ފަސް ދުވަހަށް ބަންދުކުރި ދެ ޓެކްސީ ޑްރައިވަރުން: އެމީހުން ބަންދުކުރި މައްސަލަ ހައި ކޯޓަށް ވަނީ ހުށަހަޅާފައި
12 ޑިސެމްބަރ 2024 - 21:22
ޓެކްސީ ޑްރައިވަރުން ހުޅުމާލޭގައި ރޭ ބޭއްވި އިހުތިޖާޖުގެ ތެރެއިން ޓެކްސީތަކުން މަގު ބްލޮކްކޮށް، އާންމު ދަތުރުފަތުރަށް ހުރަސް އެޅި ކަމަށް ބުނާ މައްސަލާގައި ދެ ޓެކްސީ ޑްރައިވަރަކު ހައްޔަރުކޮށް ބަންދުކުރި މައްސަލަ ހައި ކޯޓަށް ހުށަހަޅައިފި އެވެ.
ރޭގެ އިހުތިޖާޖުގައި ހައްޔަރުކުރީ މއ. ވިރާހު، މުހައްމަދު ޝާމިން، 39 އާއި ލ. ދަނބިދޫ ސަންރޭ، އަހުމަދު ޝަބީން، 33 އަދި ހދ. ކުމުންދޫ ހޮލިޑޭވިލެޖް، ނުއުމާން އަހުމަދު، 36 އެވެ. އޭގެ ތެރެއިން ޝާމިން އާއި ޝަބީންގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވާއިރު ނުއުމާން ވަނީ ޝަރުތުތަކަކާ އެކު ކޯޓުން ދޫކޮށްލައިފަ އެވެ.
ޝާމިން އާއި ޝަބީންގެ ގާނޫނީ ވަކީލުންގެ ޓީމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަކީލް އައިކު އަހުމަދު އީސާ ވިދާޅުވީ، ޑްރައިވަރުން އެހާ ގިނަ ދުވަހަށް ބަންދު ޖަހަން އެދެން ޖެހޭ ސަބަބުތަކެއް ފުލުހުންގެ އަތުގައި އޮތް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ. ފުލުހުން ކޯޓުގައި އެދުނީ ތަހުގީގުގެ ބޭނުމަށް އެ ތިން މީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހައިދޭށެވެ.
އައިކު ވިދާޅުވީ ފަސް ދުވަހަށް ބަންދު މުއްދަތު ޖަހާފައިވާ ޝާމިން އާއި ޝަބީންގެ މައްސަލަ މިއަދު ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށާއި އެ މައްސަލައިގެ ތެރެއިން އެ ދެ ޑްރައިވަރުން މިނިވަންކުރަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
ދެ ޓެކްސީ ޑްރައިވަރަކު މިހާރު ހައްޔަރު ކޮށްފައިވާއިރު އާންމު ދަތުރުފަތުރަށް ދަތިކޮށް މަގުތައް ރޭ ބްލޮކްކުރި މައްސަލާގައި 22 ޓެކްސީއެއް ޓޯ ވެސް ކޮށްފައިވެ އެވެ.
ވަކީލް އައިކު ވިދާޅުވީ ކާރުތައް ޓޯކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ބައެއްގެ އާމްދަނީ ހޯދެން އޮތް ހަމައެކަނި ވަސީލަތް ނިގުޅައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. ޓޯކުރުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން އަދި ޓޯކޮށްފައިވާ ކާރުތައް ހޯދަން ސިވިލް ކޯޓަށް އަންނަ އާދިއްތަ ދުވަހު މައްސަލަ ހުށަހަޅުއްވާނެ ކަމަށް ވެސް އައިކު ވިދާޅުވި އެވެ.
ޓެކްސީ ޑްރައިވަރުން އިހުތިޖާޖުކުރީ ސަރުކާރުން ޓެކްސީ ލައިނެއް ތައާރަފުކުރަން އުޅޭތީ އެކަމާ ދެކޮޅަށެވެ. ނަމަވެސް، ސަރުކާރުގެ ޓެކްސީ ލައިނާ ގުޅޭ އެއްވެސް މަސައްކަތެއް އަދި ނުފަށާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން އިއްޔެ ވަނީ ބުނެފަ އެވެ.
ޓެކްސީ ޑްރައިވަރުން ބުނާ ގޮތުގައި، ސަރުކާރުން މި ހިދުމަތުގެ ތެރެއަށް ވަނުމުން އެކަމުގެ ގެއްލުން ޑްރައިވަރުންގެ އިތުރުން ޓެކްސީ ސެންޓަރުތަކާއި ގަރާޖުތަކަށް ވެސް ކުރާނެ އެވެ. ޑްރައިވަރުން މި ވަގުތު ތިބީ ޓެކްސީ ފްލީޓާ އެކު، އެ މީހުންގެ މުސްތަގުބަލަށް ވާނެ ގޮތަކާ މެދު ސުވާލު އުފެދިފައި ކަމަށް ވެސް އެ މީހުން ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީގައި ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހު ވިދާޅުވެފައި ވަނީ، ޓެކްސީ ހިދުމަތުގެ ތެރެއަށް ސަރުކާރުން ވަދެ، އުސޫލުތަކާއި ގާނޫނުތަކެއް ހަދައިގެން ކޮންޓްރޯލް ނަގަން ޖެހޭ ކަމަށެވެ. އެކަން ނުކޮށްފި ނަމަ ވެހިކަލްތަކުން މާލެ "ބަންޑުންވާ" ހިސާބަށް ދާނެ ކަމަށާއި މިހާރު ވެސް ރައްކާތެރިކަން ގެއްލިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެކަމަކު އަމީން ވިދާޅުވި ގޮތުގައި، މިހާރަށް ވުރެ ރަނގަޅަށް ޓެކްސީގެ ހިދުމަތް ދިނުމަށް ސަރުކާރު ހިއްސާވާ ކުންފުންޏަކާ ހަވާލުކުރިޔަސް ޓެކްސީ ޑްރައިވަރުންނަށް ގެއްލުން ނުވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދުބެ
14 December 2024
ދެން ހަމަ ބަޔަކު ބޭނުންވާ އިރަށް ބްރިޖު ބަންދު ކުރަންވީ، އެއަރޕޯޓު ބަންދު ކުރަންވީ، ފެރީ ޓާރމިނަލް ބަންދު ކުރަންވީ..... ކިހާ ދެރަ ކަންކަން މިހުންނަނީ؟
ކާޓަލް
14 December 2024
ހާދަ ފާޑެއްގެ ވައްތަރެއްޖަހާ ބައެއް؟ ޖައްވަ ފަޒާއަށް ދާ ޒާތުގެ ބައެއްތަ މީ؟
އަހްމަދީ
14 December 2024
ކޮން ކޯޓަކަށް ދާކަށް؟ ތިޔަ މީހުން ހިންގާފައި އެވަނީ ކުޑަ ކަމެއް ނޫން. ލައިސަންސް 10 އަހަރަށް ބާޠިލުކޮށް ހަމަ ޖަލަށް ލާންވީ. އެ މީހުންގެ ވަކިޅުންނާ ވެސް އެކު. ސަބަބކީ އެފަދަ ނުބައި ކަމެއް ދިފާއުކޮށް ވަކާލާތު ކޮށްދޭތީ!
ގުރާބު ތުނޑި
14 December 2024
ވަކީލް އައިކު ވިދާޅުވީ ކާރުތައް ޓޯކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށާއި ބައެއްގެ އާމްދަނީ ހޯދެން އޮތް ހަމައެކަނި ވަސީލަތް ނިގުޅައިގަތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.# މަގުތައް ބަންދުކޮށްގެން ތިބުމަކީ ޤާނޫނު ކޮން ހުއްދައެއް ކިރާކަމެއް. ހިތުހުރިހާ ގޮތަކަށް ޑްރައްވަރުން ކަންކަން ކުރުމަކީ އާންމު ރައްޔިތުން ބަލައިގަންނަ ކަންކަމެއްނޫން. އާމްދަނީވެސް ހުއްޓޭނެ މިހެން ކަންކުރަނީވިއްޔާ. ޢެމީހުން ރަށުގައި ކާރު ދުއްވަން ފޮނުވާލަންވީ.
އަހުމަދު މުހައްމަދު އަލީ
13 December 2024
އާއްމުން ބޭނުން ކުރާ މަގެއް 22 ޓެކްސީ ޑްރައިވަރުންނަށް ބަންދު ކުރެވިދާނެ ކަމަށް ޤަބޫލު ކުރަން ތޯ ؟
ޗަކޮއި
13 December 2024
ބަލަގަ ޓެކުސީ ޑުރައިވަރުންނަކީ ގާނޫނު ނުހިނގާ ބަޔަކީތަ؟
ކަތްދައްތަ
13 December 2024
މަހިތަށް އަރާ މީ ކޮންތާކުން ގާނޫނު ކިޔަވައިގެން ތިބޭ ވަކީލުންތަކެއް ބާއޭ؟ ޓެކްސީ ޑްރައިވަރުންގެ ހައްގު ހިމާޔަތް ކުރާށޭ ކިޔާފަ ގޮސް އަނެކާގެ ހައްގު ގަށައެއް ނުލެވޭނެއްނު. ޓެކްސީ ޓޯކުރީ ތެޔޮލާފަ ގޭގެ ގަރާޖުގަ ބާއްވާފަ އޮއްވަތަ؟ އަޖާއިބެއްނުމީ ދެން.
އަލީ ހ
13 December 2024
ތި މީހުންގެ ކަންތައްހުރިގޮތް ކުރީދުވަހު މާލެއައިސް ކާރެއްނަގަންވެގެން ފެހިކޮން އިނީމަ އަތްނަގަނި މަޑުކޮއްލާފަ ދޮރުފަތުގެ ބިއްލޫރި ތިރިކޮއްލާފަ މި އަހާލަނި ކޮންތާކައްދަނީ ބުނާއިރައް ނުދެވޭނެ ބުނެފަދަނީ މި ވާގޮތަކީ މާލޭގެ ތަނަކައްވީމަ ނުދެވެނި ހުޅުމާލެ ނޫނީ ހުޅުލެއަށް ނޫނީ ދަތުރުނުކުރަނި 15 މިނެޓުފަހުން ދާންބޭނުންވި ތަނަށް ދާންހިގާގަތީ ނުލިބޭނެ ކަންއެގުނީމަ ގިނައިރު މަޑުކުރީ ފޮށިގަޑެއްވެސްގެންގުޅުނީމަ
ޣަނިއަ
13 December 2024
ކަލޯ ޓެކްސީ ޑުރާވަރުންއެކަނިތަ މިރަަާއްޖޭގަ ތިބީ އިބުރާހިމުވެރިކަމުގަ އާރުޓީއެލް ފެރީދަތުރު ފެށީމަ ލޯންޗުފަހަރު ގެންގުޅުނި މީހުންނަށްވެސް ގެއްލުވި އެލަމަކު އެކަންކުރީމަ ޖުމުލަކޮން ދިވެހިންނަށް ރަގަޅު.
ތުނޑުހަސަނު
13 December 2024
ބޮލުރޮނދި ކެނޑިފައި ހުރި ވަކީލަކާ ވައްތަރީ. އެހެން މީހުންނަށް ދުއްޕާންކޮށް ދުއްތުރާކޮށް އަމަންނަގާލާއި އެހެންމީހުންގެ ޙައްގުތަކަށް އަރައިގަތީމަ އަަމްދަނީ ހޯދަންހުރި މީހާއާއި އާމްދަނީ ހޯދަން ބޭނުކުރާ ވަސީލަތްވެސް ހިފަހައްޓަންވީ. ޢާންމު ދަތުރުފަތުރަށް ހުރަސްނޭޅޭނެ ކަލޭމެން ހިތަށްއަރާއިރަކަށް. ތިޔަކީ ގާނޫނު ހުއްދަކުރާ މިނިވަންކަމެއް އަދި ޙައްގެއްވެސްނޫން.
މައިކު
14 December 2024
އެމީހުން އެތާ ކާރު ބާއްވާފާ ތިބީ އާމްދަނީ ހޯދަން މުޒާހަރާކުރަން. މުޒާހަރާކުރުމަކީ އެންމެރަނގަޅަށް އާމްދަނީ ލިބޭ މަސައްކަތް.