ރިޕޯޓް

ކިޔެވުމަށްޓަކައި މާލެ އަަށް، އަވަސް ހައްލެއް ފެންނާކަށް ނެތް؟!

ފުރަން ގޮސްތިބި ބަޔަކު އެމްއެމްއޭ ސަރަހައްދުން ހިނގާފައި ދަނީ --ފޮޓޯ:ނިޝާން އަލީ/މިހާރު

މީގެ ތިން ވަރަކަށް އަހަރު ކުރީގެ ތަފާސްހިސާބުތަކަށް ބަލާއިރު ރަށްރަށުން މާލޭގެ ސްކޫލްތަކަށް ބަދަލުވީ 480 ކުދިންނެވެ. އެކަމަކު މި އަހަރު އެކަނިވެސް އެ އަދަދު ވަނީ 1،500 އަށް އަރައިފަ އެވެ. ތިން ގުނަ މައްޗަށް ދިޔައީ އެވެ. އެންމެ ފަހުގެ ބޯހިމެނުމުގެ ނަތީޖާ އިން ވެސް ދައްކަނީ ނެގެޓިވް މަންޒަރެކެވެ. އާބާދީގެ 41 ޕަސެންޓު މާލޭގައި ދިރިއުޅެމުން އަންނައިރު 37 ޕަސެންޓު މީހުން މާލެ ހިޖުރަކުރީ ތައުލީމު ހޯދުމަށެވެ.

ރަށްރަށުގައި ވެސް ވަސީލަތްތައް ގާއިމް ކުރުމަށް ކޮންމެ ސަރުކާރަކުން ވެސް ބޮޑު ހޭދައެއް ކުރަމުން އަންނައިރު މި ނަމްބަރުތައް މައްޗަށް ދާ ނަމަ އެއީ ވިސްނާލަންޖެހޭ ކަމެކެވެ. ރަށްރަށުގައި ސްކޫލްތައް ގާއިމްކޮށް، ފެންވަރު މަތިކުރުމަށް އެތައް ކަމެއް ކުރާ އެއް ސަބަބަކީ މާލެ އަށް ހިޖުރަ ކުރުން މަދުކުރުމެވެ.

ކުރިއާ ބަލާއިރު، ރަށްރަށުގެ ތަރައްގީ އަށް ކޮންމެ ސަރުކާރަކުން ވެސް ހާއްސަ އިސްކަމެއް ދޭއިރު، ކިޔެވުމަށް މާލެ އަންނަ ކުދިންގެ އަަދަދު މައްޗަށް ދާ ނަމަ އެއީ ގައުމީ ފެންވަރުގައި މަޝްވަރާކޮށް ސަބަބު ދެނެގަންނަން ޖެހޭ ކަމެވެ. ރާއްޖޭގެ ތަރައްގީގެ ނިޒާމުގައި ދޯހަޅި ކަންތައްތަކެއް އެބަހުއްޓެވެ. ސިޔާސަތުތައް ގޯހެވެ. ހުރިހާ ކަމެއް ވަށައިޖެހޭ ގޮތަކަށް އަދިވެސް ކަންކަން ބައްޓަން ނުކުރެވެ އެވެ. އެއް މިސްރާބަކަށް ދަތުރުކުރާ ތަނެއް ނުފެނެ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް އިންޓަވިއު ދެއްދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

މާލެ ފިޔަވައި ވަރަށް ރަނގަޅަށް ކިޔަވައިދޭ ސްކޫލްތައް ބައެއް ރަށްރަށުގައި އެބަހުއްޓެވެ. މަތީ އިމްތިހާންތަކުގެ ނަތީޖާ އިން އެކަން ދައްކަ އެވެ. އެއްވެސް ވަރަކަށް މާލެ ނައިސް ސްކޫލް ނިންމާއިރު މޮޅެތި ވަނަތައް ހޯދާ ކުދިން ރަށްރަށުގައި ވެސް މިހާރު މަދެކޭ ނުބުނެވޭނެ އެވެ. މާލޭގެ ބައެއް ސްކޫލްތަކަށް ގޮންޖަހާލެވޭ ވަރުގެ ސްކޫލްތައް ރަށްރަށުގައި އެބަހުއްޓެވެ. މީގައި ބަލަން ޖެހޭނީ އޯލެވެލް/ އޭލެވެލް އަދި އެކިއެކި މުބާރާތްތަކުގެ ވަނަތަކަށެވެ. ތައުލީމީ ނަތީޖާ އިން ބޭރުން ބާއްވާ މުބާރާރްތަކަށް ބެލިޔަސް ރަށްރަށުގެ ކުދިންގެ ހުނަރު ތަފާތެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިދިޔަ ހަފުތާގައި "މިހާރު" އަށް ދެއްވި އިންޓަވިއުގައި ދެއްކެވި ވާހަކަތަކަށް ބަލާއިރު ފެންނަނީ ކަންބޮޑުވުންތަކެވެ. އެއްދަންފަޅި އަށް ކިޔަވައިދިނުމުގެ ސިޔާސަތު ވެސް ފެއިލްވެ، ރަށްރަށުން މާލެ އަންނަ ކުދިންގެ އަދަދު ނުކަތާ ވަރަށް މައްޗަށް ގޮސް އިތުރު ދަންފަޅިތަކަށް މާލޭގެ ސްކޫލްތައް ބަދަލު ކުރަމުން ދިއުމުގެ ރަތް ސިގްނަލެވެ. މިހާރު ވެސް އުޅެނީ ހުޅުމާލޭގައި ސްކޫލްތައް އިމާރާތް ކުރާނެ ބިންތައް ނެތިގެންނެވެ. މާލެ އޮތީ އެއްކޮށް ފުރިފަ އެވެ.

"ރެހެންދި ސްކޫލު ފެށީ އެއް ދަންފަޅި އަށް. އެކަމަކު، މިހާރު މި ކިޔަވައިދެނީ ދެ ދަންފަޅިއަށް. ހުރަވީ ސްކޫލު ފެށީ އެއް ދަނފަޅި އަށް. ސަލާހުއްދީން ސްކޫލު ފެށީ އެއް ދަންފަޅި އަށް، މިހާރު ދެ ސްކޫލު ވެސް ދެ ސެޝަނަށް ބަދަލު ވެއްޖެ. ސަލާހުއްދީނަށް ވަނުމަށް މިހާރު ވެސް އެ އަންނަ ރިކުއެސްޓުތައް ހިފަހައްޓައިގެން މި އިންނަނީ،" މައްސަލައިގެ ސީރިއަސްކަމުގެ ވާހަކަ ދައްކަވަމުން އިސްމާއިލް ވިދާޅުވި އެވެ.

ޖާގައިގެ ދަތިކަން ބޮޑު ނަމަވެސް މާލެ ބަދަލުވާ ގިނަ ކުދިންނަށް ފުރުސަތު ދިނުމަށް ބައެއް ފަހަރު ކްލާހަކަށް 35 ކުދިން ވެސް ލާފައި އެބަހުއްޓެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް އިންޓަވިއު ދެއްދަނީ.-- ފޮޓޯ: ނިޝާން އަލީ | މިހާރު

"މިސާލަކަށް ބަލަމާ ދަރުމަވަންތަ ސްކޫލް. މިހާރު މި ހުރީ އެއް ސެޝަނަށް. އަޅުގަނޑު ކިރިޔާ ވެސް ގޮތެއް އޮވެއްޖެ ނަމަ އެއް ސެޝަނަށް ބާއްވާނީ. އެކަމަކު މި އަންނަ މައިގްރޭޝަން ގައުމީ ލެވެލް އެއްގައި މެނޭޖް ނުކުރެވޭ ކަމުގައި ވާ ނަމަ އިތުރު ގޮތެއް ނޯންނާނެ،" ދަރުމަވަންތަ ސްކޫލްގައި ވެސް ދެ ދަންފަޅި އަށް ކިޔަވައިދޭން ޖެހިދާނެ ކަން އިޝާރާތް ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ

ކިޔެވުމަށްޓަކައި މާލެ އަށް އަންނަ އެންމެ ކުއްޖަކަށް ވެސް ޖާގަ ނުދީ ފޮނުވާލެވޭނެ ގޮތެއް ސަރުކާރަކަށް ނެތެވެ. ހިޖުރަ ކުރުމާ ގުޅިފައިވާ ބައިވަރު ކަންކަން ހުރުމުން އެ ކުދިން ބާކީ ކޮށްލުމަކީ އެއްވެސް ސަރުކާރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ކުރިން ވެސް މިހާރު ވެސް އޮތީ ހަމަ އެ އުސޫލެވެ. މައްސަލައިގެ އަސްލު ގުޅިފައި ވަނީ ތަރައްގީގެ ސިޔާސަތާ އެވެ.

"ރާއްޖޭގައި މި އޮތް މައިގްރޭޝަން ޓްރެންޑަށް މި އޮތް ގޮތުން މާލެ އަށް ކުދިންތަކެއް ކިޔަވަން އައީ. އަޅުގަނޑަށް ބުނެވޭނެތޯ ނޫނެކޭ، ޖާގައެއް ނުދޭނަމޭ. ނުބުނެވޭނެ ކުއްޖަކު ސްކޫލަށް ނުފޮނުވާ ބަހައްޓާކަށް،" މައްސަލައިގެ އުނދަގޫކަން ފާހަގަކުރައްވަމުން އިސްމާއިލް ވިދާޅުވި އެވެ.

ހަތަރު އަހަރުގެ ތެރޭގައި ރަށްރަށުން މާލެ އަށް 4،000 ދަރިވަރުން

ހަގީގަތަކީ ކޮންމެ ދިރާސީ އަހަރެއް ފެށޭއިރު މާލޭގެ ސްކޫލްތަކުގެ ޖާގަ އޮންނަނީ ފުލްވެފަ އެވެ. ކިތަންމެ ގިނަ ސްކޫލެއް މާލެ ސަރަހައްދުގައި އިމާރާތްކުރިޔަސް އެ ނޫން ވަރެއް ނުވެ އެވެ. ދެން އެޑިއުކޭޝަން މިނިސްޓްރީން ހިސާބުތައް ނެރޭއިރު ފެންނަނީ ރަށްރަށުން މާލޭގެ ސްކޫލްތަކަށް ބަދަލުވާން އެދިފައިވާ އަދަދެވެ. އެއީ ސިއްސައިގެންދާ އަދަދެކެވެ.

ރަށްރަށުން މާލެ ސްކޫލުތަކަށް ވެއްދުމަށް މި އަހަރު އެދިފައިވާ ދަރިވަރުންގެ ތަފާސް ހިސާބު.-- ގްރެފިކްސް: މިހާރު\އެޑިޝަން

ރަށްރަށުން މާލެ ސްކޫލުތަކަށް ވަންނަން އެދުނު އަދަދު:

- 2020/2021: 480 ދަރިވަރުން

- 2021/2022: 716 ދަރިވަރުން

- 2022/2023: 780 ދަރިވަރުން

- 2023/2024: 1،500 ދަރިވަރުން

ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އޮގަސްޓު މަހު ފެށި 2024 ވަނަ އަހަރުގެ ދިރާސީ އަހަރާ އެކު، 967 ކުދިން މާލެ ބަދަލުވި އެވެ. މާލެ ބަދަލުވެފައިވާ ކަމަށް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާއިރު އެއީ މާލެ ބަދަލުވި އަދަދަކީ ޖުމްލަ 3،663 ދަރިވަރުންނެވެ.

ރަށްރަށުން މާލެ ސްކޫލުތަކަށް ވެއްދުމަށް މި އަހަރު އެދިފައިވާ ގްރޭޑްތަކުގެ ތަފާސް ހިސާބު.-- ގްރެފިކްސް: މިހާރު

މިނިސްޓަރު ވިދާޅުވި ގޮތުން ނަމަ އަތޮޅުތަކުން މާލޭގެ ސްކޫލުތަކަށް މި އަހަރު ބަދަލުވި ކުދިންގެ އަދަދު 1،100 އަށް ވުރެ ގިނަ އެވެ.

"އަންނަ ދިރާސީ އާ އަހަރު މާލެ ބަދަލުވާނެ ދަރިވަރުންގެ އަދަދު، ޓްރެންޑަށް ބަލަންޏާ 1،500 އަށް ވުރެ ގިނަވާނެ،" ކަންބޮޑުވުން ފާޅު ކުރައްވަމުން މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި ކިޔަވާ އުމުރުފުރައިގެ އާބާދީއަކީ 80،930 އެވެ. އޭގެ ތެރެއިން 53،533 ކުދިން ކިޔަވަނީ މާލެ ފިޔަވައި އެހެން އަތޮޅުތަކުގަ އެވެ. އެއީ 27،437 ފިރިހެން ކުދިންނާއި 26،096 އަންހެން ކުދިންނެވެ. އެންމެ އެންމެ ގިނަ ކުދިން ކިޔަވަން އަންނަނީ މާލެއަށެވެ.

މާލެ ހިޖުރަކުރުން ހުއްޓޭނީ ސްކޫލުތަކަށް ވަސީލަތް އިތުރު ވެގެން

ކިޔެވުމުގެ ބޭނުމުގައި މާލެ އަށް ހިޖުރަކުރާ ކުދިންގެ އަަދަދު ގިނަވާ މައްސަލާގައި ޕްރިންސިޕަލުން އެކިއެކި މައްސަލަތައް ފާހަގަކުރައްވަ އެވެ. ސިޔާސަތުތައް އެއްގޮތެއްގައި ހިފަހައްޓާނުލުމާއި ރަށްރަށުގެ ސްކޫލްތަކުގައި ވަސީލަތްތައް ނެތުމެވެ. މޮނީޓަ ނުކުރެވުމެވެ. ރަށްރަށުގެ ސްކޫލްތަކަށް އިސްކަން ނުދެވުމެވެ. ކިޔަވައި ނިންމައިގެން ރަށުގައި ހުރެ ވަޒީފާ އަދާކުރެވޭނެ ގޮތެއް ނެތެވެ. ރަށުން ވަޒީފާ ލިބެން ނެތުމުންނެވެ.

ސްކޫލެއްގެ ދަރިވަރުންތަކެއް.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

"ކޮންމެ ސަރުކާރަކުން، ކޮންމެ ރައީސެއް ވެސް ވެރިކަމަށް އަންނަން މި ވާ ވައުދުތަކުގައި އޮންނަނެ ރަނގަޅު ތައުލީމެއް ރަށުގައި ހުރެގެން ކިޔެވޭނެ ގޮތް ހޯދައިދޭނެ ކަމަށް. އެގޮތަށް ކަންތައްވާ ނަމަ މިއަދު މި ހާލަތަކަށް ނުދާނެ،" ސްކޫލެއްގެ ޕްރިންސިޕަލަކު ވިދާޅުވި އެވެ.

އެހެން ޕްރިންސިޕަލަކު ފާހަގަކުރެއްވީ ރަށްރަށުގެ ސްކޫލުތަކާއި މާލެ ސްކޫލުތަކުގެ މެދުގައި ޒަމާނުއްސުރެ ގެންގުޅޭ ތަފާތު ކުރުމެވެ. މާލެ ފިޔަވައި އެހެން ރަށްރަށް ކަމަށް ވިޔަސް އެއްވެސް ކަމެއްގައި ހަމަހަމަ ކަމެއް ނެތެވެ. ހުރިހާ ރަށަކަށް އެއް ފެންވަރެއްގެ ހިދުމަތް ނުދީ، މާލެ އަންނަން މަޖުބޫރު ކުރުވަނީ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިއީ ހަމަ އެކަނި ތައުލީމާ ގުޅޭ ކަމެއް ނޫން. ރަށުގަ އެހެން ވަސީލަތެއް ނެތް، ވަޒީފާއެއް ނެތް، ސްކޫލު ހުރިއްޔާ ޕްރިންސިޕަލެއް ނެތް، ޓީޗަރުން ހަމައެއް ނުވޭ. މިއީ އަބަދު ވެސް ވާ ކަންކަން. އަނެއް ކަމަކީ ރަށުގައި މި އޮންނަނީ ސައިންސް ސްޓްރީމް، އެކަމަކު ލެބެއް ނުހުރޭ. މިކަހަލަ އެތައް ކަމެއް ވާތީ މާލެ ހިޖުރަ ކުރަނީ،" އެ ޕްރިންސިޕަލް ވިދާޅުވި އެވެ.

ޗުއްޓީއަށް ފަހު ރަށަށް އެނބުރި ދިއުމަށް ޓަކައި ބަޔަކު ލޯންޗަކަށް އަރަނީ --.ފޮޓޯ: ނިޝާން އަލީ/މިހާރު

މިނިސްޓަރު ވިދާޅުވީ ތައުލީމު ހޯދުމަށް މާލެ ހިޖުކުރުމަކީ ހަމަ އެކަނި އެ މިނިސްޓްރީން މަސައްކަތް ކޮށްގެން ނިިންމާލެވޭ ވަރަށް ވުރެ، ބޮޑު މައްސަލައެއް ކަމަށެވެ. ގައުމީ ފެންވަރުގައި މައްސަލަ ހައްލު ކުރުމަށް މަސައްކަތް ވެސް ކުރަން ޖެހިފައިވާ ކަމެއް ކަމަށް އިސްމާއިލް ވިދާޅުވި އެވެ.

"ގާނޫނުގައި ލިބިދީފައި އޮތް ހައްގެއް އެއީ، ހިޖުރަ ކުރެވޭނެ ކަމަށް. އަޅުގަނޑުމެންނަކަށް ނުބުނެވޭނެ މާލެ ނާންނާށެކޭ. މާލެ އަންނަ ކޮންމެ ކުއްޖަކަށް އަޅުގަނޑު ހުރިހާ ހިނދަކު ތައުލީމު ފޯރުކޮށްދޭނަން. އެއީ އަޅުގަނޑުގެ ޒިންމާއެއް،" މިނިސްޓަރު ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑު މި ބުނާ ވާހަކަ އަކީ ސަރުކާރުގެ މުޅި މެޝިނަރީ މީގެ ތެރެއަށް ވަދެގެން މަޝްވަރާ ކުރަން ޖެހޭ ވަރުގެ މައްސަލައެކޭ މިއީ. ރަށްރަށުގެ ތައުލީމީ ހާލަތު."

މި ގޮތަށް ވާހަކަ ދައްކަދައްކައި ކިތަންމެ އަހަރެއް ވަންދެން ވެސް ތިބެވިދާނެ އެވެ. މައްސަލަ ހައްލު ކުރުމަށްޓަކައި އޮތީ ތަރައްގީގެ ދުރުރާސްތާގެ ޕްލޭނަކާއިގެން ކުރިއަށް ދިއުމެވެ. މިހާރުގެ ސަރުކާރުން ތަރައްގީގެ 20 އަހަރުގެ މާސްޓަޕްލޭނެއް އެކުލަވައިލަން އެ އަށް ގާނޫނީ ބުރަދަނެއް ދޭން ނިންމާފައި ވުމަކީ ހިތްހަމަޖެހުމެކެވެ. އެކަމަކު، އެ ކަމަށް ވެސް އަދި ވަގުތު ނަގާނެ އެވެ. އެހެންވެ، މައްސަލަ ހައްލު ވުމުގެ އިންތިޒާރުގައި ތިބުން ނޫން ގޮތެއް ނެތެވެ.

88 ކޮމެންޓް, 12 ރިއެކްޝަންސް

icon happy icon happy 25%
icon sad icon sad 17%
icon angry icon angry 25%
icon wow icon wow 0%
icon inlove icon inlove 33%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޙައްލު

01 December 2024

މިކަހަލަ ކޮސް އަނގަ ނުތަޅާ އެއްފަސްވޭބަލަ. އޭރުން ބޮޑެތި ޔުނިވަރސިޓީތަކާ، ހޮސްޕިޓަލްތަކާ، ވަޒީފާ އުފެއްދޭނެ. ކިތަންމެ ވަރަކަށް ވާހަކަ ދެއްކިޔަކަސް 200 މީހުން އުޅޭ ރަށްރަށުގަ ޓާޝިއަރީ ހޮސްޕިޓަލާ، ބޮޑެތި ޔުނިވަރސިޓީތަކާ، ބޮޑެތި ވިޔަފާރިތައް ހިންގޭނެތަ؟؟ ވަކި ރަށްރަށުގަ އުޅޭ ވިސްނުން ދޫކޮށް ރައްޔިތުންވެސް އަމިއްލައަށް އެދިގެން ބޮޑެތި އާބާދީތަކަށް ބަދަލުވާންވީ. ސަރުކާރުންވެސް 200 ރަށުގަ މީހުން ނުބައިތިއްބާ މަދު ރަށްތަކެއްގަ މީހުން އާބާދުކުރަންވީ.

The name is already taken The name is available. Register?

ލޮއްލަ

19 November 2024

މައްސަލަޔަކީ ކޮބައިކަން އެނގޭ. ހައްލަކީ ކޮބައިކަންވެސް އެނގޭ. އެއްމެނަށްވެސް އެނގޭ އެއްޗެއް. ހުރިހާ ކަމެއްގެ މުގުލުގައި އޮތީ މުގައްދަސް ބިންކޮޅުގައި ކުލީގެ އަޅުންކޮޅު މިނިވަން ވެދާނެކަމުގެ ބިރުއޮތީ. ތަރައްޤީ ގައުމު ތަކުގައި ވެރިކަން ކުރާ ސިޓީއަށް މީހުން އަންނަން ނުޖެހޭ ވަރަށް އެހެން ސަރަހައްދުތަށް ތަރައްގީ ކުރަނީ. މިރާއްޖޭގަ އޮތީ ދިމާ އިނދިކޮޅު.

The name is already taken The name is available. Register?

ތުއްކަލާ

01 December 2024

ބަލަ ލޮއްލާ. ދުނިޔޭގެ ކޮން ޤަައުމެއްގަ އޮތީ ވެރިކަން ކުރާ ސިޓީއަށް އަންނަން ނުޖެހޭ ގޮތަށް. މުޅި ދުނިޔެއަށް ބެލިޔަސް ވެރިކަންކުރާ ރަށަށް އޮންނަ ޑިމާންޑް ކުޑައެއް ނުކުރެވޭ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގެ ޙާލަތު މިހެން އޮތް އިރު މި ދިވެރާއްޖެއަށް ވަކި ވާނީ ކިހިނެއް؟ އަހަރެން ކުޑައިރު މާލޭގެ ސަރުކާރުގެ ސްކޫލަކަށް ވެއްދުމަކީ މަނާކަމެއް. ރަށަކުން ނުކިޔެވޭ. އަހަރެންވީ ޅޮސް ގަހަކަށް. އެކަމަކު އަހަރެންގެ ދަރިން އެހެން ދޫކޮށްލާނެތަ؟

The name is already taken The name is available. Register?

ދެރަވަރު

19 November 2024

ހުރިހާ ކަމަކުންވެސް ބާކީ. ޢަތޮޅު ތައުލީމީ މަތުކަޒެެއްގައި އަހަރެމެން އޯލެވެލް ހެދީ ލެބޯޓަރީގަ އެކްސްޕެރިމެންޓެއް ހަދަން ނުލިބި، ހުސް ފޮތުގެ ދެލިގަނޑު ކިޔަވައިގެން. ލެބް ވެސް ހުރި. ޢެކަމް ކެމިކަލްއެއް ބޭނުންވާ އިންސްޓުރަމެންޓްސް ނެތްތާ ވީ ދުވަހެއްވެސް ނޭނގެ. ކިޔެވުން ކީއްކުރަން އަދި ކުޅިވަރު ތަކުގަވެސް އުމުރު ފުރާގެ ގައުމީ ޓީމްތައް ތަމްސީލުކުރަން ފުރުސަތު ދެނީ މާލޭގަ ދިރިއުޅޭ ކުދިންނަށް. ހުނަރު ހުއްޓަސް ރަށުގަ ހުރިއްޔާ ބޭކާރު.

The name is already taken The name is available. Register?

ސަރުކާނު

22 November 2024

ކޮއްކޯ އަދި އެ ފެންވަރަށް ރާއްޖެ ނުދަނީ އޭ. ޤައުމީޓީމްގަ ހިމަނަން ކޮންމެ އަތޮޅަކަށް ކޯޗެއް ފޮނުވިޔަސް ކަލޭމެން ބުނާނެ ރައްޔިތުންގެ ފައިސައިން ބޭކާރު ޚަރަދު ކުރަނީއޭ. މާރަގަޅުވާނޭ އެރަށުގަ ދަނޑު ހެދިއްޔާ. ތީ ކޮންބައެއް؟

The name is already taken The name is available. Register?

ޢަލިކާ ދިއްދޫ

19 November 2024

ފޮނި އަނގަތަޅަނީ ކޮންމެއް ސަރުކާރަކުންވެސް. އަތޮޅުތެރޭގައި ހުންނައް އަތޮޅު ތައުލީމީމަރުކަޒައްވުރެއް މާލޭގަހުންނައް ސަރުކާރު ސުކޫލުތަކައް ކުރާހޭދަ ޑަބަލް ބޮޑު. ބޮޑެތި އާބާދީތައް ހުންނައް ތައުލީމީ މަރުކަޒުންތަކުން ރަނގަޅު ނަތީޖާ ހޯދާކުދިން އެކުދިންބޭނުންވާ ސުޓްރީމް ނުހެދޭތީ ޖެހެނީ ކޮންމެވެސް އެހެންގޮތެއް ހޯދަން. މުޅިންވެސް ރާއްޖެތެރޭގެ ގިނަރައްތަކުގައި އޮންނަނީ ކޮމާސް ނޫނީ ބިޒުނަސް. އިހުލާސްތެރިކަމާއި އެކު ކޮތްގެންނޫނީ ހައްލުނުވާނެކަމެއްމީ.

The name is already taken The name is available. Register?

ސަރުކާނު

22 November 2024

ތީ ދިއްދޫ މީހެއްކަން ޔަޤީން. ރަގަޅު ނޯންނާނެ އެއްގޮތެއްވެސް

The name is already taken The name is available. Register?

ދަލޭކަ ދައިތަ

19 November 2024

ހަމަ ރާއްޖެތެރެއިން މާލެ ބަދަލުވާހެން ރާއްޖެއިން ބޭރަށް ބަދަލުވާ މީހުންވެސްވަނީ ގިނަ. ނަމުން ދަރިން ކިޔަށްވަން. ކިޔަވަންދާ ގޮތަށް އަންނަންބޭނުން ބަޔަކުނެތް. ބުނެވޭނީ ހަމަ ފަސޭއަށާ ހިންހަމަޖެހުމަށް ދެވެން ތިބިބަޔަކު ދަނީ އެބަޔަކަށް ދެވެންއޮތް ދުރަކަށް. އެބަޔަކު އަތުގައި އޮތްއެއްޗެއް ކުއްޔަށްދީފަ.

The name is already taken The name is available. Register?

ސަލީމު އިދުރީސް

19 November 2024

ކުރިންމާލޭގޭ ގެގޭއައް ތައުލީމު ހޯދާދިނުމުގެ ގޮތުން ފޮނުވިއަސް މިހާރު މުޅިއާއިލާ ހިޖުރަކުރަނީ އެބޭނުމަކުނޫން! އެހެންނަމަ ފުއަމުލައް އައްޑޫ ކުޅުދުއްފުށިން ހިޖުރަނުކުރާނޭ! 20 މާސްޓާފުނެކޭކިއާފަ ފުރިފަހުރި ދިއުންޅެއްއުދަގު ހިސާބުތަކުގަ ފުލެޅެޓުއަޅާފަ ރާއްޖޭ އެއްކޮއް ހިޖުރަ ކުރެވޭވަރު ރަސްމާލެޔެއް ހަދާފަ ބިއްލޫރިޓަނަލަކުން ގޫޅާލާ ވާހަކަދައްއިރު އެގޭނެ ތިއާބަން ސެއްޓަތަގަ ނުތިބޭނެކަން ހިޖުރަކުރާނީ މާލެކަން!މައްސަލާގެ އަސްލު ނުހޯދަ މައްސަލަ ހައްލުނުވާނެ

The name is already taken The name is available. Register?

ހައްލަކީ7899

19 November 2024

ހައްލަކީ ގޯތި ދިނުމެވެ. ގޯތި ދިނުމުގެ ރެކޯޑަށް ބެލިނަމަ. ދިރިއުޅެވޭނެ ގޮތެއް ހޯދައިދީފަ ހުރީ ހުޅުމާލެއިން އެކަނި. ޕްލޭނިން މިނިސްޓްރީން ހަދަންޖެހޭ ޕްލޭނެއް ނެހެދިގެން އެއްވެސް ރަށެއްގައި ގޯއްޗެއްވިޔަސް ފުލެޓެއް ނަމަވެސް ނެހެދޭ. ތިކަމާ އަގަހުޅުވޭނެ އެއްވެސް ސަރުކާރެއް ނެތް.

The name is already taken The name is available. Register?

ސަނީސައިޑްބޮންޑް

19 November 2024

ފެނަކަ، ކައުންސިލް އަދި ސްކޫލްގެ ހައެއްކަވަޒީފާ (އެވެސް ލިބޭނީ އެމްޕީ ކަނޑައަޅާ ބަޔަކަށް) ފިޔަވާ ރަށުގަހުރެގެން އަދާކުރެވޭނެ އެއްވެސްވަޒީފާއެއް ނޯވޭ. މިޒަމާނުގަ އެމީހަކު ހުރިތާކުހުރެގެންވެސް ވަޒީފާއަދާކުރެވޭނެ ވަސީލަތްތައް އެބަހުރި، އެހެނަސް މިޖެހެނީ ސަރުކާރުގެ އެހެން ދާއިރާއެއްގެ ވަޒީފާ އަދާކުރަން ބޭނުންނަމަ މުޤައްދަސް ބިމަށް ހިޖުރަކުރަން، ނޫނީ އޮތީ މަހަށްދިއުން ނުވަތަ ޖެހިގެންއޮންނަ ރިސޯޓްގެ ރޫމްބޯއީއަކަށްވުން.

The name is already taken The name is available. Register?

ކަނބިލިބޯ

19 November 2024

ރަށްރަށުގަ ސްކޫލުގަ ވެސް ކްލާހުގަ ކިޔަވާ ދިނުމުގެ ބަދަލުގަ ވަކިން ޓީޗަރުން އެބަ ނަގާ 3500 ކޮންމެ ދަރިވަތެއް އަތުން ޓިއުޝަން ފީއަށް ހުރިހާ މާއްދާ އަކަށް. ސްކޫލުގަ ކިޔަވާ ނުދޭ 90% އެބަ ކިޔަވާދެޔޯ ޓިއުޝަނުގަ. އެކަންވެސް އެބަ ޖެހޭ ހައްލު ކުރަން. ބަލަ މަދަރުސާއަށް މި ފޮނުވަނީ ކިޔަވާދޭކަށް ނޫންތަ؟ ޓިއުޝަނަށް އެކަނިތަ ފޮނުވަން ވީ ދެން؟

The name is already taken The name is available. Register?

އިބުރާހިމް

19 November 2024

އެހެންވެ އުފަލުން ތި ތިބެނީދޯ ގެ ކުޔައްދެވޭނެދޯ ހުރިހާރަސހެއްހުސްވެއްޖެފަޅުވެއްޖެ ރައްރަށުގަ ރަގަޅުޓީޗަރުންނެއް ނުތިބެ ރަގަޅު ޑޮކުޓަރުންނެއް ނުތިބެ ވަޒީފާއެއްނެތް ދެން މާލެނޫންތޯ އަންނާނީ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454