އަނބިމީހާގެ ހަނދާނުގައި ރަށު ސްކޫލުގައި މިސްކިތް އެޅުމުން ހަނދާނީ ފިލާއެއް ދެނީ.- ފޮޓޯ: ހުރާ ސްކޫލު
07 ނޮވެމްބަރ 2024 - 15:16
ސިކުނޑީގެ ޓިއުމަރުގައި ކުއްލިއަކަށް ނިޔާވި އަނބިމީހާ އައިޝަތު ޝިފާގެ ހަނދާނުގައި، އެ މީހުންގެ ދިރިއުޅުން ބިނާކުރަމުން އައި ކ. ހުރާ ސްކޫލްގައި އޭނާގެ ފިރިމީހާ މުހައްމަދު ޝާހިދު މިސްކިތެއް އިމާރާކޮށްދީފި އެވެ.
އެ ސްކޫލްގެ ފޭސްބުކް ޕޭޖުގައި ކުރި ޕޯސްޓެއްގައި ވަނީ ކުދިންނާއި މުވައްޒަފުން އަދި ސްކޫލަށް ޒިޔާރަތްކުރާ މީހުންނަށް ހާއްސަ ކޮށްގެން ހެދި "މަސްޖިދުއް ޝިފާ"ގެ ނަމުގައި މިސްކިތެއް ބިނާކޮށްދިނުމުން ޝުކުރު އަދާކޮށްފަ އެވެ.
ހދ. ވައިކަރަދު އަށް އުފަން ޝިފާ، ނޮވެމްބަރު 30، 2021 ގައި ނިޔާވީ ސިކުނޑީގައި ޓިއުމަރެއް ހުރި ކަން އެނގުނުތާ ހަފުތާއެއްގެ ތެރޭގަ އެވެ. އުމުރުން 25 އަހަރުގައި އޭނާ ވަކިވިއިރު އޮތީ އުމްރާގެ އަޅުކަމަށް ވެސް ފައިސާ ދައްކައިފަ އެވެ.
ޝާހިދު، "މިހާރު" އަށް ކުރިން ދިން އިންޓަވިއުއެއްގައި ބުނީ ޝިފާ އަބަދު ވެސް ބޮލުގައި ރިއްސާތީ، އެއް ފަހަރަކު މާލެ އަށް އައި ދަތުރެއްގައި އައިޖީއެމްއެޗުން ސީޓީ ސްކޭނެއް ހެދި ކަމަށެވެ. ނަމަވެސް ކޮވިޑާ އެކު މުޅި މާލެ ބަންދުކުރުމުން ސްކޭން ނަގައި، ޑޮކްޓަރަށް ދައްކަން ދެވޭ ގޮތެއް ނުވި ނުދެވުނެވެ.
އޭގެ ފަހުން، ހާލަތު ގޯސްވާން ފެށުމުން ރަށު ހެލްތު ސެންޓަރަށް ގެންދިޔަ އެވެ.
އަނބިމީހާގެ ހަނދާނުގައި ހުޅުވި މިސްކިތުގައި ކުދިންތަކެއް ކިޔަވަނީ.- ފޮޓޯ: ހުރާ ސްކޫލު
"... އަނބީމީހާ އަށް އަނެއްކާ ވެސް ހޮނޑުލެވުނީމާ ދޮވެ ސާފުކޮށްފައި ބޭއްވީ. އެކަމަކު އޭރު ސައިބޯން އެއްޗެހި ގެނެސްދޭން ވެގެން ވާހަކަ ދެއްކި ވަގުތު ވާހަކަ ހުރި ގޮތުން އެނގިއްޖެ ހަމަ ނޫން ކަން. އެހެންޏާ ހިތްހަމަނުޖެހިފައި ބާރަށް އެއްވެސް އެއްޗެއް ނުބުނާނެ. އެކަމަކު އެ ދުވަހު ނުކާނަމޭ ކިޔާފައި ބުނީމާ އެނގިއްޖެ ގޯސްކަން. އެހެންވެ ގޮވައިގެން ދިޔައީ ހެލްތު ސެންޓަރަށް،" ޝާހިދު ބުންޏެވެ.
އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެނެސް ފަރުވާ ދޭން ފެށި އެވެ. އެކަމަކު، އޭރު ވެސް ސިކުނޑި މަރުވެފައިވާ ކަމަށް ޑޮކްޓަރުން ބުނި ކަމަށް ޝާހިދު ބުންޏެވެ.
ބަލީގައި ހާލަތު ގޯސްވާން ފެށުމުން އައިސީޔޫ ރޫމުން ބޭރަށް ދާން އެންގުމުން ޝާހިދު އެކުވެރިޔަކާ އެކު، ދިޔައީ ދެ ރަކުއަތުގެ ނަމާދެއް ކުރާށެވެ. އަނބިމީހާގެ މަރުގެ ޚަބަރު އެކުވެރިޔާ ދިނީ ޝާހިދު ނަމާދަށް އިންދަ އެވެ.
"ފަހުން ޑޮކްޓަރުން ބުނި ކިޑްނީ ވެސް ފެއިލްއޭ. އެކަމަކު އަނބިމީހާ މަރުވެފައި އޮއްވައި ފެނުނުއިރު އޮތީ ވަރަށް ރީއްޗަށް. މޫނު މަތިން ހިނިތުން ވުމެއް ފެނުނީ،" ޝާހިދު ބުންޏެވެ.
ޝިފާ ނިޔާވިއިރު އިރު އޭނާގެ ހަ އަހަރުގެ ކުއްޖަކާއި ހަތަރު އަހަރުގެ ކުއްޖަކު ދުނިޔޭގައި ތިއްބެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އައިމިނާ
07 November 2024
ވަރަށް ތެދުވެރި އިޚްލާސްތެރި ފިރިއެއް ޝިފާއަށް ލިބުނީ. ރަޙްމަތްލައްވާށި.
ސައްޙާފް
07 November 2024
މާތްﷲ ތިޔަ އަމަލު ގަބޫލުކުރައްވައި، ޝިފާއަށް މަންފާކުރަނިވި ސަދަގާތެއް ކަމުގައި ލައްވާށި. އަދި މި ޢަމަލުން އިތުރު ބަޔަކަށް މިފަދަ ދެމިގެންދާ ސަދަގާތްކުރުމަށް ހިތްވަރެއްކަމުގައި ލައްވާށި.
ދޭދުނި
07 November 2024
ނަމޫނާ ފިރިން. ތިބާއާއި ކުދިންގެ ހަޔާތް ބާއްޖަވެރި ކުރައްވާ މަސައްކަތުގަ ބަރަކާތް ލައްްްވާށި. ނިޔާވި ޝިފާގެ ފާފަފުއްސަވާ ސުވަރުގެ މިންވަރުކުރައްވާށި. އާމީން
ނަމޫނާ
08 November 2024
ނަމޫނާ އަނބިންނަށް ލިބޭނީ ނަމޫނާ ފިރިން.