ކެބިނެޓް ބައްދަލުވުމެއްގައި އޭޖީ އަހުމަދު އުޝާމް --- ފޮޓޯ/ރައީސް އޮފީސް
06 މާޗް 2025 - 15:04
ބަންޑާރަ ނައިބު އަހުމަދު އުޝާމް ސުޕްރީމް ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ އޭނާގެ މައްޗަށް ފިޔަވަޅު އަޅައިދޭން އެދި ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅައިފި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވަނީ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ގާނޫނީ ވަކީލް އަލީ ހުސެއިނެވެ. އެ މައްސަލަ އޭނާ ހުށަހެޅުއްވީ ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރަން އޭނާ ހުށަހަޅުއްވާފައިވާ ދުސްތޫރީ މައްސަލާގައި ކޯޓުން އަންގާފައިވާ މުއްދަތުގައި ޖަވާބުދާރީވެފައިނުވާ ކަމަށް ބުނެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ގޮނޑިއާ ގުޅޭ އެ އިސްލާހު ބާތިލްކުރަން ހުށަހެޅި މައްސަލާގެ ދައުވާއަށް ޖަވާބުދާރީވުމަށް ބަންޑާރަ ނައިބުގެ އޮފީހަށް 10 ދުވަހުގެ މުއްދަތެއް ދިނެވެ. ނަމަވެސް، އެ މުއްދަތު ހަމަވިއިރު ބަންޑާރަ ނައިބުގެ ފަރާތުން ކޯޓަށް ޖަވާބެއް ހުށަހަޅާފައިނުވާ ކަމަށާއި އަދި އެ މުއްދަތު އިތުރު ކުރަން ވެސް އެއްވެސް ހުށަހެޅުމެއް ހުށަހަޅާފައިނުވާ ކަމަށް ކޯޓުން މައުލޫމާތު ދީފައިވާ ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ.
އަލީ ހުސެއިން ސިޓީގައި ވިދާޅުވެފައިވާ ގޮތުން 10 ދުވަހުގެ މުއްދަތު ހަމަވެފައިވަނީ މިދިޔަ މަހު 28 ވަނަ ދުވަހަށެވެ. ނަމަވެސް، މިފަދަ ދުވަސްތައް ގުނަނީ ބަންދު ދުވަސްތައް ނުލައި ކަމުން، 10 ދުވަސް ހަމަވަނީ އިއްޔެއަށެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދުގައިވާ ގޮތުން ޝަރީއަތުގެ މަޖިލީހުގައި ފަނޑިޔާރުން ކުރާ އަމުރުތަކަށް ކިޔަމަންވުމަކީ އެ އަމުރު ރައްދުވާ ފަރާތުގެ މައްޗަށް ލާޒިމް ކަމެކެވެ. އަދި އެފަދަ އަމުރުތަކަށް ކިޔަމަން ނުވުމަކީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ބަޔާންކޮށްފައިވެ އެވެ.
އެހެންވެ، ސުޕްރީމް ކޯޓުގެ އަމުރާ ހިލާފުވެ ކޯޓުގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ ބަންޑާރަ ނައިބުގެ މައްޗަށް ފިޔަވަޅު އަޅައި، އެ މައްސަލާގައި ޖަވާބު ހުށަހެޅުމަށް ބަންޑާރަ ނައިބުގެ އޮފީހަށް އަންގައި ދިނުމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނަށް ފޮނުއްވި ސިޓީގައި އަލީ ހުސައިން ވަނީ އެދިވަޑައިގެންފަ އެވެ.
ސުޕްރީމް ކޯޓުގެ ފުލް ބެންޗުން ބައްލަވާ އެ މައްސަލާގެ ޝަރީއަތުގެ އެންމެ ފަހުން ތާވަލްކުރި އަޑުއެހުމެއް ފަށަން 15 ވަރަކަށް މިނެޓަށް ވެފައިވަނިކޮށް ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މަހާޒު އަލީ ޒާހިރު ސަސްޕެންޑް ކުރުމުން އެ މައްސަލަ ވަނީ ހުއްޓިފަ އެވެ..
ފަނޑިޔާރުން ސަސްޕެންޑް ކުރިއިރު، ސުޕްރީމް ކޯޓުން އޮތީ ދައުލަތުން އެދެމުންދިޔަ ގޮތާ ހިލާފަށް އެ މައްސަލައިގެ ޝަރީއަތް ކޯޓުގައި ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފަ އެވެ. އޭގެފަހުން ތިން ފަނޑިޔާރުން ސަސްޕެންޑް ކޮށްފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބޭއްވި ކުއްލި ޖަލްސާއެއްގަ އެވެ.
ތިން ފަނޑިޔާރުންނާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގާ އޭސީސީން ޔަގީންކޮށްދިން ނަމަވެސް، މިހާތަނަށް އެ މައްސަލައާ ގުޅޭ އެއްވެސް ތަފްސީލެއް ހާމަކޮށްފައެއް ނުވެ އެވެ. އޭގެފަހުން ފަނޑިޔާރު ސުއޫދު ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ.
ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވުމަށް ސުއޫދު ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ މަޖިލީހުގެ މެންބަރުން ގޮނޑިއާ ގުޅޭ ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ބެލޭނެ ކަަމަށް ކަނޑައެޅުމާ އެކު މި ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަމުންދާ ކަމަށެވެ.
އެގޮތުން ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑްކޮށް، ކޯޓުގެ ބެންޗުން ދެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ގޮތަށް ގާނޫނަށް އިސްލާހު ގެނެސްފައިވާކަން ސުއޫދު ފާހަގަ ކުރެއްވި އެވެ. ސުއޫދު ފާހަގަ ކުރެއްވި ގޮތުގައި އެކަމަކީ ސުޕްރީމް ކޯޓުގެ ހުރިހާ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވަން ކުރި ކަމެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަމީރު އަލީ
07 March 2025
ހަހަހަ މީ އެމްޑީޕީ އުޅޭގޮތް މިހާރު އެ އުޅެނީ އޭޖީއަށް ބިރުދައްކަން
އޮނަރަބްލް އަފީފު ދީދީ
07 March 2025
ނުދަންނަ މީހާ އަށް: ޤާނޫނުހަދާ ޤާނޫނުއަސާސީ އިސްލާޙްކުރާނީ މަޖިލިސް. އަދި މަޖިލީހުންހަދާ ޤާނޫނުތަކާއި ޤާނޫނަށްގެންނަ ބަދަލު "ޤާނޫނުއަސީއާއި ޙިލާފުނަމަ، އެފަދަ ބަދަލުތައް އުވާލުމުގެބާރުއޮތީ، ދައުލަތުގެ އެންމެޙާއްސަ ބާރުކަމަށްވާ ސުޕްރީމްކޯޓަށް ކަން" ދައުލަތުގެ ޤާނޫނުއަސާސީގައި އެބައޮތް. އެހެންއޮތް ޙާލަތެއްގައި "މަޖިލީހުން ހަދާ ޤާނޫނަކުން" ވޯޓްލުމުގެ ޙައްޤު ރައްޔިތުންގެތެރެއިން ބައެއްގެމައްޗަށް ނުލިބޭގޮތަށް ޤާނޫނެއް ހަދައިފިނަމަ، ހަދާނީ ކިހިނެއް؟!
ނުދަންނަ މީހާ
07 March 2025
ގާނޫނު ހަދަނީ ގާނޫނު ހަދާ މަޖިލީހުން. ގާނޫނު އިސްލާޙް ކުރާނީވެސް ގާނޫނު ހަދާ މަޖިލީހުން. މި އުޅެނީ ގާނޫނު މާނަ ކުރުމުގެ މައްސަލައެއް ދިމާވެގެން ނެއް ނޫން. އެގެނައި ބަދަލުގެނައީ ހަމަ ރަނގަޅު އުޞޫލުގެ ތެރެއިން. ދެން ސުޕްރީމްކޯޓަށް އެ މައްސަލަ ބެލެންޖެހެނީ ކޮން ހަމައަކުންބާ? މި ބުނަނީ އެ ގެނައި އިޞްލާޙު ރަނގަޅެކޭ ނޫން. އެ އިޞްލާޙް ބާޠިލް ކުރަން ސްޕްރީމް ކޯޓަށް މަތިކޮށްފައިއޮތީ ކޮން ގާނޫނެއްގައިހޭ. ގެޓް ދޯ. ޒާތީ ނުވާތި އިނގޭ އެއްވެސް ބޭފުޅަކު
މީއޭ މިބުނާ ވާހަކައަކީ
06 March 2025
ތިޔަ ފުއްގަނޑަކީ ބޭނުން ގޮތަކަށް މޮޑެލެވޭ ފުއްގަނޑެއް އައްޔާ. ތީ އެކިޔާވަރުގެ އޮށްޓަރެއް ހުރި އެއްޗެއް ނޫން. މީހަކަށް ބަދަލު ނުކުރެވޭނީ އިލާހީ ގާނޫނު.
މަ ބުނީ
06 March 2025
އޭސީސީގެ ރައީސްގެ މައްޗަށް ޖިނާއީ ތަހުޤީގެން ފަސްއަހަރުފަހުން ހިނގާނެ އިންޝާﷲ.
ތުއްތޮންބެ
06 March 2025
އޭޖީން ޖަވާބުދާރީވާންޖެހެނީކީ އަލީހުސޭނަކަށްނޫން. އަލީހުސޭނުމެން ތިޔާހެންދެން ސިޔާސީސަކަރާތް ޖައްސަވަންދެން ނޫޅުއްވާ.
ހަމަދު
06 March 2025
އެދައްކަނީ އަލީހުސޭނަށް ޖަވާބުދާރީ ނުވި ވާހަކައެއްނޫން، ތަންދޮރު އޮޅުންފިލައިގެން އެއްޗެހި ލިޔެބަލަ.
ދޮން
06 March 2025
ކިހިނެތް ފިޔަވަޅު އަޅަނީ.. އަނެއް ދުވަހު ޖޭއެސްސީން އޭއްޗެކޭ މީއްޗެކޭ ކިޔާ ސަސްޕެނޑު ކުރެވޭ ގައުމެއްމީ.. ގައުމުގެ އެއްމެ މުހިންމު މުއައްސަސާ އެހެރީ ތަޅު އަޅުވާފަ. ރައީސް މުޢިއްޒަކީ ޔާމީނު ކަހަލަ ނުލަފާ މީހެއް.
ދިއްދޫމީހާ
06 March 2025
އަލީހުސޭނުމެން ތިޔަ އުޅެނީ ގެއްލުނު އެތި ބޮޑުކަމުން އެކަމުގެ ހިތާމައިގާ ބަލަ ތިޔަ އަލީ ހުސެންވެސް އިން ނިމިދިޔަ މަޖިލިސްއިން ނިންމީ ސްޕްރިމް ކޯޓުގެ އަމުރަށް ތަބާނުވާން އެއިރު އަލީ ހުސޭން ދުސްތޫރީ މައްސަލަ ހިފާގެން ނުދުވީ ކީއްވެގެންބާ؟
ހަސަން މާހިރުބެ
06 March 2025
ފިޔަވަޅު އަޅަންވީ ސުޢޫދުއަށް
ޑޯނިއާ
06 March 2025
ޢެމްޑީޕީން ވ ދިފާޢޫގަ އަވަދިނެތި