އެމެރިކާގެ އިންތިހާބީ ރައީސް ޑޮނަލްޑް ޓްރަމްޕް: އޭނާ ވެރިކަމަށް އިންތިހާބުވި އިރު އޮތީ ޖިނާއީ ކުށެއް ސާބިތުވެފައި. -- ފޮޓޯ: އޭއެފްޕީ
13 ނޮވެމްބަރ 2024 - 06:05
އެމެރިކާގެ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ސާބިތުވެފައިވާ ޖިނާއީ ކުށުގެ ދައުވާ ބާތިލްކޮށްފާނެ ކަމަށް ބެލެވޭ އަޑުއެހުން ފަނޑިޔާރު އަނެއްކާވެސް ފަސްކުރައްވައިފި އެވެ.
މިހާރު ތާވަލްކޮށްފައި ވަނީ މި މަހުގެ 19 ގައި ހުކުމް އިއްވާށެވެ.
ޓްރަމްޕް، ބަރަހަނާ ފިލްމުކުޅޭ އަންހެނަކާ އެކު ހިންގި ކަމަށް ބުނާ ނަހަމަ ގުޅުމުގެ ވާހަކަ ސިއްރުކުރުމަށް 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ތެރޭ ފައިސާ ދީ، އެ ފައިސާގެ އަސްލު އޮޅުވާލަން ވިޔަފާރީގެ ރެކޯޑްތައް ބަދަލުކުރި ކަމަށް ޖޫރީއަކުން ނިންމުމުން މިދިޔަ މެއި މަހު ޓްރަމްޕްގެ މައްޗަށް ވަނީ ކުށުގެ 34 ދައުވާއެއް ސާބިތުވެފަ އެވެ.
މި މަހުގެ 26 ވަނަ ދުވަހު ހުކުމް އިއްވަން ހަމަޖައްސާފައި ވާއިރު، ރައީސުންނަށް ލިބިދޭ ހިމާޔަތާއި ރައްކާތެރިކަމާ ބެހޭގޮތުން ސުޕްރީމް ކޯޓުން އެންމެ ފަހުން ނިންމި ނިންމުމަށް ބަލައި، ފަނޑިޔާރު ހުއާން މާޗަން މި ދައުވާ ބާތިލްކުރެއްވުމުގެ ފުރުސަތު އެބަ އޮތެވެ. އެހެން ވެއްޖެ ނަމަ އެކަން ވާނީ ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ޓްރަމްޕަށް ލިބިވަޑައިގަންނަވާ ގާނޫނީ ވަރަށް ބޮޑު ކާމިޔާބީއަކަށެވެ.
ޓްރަމްޕް ވެފައިވަނީ ޖިނާއީ ކުށެއް ސާބިތުވެފައި ވަނިކޮށް އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވި ފުރަތަމަ ކެންޑިޑޭޓަށެވެ. ދައުވާ ބާތިލް ނުކޮށްފި ނަމަ ޓްރަމްޕް ވެރިކަމާ ހަވާލުވެ ވަޑައިގަތުމުގެ ކުރިން ކުށުގެ އަދަބު ތަންފީޒުކުރަން ވެސް ޖެހިދާނެ އެވެ.
ސުޕްރީމް ކޯޓުން ނިންމާފައިވާ ގޮތުގައި ރައީސަކު މަގާމުގައި ހުންނަވައިގެން ކުރައްވާ ވަރަށް ގިނަ ކަންކަމަކީ ރަސްމީ ހައިސިއްޔަތުގެ ތެރެއިން ކުރައްވާ ކަންކަމެވެ، އެހެންވެ އެ ކަންކަމަށް ބޮޑު އިމްތިޔާޒެއް ލިބިގެންވާ ކަމަށް ވަނީ ނިންމައިފަ އެވެ.
އިންތިހާބާ ދިމާކޮށް ޓްރަމްޕްގެ ވަކީލުން ވަނީ ސުޕްރީމް ކޯޓުގެ ނިންމުމާ ގުޅިގެން އެ މައްސަލަ ބޭރުކޮށްލުމަށް އެދިވަޑައިގެންފަ އެވެ. އެކަމަކު ދައުލަތުގެ ވަކީލުން ވަނީ އެކަމާ ވަރަށް ބޮޑަށް ދެކޮޅު ހައްދަވައިފަ އެވެ.
ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ބަލައި މައްސަލަ ބޭރުކޮށްލައިފި ނަމަ، އުމުރުން 78 އަހަރުގެ ޓްރަމްޕަށް އަދަބު ކަނޑައެޅުމެއް ނޯންނާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy