ބްރޯޑްކާސްޓިން ކޮމިޝަންގެ ބައްދަލުވުމެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. އެ ކޮމިޝަނަށް ކުރިމަތިލާން ވަނީ ހުޅުވާލާފައި. -- ފޮޓޯ: ބްރޯޑްކޮމް
28 ނޮވެމްބަރ 2024 - 14:19
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި އެވެ.
ބްރޯޑްކޮމްގައި މި ވަގުތު ތިއްބެވި ހަތް މެމްބަރުންގެ ތެރެއިން ކޮމިޝަންގެ ރައީސާ މަރިޔަމް ވަހީދާ އާއި މެމްބަރު އަލީ ޔޫސުފްގެ މެމްބަރުކަމުގެ ދައުރު އަންނަ މަހު ހަމަވާތީ އެ ކޮމިޝަންގެ މެމްބަރުކަމަށް ކުރިމަތިލާން ފުރަތަމަ ހުޅުވާލީ މިދިޔަ ހޯމަ ދުވަހު އެވެ.
ރައީސް އޮފީހުން މިއަދު ކުރި އިއުލާނެއްގައި ބުނީ ކުރީގެ އިއުލާން ބާތިލުކުރުމަށްފަހު، މެމްބަރު ކަމަށް ކުރިމަތިލުމަށް އަލުން ހުޅުވާލާފައިވާ ކަމަށެވެ. އެކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 9 ވަނަ ދުވަހުގެ 12:00 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
މިނިވަން މުއައްސަސާތަކުގެ މެމްބަރުންގެ ދައުރު ހަމަވުމުގެ މަހެއް ކުރިން އެ މަގާމުތަކަށް ކުރިމަތިލާން އާންމުކޮށް މީގެކުރިން އިއުލާންކުރާ ނަމަވެސް މި ފަހަރު އިއުލާންކުރީ ކުޑަ ދުވަސްކޮޅަކަށް ވެފައި ވަނިކޮށެެވެ.
ބްރޯޑްކޮމް އަދި އޮންލައިން މީޑިއާތައް ރެގިއުލޭޓްކުރާ މޯލްޑިވްސް މީޑިއާ ކައުންސިލް އުވާލުވުމަށްފަހު މީޑިއާ ކޮމިޝަނެއް އުފައްދަން ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާން ރައްޔިތުންގެ މަޖިލީހަށް ދާދިފަހުން ބިލެއް ހުށަހަޅުއްވި އެވެ.
އެ ބިލާ މެދު ނޫސްވެރިން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ އެ ބިލް މަޖިލީހުން ފާސްކުރަން ތާއީދު ނުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. އެހެންވެ، ހަންނާން ފަހުން ވަނީ އެ ބިލް އަނބުރާ ގެންގޮސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހުސްގޮޑ
29 November 2024
ކިޔަވާނެކަމެއްނެތް! ތިގޮނޑިތަކަށް މީހުން މިހާރުތިބޭނީ ހަމަޖައްސާފަ.
ޖަސްޓިން
28 November 2024
އިއުލާނު ބާތިލުކުރި ސަބަބެއް ނޭނގޭ. ހަތަރުފަސްދުވަހަކަށް ފުރުސަތު ހަނިކޮށްފައި މިފަހަރު ހުށައެޅީ ކުރިން ލިޔުން ހުށައެޅި މީހުންނަށް މުއްދަތުގައި މިފަހަރު ބައެއް މުއައްސަސާތަކުން ލިޔުން ހަމަނުކުރެވި 'ބުރަކިޖައްސަން' ބާއޭ ހިތަށް އަރާ. އަދި 'ހެޔޮވަރު ބަޔަކަށް ކޯޓުފަހަދޭން' އުޅެނީ ބާއޭވެސް ހިތަށް އަރާ . ކޮމެންޓު ޖަހާދޭނެބާ؟
ކަލީމް
28 November 2024
ތި މަސައްކަތަކީ ބޮޑު ކޮމިޝަނެއްގެ ސިފައިގާ، އެތައް މެމްބަރުންނާ މުވައްޒަފުންނާ، އިމާރާތްތަކަށް ހަރަދުކޮށް ރައްޔިތުންގެ ލާރި އިސްރާފުކޮށް ހިންގަންޖެހޭ ވަރުގެ މަސައްކަތެއްނޫން މިގައުމުގެ. ބަޖެޓު ދެކޮޅުނުޖެހިގެން މުޅި ދުނިޔޭގައި ނާށިގަޑު ހިފައިގެން ސަލާންޖަހަންޖެހިފައިވާ ގައުމެއް. އެކަމަކު ރައްޔިތުންގެ ލާރި ހަމަ ބޭކާރު ގޮތުގައި ތަޅާބާލަނީ
މުނާލް
28 November 2024
ބޭކާރު ތަނެއް