މިދިޔަ އަންގާރަ ދުވަހުގެ ރޭ ނިޔާވި އައިޝަތު ޝިފާ އަށް އޭނާގެ ސިއްހީ މާބޮޑު މައްސަލައެއް ހުރި ކަމުގެ އިހުސާސެއް ކުރެވިފައެއް ނެތެވެ. ބޮލުގައި ރިއްސުމަކީ އޭނާ އަށް އާންމު ކަމެކެވެ. އެއީ މާބޮޑު ކަމަކަށް ވެގެންނެއް ނޫޅެ އެވެ. މާ ބޮޑަށް ރިއްސާ ނަމަ ބައެއް ފަހަރު ޕެނަޑޯލް ގުޅައެއް ކާލައިގެން ލުއިވީމާ ހުންނަނީ އެވެ.

ހދ. ވައިކަރަދު އަށް އުފަން ޝިފާ 25، ނިޔާވީ އޭނާގެ ބޮލުގައި ރިއްސާ ސަބަބަކީ ސިކުނޑީގެ ޓިއުމަރެއްކަން އެނގުނުތާ ހަފުތާއެއްހާ ދުވަހުގެ ތެރޭގަ އެވެ؛ ސިކުނޑި މަރުވެ އުއްމީދު ކަނޑާލާފައި އޮއްވަ އެވެ.

ޝިފާގެ ފިރިމީހާ، މުހައްމަދު ޝާހިދު ބުނި ގޮތުގައި މީގެ އަށް އަހަރު ކުރިން ކައިވެނިކޮށް އޭނާގެ ރަށް ކ. ހުރާގައި އުޅެމުން ދިޔައިރު ވެސް ބޮލުގައި ރިއްސުން އެއީ ދޭތެރެއަކުން ދިމާވާ ކަމެކެވެ. ބައެއް ފަހަރު ޕެނަޑޯލް ކައިގެން ލުއި ވީމާ، މާ ސީރިއަސް ކަމެއްގެ ގޮތުގައި އެ މީހުންނަށް އޭރު ނުބެލެވުނީ އެވެ.

އެކަމަކު މާލެ އަށް ކުރި ދަތުރެއްގައި އައިޖީއެމްއެޗުން ސީޓީ ސްކޭނެއް ހެދި އެވެ. ނަމަވެސް، ކަން ދިމާކުރި ގޮތުން ކޮވިޑާ އެކު މުޅި މާލެ ބަންދުކުރުމުން ސްކޭން ނަގައި، ޑޮކްޓަރަށް ދައްކަން ދެވޭ ގޮތެއް ނުވި ނުދެވުނެވެ.

"އެކަމަކު އެހާ ސީރިއަސް ވެގެނެއް ނޫން. މާލެ ދިޔަ ދަތުރެއްގައި ސީޓީ ސްކޭނެއް ހަދާލީ. އެކަމަކު ލޮކްޑައުންއާ އެކީގައި ދެން ހަނދާން ވެސް ނެތުނީ އޭތި ދައްކާލަން. ހަމަ ބެކް ޓު ނޯމަލް. އޭގެ ފަހުން ވެސް ބޮލުގައި ރިއްސާލާ ދޭތެރެއަކުން. ހަމަ ބޭސްކޮޅެއް ކާލާއިރަށް ރަނގަޅުވޭ،" މުޅި ދިރިއުޅުން ބަދަލުވެގެން ދިޔަ ގޮތް ކިޔައިދެމުން ޝާހިދު ބުންޏެވެ.

އެކަމަކު، މީގެ ހަފުތާއެއްހާ ދުވަސް ކުރިން މާލެ އައިސް، އަނބިމީހާ އަށް އެ އުނދަގޫތައް ވާތީ އީވް ކްލިނިކަށް ދެއްކި އެވެ. އޭނާ ބުނި ގޮތުގައި އެ ތަނަށް ދެއްކީ އައިޖީއެމްއެޗުންނާއި އޭޑީކޭ ކަހަލަ ތަންތަނުން ކަރުން މަތީގެ ޑޮކްޓަރަކަށް ދެއްކުމަށް އެޕޮއިންޓްމަންޓް ހައްދައިގެން މަސް ދުވަސްވާއިރު ވެސް އެޕޮއިންޓްމަންޓް ނުލިބި ލަސްވާތީ އަވަހަށް ދެއްކޭނެ ގޮތެއް ހޯދާށެވެ.

އެ ކްލިނިކުން ބެލި ޑޮކްޓަރު ބުނި ގޮތުގައި ޝިފާގެ ބޮލުގައި ރިއްސަނީ ކަންފަތުގައި އުފެދުނު އިންފެކްޝަނެއްގެ ސަބަބުންނެވެ. އެހެންވެ ދިނީ ކަންފަތަށް އަޅާނެ ބޭހެކެވެ.

އެމީހުން އެނބުރި ރަށަށް ދިޔައީ އަނބިމީހާގެ ބޮލުގައި ރިހުމަށް ފަރުވާއެއް ލިބުނީ ކަމަށް އުއްމީދު ކޮށްގެންނެވެ. ނަމަވެސް އޭގެ ދެ ދުވަހެއް ފަހުން އަނެއްކާ ބޮލުގައި ރިއްސަން ފެށީ، ރޭގަނޑު އާއިލާގެ މެމްބަރުންނާ އެކު ހިނގައިލަން ނުކުމެ އުޅެނިކޮށެވެ.

"އަޅުގަނޑުމެން މި މަހު 22 ގައި އުމްރާއަކަށް ދާން ވެގެން ތައްޔާރުވަމުން އައީ. ލާރި ވެސް ދައްކާފައި ވީ. އެހެންވެ އެކޮޅަށް ގޮސް ވަރަށް ހިނގަން ޖެހޭނެތީ އަންހެނުން ވެސް ބަލިވެ އުޅެމުން ވެސް ދައްތަމެންނާ އެކީ މިކޮޅުގައި ހިނގާލައި ހަދާލަން ނިކުތީ. އެކަމަކު އެރޭ ބޭރުގައި އުޅެނިކޮށް ބޮލުގައި ރިއްސަން ފެށީ،" ހާލަތު އިތުރަށް ގޯސްވަމުން ދިޔަ ގޮތް ޝާހިދު ކިޔައިދިނެވެ.

އެރޭ ގެއަށް ދިޔަ ގޮތަށް ވެސް ޝިފާ އުޅުނީ ބޮލުގައި ވަރަށް ބޮޑަށް ރިއްސާތީ އެވެ. އެހެންވެ ޑޮކްޓަރަށް ދައްކަން ދާން ފިރިމީހާ އޭނާގެ ކައިރީ އެދުމުން ވެސް ބުނީ، އެއީ އާންމު ކަމެއް ކަމަށާއި ދެ ގުޅަ ޕެނަޑޯލް ގެނެސްދިނުމަށެވެ.

"އެއްކަލަ ގޮތަށް ރިއްސަނީއޭ ބުނީ. ދެން ހަމަ ޕެނަޑޯލް ކާލާއިރަށް ރަނގަޅުވެދާނެއޭ ބުނީ. ހަނދާން ނެތިގެން ކަންފަތަށް ބޭސް ނާޅައޭ މިއަދު މި އުޅެނީ. އެކަމަކު އެ އެޅިޔަސް ގޮތެއް ނުވެޔޭ. ގެނެސްދޭށޭ ޕެނަޑޯލް ބުނީ. އެ ކައިގެން ބޮލުގައި ފިރުމައިދޭން ފެށީމާ އެބަ ރަނގަޅުވެއޭ ވެސް ބުނި. އެކަމަކު އެހެން ބޮލުގައި ފިރުމައިދޭން އޮއްވައި އަޅުގަނޑަށް ނިދި ޖެހިއްޖެ. ހޭލެވުނީ އަންހެނުން ފާހާނާ އަށް ވަދެ ހޮޑުލާ އަޑަށް،"

ހޮޑުލެވުމުން ބޮލަށް ވަރަށް ބޮޑަށް ލުއިވި ކަމަށް ޝިފާ ފިރިމީހާ ގާތު ބުންޏެވެ. އެހެންވެ އެރޭ އަރާމުކޮށްލަން އޮތް ނަމަވެސް ހެނދުނު އަނެއްކާ ވެސް ވަރަށް ބޮޑަށް ހޮޑުލެވުނެވެ.

"އަނބީމީހާ އަށް އަނެއްކާ ވެސް ހޮނޑުލެވުނީމާ ދޮވެ ސާފުކޮށްފައި ބޭއްވީ. އެކަމަކު އޭރު ސައިބޯން އެއްޗެހި ގެނެސްދޭން ވެގެން ވާހަކަ ދެއްކި ވަގުތު ވާހަކަ ހުރި ގޮތުން އެނގިއްޖެ ހަމަ ނޫންކަން. އެހެންޏާ ހިތްހަމަނުޖެހިފައި ބާރަށް އެއްވެސް އެއްޗެއް ނުބުނާނެ. އެކަމަކު އެ ދުވަހު ނުކާނަމޭ ކިޔާފައި ބުނީމާ އެނގިއްޖެ ގޯސްކަން. އެހެންވެ ގޮވައިގެން ދިޔައީ ހެލްތު ސެންޓަރަށް،" އަސަރާ އެކު ޝާހިދު ބުންޏެވެ.

"އޭރު ވެސް މީހާގެ ހަރަކާތާ އެއްޗެހި ހުރީމައާ އެކީގައި ނޭނގޭނެތާ މިވާން އުޅޭ ގޮތެއް،"

ހެލްތު ސެންޓަރަށް ގެންދިއުމުން އެތަނުގެ ޑޮކްޓަރު ބަލާފައި ބުނީ "އަނެއްހެން އޯކޭ" ކަމަށެވެ.

"އައިވީ ގުޅާގައި ގައިގަ ވަރު ޖެހުނީމާ ރަނގަޅުވާނެއޭ ބުނީ. އެކަމަކު ފަހަރެއްގައި މެންދުރުފަހު މާލެ ދާން ޖެހިދާނެ ކަމަށް ބުނީ. އޭރު އެ މީހުންނަށް ވެސް ހީވީ ރޭގަނޑު ނުކައި ހުރީމާ ވެގެން އުޅޭ ގޮތެއް ކަމަށް. އެކަމަކު ސަކަރާތް ވެދާނެތީ މާލެ ދާން ރެޑީގައި ތިބެން ބުނީ،"

ހުކުރު ދުވަހުގެ މެންދުރެއްހާއިރު ޑޮކްޓަރު އެތަނުން ދިއުމުގެ ކުރިން، އެންމެ ފަހު ބަލައިލުމަކަށް ޝިފާގެ ލޯ ހުޅުވާލައި ބަލާލިއިރު އޭނާ އޮތީ ހުއްޓިފަ އެވެ.

"ހިތް ހުއްޓިފަ އޮތް ކަމަށް ވަނީ. މިކޮޅުން ސީޕީއާރު ދެމުން، އޮކްސިޖަން ދީގެން އައިޖީއެމްއެޗަށް ގެންދިޔައީ. އެ ހޮސްޕިޓަލުގައި ވެސް ދެވަނަ ފަހަރަށް ހިތް ހުއްޓިގެން ސީޕީއާރު ދިން،"

ޝިފާ އަށް ވެގެން އުޅޭ ގޮތެއް އެނގުނީ އޭނާ ހާލަތު އެހާ ބޮޑަށް ގޯސްވި ދަނޑިވަޅުގަ އެވެ. އެތަނުން ހެދި ސީޓީ ސްކޭންގެ ނަތީޖާ ދައްކާ ގޮތުން މުޅި ސިކުނޑި އޮތީ ދުޅަވެފަ އެވެ.

"ޓިއުމަރެއް ކަހަލަ އެއްޗެއް އިނީ ސިކުނޑީގެ އެންމެ މުހިއްމު ހިސާބުގައި. ޑޮކްޓަރުން ބުނީ މައިބަދަ ކައިރި ނާރުތަކަކަށް ދަތުރުކުރާ ހިސާބުގައި ކަމަށް އިނީ. އެހެންވެ މުޅި ސިކުނޑި ދުޅަވެފައި އޮތީމާ ކުރެވޭނެ ކަމެއް ނެތޭ ބުނީ،"

ފަހުން ޑޮކްޓަރުން ބުނީ އަންހެނުންގެ ސިކުނޑި އޮތީ އެއްކޮށް މަރުވެފައޭ. އުއްމީދެއް ނެތޭ އެހެންވީމާ. އެކަމަކު ސިކުނޑީގެ ދުޅަ ތިރިވެއްޖެއްޔާ ވަގުތުން އޮޕަރޭޝަން ކުރާނަމޭ. އެ ދުވަސް ދިޔައީ އެގޮތަށް ދުއާކޮށްކޮށް ތިބީ: ފިރިމީހާ

ދެވަނަ ދުވަހު ވެސް އައިޖީއެމްއެޗްގެ ޑޮކްޓަރުން ދިނީ ހަމަ މި ޖަވާބެވެ. އެއްކޮށް ސިކުނޑި މަރުވެފައިވާތީ ޝިފާ އަނބުރާ ފުރިހަމަ ސިއްހަތެއްގައި ގެނެވޭނެ ކަމުގެ އުއްމީދު ނެތްކަމުގެ ޚަބަރު ދިނެވެ.

"ހާޓް ބީޓް އެބަ ހުއްޓޭ. އެކަމަކު ނޭވާ ލަނީ އޮކްސިޖަންގެ އެހީގައޭ،"

ޝިފާގެ ހާލަތާ ގުޅޭ މައުލޫމާތު ޑޮކްޓަރުން ކޮންމެ ރެއަކު ވެސް އައީ ދެމުންނެވެ. އޭނާގެ ހާލަތަކަށް މާބޮޑު ބަދަލެއް ނާދެ އެވެ. މިދިޔަ އަންގާރަ ދުވަހުގެ ރޭ ވެސް ޝާހިދު ގާތު އެންމެ ފަހުން ޑޮކްޓަރުން ބުނީ ވެސް އުއްމީދެއް ނެތް ވާހަކަ އެވެެ.

"އައިސީޔޫ އަށް ފިރިމީހާ އަށް ވަންނަން ފުރުސަތު ދިނީމާ އަޅުގަނޑު އެރޭ ވަތް އިރު ވެސް ހާޓް ބީޓް ހުރީ ރަނގަޅަށް. އަޅުގަނޑު ކައިރީ ހުރެގެން ޝަހާދަތްލައި ދެމުންދަނިކޮށް މަޑުމަޑުން ހާޓް ބީޓް ދަށްވާން ފެށީ،"

ހާލަތު ގޯސްވާން ފެށުމުން އެތަނުން ބޭރަށް ދިއުމަށް ޝާހިދަށް އެންގުމުން އޭނާ، އެކުވެރިޔަކާއެކު ދިޔައީ ދެ ރަކުއަތުގެ ނަމާދެއް ކޮށްލާށެވެ. އަނބިމީހާގެ މަރުގެ ޚަބަރު އެކުވެރިޔާ ދިނީ ޝާހިދު ނަމާދަށް އިންދަ އެވެ.

"ފަހުން ޑޮކްޓަރުން ބުނި ކިޑްނީ ވެސް ފެއިލްއޭ. އެކަމަކު އަނބިމީހާ މަރުވެފައި އޮއްވައި ފެނުނުއިރު އޮތީ ވަރަށް ރީއްޗަށް. މޫނު މަތިން ހިނިތުން ވުމެއް ފެނުނީ."

ހިތް ކުދިކުދިވެފައި ހުރި ޝާހިދަށް އަނބިމީހާގެ އެންމެ ފަހުގެ އެ ހިނިތުންވުމުން ކުޑަ ނަމަވެސް ހިތްހަމަޖެހުމެއް ލިބުނެވެ.

"މޫނު ބަލާ ތަނަށް ގޮސްފަ ވެސް އާއިލާގެ އެންމެން ދެރަވިޔަސް ނުރޮވި އެންމެނަށް ވެސް ހަމަޖެހުނީ އަނބިމީހާ ހެވިފައި އޮތް ގޮތް ފެނިފައި،"

ޝާހިދު ކިޔައިދިން ގޮތުގައި އޭނާގެ އަނބިމީހާ އަކީ ވަރަށް ރަނގަޅު މީހެކެވެ. ގަޑިންގަޑިއަށް ނަމާދުކުރެ އެވެ. ޝާހިދުގެ މަންމަ އަށް ވެސް އެހާ ރަނގަޅެވެ. މީގެ ހަ ދުވަސް ކުރިން ހާލަތު ގޯސްވެ އައިސީޔޫއަށް ލުމުގެ ކުރިން ވެސް ޝިފާގެ އެންމެ ފަހު ޕޯސްޓް ހާއްސަަވަނީ އޭނާގެ މައިންބަފައިންނަށެވެ. ފެންނަނީ އޮތް ލޯތްބާއި އިހުތިރާމެވެ.

ޝިފާ ނިޔާވިއިރު އިރު އޭނާގެ ހަ އަހަރުގެ ކުއްޖަކާއި ހަތަރު އަހަރުގެ ކުއްޖަކު ދުނިޔޭގައި އެބަތިއްބެވެ. ދެ ކުދިން ބަލަހައްޓާމުން ފިރިމީހާގެ ކެފޭ އާއި ފިހާރަ ބެލެހެއްޓުމުގެ ހުރިހާ ޒިންމާއެއް އަދާކުރި ޝިފާގެ ވަކިވުމުން އާއިލާ އަށް ލިބޭނެ ފަޅުކަން ބޮޑެވެ.