ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަޒްމިރަލްދާ: ޖޭއެސްސީއަށް ހާޒިރުވާން އަޒްމިރަލްދާއަށް ވަނީ ޗިޓް ފޮނުވާފައި
10 މާޗް 2025 - 14:19
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ތުހުމަތުކޮށް ސަސްޕެންޑް ކޮށްފައިވާ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު މާދަމާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހާޒިރުވާން އަންގައި، ޗިޓް ފޮނުވައިފި އެވެ.
އަޒްމިރަލްދާގެ ވަކީލް އިބްރާހިމް ޝަމީލް "މިހާރު" އަށް ވިދާޅުވި ގޮތުގައި މާދަމާ ހެނދުނު 10:00 އަށް ޖޭއެސްސީއަށް ހާޒިރުވާން މިއަދު އަޒްމިރަލްދާއަށް ޗިޓް ފޮނުވާފައިވެ އެވެ.
އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއިލް ލަތީފް ހައްޔަރުކޮށްގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާ ބަންދުން ދޫކޮށްލަން އެ ކޯޓުގެ ގާޒީންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒް އަލީ ޒާހިރު ހާޒިރުކޮށްފައިވާއިރު، މިއަދު އަޒްމިރަލްދާ ހާޒިރުކުރަން ވެސް އޮތީ ނިންމައިފަ އެވެ. އެކަމަކު ހާޒިރުވުމުގެ ޗިޓެއް އަޒްމިރަލްދާ އަކަށް ނުފޮނުވަ އެވެ.
ހައި ކޯޓުގެ އެސިސްޓެންޓް ރަޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު ހުސްނުއްސުއޫދު "ހުތުރު ބަހުން" ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލިހެއްގައި މަހާޒު އާއި އަޒްމިރަލްދާ ތިއްބެވި މައްސަލައެއް ބަލަން ވެސް ޖޭއެސްސީން ނިންމާފައިވެ އެވެ. އެ މައްސަލައިގައި އަދި ހާޒިރުވާން އެއްވެސް ފަނޑިޔާރަކަށް މިހާތަނަކަށް ނާންގަ އެވެ.
ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލައިގައި އަޒްމިރަލްދާގެ ވަކީލުން ވަނީ އެއީ އަސްލެއް ނެތް ތުހުމަތުތަކެއް ކަމަށް ބުނެފަ އެވެ. އެ މައްސަލައާ ގުޅިގެން އެއްވެސް ފަނޑިޔާރަކަށް ގުޅާފައި ވެސް ނުވާނެ ކަމަށާއި އެއްވެސް ބާވަތެއްގެ ނުފޫޒެއް ފޯރުވާފައިނުވާނެކަން ބަޔާންކޮށް ތަފްސީލާ އެކު ޖޭއެސްސީއަށް ސިޓީއަކުން އަންގާފައިވާނެ ކަމަށް ވަކީލުން ވަނީ ބުނެފަ އެވެ.
މަހާޒް އިއްޔެ ޖޭއެސްސީއަށް ހާޒިރުކުރުމުން އޭނާ ވަނީ އަޒްމިރަލްދާގެ ފިރިކަލުން ހައްޔަރު ކުރިކަން އެނގިވަޑައިގަތްއިރު އޭނާ ހުރީ ބަންދުން ދޫކޮށްލާފައި ކަމަށާއި އެހެންވެ ނުފޫޒެއް ފޯރުވަންޖެހޭ ހާލަތެއް ވެސް ނެތް ކަމަށް ވިދާޅުވެ ބަޔާން ދެއްވައިފަ އެވެ. އަދި އެކަމުގައި ކްރިމިނަލް ކޯޓުގެ އެއްވެސް ފަނޑިޔާރަކަށް ގުޅައި ނުފޫޒެއް ފޯރުވާފައި ނުވާ ކަމަށް ވިދާޅުވި ކަމަށް މަހާޒްގެ ވަކީލް ވަނީ ވިދާޅުވެފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާގެ ގާނޫނީ ވަކީލް ޝަމީލް މީގެކުރިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ޖިނާއީ ކުށެއްގެ ތުހުމަތު ވެސް ނެތީސް ހައްޔަރުކުރި ޑރ. އިސްމާއިލް ބަންދުން ދޫކުރަން ފަނޑިޔާރު އަޒްމިރަލްދާ ނުފޫޒު ފޯރުވި ކަމަށް ކުރާ ތުހުމަތަކީ ކަނޑައެޅިގެން ހަގީގަތާ ހިލާފު ދޮގު ތުހުމަތެއް ކަމަށެވެ.
ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު އަޒްމިރަލްދާ ސަސްޕެންޑްކުރީ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލްކުރުމުގެ މައްސަލާގައި ސުޕްރީމް ކޯޓުގައި އަޑުއެހުމެއް ތާވަލްކޮށް، އެ އަޑުއެހުން ފަށަން 15 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު 7 އިން 5 އަށް ދަށްކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް ބުނެ ގާނޫނީ ގިނަ ބޭފުޅުންގެ ކަންބޮޑުވުންތައް އޮއްވާ އަވަސް އަރުވާލައިގެން ފާސްކުރި އެ ބިލް މިހާތަނަށް ރައީސް ތަސްދީގެއް ނުކުރައްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަހްމަދް
10 March 2025
ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް މިހެން ހަދާލާއިރު މިއަދުގެ ހަގީގަތަކީ ކޮންމެ ފަދަ ކަމެއްވެސް ކޮންމެ މީހެއްގެ ބޮލުގަވެސް އަޅުވާ އެމީހަކަށް ބޭނުންގޮތެއް ހަދާލަފާނެ. ސަނާނުކިޔާ، ބޭނުންވާގޮތެއް ނަހަދާ އެންމެނަށް އޮތީ އެގޮތް.