީއާއާރް އާއި ޓީއޭއެސްއެފް އަދި ދިވެހި ސަރުކާރުން ހަރަދުކޮށްގެން 2018 ވަނަ އަހަރު ފެށި ބޮޑު މަޝްރޫއެކެވެ.
މި މަޝްރޫއުގެ ދަށުން މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ވޭސްޓް ޓްރާންސްފާ ސްޓޭޝަންތައް ހަދަން ނިންމާފައިވެ އެވެ. މާލޭގައި ހެދި ވޭސްޓް ޓްރާންސްފާ ސްޓޭޝަންގެ މަސައްކަތް ނިންމައި މިދިޔަ އަހަރުން ފެށިގެން އެތަން އަންނަނީ ބޭނުންކުރަމުންނެވެ. އެ ސްޓޭޝަން މެނޭޖުކުރަނީ ވެމްކޯއިންނެވެ.
މާލެ ސަރަހައްދުގެ ކުނި މެނޭޖުކުރަން ހިންގާ މި މަޝްރޫއުގެ ދަށުން ތިލަފުށީގައި ކުނި އެންދުން އެއްކޮށް ހުއްޓާލައި މިހާރު އަންނަނީ ޒަމާނީ މެޝިނަރީތަކުގެ އެހީގައި ރައްކާތެރި ގޮތުގައި ކުނި ނައްތާލަމުންނެވެ. މާލެ ސަރަހައްދުގެ އިތުރުން ރަށްރަށުގައި ވެސް ކުނި ކޮށި ހެދުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން އަންނަނީ ކުރަމުންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮލަރު އޭޓީއެމް
04 October 2024
ޑޮލަރު އޭޓީއެމް ކުރިމަތީގައި އޮތް ބިން ދޫކުރި ކަމަށް ކަންމަތީ ސޭޓު ބުނި! ތެދެއް ދޮގެއް ނޭނގޭ! ސިއްރު ކުރަނީ ކީއްކުރަންބާއޭ ހިތަށް އަރާތީ މިއުޅެނީ ބޭސް ގުޅައެއް ކާން.