ކްރޫޒްލައިނާތަކުން މާލެ ފޭބި ބައެއް ޓޫރިސްޓުން ލޯކަލް މާރުކޭޓު ސަރަހައްދުގައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު
29 މާޗް 2025 - 14:31
މި އަހަރުގެ ފުރަތަމަ ދެ މަހު ޓޫރިޒަމް ދާއިރާއިން ލިބުނު ޖީއެސްޓީ ދަށްވެއްޖެ އެވެ.
ޓެކްސް އިދާރާ، މީރާއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުން މިދިޔަ ދެ މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 1.9 ބިލިއަން ރުފިޔާ އެވެ. އެކަމަކު މިދިޔަ އަހަރުގެ ފުރަތަމަ ދެ މަހު ޓީޖީއެސްޓީގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބުނެވެ.
ޓީޖީއެސްޓީ އެހާ ބޮޑަށް ދަށްވީ މދިިޔަ ފެބްރުއަރީ މަހު ލިބުނު ޓީޖީއެސްޓީ 20 ޕަސެންޓަށް ދަށަށް ދިއުމުންނެވެ. މިދިޔަ ފެބްރުއަރީ މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބުނީ 919 މިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީގައި ޓީޖީއެސްޓީގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ލިބުނެވެ. ޓީޖީއެސްޓީ ދަށްވި އިރު މިދިޔަ ފެބްރުއަރީ މަހު ޓޫރިސްޓުން އައި ވަރު ވެސް ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހަށް ވުރެ 1.5 ޕަސެންޓު ދަށްވެފަ އެވެ. މިދިޔަ މަހު ރާއްޖެއަށް އައީ 214،000 ޓޫރިސްޓުންނެވެ.
ފެބްރުއަރީ މަހުގެ އާމްދަނީ ދަށްވި އިރު މިދިޔަ ޖެނުއަރީ މަހު ޓީޖީއެސްޓީން ލިބުނު އާމްދަނީ މިިދިޔަ އަހަރުގެ ޖެނުއަރީ މަހަށް ވުރެ 10 ޕަސެންޓު އިތުރެވެ. ޖެނުއަރީ މަހު ޓީޖީއެސްޓީން އެއް ބިލިއަން ރުފިޔާ ލިބުނެވެ. މިދިޔަ ޖެނުއަރީ މަހު ޓީޖީއެސްޓީގެ ގޮތުގައި ލިބުނީ 944 މިލިއަން ރުފިޔާ އެވެ.
ސަރުކާރުން މިދިޔަ އަހަރު ފަހު ކޮޅު ވަނީ ޓީޖީއެސްޓީ އާއި ގްރީން ޓެކްސްގެ އިތުރުން އެއާޕޯޓު ޑިވަލޮޕްމެންޓް ފީ ބޮޑުކުރަން ނިންމައިފަ އެވެ. ޓީޖީއެސްޓީ ބޮޑުކުރަނީ 16 ޕަސެންޓުން 17 ޕަސެންޓަށެވެ. އެއަށް އަމަލު ކުރަން ފަށާނީ އަންނަ ޖުލައި މަހުން ފެށިގެންނެވެ. އެކަމަކު ގްރީން ޓެކްސް އާއި އެއާޕޯޓު ޑިވަލޮޕްމެންޓް ފީއަށް ގެނައި ބަދަލުތަކަށް މިހާރު ވަނީ އަމަލު ކުރަން ފަށައިފަ އެވެ.
މިއަހަރުގެ ފުރަތަމަ ދެ މަހު ޓެކްސް އާމްދަނީގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުލަތަށް ވަނީ 5.4 ބިލިއަން ރުފިޔާ ލިބިފަ އެވެ. ޓެކްސް އާމްދަނީ ދަށްވި ނަމަވެސް، އެހެން ފީތަކުން ދައުލަތަށް ލިބުނު އާމްދަނީ ވަނީ ގާތްގަނޑަކަށް 50 ޕަސެންޓު އިތުރުވެފަ އެވެ.
ވޭތުވެދިޔަ ދެ މަހު ނޮން ޓެކްސް ރެވެނިއުގެ ގޮތުގައި ދައުލަތަށް 904 މިލިއަން ރުފިޔާ ލިބުނެވެ. އޭގެ އެންމެ ބޮޑު ހިއްސާއެއް ވަނީ ލީޒް އެކްސްޓެންޝަން ފީ އާއި އެއާޕޯޓު ޑިވަލޮޕްމެންޓް ފީ އެވެ. އެ ދެ ފީއިން އެކަނި 521 މިލިއަން ރުފިޔާ ލިބުނެވެ.
މިދިޔަ ދެ މަހު ދައުލަތަށް ޖުމްލަ އާމްދަނީގެ ގޮތުގައި 5.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރަށް ވުރެ 152 މިލިއަން ރުފިޔާ ދަށް އަދަދެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މައްކުބޭ
01 April 2025
ލީޒް އެކްޓެންޝާން ފީ އަކީ އެންމެ ފަހަރު ލިބޭ އާމްދަނީއެއް އަދި އެ ލިބުމަށްފަހު ދެން 99 އަހަރު ވަންދެން ދެން އެކައްޗެއްވެސް ނުލިބޭނެ، މިފަދަ އާމްދަނީ އަކީ ނަގަން ޖެހޭ އެއްޗެއް ނޫނ އަދި ސަސްޓެިނަލް ކަމެއްވެސް ނޫން. އެކްސްޓެންޝަން މުއްދަތު މިގޮތަށް 99 އަހަރަށް ދަންމާލުމަކީ އަންނަންއޮތް ޖީލްތަކުގެ ހައްޤުތަކަށް އެރުން. ރިސޯރޓް ލީޒް ޕީރިއަޑަކީ 21 އަހަރު ނޫނީ 35 އަހަރަށް ހަދަންޖެހޭ.
އަންނަވަރު
29 March 2025
ކުރިއައްއޮތް ދެމަހު މިގައުމައް ޓުއަރިސްޓުން އަންނަވަރު އިތުރުވުމަކީ ކައިރިކަމެއް. އެއީ އަހަރެމެން ނޫނީ ސަރުކާރުން މާ މޮޅެތި ކަންތައްތަކެއް ކޮއްގެންނެއްނޫން އެކަމަކު މިހިސާބުން ޓުއަރިސްޓުން ގިނައަދަދަކައް ދަތުރުކުރާ ގައުމަކައް ދިމާވި ގުދުރަތީ އަދި ހިތާމަވެރި ކާރިސާއަކާގުޅިގެން އެގައުމައް ދާންތިބިމީހުން އެހެން ތަންތަން ހިޔާރުކުރާނެތީ.
އޮނަރަބްލް އަފީފު ދީދީ
29 March 2025
މީރާއަށް ލިބިފައިވާ ޤާނޫނީބާރު ބޭނުންކޮށް މުއައްސަސާގެ ޤާނޫނީ ޒިންމާ އަދާކުރަން Commissioner General of Taxation މަސައްކަތް ކުރައްވާތަނެއް ނުފެނޭ. މީރާއަކީ ދައްކާން ބޭނުންބަޔަކު ދައްކާން ހިތަށްއެރިވަރެއް ޓެކުހުގެ ގޮތުގައިދެއްކުމުން ހަމައެކަނި އެފައިސާކޮޅު ބަލައިގަންނާން އޮންނަ ތަނެއްނޫން. ޓެކްހަށް މަކަރު ހަދާތޯބެލުމާއި، ރާއްޖެއަށް ފަތުރުވެރިން އެތެރެވާ މިންވަރުބަލައި އެއަދަދަށް ޓީޖީއެސްޓީ ލިބޭތޯބަލާ ހެދުމަކީވެސް މީރާއިން ކުރަންޖެހޭނެ ކަމެއް.
އޮނަރަބްލް އަފީފު ދީދީ
29 March 2025
ކްރިސްމަސް އަދި ނިއުއިޔަރ ސީޒަންގައި ނޮވެމްބަރުން ފެބްރުއަރީގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރިސޯޓްތައް އޯވަރބުކްވެފައި އޮންނައިރު އެވްރޭޖްކޮށް މިދުވަސްވަރު 1000-3000 ޑޮލަރާއި ދެމެދުގެ އަގުތަކެއްގައި ރެއަކަށް ކޮޓަރިވިއްކާއިރު މަތީފަންތީގެ ރިސޯޓްތަކުން 8000-25000 ޑޮލަރާއި ދެމެދުގެ އަގު ތަކެއްގައި ވެސް ރެއަކަށް ކޮޓަރިއެއް ވިއްކާފައި އެބަހުރި. ގިނަ ރިސޯޓް ތަކުން މިއަގު ތަކުގައި ކޮޓަރި ވިއްކިޔަސް ލިޔެކިއުންތަކުން ދައްކަނީ 200 ޑޮލަރަށް ރޫމް ވިއްކާ ކަމަށް.