20 އޮކްޓޯބަރ 2024 - 12:22
މެންޗެސްޓާ (އޮކްޓޯބަރު 20) – ބްރެންޓްފޯޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ރޭ ކުޅުނު މެޗުގެ މުހިންމު ވަގުތު، މިޑްފީލްޑަރު މެތިއަސް ޑިލިޓް ދަނޑުން ބޭރަށް ފޮނުވާލުމުން ކޯޗު އެރިކް ޓެން ހަގް ރުޅިގަދަ ވެއްޖެ އެވެ.
ފަހަތުން އަރައި ޔުނައިޓެޑުން 2-1 ން މޮޅުވި މެޗުގައި، ބްރެންޑްފޯޑުން ލީޑް ނެގި ކޯނަރުގައި އީތަން ޕިނިކް އެވެ.
އެ ލަނޑު ޖެހި ވަގުތު ޑިލިޓް ދަނޑުގައި ނެތެވެ. އޭނާގެ ބޮލުގައި ހިކިފައި ހުރި ލޭކޮޅެއް ހުރުމުން ފަރުވާ ހޯދަން ދަނޑުން ބޭރަށް ފޮނުވައިލި އެވެ. އެއީ ލޭ އައިސްގެން އޭނާ އަށް ފަރުވާ ދިން ތިން ވަނަ ފަހަރެވެ.
ޓެން ހަގް ބުނީ މެޗުގައި އޭގެ ކުރިން ދެ ފަހަރު ފަރުވާދިނުމުން، ދެން ފެންނަން ހުރި ލޭތަކަކީ ހިކިފައި ހުރި ލޭތައް ކަމަށެވެ. އެ ލޭ ފެނިގެން، ރެފްރީ އެންގީ ޑިލިޓް ދަނޑުން ބޭރަށް ގޮސް ފަރުވާ ހޯދުމަށެވެ. އެ ވަގުތު ބްރެންޓްފޯޑުން ކޯނަރު ނަގަން ތައްޔާރު ވަނީ އެވެ. އެ ކޯނަރުގައި ލަނޑު ޖެހި އެވެ.
ޓެން ހަގް ބުނީ އެކަހަލަ މުހިންމު ވަގުތެއްގައި ޑިލިޓް ދަނޑުން ބޭރަށް ފޮނުވާލުމުން ވަރަށް ރުޅި އައި ކަމަށެވެ.
"އަހަންނަކަށް ނޭނގެ އޭނާ ދަނޑުން ބޭރަށް ފޮނުވާލި ސަބަބެއް. އަހަރެން މެތިސް ކައިރީގައި އެހީމަ އޭނާ ބުނީ ހިކިފައި ހުރި ލޭތަށް ފެނިގެން ފަރުވާ ހޯދަން ރެފްރީ އެންގީ ކަމަށް. އަހަންނަކަށް ނޭނގެޔާ އަނެއްކާ ވެސް ފަރުވާ ހޯދަން އެންގި ސަބަބެއް. އެއީ މެޗުގެ ވަރަށް މުހިންމު ވަގުތުކޮޅެއް. ސަބަބަކީ ކޯނަރުތަކުގައި ބްރެންޓްފޯޑުން ވަރަށް ރަނގަޅަށް މަސައްކަތް ކުރާ ކަލްބެއް،" ޓެން ހަގް ބުންޏެވެ.
ޓެންހަގްގެ އެސިސްޓެންޓް ކޯޗު ޔުނައިޓެޑްގެ ކުރީގެ ކުޅުންތެރިޔާ ރޫޑް ވެން ނިސްޓްރޯއީ މެޗުގެ ހާފު ޓައިމުގައި ބަދަލު ރެފްރީ ކައިރީގައި ހިތްހަމަނުޖެހުން ފާޅު ކުރުމުން ރީނދޫ ކާޑް ދެއްކި އެވެ.
ޓެން ހަގް ބުނީ ހާފް ޓައިމްގައި އޭނާ ވަރަށް ރުޅި އައި ކަމަށެވެ.
"ހާފް ޓައިމްގައި އަހަރެމެން ތިބީ ވަރަށް ރުޅިގަދަ ވެފައި،" ޓެން ހަގް ބުންޏެވެ.
ދެ ވަނަ ހާފުގައި ޔުނައިޓެޑް މޮޅުކޮށް ދިން ލަނޑުތައް ޖެހީ އަލްހެންޑްރޯ ގާނާޗޯ އާއި ރަސްމުސް ހޮއިލަންޑެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy