ތެލުވެލިގާ ރިސޯޓް: ލޯނެއް ނުދެއްކުމުން އެތަން ވިއްކާލަން އަނެއްކާވެސް ބޭންކަށް ވަނީ ހުއްދަ ދީފައި
06 ނޮވެމްބަރ 2024 - 15:50
ލޯނު ނުދެއްކިގެން އދ. ތެލުވެލިގާ ރިޓްރީޓް ރިސޯޓް ވިއްކާލަން ސިވިލް ކޯޓުން އަނެއްކާވެސް ބޭންކަށް އަންގައިފި އެވެ.
ލޯނެއް ނުދެއްކިގެން ތެލުވެލިގާ ވިއްކާލުމުގެ ހުއްދަ ސިވިލް ކޯޓުން މިދިޔަ މާޗް މަހު އެންގީ ބީލަން ފެށޭ އަގެއްގެ ގޮތުގައި 21 މިލިއަން ޑޮލަރު ކަނޑައެޅުމަށްފަހު އެ ރިސޯޓް ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް ސިލޯންއަށް ދީފަ އެވެ. ނަމަވެސް އެ އަގަށް އެތަން ވިއްކާލެވިފައެއް ނުވެ އެވެ.
ސިވިލް ކޯޓުން މިއަދު ނިންމި ނިންމުމުގައިވަނީ މިދިޔަ މާޗް މަހު ދިން ހުއްދައިގެ ދަށުން، ރިސޯޓު ގަންނަން ހުށަހަޅާފައިވަނީ 9.9 މިލިއަން ޑޮލަރަށް ކަމަށެވެ. އެހެންވެ، އަނެއްކާވެސް 21 މިލިއަން ޑޮލަރަށް އެ ރިސޯޓު ވިއްކާލަން އެއް މަސް ދުވަހުގެ މުއްދަތެއް ބޭންކް އޮފް ސިލޯނަށް ދޭ ކަމަށާއި އަދި އެ އަގުގައި އެ ރިސޯޓް ވިއްކާނުލެވިއްޖެ ނަމަ، ދެ މަސް ދުވަހުގެ ތެރޭގައި ރިސޯޓްގެ އަގުން 35 ޕަސެންޓް އުނިކޮށް، ރިސޯޓް ވިއްކާލުމުގެ ހުއްދަ ބޭންކަށް އޮންނާނެ ކަމަށް ވެސް އެ ނިންމުމުގައިވެ އެވެ.
އެ މުއްދަތުގައި ވެސް ރިސޯޓް ވިއްކާ ނުލެވިއްޖެނަމަ، އެކަން ކޯޓަށް އަންގަން ޖެހޭނެ ކަމަށް އެ ނިންމުމުގައިވެ އެވެ.
ތެލުވެލިގާ ރިޓްރީޓް ވިއްކާލަނީ ކާސްޓް އަވޭ މޯލްޑިވްސުން ބޭންކް އޮފް ސިލޯނުން ނެގި ލޯނަކަށް ފައިސާ ނުދެއްކުމުންނެވެ. މިހާތަނަށް 9.1 މިލިއަން ޑޮލަރު އެ ލޯނަށް ދައްކަން ޖެހެ އެވެ. އެ ލޯނަށް ގެރެންޓީ ދީފައިވަނީ ކުރީގެ ފިޝަރީޒް މިނިސްޓަރު ހުސައިން ހިލްމީ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy