ގެއެއްގައި ސިނގިރޭޓު އުފައްދާ މައުލޫމާތު ލިބިގެން ފުލުހުން އެތަނަށް ވަނީ ވަދެފައި.
30 ޖެނުއަރީ 2025 - 21:30
ހ. ހުޅުގަލީގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓް އުފައްދާކަމުގެ މައުލޫމާތު ލިބިގެން އެތަނަށް ފުލުހުން ވަދެއްޖެ އެވެ.
ފުލުހުން ބުނީ ގެއެއްގައި ހިންގާ ޕްރައިވެޓް އޮފީހެއްގެ ތެރޭގައި ސިނގިރޭޓް އުފައްދާ ކަމަށް ލިބިފައިވާ މައުލޫމާތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން މިރޭ ފުލުހުން އެތަން ފާސްކުރަމުންދާ ކަމަށެވެ.
އެ ސަރަހައްދުގައި ހުރި "މިހާރު" ގެ ނޫސްވެރިއަކު ބުނި ގޮތުގައި އެ ގެއިން ބޮޑެތި ފޮށިތަކެއްގައި ބައެއް ސާމާނު ނެރެ ވަނީ ފުލުހުންގެ ވެހިކަލަކަށް އަރުވައިފަ އެވެ.
އެކަމަކު އޭގެ އެއްވެސް ތަފްސީލެއް ފުލުހުން އަދި ނުދެެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖޭގައި ދުންފަތް އުފެއްދުމަކީ މަނާކަމެކެވެ. ހެލްތު މިނިސްްޓްރީން ވަނީ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ނަމަ ހިފަހައްޓަން ކަސްޓަމްސް އަށް ވެސް އަންގައިފަ އެވެ.
ރާއްޖޭގައި ވޭޕް އެތެރެކުރުމާއި ބޭނުން ކުރުން މަނާކޮށް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނަށް މިދިޔަ ނޮވެމްބަރު މަހު ވަނީ އިސްލާހު ގެނެސްފަ އެވެ.
އެ އިސްލާހާ ހަވާލާދީ، ބިޑި އަދި ސުއްޓާ ފަދަ ދުންފަތުގެ ބާވަތްތައް އަމިއްލަ އަށް އުފައްދަން ބޭނުންކުރާ އެއްވެސް އެއްޗެއް ރާއްޖެ އެތެރެ ނުކުރެވޭނެ އެވެ.
ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނުގައި "ދުންފަތުގެ ބާވަތްތައް" ކަމަށް ބުނެފައި ވަނީ ދުންފަތާއި ދުންފަތުގެ ތަނޑި އާއި ނިކޮޓިން އާއި އެ ތަކެތި ހިމަނައިގެން ތައްޔާރުކޮށްފައި ހުންނަ ތަކެއްޗަށެވެ. އަދި އެއިން އެއްވެސް ބާވަތެއް އެއްވެސް މިންވަރަކަށް ހިމެނޭ އެއްޗެއް ހަފައިގެން ނުވަތަ ބޮއެގެން، ވަސްދަމައިގެން ނުވަތަ ހަށިގަނޑުގެ ތަނެއްގައި ތަތްކޮށްގެން ނުވަތަ ޖައްސައިގެން ނުވަތަ އުނގުޅައިގެން ވިޔަސް އަދި ހަށިގަނޑަށް ވާސިލުވާ ގޮތަށް ތައްޔާރު ކޮށްފައިވާ ކޮންމެ އެއްޗަކީ ދުންފަތުގެ ބާވަތެއް ކަމަށް ވެސް އެ ގާނޫނުގައި ބުނެފައިވެ އެވެ.
"ދުންފަތް އުފެއްދުން" ކަމަށް އެ ގާނޫނުގައި ބުނެފައި ވަނީ ވައި ނުވަތަ އަވި ނުވަތަ އަލިފާނުގެ ހޫނުން ދުންފަތް ހިއްކުން ނުވަތަ އެ ނޫން ވެސް ގޮތަކަށް ދުންފަތް އުފެއްދުމުގައި ބޭނުން ކުރުމަށް ދުންފަތުގެ ތާޒާ ފަތް އެކި ގޮތްގޮތަށް ތައްޔާރު ކުރުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮއެހަލާކު
31 January 2025
ސިގިރޭޓު އިންޕޯޓުކުރުން އޯކޭ، އެކަމު ސިގިރޭޓު ވިއްކުން މަނާ؟؟؟ މީ ގެން އިކޮނަމީ އައް ގެއްލުން ސިއްހަތަށް ވެސް ގެއްލުން.
ހާދިމްކުމް
31 January 2025
ހެލްތު މިނިސްްޓްރީން ވަނީ ދުންފަތުގެ އެއްވެސް ބާވަތެއް އުފެއްދުމަށް ބޭނުންކުރާ ތަކެތި އެތެރެކުރާ ނަމަ ހިފަހައްޓަން ކަސްޓަމްސް އަށް ވެސް އަންގައިފަ ހަމަ ކަނޑައެޅިގެން އޮޅުވާލުމެއް. އެންގި ކަމުގެ އެއްވެސް އިއުލާނެއް ސާކިއުލާއެއް އުސޫލެއް ފެންނާކަށް ނެތް. ލާރި ދީގެން ދައުރުކުރުވި ސްކރީންޝޮޓެއް ނޫނީ ނެތް އެއްވެސް އިތުރު އެއްޗެއް
އިޓްސް ޖަސްޓް ބިޒްނަސް
31 January 2025
ޕޮލިޓިކަލް ކެމްޕޭން ތަކަށް އެންމެ ގިނައިން ފަންޑު ކުރާ ސިގިރޭޓް ކުންފުނި ތަކަށް ވޭޕް ގެ ސަބަބުން ގެއްލުން ވާތީ ފާސް ކުރި ގަވައިދެއް
ކިމް
31 January 2025
ބިޑި އޮޅުން އެއީ ދުންފަތް އުފެއްދީކަމަށް މާނަކުރެވޭ؟
ދެންފަހެ
31 January 2025
ސިގިރެޓު ބޯ މީހުން ހާދަވަރަކަށް މިކެކެނީ...
އަހްމަދް
31 January 2025
ބަލަ މިދިޔަ ހަފަތާ ސިނގިރޭޓް ހަދަން ބޭނުން ކުރާ އެއްޗެއް އެތެރެ ކުރުން މަމަލެއް ނޫނޭ ކިޔާފަ ހުއްދަ ދީގެން ބޮޑަތި ޝިޕްމަންޓް އެތެރެ ކުރީ. ދެން އެތެރެކޮށްގެން ކީއްކުރާނެ ކަމަށްތޯ ސަރުކާރަށް ހީވަނީ؟ މީހަކު .. ނުވާނެ؟
ގުނައިދު ޝަރީފް
31 January 2025
އަދިވެސް ރޫޓް ފިހާރައިން ސިގަރެޓް ވިކޭލެއް މަދީތަ؟
ބޮޗ ޭ
31 January 2025
ތިތަކެތި ޖެހޭނީ ދޫކޮއްލަން، މިދޭތެރެއިން ކަސްޓަމްސް އިން ހިފެހެއްޓި ސިގަރެޓް އަންބުރާ ދުންފަތް ޝިޕްމަންޓް ދޫކޮއްލިގޮތައް ތިވެސް ދޫކޮއްލާނެ. އެހެނީ އެތަކެއްޗަކީ ދުންފަތް އުފައްދާ ތަކެއްޗަށްނުވުން.
1828
30 January 2025
ސިނގެރޭޓް އެތެރެކޮށް ވިއްކުން ހުއްދަ. އެކަމަކު ސިނގެރޭޓް / ބިޑި އުފެއްދައް ބޭނުންވާ އެއްވެސް އެއްޗެއް އެތެރެކުރުން މަނާ. މިއީ ވަކިބަކަޔަށް ލާބައާއި މަންފާ ހޯދައިދިނުން ފިޔަވާ ދެން އިތުރުކޮށް ކަމައް ތޯ؟
އަހްމަދް
30 January 2025
ތިއީވެސް އާދައިގެ ބައެއްވިއްޔާ ނަމާ ފޮޓޯ އާންމު ކުރާނެ. ބަޔަކަށް ވާކަހަލަ ބައެއްވިއްޔާ ތަހުގީގަށް ހުރަސްއެޅިދާނެތީ 'ސިއްރު' ކުރާނީ.