އެފްއޭއެމްގެ އެކްޓިން ޖީއެސް ސުޖާ:
04 ފެބުރުއަރީ 2025 - 13:57
އެފްއޭއެމްގެ ހުސްވެފައިވާ ޖެނަރަލް ސެކްރެޓަރީގެ މަސްއޫލިއްޔަތުތައް އައްޑޫ ސިޓީ ކައުންސިލްގެ ކުރީގެ ސެކްރެޓަރީ ޖެނަރަލް މުހައްމަދު ޝުޖާއު ހަމަޖައްސަވައިފި އެވެ.
އެފްއޭއެމްގެ އެސްޖީގެ މަގާމު ހުސްވީ، އެ މަގާމުގައި އެންމެ ފަހުން ހުންނެވި ނާހިލް އަހްމަދު ސިއްދީގް މިދިޔަ ހަފުތާގައި މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.
އެފްއޭއެމް ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހްމަދު ޒުހޫރު ވިދާޅުވީ އެކްޓިން ޖީއެސްއަކަށް ޝުޖާ ހަމަޖައްސަވަން ނިންމީ ނޯމަލައިޒޭޝަން ކޮމިޓީގެ މެންބަރުންގެ ވެސް ލަފާގެ މަތިން ކަމަށެވެ.
އެފްއޭއެމްގެ މީޑިއާ އެންޑް އައިޓީ ޑިޕާޓްމެންޓްގެ މަގާމެއް ވެސް އަދާކުރައްވަމުން ގެންދަވާ ޝުޖާ އެފްއޭއެމްގައި މަސައްކަތް ކުރާތާ މިހާރު ތިން މަސް ވެއްޖެ އެވެ.
ޝުޖާ: އޭނާ ކުރިން ވަނީ އައްޑޫ ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމު އަދާކުރައްވާފަ
މިދިޔަ ތިން މަސް ދުވަހުގެ މުއްދަތުގައި ތަން ހިންގުމާ ގުޅޭ މަސައްކަތްތަކުގައި ވެސް ޝުޖާ އަމަލީ ގޮތުން ބައިވެރިވެ ގިނަ މަސައްކަތް ކުރައްވާފައިވާ ކަމަށް ޒުހޫރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަލުން ދާއިމީ ޖީއެސްއެއް އައްޔަން ކުރާނީ ފީފާގެ ލަފާގެ މަތިން ކަމަށެވެ. މި މަހު ފީފާ އާ އެކު ބާއްވާ ބައްދަލުވުމުގައި އެކަމާބެހޭގޮތުން މަޝްވަރާ ކުރައްވާނެކަމަށް ޒުހޫރު ވިދާޅުވި އެވެ.
އައްޑޫ ސިޓީ ކައުންސިލްގެ އެސްޖީ މަގާމު، ޝުޖާ ވަނީ ދެ އަހަރު ވަންދެން އަދާކުރައްވައިފަ އެވެ. ސަރުކާރާއި ކުންފުނިތަކުގެ އެކި މަގާމުތަކުގައި 29 އަހަރުވަންދެން ހިދުމަތް ކުރެއްވި އެވެ. އެސްޓީއޯގެ ޖެނަރަލް މެނޭޖަރުގެ މަގާމު ވެސް އޭނާ އަދާކުރެއްވި އެވެ. އޭނާ ވަނީ ސައިންސް އެންޑް ޓެކޮނޮލޮޖީ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލު ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަނބޫ
04 February 2025
ތިތަން އުވާލަހަރޭ.
އާޔާ
04 February 2025
މިއީވެސް ކުޅިވަރުގެ އެއްވެސް ކަމެއްގައި އުޅެފައި ހުރި މީހެއްނޫނެވެ. އަދި ފަތިފުށަށް ބަލާއިރުވެސް ސަދާ ގޮތެއް ނެތް ބޭފުޅެކެވެ. ދެން ކަންތަށް ގޯހަށް ދިޔައީމައި އެފްއޭއެމްގެ ކަމަކީ މިހާރު ނޫހާއި ދެންވެސް ހުރިނަމަ ހުރި ނޫހަކާއި ވިއްދާލުމެވެ. އެއިރުން ދިވެހި ފްޓްބޯޅަ ކުރިއެރީއެވެ.
ހަމްދާ
04 February 2025
މަހުވާ ކީކޭ ބުނާނީ