މަޓީގެ ސެކްރެޓަރީ ޖެނެރަލް ނަޒީރު އަހަރީ އާންމު ޖަލްސާގައި ވާހަކަދައްކަވަނީ -- ފޮޓޯ: މާޓީ
09 ފެބުރުއަރީ 2025 - 21:51
ރާއްޖެއަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަ ޓޫރިޒަމް ދާއިރާއާ ގުޅޭ ގޮތުން ހަދާ ގާނޫނާއި ގަވާއިދުތަކުން ފަހިކޮށްދޭން ޖެހޭނީ އެ ދާއިރާ ތަރައްގީވުން ކަމަށާއި އެއްވެސް ހާލެއްގައި އެކަން އުނދަގުލަކަށް ވެގެން ނުވާނެ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) ގެ ސެކްރެޓަރީ ޖެނެރަލް އަދި ކްރައުން ކުންފުނީގެ އެއް ހިއްސާދާރު އަހުމަދު ނަޒީރު މިއަދު ވިދާޅުވެއްޖެ އެވެ.
ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ 35 ވަނަ އަހަރީ އާންމު ޖަލްސާގައި އޭނާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީ އެ ގޮތުގައި ކުރިއަށް ގެންދިއުމަށްޓަކައި ރާއްޖޭގެ އަމަންއަމާންކަން ބޭއްވުމަށް ސަރުކާރަށް ދަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ، ޓޫރިޒަަމަށް އެންމެ މުހިންމީ ޔަގީން ކަމާއި އަމާން މާހައުލެއް އޮތުން ކަމަށެވެ.
މިއަދު ކުރިއަށް ގެންދިޔަ އަހަރީ އާންމު ޖަލްސާގައި ޓޫރިޒަމް ދާއިރާގެ 111 ފަރާތަކުން ބައިވެރިވި އެވެ. އެ ބައްދަލުވުމުގައި މަޓީގެ ޗެއާމަން މުހައްމަދު އުމަރު މަނިކުވެސް ބައިވެރިވެވަޑައިގަތެވެ. މަޓީގެ އަހަރީ އާންމު ޖަލްސާގައި ގަވަރުނަރު އަހުމަދު މުނައްވަރާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރާއި ބީއެމްއެލްގެ ސީއީއޯ އަހުމަދު ޝަރީފާއި ޓޫރިޒަމް މިނިސްޓްރީގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަތެވެ.
ނަޒީރު ވިދާޅުވީ، މިދިޔަ އަހަރު ޓޫރިޒަމަށް ދަތިތައް ކުރިމަތިވި ނަމަވެސް، ކާމިޔާބީތަކެއް ވެސް ހާސިލުވި ކަމަށެވެ.
މަޓީގެ އަހަރީ އާންމު ޖަލްސާ. އެ ޖަލްސާގައި ޓޫރިޒަމް ދާއިރާގެ އިސްވެރިން ބައިވެރިވެފައިވޭ -- ފޮޓޯ: މާޓީ
"މިދިޔަ އަހަރުގެ ޓްރެވެލް ރިސިޓް 5.6 ބިލިއަން ޑޮލަރަށް އަރާ. ޓްރެވެލް ރިސިޓުގެ 83.6 ޕަސެންޓު ކޮންޓްރިބިއުޓަރަކީ ރިސޯޓުތައް. ރިސޯޓުތަކުން 4.5 ބިލިއަން ޑޮލަރު ލިބުނު. ޑޮމެސްޓިކް ދަތުރުތަކުން 347.9 މިލިނަން ޑޮލަރު ލިބުނު. އެއީ ޖުމްލަ ޓްރެވަލް ރިސިޓުގެ 6.5 ޕަސެންޓު،" އޭނާ ވިދާޅުވި އެވެ.
ޓްރެވަލް ރިސިޓުގެ ގޮތުގައި އެމްއޭސީއެލް އަށް ވެސް ޑިއުޓީ ފްރީ އިން 222 މިލިއަން ޑޮލަރު ލިބުނެވެ. އެއީ ޖުމްލަ ޓްރެވަލް ރިސިޓުގެ ހަތަރު ޕަސެންޓެވެ. ޓްރެވަލް އެޖެންސީތަކަށް 141 މިލިއަން ޑޮލަރު ލިބުނުއިރު، ގެސްޓް ހައުސްތަކަށް ވެސް 95 މިލިއަން ޑޮލަރު ލިބުނެވެ.
ނަޒީރު ވިދާޅުވިގޮތުގައި، ދައުލަތަށް ވަންނަ އާމްދަނީގެ 95 ޕަސެންޓު މިދިޔަ އަހަރު ހޯދައިދިނީ ޓޫރިޒަމް ސެކްޓަރުންނެވެ. އެއީ އެއް ބިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އަދަދެއް ދައުލަތަށް ލިބުނީ ޓީޖީއެސްޓީ އާއި ރިސޯޓު ކުލިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 620 މިލިއަން ޑޮލަރު ލިބުނުއިރު ރިސޯޓު ކުލީގެ ގޮތުގައި 124 މިލިއަން ޑޮލަރު ލިބިފައިވެ އެވެ.
ރާއްޖޭގެ ފިސްކަލް ހާލަތު ގޯސްވެ، ދަރަނި ބޮޑުވެފައިވާ އިރު ތެލަށް ކުރާ ހަރަދު އެއް އަހަރުން އަނެއް އަހަރަށް ބޮޑުވުން ފާހަގަކުރައްވަމުން ނަޒީރު ވިދާޅުވީ، މިދިޔަ އަހަރު ވެސް ތެލަށް އެއް ބިލިއަން ޑޮލަރު ހޭދަކުރި އިރު ދެމެހެއްޓިނިވި ގޮތެއްގައި އެ ކަން ކުރަން ވަރަށް އުނދަގޫ ކަމަށެވެ. އެ ހާލަތު ބަދަލު ކުރުމަށްޓަކާއި ޓޫރިޒަމް ދާއިރާ އިން ވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
މަޓީގެ އަހަރީ އާންމު ޖަލްސާ ކުރިއަށްދަނީ. އެ ޖަލްސާގައި 111 ފަރާތުން ބައިވެރިވި -- ފޮޓޯ: މަޓީ
އޭނާ ވިދާޅުވީ، ސީޑީއީ ކޮންސަލްޓިންގެ ހިސާބުތަކުން ދައްކާ ގޮތުން ރާއްޖޭގެ 172 ރިސޯޓުގެ ތެރެއިން 70 ރިސޯޓުގައި ސޯލާ ޕެނަލް ހަރުކޮށްފައިވާ ކަމަށެވެ. ރިސޯޓުތަކުން އުފައްދާ އިޔާދަކުރަނިވި ހަކަތައިގެ މިންވަރު 58 މެގަވޮޓަށް އަރާ އިރު އެއީ ރާއްޖޭގެ ޖުމްލަ އިޔާދަކުރަނިވި ހަކަތައިގެ 61 ޕަސެންޓު ކަމަށް އޭނާ ވިދާޅުވި އެވެ.
ނަޒީރު ވިދާޅުވީ، ޓޫރިޒަމް ދާއިރާ އަށް މުޅި އިގްތިސާދު ބިނާވެފައިވާ އިރު ރިސޯޓުތަކުގެ ވެރިންގެ ރީ އިންވެސްޓްމެންޓްތައް މުހިއްމު ދައުރެއް އަދާކުރާ ކަމަށެވެ. އެއީ ޓޫރިޒަމް ދާއިރާ ފުޅާކޮށް، ކުރިއަށް ގެންދިއުމަށް މުހިއްމު މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަޒީރު ވިދާޅުވީ، ރިސޯޓުތައް ތަރައްގީ ކުރާ އިރު އިޔާދަކުރަނިވި ހަކަތަ އާއި ފްލޯޓިން ސޯލާ ޕެނަލާއި ހަކަތަ ސަލާމަތްވާނެ އާ އީޖާދީ ގޮތްތަކަށް އިންވެސްޓްކުރުން ވެސް އިތުރު ކުރަން ޖެހޭ ކަމަށެވެ.
އެކަމުގައި މަޓީން އިސްނަގައިގެން ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ވިދާޅުވި އެވެ. ނަޒީރު ވިދާޅުވީ، އިޔާދަކުރަނިވި ހަކަތައިގެ ލޯ-ކޮސްޓް ފައިނޭންސިން ހޯދައިދިނުމުގައި މަޓީން މުހިއްމު މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދު123
10 February 2025
ތިޔަ ބުނަނީ ރަށްރަށުގައި ޓޫރިސްޓުން ބޭނުންހާ ގޮތަކަށް އުޅެން ދޫކޮށްލާށޭތަ. ރަމަޟާން މަހެއް، މިސްކިތްދޮށެއް ނަމާދުވަގުތެއް ނޯވޭ. އޮރިޔާމުން މަގުމަތީ ދުވަނީ. ހީވާކަހަލަ އެ މީހުން މިއުޅެނީ ނައިޓުކުލަބެއްގެ ތެރޭގައޭ. ޓޫރިޒަމްގެ ޚާއްޞަކޮށް ގެސްޓު ހައުސް ވިޔަފާރީގެ ގަވައިދުތައް ވަރުގަދަކުރަންޖެހޭ.
މައްކޫ
10 February 2025
189 ރިސޯރޓް ގެތެރެއިން 123 ރިސޯރޓުން ގެއްލުންވާކަމަށްބުނެ ޓެކްސް ދެއްކުމުން ބަރީއަ އެބަވޭ، އެކަމަކުވެސް ގެލުން ވާކަމަށް ބުނާއިރުވެސް ބަރާބަރަށް ރިސޯރޓް އޮޕަރޭޝަން ކުރިއަށް ގެންދޭ، އަބަދު އޯނަރުން ފައިސާ އިންޖެކްޓް ކުރަނީޔޯ، ފޮރިންގ އޮޑިޓަރުންނަކަށް މިވާއެއްޗެއް އެނގޭކަމަކަށް ނުވޭ، ހުރިހާ ބޭރު އޮޑިޓް ފާރމްތައް ބޭރުކުރަންޖެހޭ، މިޤައުމުގެ ޕަބްލިކް އިންޓްރެސްޓް ރަައްކާތެރިކުރެވޭނީ މިޤައުމުގެ އޮޑިޓަރުންނަށް، ޑޮލަރުން ބޮޑު ފީ ނަގާ ރީތި ރިޕޯރޓް ނެރެނީ.
ލުތުފީބެ
10 February 2025
މާޓީ ގެ ވެރިން ލަދެއް ނުގަނޭތަ؟ ، ދިވެހި ސަރުކާރަށް ބަވަން ، ތި މީހުން ގެ ތެރެއިން ބޮޑުން ތި ދިވެހިން ދެކެ ފަކުރުގަންނަ ބައެއް ، ވަޒީފާ ދިނުމުގައި، ޕްޖެކް ދިނުމުގައި، ތަކެތި ގަތުމުގައި އަބަދްވެސް އިސްކަން ދެނީ ބޭރުމީހުނަށް ، މިއީ ހަގީތް ، އަހަރުމެން މިއީ މިކަން ތަޖްރިބާ ކުރަމުން ދާ މާލެގައި އުޅޭ ކުދި ވިޔަފާރިތަށް ،
މުސްތަފާބެ
10 February 2025
ނަޒީރު ވިދާޅުވިގޮތުގައި، ދައުލަތަށް ވަންނަ އާމްދަނީގެ 95 ޕަސެންޓު މިދިޔަ އަހަރު ހޯދައިދިނީ ޓޫރިޒަމް ސެކްޓަރުންނެވެ. އެއީ އެއް ބިލިއަން ޑޮލަރެވެ. އޭގެ ތެރެއިން ވެސް އެންމެ ބޮޑު އަދަދެއް ދައުލަތަށް ލިބުނީ ޓީޖީއެސްޓީ އާއި ރިސޯޓު ކުލިންނެވެ. ޓީޖީއެސްޓީގެ ގޮތުގައި 620 މިލިއަން ޑޮލަރު ލިބުނުއިރު ރިސޯޓު ކުލީގެ ގޮތުގައި 124 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. މާނައަކީ ބީޕީޓީ ނުދައްކާ ؟ ހުރިހާ ރިސޯޓެއް ހިންގަނީ ގެއްލުމުގަ.
ދޭހިލޭ
10 February 2025
މިރާއްޖޭގައި އޮތީ އަމާން މާހައުލެއް. ރިޒޯޓަކަށް އަރައި ތަންތަން ހަލާކުކޮށް ދުއްޕާންކުރާ ރައްޔިތެއް މިގައުމުގައި ނޫޅޭ. މިހާ އަމާންކޮށް ރައްޔިތުން ރިޒޯޓުތައް ހިންގަން ދީގެން ތިބޭއިރުވެސް އަމާން މާހައުލެއް ނެތްކަމަށް ދައްކަންވެގެން ތިދައްކާ ވާހަކަ ހަރުއަޑުން ކުށްވެރިކުރަން. މިތަނުގައި ނެތް އަމާން މާހައުލަކީ މަހުޖަނުންކޮޅެއް ރައްޔިތުންގެ މުދަލަށް ވެރިވެ ރައްޔިތުންނަށް އޮޅުވާލާ ދޯކާދީފައި ލިބޭހައި ޑޮލަރުވެސް ރައްޔިތުންނަށް ބޮޑުއަގުގައި ވިއްކުން.
ދޭހިލޭ
10 February 2025
މިރާއްޖޭގެ ޓޫރިޒަމާބެހޭ ގަވާއިދުތަކަކީ އުނދަގޫ ގަވާއިދުތަކެއް ނޫން. ނަމަވެސް މަކަރުހަދައި އޮޅުވާލައި ދޮގުހަދައި އުޅޭ ބަޔަކަށް އެއީ އުނދަގޫ އެއްޗަކަށް ވެދާނެ. އަމިއްލަ އެދުމާހެދި ފޯވެފައި ތިބި ނުލަފާ ބަޔަކަށް އެއީ އުނދަގޫ އެއްޗަކަށް ވެދާނެ. ރައްޔިތުންނަށް މަންފާ ލިބޭގޮތަށް ޓޫރިޒަމް ހިނގިނަމަ އެއީ ހުޅުވިފައިއޮތް ހިއްސާގެ ބާޒާރެއްގައި ހިއްސާ ވިއްކައިގެން ހިންގޭނެ ވިޔަފާރިއެއް. އެކަންނުވެ އޮތީ ޓޫރިޒަމްގެ ދާއިރާގައި ތިބި ބަޔެއްގެ ނުބައި ނުލަފާކަމުން.
މައްކުބޭ
10 February 2025
ކުޑަކޮށްވެސް ލަދުވެތި ކަމެއް ހުރި ނަމަ މިފަދަ ވާހަކަ އެއް ނު ދައްކާނެ، ދިވެހިރާއްޖޭގެ ޤުދުރަތީ ވަޞީލަތަކީ ހުރިހާ ދިވެހިންގެ ހައްޤެކެވެ. މިވަޞީލަތްތައް ބޭނުންކޮށްގެން ޓޫރިޒަމް ދާއިރާގެ ބޮޑުން ނަގަމުންދިޔައީ އާދަޔާ ޚިލާފު ޓެކްސް ފްރީ ފައިދާތަކެވެ. ރިސޯޓް ހެދުމުގެ ނަމުގަވެސް އިމްޕޯރޓް ޑިއުޓީވެސް ފްރީ ކުރުވީއެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގަވެސް އޮންނަ ފަދަ ޓެކްސް ރެޖީމްތައް ރާއްޖެއަށް އަންނަޖެހޭ، ޓެކްސް އާ ނުލައެއް ޤައުމު ތަރައްޤީ ނުކުރެވޭނެ.
ާަބޫތުކައިފަ
10 February 2025
ޢެންމެ ބޮޑު އިންޑަސްޓްރީ އޭ ކިޔަން ލަދެއް ނުގަނޭތަ؟ ތި ބޮޑު އިންޑަސްޓްރީން ފައިދާވަނީ މަދު ބަޔަކަށް. ރައްޔަތުންގެ މުދާ ބޭނުންކޮށްގެން ވިޔަފާރި ކުރަންޔާ ރައްޔަތުންނަށް ފައިދާވާން ޖެހޭ. ދިވެހިން ވަޒީފާގަ ނުގެންްގުޅެވޭ. ދިވެހިިން ކުރިއަށް ދިއުމަށް ބޭނުންވާ ތަމްރީނު ނުދެވޭ. ޑޮލަަރުގެ ވ ވިޔަފާރި ކުރަނީ. ވަޒީފާ ތަކަށް މީހުން ނެގުމުން ފެށިގެން އެއްޗެހި ގަތުމާ ހަމައަށް ކޮރަޕްށަން ނޫން އެއްޗެއް ނޯވޭ. މޮޅެތި އަނގަތަޅާނެ ކަމެއް ނެތް.
ޖުހާބެބުނީ
10 February 2025
ދައުލަތަށް ލިބެނީ އެއް ބިލިއަން ޑޮލަރު، ބޮޑު ދޮރު ބަޖެޓުގަ 3 ބިލިއަން ޑޮލަރު.
ގަބުޅި ކަތީބު
10 February 2025
ޓޫރިޒަމް ގާނޫނާ ގަވާއިދު އަދިވެސް ހަރުކަށި ކުރަންވީ. ގާނޫނާ ގަވާއިދަކީ ރައްޔިތުމީހާ ބިކަކޮށް ވިޔަފާރިވެރިޔާއަށް ހުރިހާ ފައިދާއެއް ލިބެންޖެހޭ ގޮތަށް އޮންނަންޖެހޭ އެއްޗެއް ނޫން. ދިވެހިންނަށް ވާނުވާ އެނގޭ މިހާރު..