15 ނޮވެމްބަރ 2024 - 08:15
ޔޫރަޕާއި ކެނެޑާ އަދި މެދުތެރޭ އޭޝިއާގެ ފުރާވަރުގެ ކުދިންނަށް އާއިލާގެ އެހީތެރިކަން ކުޑަވެ ސްކޫލްތަކުގެ ޕްރެޝަރު ކުރިން އޮތް ވަރަށް ވުރެ ބޮޑުކަމަށް އެ ކުދިން މިހާރު ބުނާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯ ޔޫރަޕުން ބުނީ ޢާއިލީ އެހީތެރިކަން ވަރަށް ބޮޑަށް ލިބޭ ކަމަށް ބުނި ދަރިވަރުންގެ ނިސްބަތް 2018 ވަނަ އަހަރު 73 ޕަސެންޓުގައި ހުރުމަށް ފަހު 2022 ވަނަ އަހަރު 67 ޕަސެންޓަށް ދަށްވެފައިވާ ކަމަށެވެ. އާއިލާގެ ސަޕޯޓް ލިބޭ ކަމަށް ބުނި ނިސްބަތް އަންހެން ކުދިންގެ މެދުގައި ވަކިން ދަށް ކަމަށާއި އެ ނިސްބަތް 72 ޕަސެންޓުން 64 ޕަސެންޓަށް ދަށަށް ގޮސްފައިވާ ކަމަށް ވެސް ބުންޏެވެ.
ސްކޫލުތަކުގެ ޕްރެޝަރު އިތުރުވަމުންދާ ކަމަށް ވެސް ދަރިވަރުން ބުނެފައިވާ ކަމަށް ރިޕޯޓްގައިވެ އެވެ.
އުމުރުން 15 އަހަރުގެ އަންހެން ކުދިންގެ ތެރެއިން 63 ޕަސެންޓް 2022 ވަނަ އަހަރު ބުނެފައިވަނީ ސްކޫލް މަސައްކަތްތަކުގެ ސަބަބުން ޕްރެޝަރު އިތުރުވެފައިވާ ކަމަށެވެ. މި ނިސްބަތް 2018 ވަނަ އަހަރު ހުރީ 54 ޕަސެންޓުގަ އެވެ. ފިރިހެން ކުދިންގެ މި ނިސްބަތް 40 ޕަސެންޓުގައި ހުރުމަށް ފަހު މިހާރު ހުރީ 43 ޕަސެންޓަށް މަތިވެފަ އެވެ.
ޑަބްލިއުއެޗްއޯގެ ޔޫރަޕްގެ ރީޖަނަލް ޑައިރެކްޓަރު ހާންސް ކްލޫޖް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، މިއަދުގެ ޒުވާން އުމުރުގެ ކުދިންނަށް އެކުދިންގެ އިޖުތިމާއީ މާހައުލުގައި ހީވެސް ނުކުރާ ފަދަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި ގޭގައި ލިބޭ އެހީތެރިކަން ކުޑަވުމެ، ސްކޫލުގައި ޕްރެޝަރު ބޮޑުވުމުން، އެކުދިންގެ ސިއްހަތާއި ކުރިމަގަށް އެކަމުގެ ނޭދެވޭ އަސަރު ދިގު މުއްދަތަކަށް ކުރާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
ޑަބްލިއުއެޗްއޯގެ މި ދިރާސާގައި ޔޫރަޕާއި ކެނެޑާ އަދި މެދުތެރޭ އޭޝިއާގެ 44 ގައުމެއްގެ 11 އަހަރާއި 13 އަހަރާއި 15 އަހަރުން ދަށުގެ ގާތްގަނޑަކަށް 280،000 ޒުވާނުން ބައިވެރިކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބުރާ
17 November 2024
ތިކަމުގެ އަސްލަކީ ކުދިންގެ ރައްކާތެރިކަަމަށް "ފުޅާކޮށް" ހެދިފައި ހުންނަ ގާނޫނުތައް. އެކުދިންނާ ދިމާލަށް އެއްޗެކޭ ބުނެވެނީކީ ނޫން، ކަމެއް ކުރުވަން ބާރު އެޅެނީކީ ނޫން، އަދަބެއް ދެވެނީކީ ނޫން. އެހެންވީމާ، ހުރިހާ ޕްރެޝަރެއް ސްކޫލަށް.
ހުސް ޚާއްޞައެހީ ދޭންޖެހޭ ކުދިން
15 November 2024
ދަންނަކަމަށް ހެދި، ހަޤީޤަތުގަ ނުދަންނަ ބެލެނިވެރިންގެ ސަބަބުން މިހާރުގެ ކުދިން ހަލާކުވަނީ، އެންމެ ކުޑަމިނުން ޝަހާދަތްކިޔާލަންވެސް ދަސްކޮށް މިދެނީ، ދީނީ އެންމެ ބޭސިކް ނޮލެޖްވެސް ބެލެނިވެރިންނަށް ނޭގެ، އަމިއްލަ މާދަރީ ބަހުން ރީތިކޮށް ދަރިންނާ ވާހަކަ ދައްކައުނުލާ، ކުދިންގެ ޠަބީޢަތާ އެއްގޮތަށް ޓީޗަރުގެ ވާހަކަ ބުނީމަ ކުއްޖާ ކައިރި ބަހައްޓާފަ ޓީޗަރާ ޙަޅޭލުމުގެ ޓީޗަރު އެގޮތަށް ކަމެއް ކުރީ، ބުނީ ދަރި ކިހިނެއް އުޅުނީމަތޯ އަހައިނުލެވޭ ކަނު ލޯބިވަނީ
ފެންވަރު
15 November 2024
ދުނިޔޭގެ ހުރިހާ ތަނެއްގަ ތައުލީމުގެ ފެންވަރު ދައްވެއްޖެ ކުރިއަރާފައިވާ ގައުމުތަކުގަ މިކަންއަދިމާބޮޑު އެތަންތާ ކުދިންނައް މާބޮޑުކިޔެވުމެއް ނުކިޔަވާކުރެވޭ މަސައްކަތްތަކުންވެސް އެކަށީގެންވާ މުސާރައެއްލިބޭ އެހެންވެ ކިޔެވުމުގެ މުހިންމުކަންވެސް ކުޑަވަނީ ދެންޖެހެނީ އެފަދަ ވަޒީފާތަކައް އެހެންގައުމުތަކުން ކިޔަވައިގެންތިބިމީހުންގެންދަން. ޑިޖިޓަލް ޑިވައިސްތަކުގެ މިޒަމާނުގަ ކުދިންގެ ފޯކަސް ކިޔެވުމައް ކުޑަވެސްމެ އެހެންވެ ކިޔެވުމުގެ ޕްރެޝަރ ބޮޑުވަނީ.
ސިރިސޭ ނޯ
15 November 2024
ކޮން އާއިލާގެ ސަޕޯޓެއްތަ؟ ސަރުކާރުތައް ހެޔޮފުޅުވެގަތްގަތީނޫހުން އާއިލާގެ ދައުރުގެ ބައެއްވެސް ކޮށްދޭންޖެހޭ ބައެއް ޚަރަދުތައްވެސް އަދާކުރަނީ ސަރުކާރުން. ދެން ކޮން ކުލުނެއް ލޯތްބެއްތަ؟
ރިއެކްޝަން
15 November 2024
އަހަރެމެން ކިޔެވި ޒަމާނުގަައި ކުދިން ކިޔެވީ ސްކޫލާއި ބެލެނިވެރިން އެކައްޗެއް ކިޔައިގެން، އެއް ހިޔާލެއްގައި، އެއް މިސްރާބަކަށް ދަރިން ގެންދަން. ތިން ހަތަރު އަހަރު ކިޔަވައިގެން ޕްރޮފެޝަނަލް ސެޓްފިކެޓެއް ހޯދައިގެން ނޫނީ މިޒަމާނުގައި ޓީޗަރަކަށް ނުވެވޭއިރު، އެ ސެޓްފިކެޓް ނޯންނަ ބެލެނިވެރިޔާ ހިތުން މާމޮޅު. އޭނާގެ ކަމަކީ ޓީޗަރާއި ސްކޫލަށް ފާޑުކިޔުން. ތިމާގެ ޒިންމާއިން ރެކެން އެހެންމީހުން ގޯސްކުރުމުގައި އަވަދިނެތުން. މީގެ ޕްރެޝަރު އެ ފެންނަނީ ސްކޫލުން
ކަހެރުވައް
15 November 2024
1018 އިން ފެށިގެން 2022 އާ ދެމެދު ފާއިތުވެގެން 104 އަހަރުތެރޭ އެންމެ %6 ދަށްވީމަ އެވަރު ގޯހެއްނޫން.
ނުވިސްނޭ ފ
15 November 2024
ކުރިން ސްކޫލަށް ދާ ކުދިން ކިޔަވަނީ. މިހާރު ބެލެނެވެރިޔާ ކިޔަވަނީ. ސަބަބަކީ ހުރިހާ ހޯމްވޯކެއް ހަދަނީ ބެލެނެވެރިޔާ. ކުދިންގެ އުމުރާ ނުގުޅޭ އެތައް ހޯމްވޯކެއް ހަދަން ޖެއްސުމުން އެކުއްޖާއަށް އެކަން ނުކުރެވި އެންމެ ފަހުން ހޯމްވޯކް ހަދަނީ ބެލެނެވެރިޔާ. މިއީތޯ ތަޢުލީމީ ނިޒާމު އޮންނަންވާނެ ގޮތަކީ؟
މާކޮސް
16 November 2024
ރަގަޅު ތެދުވާހަކައެއް