މީގެ ކުރިން ވެހުނު ވާރޭއެއްގައި އަމީނީމަގުގައި ފެންބޮޑުވެފައި-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
06 އޮކްޓޯބަރ 2024 - 16:38
ކުރިއަށް އޮތް ފަސް ދުވަހު މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކުރާތީ ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އިލްތިމާސްކޮށްފި އެވެ.
މެޓު އޮފީހުން ބުނީ މި ހަފުތާގައި ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވާނެ ކަމަށެވެ. އެންމެ ވިއްސާރަވާނެ ކަމަށް ލަފާ ކޮށްފައިވަނީ ރާއްޖޭގެ އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށެވެ.
އުތުރާއި މެދު ރާއްޖެތެރޭގެ އަތޮޅުތަކަށް އާންމު ގޮތެއްގައި 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އަދި ދެކުނުގެ އަތޮޅުތަކަށް 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ވިލާގަނޑުގައި 45 މޭލާއި 55 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހުން އެކަށީގެންވާ ކަމަށް މެޓު އޮފީހުން ބުންޏެވެ.
އެއާ ހަވާލާދީ، އެންޑީއެމްއޭ އިން ނެރުނު އިރުޝާދެއް ބުނީ ވިއްސާރަވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރު ކުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އެހެންވެ މުދަލާއި ގެދޮރަށް ލިބިދާނެ ގެއްލުމަކުން ރައްކާތެރިވާން ދުރާލާ މަސައްކަތްކުރުމަށް ވަނީ އިލްތިމާސްކޮށްފަ އެވެ.
އޭގެ ތެރެއިން؛
- ގެއަށް ފެން ނުވަންނާނެހެން ރައްކާތެރި ފިޔަވަޅު އެޅުން. (ގޭގެ ދޮރުމަތީގައި ވެލި ބަސްތާ ޖެހުން ފަދަ ކަންކަން)
- ގަދަވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ބަނދެ ރައްކާތެރިކުރުން
- ބޭނުން ނުކުރާ ވަގުތެއް ނަމަ، ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުން
- ކަނޑު ދަތުރު ކުރާ މީހުން ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން
މެޓް އޮފީހުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ނޫސްބަޔާނެއްގައި ބުނީ މި މަހުން ފެށިގެން އަންނަ ޑިސެމްބަރު މަހާ ހަމައަށް ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެނީ އާންމުކޮށް މި ދުވަސްވަރު ވެހޭ މިންވަރަށް ވުރެ މަދުން ކަމަށެވެ. ނަމަވެސް، އުތުރުގެ ބައެއް އަތޮޅުތަކަށް އާންމުކޮށް މި ދުވަސްވަރު ވެހޭ ވަރަށް ނުވަތަ އެއަށް ވުރެ އިތުރަށް ވާރޭ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް އެ އޮފީހުން ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަލިހުރަސް ކަނޑު ތެރެއިން
06 October 2024
ތިކަމެއް ނުކުރާނެ މިހާރުގެ ދިވެހިންނެއް. ބަޔަކު ކުރާ އިލްތިމާސަކަށް ނުގުޑާނެ. އެއަށްވުރެ މާ ގައްޑާބައެއް ދިވެހިންނަކީ. މާގިނައިރުތަކެއް ނުވެ އަޑުއިވޭނީ ކޮންމެވެސް ދޯންޏެއް ބަންޑުން ޖަހާލައިގެން ނުވަތަ މަހަށް ނިކުމެ އުޅުނު ދޯންޏެއް ގެއްލިގެން އުޅޭ އަޑު.
ައޭން
06 October 2024
ބުރުޒުމަގު ކާނުތައް ސާފުކޮށްލަންވީނުން ދެން