މޯލްޑިވްސް އިސްލާމިކް ބޭންކުގެ ހެޑް އޮފީސް. -- ފޮޓޯ: ނިޝާން އަލީ | މިހާރު
24 މާޗް 2025 - 13:52
މޯލްޑިވްސް އިސްލާމިކް ބޭންކުގައި ބިންގާ އެކައުންޓް ހުޅުވާފައިވާ ކުޑަކުދިންނަށް އެ ބޭންކުގެ ފަރާތުން ވަނީ "ރޯދަ ކެޗާ" ގެ ނަމުގައި ޗެލެންޖެއް ހުޅުވާލައިފަ އެވެ.
އެ ޗެލެންޖަކީ ކުޑަކުދިން އެކުވެރި ވާދަވެރި މާހައުލެއްގައި ރޯދަ ހިފާ ރޯދަ މަހުގެ ކޮންމެ ދުވަހަކީ ވެސް ޕްރޮޑަކްޓިވް އަދި ހެޔޮ އަމަލުތަކަކުން ފުރިގެންވާ ދުވަހަކަށް ހެދުމަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޗެލެންޖެކެވެ.
މި ޗެލެންޖުގައި ބައިވެރިވެވޭނީ ބިންގާ ޕޯޓަލްއަށް ލޮގިންކޮށްގެންނެވެ. ކޮންމެ ދުވަހަކު ވެސް އެ ދުވަހަކަށް ކަނޑައަޅާފައިވާ ޗެލެންޖުތަކެއް އެ ޕޯޓަލްއިން ފެންނާނެ އެވެ. އެ ޗެލެންޖުތައް ފުރިހަމަކޮށް، އަޕްޑޭޓުކޮށްގެން ޗެލެންޖު ކުރިއަށް ގެންދެވޭނެ އެވެ. ކޮންމެ ކުއްޖަކަށް ވެސް ޗެލެންޖުތައް ފުރިހަމަ ކުރެވޭ މިންވަރު ޑޭޝްބޯޑުން ބެލޭނެ އެވެ.
އެމްއައިބީއިން ބުނީ އެ ޗެލެންޖަކީ ކުދިންނަށް ބޭނުންވާ ޖިސްމާނީ އަދި އިޖުތިމާއީ އެކި ދާއިރާތަކުން ތަރައްގީވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޗެލެންޖެއް ކަމަށެވެ.
އެެމްއައީބީގެ "ބިންގާ" އެކައުންޓަކީ އެ ބޭންކުން ކުޑަ ކުދިންނަށް ފަހަށް ރައްކާކުރުމަށް އިޖާދީ ބަދަލެއް ގެނެސް ތައާރަފުކުރި އެކައުންޓެކެވެ. އެ އެކައުންޓުގައި ކޮންމެ ކުއްޖަކަށް ވެސް ތިން އެކައުންޓެއް ހުޅުވާނެ އެވެ. އެއީ "ބިންގާ ޓްރާންސެކްޝަން" އެކައުންޓަކާއި "ބިންގާ ސޭވިން އެކައުންޓް" އަދި "ބިންގާ އިންވެސްޓް" އެކައުންޓެވެ.
"ބިންގާ ޓްރާންސެކްޝަން" އެކައުންޓަކީ މާލީ ގޮތުން ޒިންމާދާރު ޒަމާނީ ވަސީލަތްތައް ބޭނުންކުރަން އާދަވެފައިވާ ކުދިންތަކަށް ހަދައިދޭނެ އެކައުންޓެކެވެ. ކުދިންގެ އުމުރުން ހަތް އަހަރު ފުރުމުން ކޭޝް ކާޑަކާއި އިންޓަނެޓް ބޭންކިން އަށް "ބިންގާ ޓްރާންސެކްޝަން" މެދުވެރިކޮށް އެކްސެސް ލިބޭނެ އެވެެ. "ބިންގާ ސޭވިން" އެކައުންޓަކީ ފަހަށް ފައިސާ ރައްކާ ކުރުމުގެ އާދަ އަށަގަންނުވަން ވަރަށް އެކަށޭނެ އެކައުންޓެއް ކަމަށް އެމްއައިބީން ބުންޏެވެ. އެއީ ކުރު މުއްދަތަކަށް ފައިސާ ރައްކާ ކުރަން ހާއްސަ އެކައުންޓެކެވެ.
އެމްއައިބީން ބުނި ގޮތުގައި "ބިންގާ އިންވެސްޓްމަންޓް" އެކައުންޓަކީ ދިގު މުއްދަތަކަށް ފައިސާ ރައްކާކުރުމަށް ހާއްސަ އެކައުންޓެކެވެ. އެގޮތުން ކުއްޖާގެ އުމުރުން 18 އަހަރު ފުރުމުން އިތުރަށް ކިޔަވަން ނުވަތަ އެޕާޓްމަންޓެއްގެ ޑައުންޕޭމަންޓް ދެއްކުން ފަދަ ކަންކަމަށް ފައިސާ ރައްކާކުރުމަށް މި އެކައުންޓް ބޭނުންކުރެވިދާނެ އެވެ.
މި އީޖާދީ ބަދަލާއެކު، ކުދިން މާލީގޮތުން ޒިންމާދާރު ބަޔަކަށް ހެދުމަށް އިތުރު ބާރަކަށް ވާނެ ކަމަށް އެމްއައިބީން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy