ސިނަމާލެ ބްރިޖާއި ހުޅުލެއާ ގުޅޭ ހިސާބަށް ބޮޑު ރާޅެއް އަރައި ހިނގި ހާދިސާ: އުދަ އަރާނެ ކަމަށް ލަފާކޮށް ބޮޑު ސަރަހައްދަކަށް ވަނީ ވައިޓް އެލާޓް ނެރެފައި.
17 އޮކްޓޯބަރ 2024 - 12:10
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް ވައިޓް އެލާޓް ނެރެފި އެވެ.
މެޓް އޮފީހުން ނެރުނު އެލާޓުގައި ބުނީ މިއަދު މެންދުރު 11:30 އިން ފެށިގެން މެންދުރު ފަހު 15:30 އާ ދެމެދުގައި ށ. އަތޮޅުން ފެށިގެން އައްޑޫ ސިޓީގެ ރަށްތަކާ ހަމައަށް އުދަ އެރުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.
Alert White for swell wave surges. pic.twitter.com/RgblfTX6sP
— Maldives Meteorology (@MetMaldives) October 17, 2024
މެޓް އޮފީހުން އާންމު ކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި މެދު ރާއްޖެތެރެ އާއި ދެކުނުގެ ރަށްތަކަށް މިއަދު ދިޔަވަރު އެންމެ ބޮޑުވާނީ މެންދުރު 12:00 އާއި 13:30 އާ ދެމެދުގަ އެވެ. އަދި މިރޭ ދަންވަރު 12:00 އާއި 2:00 އާ ދެމެދުގައި ވެސް ދިޔަވަރު ބޮޑުވާނެ އެވެ.
ރާޅުގެ އުސްމިން އާންމު ގޮތެއްގައި ހުންނާނީ ތިން ފޫޓާއި ހަ ފޫޓާ ދެމެދުގަ އެވެ.
ރާއްޖޭގެ ދެކުނުގެ ބައެއް ރަށްތަކަށް އިއްޔެ ވެސް ވަނީ އުދަ އަރައިފަ އެވެ. އެގޮތުން ފުވައްމުލަކާއި ގދ. ހޯނޑެއްދުއަށް އިއްޔެ ވަނީ ކޮންމެވެސް ވަރަކަށް އުދަ އަރައިފަ އެވެ.
ފާއިތުވި އަހަރުތަކުގައި ރަށްރަށަށް އުދަ އަރައި، ވަރަށް ބޮޑެތި ގެއްލުންތައް ލިބިފައިވެ އެވެ. އަދި ސިނަމާލެ ބްރިޖާއި ހުޅުލެއާ ގުޅޭ ހިސާބަށް މިދިޔަ އަހަރު ވަރަށް ބޮޑަށް އުދަ އެރި އެވެ. އެ ސަރަހައްދަށް އެރި ބޮޑު ރާޅަކާ އެކު، އެ ވަގުތު އެތަނުން ދަތުރުކުރި ސައިކަލްތައް ކަހާލައިގެން ވެއްޓި، ގެއްލުންތައް ލިބުނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy