ދިރާގު ފުވައްމުލައް ރަންއާ ގުޅޭ ގޮތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ އިސްވެރިން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
05 ފެބުރުއަރީ 2025 - 12:09
ދިރާގުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުން، ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އަތޮޅު ތެރޭގެ ފުރަތަމަ އެޑިޝަން "ދިރާގު ފުވައްމުލައް ރަން"ގައި ބައިވެރިވުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
ދިރާގު ފުވައްމުލައް ރަންއާ ގުޅޭ މައުލޫމާތުތައް ހިއްސާކުރަން ދިރާގު ހެޑް އޮފީހުގައި މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކުންފުނީގެ ޑިރެކްޓަރު، ބްރޭންޑް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން ވިދާޅުވީ ދުވުމަށް ހާއްސަކޮށްފައިވާ ލިންކުން ރަޖިސްޓްރީކުރުމުގެ ފުރުސަތު މިއަދު ހުޅުވާލާނެ ކަމަށެވެ. އަދި މި ދުވުމަކީ ވެސް ދިރާގު ރޯޑް ރޭހެކޭ އެއްގޮތަށް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެތޭ، ސެޓިފައިޑް ރޫޓެއްގެ ދުވުމެއް ކަމަށް ވިދާޅުވި އެވެ.
ދުވުން ބާއްވަން ނިންމާފައި ވަނީ މެއި މަހުގެ ދެ ވަނަ ދުވަހެވެ.
ދިރާގުގެ ޑިރެކްޓަރު، ބްރޭންޑް މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މުހައްމަދު މިރުޝާން ހަސަން މިއަދު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"ދިރާގު ފުވައްމުލައް ރަން އަކީ ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް އިތުރުވާ ބޮޅެއް. މި ދުވުމަށް އަޅުގަނޑުމެން ހުޅުވާލާނީ 1500 ފުރުސަތު، އެއީ މި ދުވުމަކީ އަދަދު އިތުރުކުރުމަށް ވުރެ، ދުވުންތެރިންނަށް ރަނގަޅު ތަޖުރިބާއެއް ހޯދާދިނުމަށް އިސްކަން ދޭ ދުވުމަކަށް ވާތީ" މިރުޝާން ވިދާޅުވި އެވެ.
އެ ބައްދަލުވުމުގައި ދިރާގު އެސިސްޓަންޓް މެނޭޖަރު، ބްރޭންޑް ނާޔާ ޝަރީފު ވިދާޅުވީ ފުވައްމުލައް ރަންގައި ދިރާގު ރޯޑް ރޭހުގެ ކެޓަގަރީތައް ހިމެނޭނެ ކަމަށެވެ. އޭގެ ތެރޭގައި ހާފްމެރަތަން، 5ކޭ، 10ކޭ އަދި ސްކޫލްތަކުގެ ކެޓަގަރީގެ 13 އަހަރުން ދަށް އަދި 13 އަހަރުން މަތީގެ ކެޓަގަރީ ވެސް ހިމެނެ އެވެ.
ދިރާގު އެސިސްޓަންޓް މެނޭޖަރު، ބްރޭންޑް ނާޔާ ޝަރީފު ދުވުމާ ގުޅޭ މައުލޫމާތު ދެއްވަނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
"މި ދުވުމުގައި އަޅުގަނޑުމެން ދިރާގު ރޯޑް ރޭހެކޭ ތަފާތެއް ނުގެންގުޅެން. މި ދުވުމުގައި ވެސް އެކި ކެޓަގަރީތަކުން ވަނަތައް ހޮވާނަން. މިއީ 2،32000 ރުފިޔާގެ ބޮޑު ޕްރައިޒް ޕޫލްއަކާ އެކު ބާއްވާ މުބާރާތެއް." ނާޔާ ވިދާޅުވި އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގުވާމީ ދުވުމެވެ. މިއީ އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓަންސް ރޭސަސް (އެއިމްސް) ގައި ލިސްޓުކޮށް ވޯލްޑް ރަނިން ކަލަންޑަރުގައި ހިމެނޭ އަދި ވޯލްޑް އެތްލެޓިކްސް ސެޓިފައިޑް ރޫޓެއް ހިމެނޭ ދުވުމެކެވެ. ދިރާގު ރޯޑް ރޭހުގެ ދަށުން ބައްވާ ފުވައްމުލައް ރަން ވެސް މިހާރު ވަނީ އެއިމްސްގެ ކަލަންޑަރުގައި ލިސްޓުކޮށްފަ އެވެ.
ދިރާގުން ފުވައްމުލަކުގައި ދުވުން ބޭއްވި ނަމަވެސް ހުޅުމާލޭގައި ބާއްވަން ހަމަޖެހިފައިވާ ދުވުން މިއަހަރު ވެސް އޮންނާނެ އެވެ. އެ ދުވުން އޮންނާނީ އޮކްޓޯބަރު 24 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy