މެންބަރު ޝަމްހީދާއި މެންބަރު ގަފޫރު މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި: އެސްޖޭއަށް ދޭ ބިމާ ގުޅޭ ސުވާލުތައް ގަފޫރު ކުރުމުން ޝަމްހީދު ހިތްހަމަނުޖެހުން ފާޅު ކުރެެއްވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
04 ޑިސެމްބަރ 2024 - 15:35
ހުޅުމާލެ 1 ގައި ހަދާފައިވާ އެސްޖޭ މޯލްއާ ޖެހިގެން އޮންނަ ހުސް ބިން އެ ކުންފުންޏަށް ދޭން އެޗްޑީސީން ނިންމި ނިންމުމާ ގުޅޭ ގޮތުން ހަނިމާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު އަބްދުލްޣަފޫރު މޫސާ (ގަޕޯ) ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ސުވާލު ކުރުމުން ހުޅުމާލެ ދެކުނު ދާއިރާގެ އެ ޕާޓީގެ އަނެއް މެމްބަރު ޑރ. އަހުމަދު ޝަމްހީދު ހިތްހަމަ ޖެހިވަޑައިގެން ހޫނު ޒުވާބުތަކެއް ކުރައްވައިފި އެވެ.
ޝަމްހީދުގެ އާއިލީ މަސްލަހަތު އޮންނަ އެސްޖޭ ކުންފުންނަށް ދޫކުރާ ބިމާ ގުޅޭ ގޮތުން ކޮމިޓީގެ ބައްދަލުވުމުގައި ޣަފޫރު ވަނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދަށް ގިނަ ސުވާލުތަކެއް އަމާޒު ކުރައްވައިފަ އެވެ.
އެކަމަކު، ގިނަ އިރުތަކަކަށް ކުރިއަށް ގެންދިޔަ ކޮމިޓީގެ ބައްދަލުވުން ނިމުމާ އެކު، ޝަމްހީދު ވަނީ ޣަފޫރާ ސުވާލުތަކާ މެދު ވަރަށް ބޮޑަށް ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ. ޝަމްހީދު ދެކެވަައިގެންނެވި ގޮތުގައި އެ ސުވާލުތައް ޣަފޫރު އަމާޒު ކުރެއްވީ "ޒާތީ ނިޔަތެއް" އޮވެގެންނެވެ.
ކޮމިޓީގެ ބައްދަލުވުމަށް ފަހު، ނުކުމެވަޑައިގެން ދެ ބޭފުޅުން ގަދައަށް ޒުވާބު ކުރައްވައި ބަހުގެ ހަމަލާތައް ބަދަލުކުރެއްވި ކަމަށް އެ ވަގުތު އެ ތަނުގައި ހުންނެވި މެމްބަރަކު ވިދާޅުވި އެވެ.
އެސްޖޭ މޯލްއާ ޖެހިގެން އޮންނަ ބިން ހޯދަން އެ ކުންފުނިން ވަނީ އެޗްޑީސީ އަށް ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ. އެ ޕްރޮޕޯސަލާ އެއްގޮތަށް އެ ބިން ދޭން އެޗްޑީސީން މިހާރު ވަނީ ނިންމައިފަ އެވެ.
ނަމަވެސް، އެ ބިން އެސްޖޭ އަށް ވިއްކަން ނިންމި އަގެއް ފަޒުލް މިއަދު ވިދާޅެއް ނުވެ އެވެ. ޣަފޫރު އެ ސުވާލު ތަކުރާރުކޮށް ކުރެއްވުމުން ވެސް ފަޒުލް ސީދާ ޖަވާބެއް ނުދެއްވަ އެވެ.
ފަޒުލް މިއަދުގެ ކޮމިޓީ ބައްދަލުވުމުގައި: އެސްޖޭއަށް ދޭ ބިމާ ގުޅޭ ސުވާލުތައް ގަފޫރު ކުރުމުން ޝަމްހީދު ހިތްހަމަނުޖެހުން ފާޅު ކުރެެއްވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
ފަޒުލް ވިދާޅުވި ގޮތުގައި އެސްޖޭ މޯލްއާ ޖެހިގެން އޮތް ބިން އެ ކުންފުންނަށް ވިއްކާލާތީ، އެޗްޑީސީ އަށް އާމްދަނީ ހޯދެން އޮތް ބިމެއް ގެއްލޭނެ އެވެ. އެހެންވެ، އޭގެ ބަދަލުގައި އެޗްޑީސީ އަށް އާމްދަނީ ލިބޭނެ މަގެއް ހޯދައި، އެ ކަމަށް އެސްޖޭއިން އިވެންސްޓް ކުރަން ޖެހޭ ގޮތަށް ނިންމި ކަމަށް އޭނާ ވިދާޅުވި އެވެ.
ހުޅުމާލެ ރުއްގަނޑު ތެރޭގައި 20 މިލިއަން ރުފިޔާގެ ހަޓުތަކެއް އަޅަން އެސްޖޭއާ ހަވާލުކުރި ކަމަށާއި އެކަން އެ ކުންފުނިން ކޮށްފައި ވަނީ މޯލްއާ ޖެހިގެން އޮންނަ ބިން ވިއްކުމުގެ މުއާމަލާތުގެ ތެރޭގައި ހިމެނޭ ސީއެސްއާރުގެ ދަށުން ކަމަށް ފަޒުލް ވިދާޅުވި އެވެ. އެ ސީއެސްއާރުގެ ސަބަބުން ބިމުގެ އަގަށް ގެނައި ބަދަލާއި ދިން ލުޔާ ގުޅޭ ގޮތުން ވެސް ފަޒުލް މިއަދު ވާހަކައެއް ނުދައްކަވަ އެވެ.
"އެ ތަނަށް ދައްކަން ޖެހޭ އަގު ދައްކާފައި އަޅުގަނޑުމެންނަށް އެ ކުންފުނިން އެބަޖެހޭ 20 މިލިއަން ރުފިޔާގެ ސީއެސްއާރުގެ ދަށުން އިންވެސްޓް ކޮށްދޭން، އެހެންވީމާ ދެކަމެއް މި އުޅެނީ،" ފަޒުލް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަތްކައްކާ
06 December 2024
މަށަށް މައްސަލައަކީ ބޮޑެތި ވިޔަފަރިވެރިން ތިމަޖިލިހަށް ހޮވާމީހުން. ވިޔަފާރިވެރިން މަސައްކަތްކުރާނީ އެމީހުންނަށް ފައިދާވާގޮތަށް. އެވަރު ނޭނގޭ ރައްޔިތުން މިއުޅެނީ
އަސް
05 December 2024
20 މިލޔަނަށް ކިތަށް ހަޓް ތަ އެޅީ؟
ކުނާލް
05 December 2024
ވިއްކާ ބިމަށްވުރެ ހިލޭ ގޯއްޗާމެދު ކަންބޮޑުވޭ
ހަސަންރަހާ
05 December 2024
ގަފޫރު އެކުރަނީ ރަނގަޅު ސުވާލުތަކެއް! އެސްޖޭ އަކީ ބޮޑެތި ކަރަޕްޝަން ހިނަގާފަ ތިބި ބައެއް. ޒިކުރާ މިސްކިތް، އެމްޓީސީސީ ފެރީ ޓާމިނަލް ދަރުމަވަންތަ ސްކޫލް، މިއީ ބައެއް ކަންކަން. ޝަމްހީދު އަކީ އެމްޑީޕީ އަށް ވައްދާފަ ހުރި ޕީއެންސީ އެޖެންޓެއް. އެ ދާއިރާ އަށް ޕީއެންސީ އިން ވާދަކުރި މީހާ އަށް ނަން ނެގުމަށްވެސް އެނގި. އަދި ޕީއެންސީ އިން ކެމްޕޭނު ވެސް ކުރީ ޝަމްހީދަށް.
ފުވައްމުލަކި މީހާ
05 December 2024
ތި ކުންފުނިތަކުގެ ވެރިންނާއި ފިނޭސްމިނިސްޓަރުކަން ކުރިމީހުންނާއި ފިނޭސްމިނިސްޓްރީގައި ތިބި ގޮތް ނިންމޭ މީހުންނާއި ދިވެހިރާއްޖޭގައި ފަޑިޔާރުކަން ކުރިމީހުންނާއި މިހާރުގެ ފަނޑިޔާރުންނާއި މިމީސް މީހުންގެ އާއިލީ ގުޅުމަށް ބެލުމުން ތިކަންކަމުގައި ނާޖާއިޒު ނުފޫޒާއި ވައްކަން ކުރަނީ ކޮންބައެއްކަން އެގޭނެ.
ވަކަބެ
05 December 2024
އެސްޖޭ ކިޔާލަ ކިޔާލާ ތިބެ ބާރަށް އަތްޖަހާ!
އިސްމާލި
05 December 2024
ކަލޯ އެއްވެސް ސަރުކާރަކަށް އެސް.ޖޭ އަކާ ނުކުޅެވޭނޭ. ރަނގަޅަށް ނޫސްތައް ކިޔާލިއަސް މިކަން އެނގޭނެ. ޒިކުރާ މިސްކިތް ވެސް އަދިވެސް އެހެރީ..
ސޭކުބެ
05 December 2024
މަޖިލީހުގައި އެސްޖޭ އާއިލާގެ ތިންހަތަރު މެންބަރުން އެބަތިބި. ދެން އެހެންވީމާ ކަންތައް ހިގާނެގޮތް އޮތީ ހިތަށް އަރުވާލުން. އެސްޖޭ މޯލް އާއި ޖެހިގެން އޮތް ބިމާ، ފިތުރޯނުމަގު ވަންއެވެނިއު ކުރިމަތީ އޮތް ބިމާ، ޢުމަރު ބިން ޚައްޠާބް މިސްކިތާ ޖެހިން (ކުރިން ވިލާއަށް ދީފައޮތް) ބިމާ މީ ހަމަ ކުއްލިއަކަށް އިހަށް ދުވަހަކު ދިން ތަންތަން. މީމަގޭ ލޮލަށް ހަމައެކަނި ފެނުނު ތަންތަން. މިކަހަލަ ކިތަށް ތަން އަދިވެސް ހުންނާނެކަން ކަށަވަރު. ޝަމްހީދުމެން ވިސްނާލާ!
ހަސަންފުތުގެ
05 December 2024
ސަރުކާރުން އެބަޖެހޭ " މިނިސްޓްރީ އޮފް ކޮރޮޕްޝަން " އުފައްދާއިގެން ރަސްމީކޮށް ކޮރޮޕްޝަން ދިރުވާ އާލާކުރަން ، މިވެސް އެވޯޑް ދޭންޖެހޭ ހުނަރެއް ނު .
ހޭލޯބެ
05 December 2024
އެސްޖޭ ގެ އާއިލާ މީހަކު ސަރުކާރުގެ ހުރިހާ ކުންފުނިތަކާ ، މިނިސްޓްރީ ތަކުގެ ޕްކުއަރމެންޓްގަ އުލޭނެ ، ވަރަށްކުރުކޮށް ފޮނިކޮށް މިބުނީ ، ކޮންމެ ސަރުކާރެއް އޮތަސް ދައުލަތުގެ ހުރިހާ ޕްރުކުއަރމެންޓް ރިކުއަރމެންޓް ހަމަސް ކުރިން އެސްޖޭގެ އޮފީސް މީޓިންގ ރުމްގަ ހުންނާނެ، ސަރުކާކުން މިކަން ބަލާ ، މިއީ ވަރަށް ބޮޑަށް ރޭވިގެން ހިންގާ ނެޓްވޯކެއް.