ނަބީހާއި އޭނާގެ މަންމަ އާއި ބައްޕަ އިމާދުއްދީން ސްކޫލަށް ދިއުމުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
09 މާޗް 2017 - 19:09
ތިން މަސް ދުވަހުގެ ތެރޭގައި ގުރުއާން ހިތުދަސްކޮށްފައިވާ އަހުމަދު ނަބީހު، 14، އަށް އިމާދުއްދީން ސްކޫލުން ރަތް ދޫލައިގެ މަރުހަބާއެއް މިއަދު ކިޔައިފި އެވެ.
އުމުރުން ހަ އަހަރުން ފެށިގެން އިމާދުއްދީން ސްކޫލުގެ ޖުވެލް ސެންޓަރުން ތައުލީމް ހާސިލްކުރަމުން އަންނަ ނަބީހަށާއި އޭނާގެ މަންމަ އާމިނަތު މުހައްމަދު އަދި ބައްޕަ އަބްދުލް ގާދިރު އެ ސްކޫލަށް ދިއުމުން ވަނީ، އެ މީހުން ކުރި ބުރަ މަސައްކަތުގެ އަގުވަޒަން ކޮށްފަ އެވެ.
ނަބީހުގެ ކާމިޔާބީގެ އަގުވަޒަންކުރަން އިމާދުއްދީން ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ސްކޫލުގެ ޕްރިންސިޕަލް ވަފާ (ވ) ނަބީހަށް ހަނދާނީ ފިލައެއް ދެނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ނަބީހުގެ އެ ކާމިޔާބީގެ އަގުވަޒަންކުރަން ސްކޫލުގެ ހޯލުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ. އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ޕްރިންސިޕަލް ލަތީފާ އަހުމަދު ވިދާޅުވީ ނަބީހު ވަނީ އެ ސްކޫލާއި މުޅި ގައުމު ވެސް ފަހުރުވެރިކޮށްދީފައި ކަމަށާއި މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ވެދާނެ ކަން ނަބީހު ދައްކައިދީފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ ގުރުއާނަކީ މި ބިން މަތީގައިވާ އެންމެ މާތް ފޮތް ކަމަށާއި އެ ފޮތް ދަސްކޮށް އެ ފޮތުގައި ބަޔާންކޮށްފައިވާ ގޮތާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް ލަތީފާ އެދިވަޑައިގަތެވެ.
ނަބީހުގެ މަދަހަ ސީޑީ އުފެއްދުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ދިން މޯލްޑިވިއަން އައިޑޮލްގެ ތަރި ޝަލަބީ (ވ) މިއަދު ރަސްމިއްުޔާތުގައި ބައިވެރިވަނީ-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ނަބީހުގެ ދިރިއުޅުމުން ފިލާވަޅު ނަގައި ކޮންމެ ކުއްޖެއް ވެސް ގުރުއާން ދަސްކުރުމުގެ މަސައްކަތް ކުރުމަށް އޭނާ ވަނީ ނަސޭހަތް ދީފަ އެވެ.
މި ރަސްމިއްޔާތުގައި އެމް ސެވަން ޕްރިންޓާއި އެ ސްކޫލުގެ ފަރާތުން ނަބީހަށް ވަނީ ހަދިޔާ ދީފަ އެވެ.
ނަބީހުގެ ބައްޕަ އަބްދުލް ގާދިރު ބުނީ ބޭނުންވީ މީޑިއާގެ ކުރިމަތީގައި ސަމާލުކަން ހޯދަން ނޫން ކަމަށާއި މަސައްކަތް ކުރަމުން އައީ އެ ދެމަފިރިން ނެތަސް ނަބީހަށް ދުނިޔޭގެ އުޅެވޭނެ މަގެއް ހޯދައިިދިނުމަށް ކަމަށެވެ. ނަމަވެސް ދަތިތަކާއެކު ވެސް އުއްމީދު ކުރި ވަރަށް ވުރެ ދުރަށް ދެވިއްޖެ ކަމަށް އޭނާ ބުންޏެވެ.
ނަބީހުގެ ކާމިޔާބީގެ އަގުވަޒަންކުރަން އިމާދުއްދީން ސްކޫލުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި، އެ ސްކޫލުގެ ބައެއް ދަރިވަރުން ބައިވެރިވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
ނަބީހަކީ އޯޓިސްޓިކް ކުއްޖަކަށް ވުމުން ބައެއް ގުރުއާން ކްލާސްތަކުން ވަނީ އޭނާއަށް ގުރުއާން ކިޔަވައިދޭން ދެކޮޅު ހަދައިފަ އެވެ. ނަމަވެސް ގެއަށް ގުރުއާން ޓީޗަރެއް ގެންގޮސް، ގުރުއާން ހިތުދަސްކުރަން އަޒުމް ކަނޑައަޅައިގެން މަސައްކަތް ފެށިތާ ތިން މަސް ދުވަހުގެ ތެރޭގައި އޭނާ ވަނީ އެކަން ހާސިލްކޮށްފަ އެވެ.
ގުރުއާން ހިތުދަސްކުރަން މެދުނުކެނޑި މަސައްކަތް ކޮށްފިނަމަ އާއްމުކޮށް އެކަން ކުރެވޭނީ އެންމެ އަވަހަށް ވެސް ދެ ތިން އަހަރު ފަހުންނެވެ. ރަނގަޅަށް ގުރުއާން ދަސްކުރަން ހައެއްކަ އަހަރު ނަގާނެ ކަމަށް، ގުރުއާން ހިތުދަސްކޮށްދިނުމުގެ މަސައްކަތުގައި އުޅޭ މީހުން ބުނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާރަތު
11 March 2017
ނަބީހުއަށާއި މަންމައަށާއި ބައްޕައަށް މަރުހަބާކިޔަން. ތިޔަގޮތުގައި ދަރިފުޅާއެކު ދެމިހުރުމަށް އެދެން. ތިޔަ ޢާއިލާއަށް ﷲ ރަޙްމަތް ލައްވައިށިއެވެ.
ސަލްމާ
11 March 2017
3 މަސްދުވަސް ތެެރޭގައި ތީއަޖައިބެއް
ޝުކުރު
10 March 2017
މީ ކަންދެއްކުމުގެ ގޮތުން ތިބާ ކުރިކަމެއް ކަމުގައިވަނީ ނަމަ ތިބާއަށް މިގެ އެއްވެސް ފައިދާއެއް ނެތެވެ. ނަމަވެސް މީ ތިބާ ހެޔޮހިތުން ކުރިކަމެއް ކަމުގައިވަނީ ނަމަ މާތްﷲ ތިބާ އަށް ހެޔޮ ރަޙްމަތް ލައްވާ ތިބާގެ ދެދުނިޔެ އަލިކޮށްދެއްވުމަށް އެދި ދުޢާ ކުރަން. އަދި ފާގަތި މުސްތަޤުބަލަކަށް ނަބީހުއަށް އެދެން. މަރުޙަބާ ނަބީހް، ނަބީހުގެ މައިންބަފައިން އަދި ނަބީހް އަށް މިކަމުގައި އެހީތެރިވެދިން ހުރިހާ ބޭފުޅުންނާއި ބޭކަނބަލުން.. ތީ ހިތްވަރުގަދަ ކަމުގެ މިސާލެއް. އަދި ނަބީހުގެ މައިންބަފައިންބަފައިނަށްވެސް މަރުޙަބާ.ތިޔަ ގޮތުގައި ދަރިފުޅާއިއެކު ސާބިތުވެ ތިއްބަވާށެވެ،.
ސަހަރު
10 March 2017
3 މަސް ދުވަހުން ގުރުއާން ހިތުދަސްކުރުމަކީ ކުރެވޭނެ ކަމެއް ނޫން ތެދުބުނަން އޑަ ކުރަން އެބަޖެހޭ މުއުޖިޒާތް ގަބޫލް ކުރަން
ޢާއިޝާ
10 March 2017
ރަން ދޫލައިގެ މަރު ޙަބާ އެއް ކިޔަން ބޭނުން.
ފަރީ
10 March 2017
އެންމެ ރަގަޅު ގޮތަކީ ތި ނިއްމަތް މާ ބޮޑަށް އިޝްތިހާރު ނުކުރުން. އެސްފިންނާ ނުވަތަ ހަސަދަ މިއީ ހަމަ ހަގީގަތެއް.
ނަސޭހަތް
10 March 2017
ނަބީހުގެ މަންމަ އާއި ބައްޕަ އަށް ދޭ މެސެޖް. މީޑިޔާ ކުރިމަތީގައި ސަމާލުކަން ނުހޯދާ ކަމަށް ވަންޏާ ވަރަށް ރަނގަޅު. އެކަމަކު ބުނަން މަޝްހޫރު ކަމަކީ ފާޑެއްގެ ބައްޔެއް ކަހަލަ ކަމެއް. އެހެންވީމަ ވަރަށް ވިސްނައިގެން އުޅެންޖެހޭނީ، މަޝްހޫރު ވެފައިމީޑިޔާ އަށް އަރަންފެށީމައި މުއްސަނދިކަން ބޭނުންވުމަކީ ވެސް ޠަބީޢީކަމެއް. މިކަންކަމަށް ސަމާލުވުމަށް ނަސޭހަތްތެރިވަން. ޝުކުރިއްޔާ
حسين حسن
10 March 2017
أحمد نبيح އަކީ ކުޅަދާނަ ކުއްޖެއް (ما شاء اللّه ) عبد القادر ބޭބެ ދެކަނބަލުންނަށް ބުނެލަން އޮތީ ތިޔަހޯދެއްވީ މިދުނިޔޭގެ ކާމިޔާބަށް ވުރެ ބޮޑަށް އާޚިރަތުގެ ކާމިޔާބެކެވެ. (ރަންތާޖެކެވެ.) ހުރިހާ ބެލެނިވެރިންނަށް ތިޔަދައްކައިދިން ނަމޫނާ ބަލައިގަންނަމެވެ. ދުނިޔެއަށް ޝައިޠާނާ ފައިދާވާ ވަޤުތު (ހެނދުނާއި ހަވީރު ، ދެނަމާދު ދޭތެރެއާއި ފަތިސް ނަމާދާއި އިރު އެރުމާއި ދެމެދު ރޭގަނޑުނިދުމުގެ ކުރި) މިގަޑިތަކުގައި قرآن ކިޔެވުމަށް ހުރިހާ ކުދިން ޝަޢުގުވެރިވާށެވެ. إنشا اللّه ކާމިޔާބުދެއްވާނެއެވެ.
މާޖިދު
09 March 2017
ތިންމަސް ދުވަހުން ޤުރުއާން ހިތުދަސްކުރުމަކީ ކުޑަ ކަމެއްނޫން.
ފަހުރު
10 March 2017
ވަގުތު ހެއްދެވި ފަރާތަށް ރުޖޫއާ ވީމަ މަހެއް އަހަރެއް ނޯންނާނެ.
ޢައިޝަތު
09 March 2017
މާޝާ ﷲ ވަރައްވެސް އުފާވެރި ހަބަރެއް މާތް ﷲ ނަބީލު އައް އެ ގޮތުގައި ކުރިއަށް ދިއުމުގެ ހެޔޮ ތައުފީޤު މިންވަރު ކޮށްދެއްވާންދޭވެ! ޢާމީން
އައްމަކަލޯ
10 March 2017
މި ކޮމެންޓަށްވެސް ޑިސްލައިކް ކޮށްފަ؟؟؟
ފީޑްބެކް
10 March 2017
ފެންނަގޮތުގައި އެއީ އިންޓަރފޭސް މައްސަލައަކުން އޮޅިގެން ކުރެވޭ ކަމެއް! ލައިކް އަދި ޑިސްލައިކް، މާކައިރީގައި އިނުމުން އާންމުކޮށް ފޯނުތަކުން އަދި މައުސްއިން އަވަހަށް ކްލިކްކުރުމުގައި ދިމާވާ ކަމެއް. ލައިކް | ރިޕްލައި | ޑިސްލައިކް މިގޮތައް އިންޓަރފޭސް ޑިޒައިން ބަދަލުކޮށްލުމަށް ފެނޭ...