ބަޖެޓު ކޮމިޓީ. ބަޖެޓު ކޮމިޓީގެ މަސައްކަތް ނިންމާނެ ދުވަހަކަށް ނޮވެމްބަރު 20 ވަނީ ކަނޑައަޅާފައި -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
04 ނޮވެމްބަރ 2024 - 11:33
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ދިރާސާ ކުރުމުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީން މިއަދު ނިންމައިފި އެވެ.
މިއަދުގެ ބަޖެޓް ކޮމިޓީގައި ވަނީ ބަޖެޓް ދިރާސާކުރާނެ ޓައިމްލައިނެއް އެކުލަވައިލާފަ އެވެ. ބަޖެޓު ކޮމިޓީގެ މުގައްރިރަކަށް ފުވައްމުލަކު މެދު ދާއިރާގެ މެންބަރު އަލީ ފަވާދު ވަނީ ހަމަޖައްސައިފަ އެވެ. އަދި ނައިބު މުގައްރިރަކަށް އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވަނީ ހަމަޖައްސައިފަ އެވެ.
މިއަދުގެ ކޮމިޓީގައި ވަނީ ބަޖެޓުގެ މަސައްކަތް މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން ނިންމުމުގެ އިތުރުން އޮޑިޓް އޮފީހާއި އެމްއެމްއޭ އިން ބަޖެޓާ ގުޅޭ ގޮތުން ހުށަހަޅާ ބަޔާން ހުށަހެޅުމަށް އެދެން ވެސް ނިންމައިފަ އެވެ. އަދި މިނިވަން މުއައްސަސާތަކުގެ ބަޖެޓާ ގުޅޭ ތަފްސީލު ހޯދުމާއި ވަކިވަކި އޮފީސްތަކާ ގުޅޭ ބަޖެޓުގެ ތަފްސީލު ވެސް އެ ހޯދުމަށް އިދާރާތަކަށް ސިޓީ ފޮނުވަން ނިންމާފައިވެ އެވެ.
އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 57 ބިލިއަން ރުފިޔާ ފާސް ކުރުމަށް މަޖިލީހަށް ހުށަހެޅީ މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ. އެ ބަޖެޓްގައި، އަންނަ އަހަރު އާމްދަނީގެ ގޮތުގައި 39.8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ރިކަރަންޓް ހަރަދުގެ ގޮތުގައި 36 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. އެއީ މުޅި ބަޖެޓުގެ 64 ޕަސެންޓެވެ. އަދި ކެޕިޓަލް ހަރަދަކީ 13.4 ބިލިއަން ރުފިޔާ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެކްސްް
04 November 2024
މިހާރުގެ މަޖިލީހުން ތިމަސައްކަތް 10 މިނިޓު ތެރޭ ނިންމާލެވޭނެ. އެމީހުން އެހާވެސް ކުޅަދާނަ.