ޑްރަގް ޓްރެފިކިންގެ މައްސަލައިގައި ފުވައްމުލަކުން ހައްޔަރުކުރި ދެ މީހުން.-- ފޮޓޯ: ޕޮލިސް
12 ޖެނުއަރީ 2025 - 15:30
މަސްތުވާތަކެތި ވިއްކައި މަނީ ލޯންޑާކުރާކަމުގެ ތުހުމަތުގައި ފުވައްމުލަކުން އަތުލައިގަތް މީހުންނަށް ދައުވާ އުފުލަން މައްސަލަ ބަލައިނުގަނެ، ތަހުގީގު ފުރިހަމަކުރަން ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ފުލުުހުންނަށް ލަފާ ދީފި އެވެ.
ފުވައްމުލަކުގައި މިދިޔަ އަހަރުގެ ޖެނުއަރީ 14 ގައި ފެށި "އޮޕަރޭޝަން ވެށި ރައްކަލް" ގައި 58 މީހަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް 75 މައްސަލައެއް ތަހުގީގުކުރި އެވެ. އޭގެ ތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ.
އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަތައް ޑިއުޓީ ޕްރޮސެކިއުޝަނަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު ދައުވާކުރަން އަދި ބަލައިގެންފައިނުވާ ކަމަށް ވިދާޅުވި އެވެ.
"ތަހުގީގުގައި އިތުރު ކަންތައްތަކެއް ފުރިހަމަކުރުމަށް ފުލުހުންނަށް ލަފާ ދީފައި ވަނީ،" އޭނާ ވިދާޅުވި އެވެ.
އެ ނެޓްވޯކްގައި އިސްކޮށް އުޅޭ ދެ މީހަކު ޑްރަގް ޓްރެފިކިން އާއި މަނީ ލޯންޑަރިންގެ މައްސަލައިގައި މިދިޔަ މަހު ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ؛
- ފުވައްމުލަކު، ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، 34 އަހަރު
- ފުވައްމުލަކު، ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 29 އަހަރު
ފުލުހުން އޭރު ބުނީ ނިއުޝާދުގެ ބޭންކު އެކައުންޓުން ފާއިތުވި ފަސް އަހަރުގެ ތެރޭގައި 21 މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވެ އެވެ. އާޒިމްގެ ބޭންކު އެކައުންޓް މެދުވެރިކޮށްގެން ދެ އަހަރުގެ ތެރޭގައި ހަތް މިލިއަނަށް ވުރެ ގިނަ ރުފިޔާގެ މުއާމަލާތް ހިންގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުވައްމުލަކުން ވާހަކަ ދެއްކި މީހުން ތުހުމަތުކުރި ގޮތުގައި ނިއުޝާދާއި އާޒިމް ޑްރަގްސްގެ ވިޔަފާރީގައި އުޅޭތާ އަހަރުތަކެއް ވެއްޖެ އެވެ. މަސައްކަތެއް ނުކޮށް މުއްސަނދި ދިރިއުޅެއް އުޅޭތީ އަބަދު ވެސް ޑްރަގްގެ ވިޔަފާރިކުރާ ކަމުގެ ޝައްކު ކުރެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
12 January 2025
މިގައުމުގައި މިއޮންނަ ނިޒާމެއްގެތެރެއިން ތިޔަކަހަލަ މީހުންނަަށް އެޅޭނެ ފިޔަވަޅެއް ނޯންނާނެ. މިއީ ކުށްވެރިންގެ ސުވަރުގެ.
ލޮއްލަ
12 January 2025
މަމެން ރަށުގައި އުޅޭ ޕޮލިސް ކުދިންވެސް މިހާރު ގިނައިންދަނީ މަހަށް. ބޮޑެތި އޮޮަރޭޝަންތަށް ހިންގައިގެން ޑުރަގު ލޯޑުން ހެއްކާއެކު އަތުލައިގަތީމަ ކޯޓުން ކޮންމެސް އެއްޗެކޭ ކިޔާ އަނެއްދުވަހު އެމީހުން ދޫކޮށްލާ. ފިޔަވަޅެއް ނޭޅޭ ހުކުމެއް ނުކުރެވޭ ބަންދެއްނުކުރެވޭ ބައެއް. އެކަމުވެސް ގާނޫނުތަށް ފައްކަަވެ އުތުރިއަރަނީ. ގޯސްމިވަނީ ޕޮލިހުން.
ކޮރަލް
12 January 2025
ހައްޔަރުގަ ނުބެހެއްޓެ އެވެ. ހުކުމެއް ނުކުރެވެ އެވެ. ފައިސާ އާ މުދާ ނުހިފެހެއްޓެ އެވެ. މިމީހުންނަށް އެހީވާ ބަޔަކުވެސް ހައްޔަރު ކުރަން ވީ އެވެ.
އަޖައިބު22
12 January 2025
ރައްޔިތުންގެ ސަލާމަތާއި ގުޅިފައިވާ މިފަދަ ބޮޑު މައްސަލައެއް ތަހުގީގު ފުރިހަމަ ނުވާކަމަށް ޕީޖީން ނިންމީ ކިހިނެތްތޯ؟ ތިގޮތައް ތިޔަމީހުން ދޫކޮށްލީމަ ފުލުހުންގެ ނިކަމެތި އާއިލާތައް ބޮޑު ނުރައްކަލަކަށް ހުށަހެޅިގެންދޭ.. އިތުރު ކޮންކޮން ކަންތައްތަކެއްތޯ ފުރިހަމަ ކުރަންޖެހެނީ؟ ރައްޔިތުންނަށް ތަފްސީލް އިނގެންޖޭހޭނެ، އެތައް ސަތޭލަ މިލިއަން ރުފިޔާއެއް ތިޔަ 2 މުވަސާސާއަށް ރައްޔިތުން ހަރަދުކުރޭ.. މިގައުމު ދުވަހަކުވެސް މިކަމުން ސަލާމަތެއްނުވާނެ.
ބަބޫ
12 January 2025
ބްރަދާ އެއުޅެނީ ތަހުގީގު ފުރިހަމަ ނުވެގެނެއް ނޫނޭ. އެހިސާބު މަތީގައި ތިބޭ މީހުން ތިބެނީ ސިޔާސީ މީހުންގެ ބާރުގަ. މިހާރު އެއުޅެނީ އެމީހުންގެ މައްސަލަ ނުބަލާ ދަުކޮށްލަން. ދުވަހަކުވެސް އަޑުއެހިންތަ ނިކަމެއްޗެއްގެ މައްސަލައެއް ޕީޖީއިން ދައުވާ ނުކުރަން ނޫނީ ބަލައިނުގަންނަން އުޅުނުވާހަކަ؟ މީ ހަމަ ކުޅޭގޭމެެއް
އަލީބޯ
12 January 2025
މުއައްސަސާގަ ތިބިއެންމެން ކުޑަހުޅުން ނެއްޓެންދެން އަތްޖަހާފަބުނާނެ ސަތޭކައެތައް އަހަރެއްވީ ފަހުރުވެރި ތަނެކޭ އެކަމަކު ހަވާލުވެފައޮތް އަސާސީކަންތައްކުރަންއެނގޭ މީހަކުހުރިކަމަކަށްނުވޭ ކޮންމެކަމެއްގަވެސް ލޫޕްހޯ ބައްދާންތެރަހެއްނެތް ތަންބަންދުކޮށްފަ ގޭގަތިބެންވީނު
ޢިބޫ
12 January 2025
އަހަރުވާއިރު މައްސަލައެއްގެ ތަހުގީގު ނިންމާނުލެވެ، މިނިސްޓަރ މިކަމާދޭތެރޭ ނުވިސްނަންތޯ؟ ފުލުހުންގެ މުއައްސަސާ ތަންކޮޅެއް ފާސްޓް ވޭތޯ ބަލަންޖެހޭނޫންތޯ؟
ވަގު ތީ
12 January 2025
ފުވައްމުލަކު އެންމެން ދަންނަ ބޮޑު ސިއްރެއް ތިމީހުންގެ ސިޔަރަތަކީ. އެކަމަކު ، ބޭންކް އެކައުންޓް މިލިއަނުން ރޯލްވެފައިވާ ބަޔަކަށް މިގައުމުގައި އުގޫބާތެއް ދެވިދާނެކަމަށް ގަބޫލުކުރުމަކީ ވެސް މޮޔަކަމެއް. ކޮންމެވެސް ބަހަނާއެއް ނުވަތަ ލޫޕް ހޯލެއްގެ ތެރެއިން ދޫވެގެންދާތަން ދެކެން ރައްޔިތުން ބޭނުންވާނެހެނެއް ހިއެއް ނުވޭ!
އަލޭ
12 January 2025
މިގައުމުގައި އުޅެންވީ ތިކަހަލަ މީހުން..