ހުޅުމާލެ 2 ގެ ފްލެޓުތައް ފެންނަ ގޮތަށް، ދުރުން ނަގާފައިވާ ފޮޓޯއެއް.-- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
09 އޮކްޓޯބަރ 2024 - 15:28
ހުޅުމާލެ 2 އަލިކުރަން އަޅާފައިވާ ބައެއް ކޭބަލްތައް ވަގަށް ނަގައިފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަގުބައްތިތައް ދިއްލަން ބޭނުންވާ ކަރަންޓު ވިއުގަ މިދިޔަ އޮގަސްޓް މަހުގެ ނިޔަލަށް ނިމިފައިވާ ނަމަވެސް، ކަރަންޓު ދިނުމުގެ ކުރިން ކޭބަލްތައް ވަނީ ނަގައިފަ އެވެ.
"މަގު ބައްތިތަކަށް އަޅާފައިވާ ކޭބަލްތައް ގެއްލިފައިވާ ވާހަކަ މައުލޫމާތަށްޓަކައި ދަންނަވާލަން،" ފަޒުލްގެ ޕޯސްޓުގައިވެ އެވެ.
ފަޒުލް އެގޮތަށް ވިދާޅުވީ، ހުޅުމާލެ 2 އަނދިރިކޮށް އޮންނާތީ ޕީއެންސީގެ ހުޅުމާލެ އުތުރު ދާއިރާގެ މެމްބަރު ހުސެއިން ޝަރީފް ކަންބޮޑުވުން ފާޅުކުރެއްވުމުންނެވެ.
އެނގިފައިވާ ގޮތުގައި، އެ ބޮޑު ކޭބަލްތައް ވަގަށް ނެގީ، އެ އެއްޗެހި ވަޅުލާފައި ހުއްޓައި މަގު ކޮނެގެންނެވެ. އެޗްޑީސީން މިހާރު ވަނީ ވިނަރެސް ސަރަހައްދުގެ މަގު ބައްތިތައް ދިއްލުމަށް ބޭނުންވާ އެހެން ބައެއް ތަކެތި ހޯދަން އޯޑަރުކޮށްފަ އެވެ.
ޝަރީފް ވަނީ ހުޅުމާލެ 2 އަނދިރިކޮށް އޮންނަ މައްސަލާގައި، ހިތްހަމަނުޖެހުން ފާޅުކުރައްވަމުން، "މަތިބަރު" އެޗްޑީސީއަށް ރައްޔިތުންނަށް ކޮށްދެވުނީ ކޮން ހިދުމަތެއްތޯ ސުވާލު އުފައްދަވައިފަ އެވެ.
Hulhumale phase 2 ge vinares area ge magu bahthi thah dhihlumah beynun vaa thakethi hodhumah order kurevifai vey. Magu bahthi dhihlumah beynun vaa current viuga August 2024 ge niyalah nimifai vaairu, magu bahthi thakah alhaafai vaa cable thah gehllifai vaa vaahaka…
— Fazul Rashyd (@FaZuLRaShYd) October 9, 2024
އޭނާއަށް މީހަކު ކުރި މެސެޖެއްގެ ސްކްރީންޝޮޓް ވެސް އާއްމުކޮށްފައިވާ އިރު، އޭގައި އެދިފައި އޮތީ ހުޅުމާލެ އަލިކުރަން އެޗްޑީސީން ކުރަމުން އަންނަ މަސައްކަތް ސާފުކޮށްދިނުމަށެވެ.
"ފޭސް 2ގެ މަގުބައްތިތައް ދިއްލަން ކިހާ ދުވަހެއް ނަގާނެތޯ އެ ބޭފުޅުން ދަންނަވާ ލެވިދާނެތޯ. މަގުމަތިން ހިނގާފައިދާ މީހެއް ގައިގައި ވެހިކަލަކުން ޖެހުނީމަތޯ ހައްލުވާނީ ދަންނަވާލަ ދެއްވާ. މަގުމަތިން ހިނގާފަދާ މީހަކު ނުފެނޭ. ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން ވަރަށް ގާތުގައިވާ ކަމެއް އަނދިރިކޮށް އޮތުމަކީ،" ޝަރީފް އާއްމުކުރެއްވި ސްކްރީންޝޮޓުގައިވެ އެވެ.
ފަޒުލް ކުރެއްވި އެހެން ޕޯސްޓުގައި ވިދާޅުވީ ހުޅުމާލޭގެ ތަރައްގީ ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށެވެ.
"ކުރަން ހުރި މަސައްކަތް އަދި ނުކުރެވި ހުރި މަސައްކަތް ހުންނާނެ ކަމަށް ގަބޫލުކުރަން ވާނެ ކަމުގައި ދެކެން. އެޗްޑީސީގެ ސްޓާފުން ވަރުބަލި ކަމެއް ނެތި ކުރަމުން އަންނަ ބުރަ މަސައްކަތަށް އަޅުގަނޑު ފަހުރުވެރިވޭ އަދި ޝުކުރު އަދާކުރަން." އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ 2 އަނދިރިކޮށް އޮވެ، ކުށްކުރުން އިތުރުވެދާނެތީ މީގެ ކުރިން ފުލުހުން ވެސް ކަންބޮޑުވުންފާޅުކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ތޮށަލިތަކުރު
10 October 2024
ޤާބިލު ބޭފުޅުންނާއި ޤާބިލުނޫން ބޭފުޅުން ދެކެމުއެވެ.
ބަޑިތަކުރު
10 October 2024
ވަޅުލާފައިހުރި އެއްޗެއް ކޮނެގެން ނަގައިގެންދާއިރު އަޅެ ކެމެރާތަކާއި މުސާރަދީފައި ލާފައިތިބޭ ވޮޗަރުންނާއި، ފުލުހުންނަށް ހަމަ ރޭކާވެސް ނުލަނީކީއްވެބާވައެވެ. އެއްވެސް މީހަކު އެމީހަކު ނުބެހިވާނެ އެއްވެސްކަމަކާ ނުބެހި އުޅެވޭތޯ ބަލާތީކަންނޭނގެއެވެ. ކޮންމެއަކަސް އެގޮތަށް އެކަން ކުރި ބަޔަކު ހޯދެންވާނެއެވެ. އަދި ދައުލަތަށާއި އެތައް ބަޔަކަށް އެކަމުން ގެއްލުންލިބޭ މިޒާތުގެ ކަންކަން ކުރާމީހުންނަށް ވީހާ ހަރުކަށި އަދަބު ދެވެންވާނެއެވެ.
އަކްޝޭ ކުމާރު
10 October 2024
ބަލަގަ ތި ވަގަށްނަގާހާ ކޭބަލަށް ވަނީ ކިހިނެއްތަ؟ މިވީ 4 މަހެއްހާ ދުވަހު ތެރޭގައި ދެކުނުގެ ހުރިހާ އަތޮޅުތަކަށް އަހަރެއްވަންދެން ކަރަންޓުދޭހާ ކޭބަލު ވަގަށް ނަގައިފި.
އަބްޑޫޅް +
10 October 2024
މިސްކިތު ފަންކާ އަކީވެސް ވަރަށް އަގުހުރި އެއްޗެއް ދޯ؟
ބާރު
10 October 2024
ތިކަމަށް އޮތް ހައްލަކީ ކަރަންޓް ކޭބަލްތައް ފެންނަ ހިސާބުގައި ކެމެރާ ހަރުކުރުން. އާރޓު ގެލަރީގެ ކޭބަލްތައްވެސް ވަގަށް ގެންދާނީ ފުލުހުން ދިން ލަފަޔަކީ ކެމެރާ ހަރުކުރުން؟!
ާއަސް
10 October 2024
5 މިނިޓުން ޕޮލިހެއް ނެތީ ތޯ
ނަމަނަމަ ހުސިޔާރު
10 October 2024
ތީ ހަމަ ހުސް ވާހަކަ... ބުއްދި ޤަބޫލެއް ނުުކުރެވޭ.... ހެޑްލައިންއަށް އަރާލަންވެގެންކަމަށް ބޮޑަށް ބެލެވެނީ..
ނަންނަން
10 October 2024
ވަގަށް ނެގީތަ؟ ނޫނީ ވަގަކަށް ދިނީތަ؟؟
ޔާމީން.
10 October 2024
ވަގަށް އެއްޗެހި ކާންވެގެން މޮޅު ސްޓޯރީއެއް ޖައްސަނީ..
ސުޖާމު
10 October 2024
5 މިނެޓް ވުމުގެ ކުރިން ތިކަން ނިންމާލީ