ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓު: މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު އުމުރު ދުވަހަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފައި
13 އެޕްރީލް 2025 - 12:39
ކަނޑު ބޯޓެއްގައި ހދ. ކުޅުދުއްފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހެއްގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އެ ރަށުގެ މެޖިސްޓްރޭޓް ކޯޓުން އިއްވައިފި އެވެ.
މީގެކުރިން މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ހުރިހާ މައްސަލަތަކެއް ކްރިމިނަލް ކޯޓުން ބެލި ނަމަވެސް، މަސްތުވާތަކެތީގެ ގާނޫނަށް ފަހުން ގެނައި އިސްލާހުގެ ދަށުން މިފަދަ މައްސަލަތައް މެޖިސްޓްރޭޓް ކޯޓުތަކަށް ވެސް ބެލެ އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް އައި މީހާ ފުލުހުން ހައްޔަރުކުރީ މާލެއިން ކުޅުދުއްފުއްޓާ ދެމެދު ދަތުރުކުރާ މުދާ އުފުލާ ބޯޓެއްގައި ގެންދިޔަ ކަރުދާސް ދެ ފޮށިގަނޑަކާ ހަވާލުވީ ފަހުން އޭނާ ހުއްޓުވައި ފާސްކުރުމުގެ ތެރެއިން އެއިން މަސްތުވާތަކެތި ފެނިފައިވާތީ އެވެ.
މަސްތުވާތަކެތި ފޮރުވާފައިހުރީ ޕޮޓެއްގައި އިންދާފައި ހުރި ގަހެއްގެ މޫގަނޑުގެ ތެރޭގައި އޮތް ކޮތަޅެއްގެ ތެރޭގަ އެވެ. އެ ކޮތަޅުން 51.15 ގްރާމްގެ ޑައިމޯފިން ފެނިފައިވާ ކަމަށް ތަހުލީލު ރިޕޯޓްގައިވެ އެވެ. އެހެންވެ ޑައިމޯފިން ޓްރެފިކް ކުރުމުގެ ދައުވާ އެ މީހާގެ މައްޗަށް އުފުލުއިރު، އޭނާ ވަނީ ދައުވާއަށް އިންކާރުކޮށްފަ އެވެ.
މި މައްސަލައިގައި ކޯޓުގެ ގާޒީ މުހައްމަދު އިސްމާއިލް ކުރެއްވި ހުކުމްގައި ބުނީ މައްސަލާގައި ހެކިން ދީފައިވާ ހެކިބަހަށް ބަލާއިރު، މަސްތުވާތަކެތި ފެނުނު ފޮށިގަނޑު ބޯޓަށް ބަލައި ގޮސްފައިވަނީ ދައުވާ ލިބޭ މީހާކަން ސާބިތުވާ ކަމަށާއި ފުލުހުން އޭނާ ހުއްޓުވިއިރު އެ ފޮށިގަނޑު އޮތީ އޭނާގެ އަތުގައިކަން ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށެވެ.
ދިފާއުގައި އޭނާ ވަނީ އެއީ އޭނާގެ ފޮށިގަނޑެއް ނޫން ކަމަށާއި ފޮށިގަނޑަކީ އޭނާގެ އަންހެނުން ގެނައި ފޮށިގަނޑެއް ކަމަށް ބުނެފަ އެވެ. އަދި އެ ބަލައި ބޯޓަށް ދިޔައީ ވެސް އަންހެނުން ބުނެގެން ކަމަށް ބުނެފައިވެ އެވެ. އޭނާގެ އަންހެނުން ހެކިބަސް ދެމުން ބުނެފައިވަނީ އޭނާ ފޮނުވީ އެއް ފޮށިގަނޑު ބަލައި ކަމަށާއި އިތުރު ފޮށިގަނޑެއް ނަގަން ފޮނުވާފައިނުވާނެ ކަމަށެވެ.
މަސްތުވާތަކެތި ފެނުނު ފޮށިގަނޑުގައި ޖަހާފައި އޮތް ނަންބަރާއި ދައުވާ ލިބޭ މީހާގެ ފޯނުން ގިނަ މުއާމަލާތްތަކެއް ކޮށްފައިވާ ކަމަށް ވެސް ދައުލަތުން ބުނެފައިވެ އެވެ. އެ ބޯޓު ކުޅުދުއްފުއްޓަށް ދިޔުމާ އެކު ލަސްތަކެއް ނުވެ ބޯޓަށް އަރައި ދެ ފޮށިގަނޑު ހިފައިގެން ސައިކަލްގައި އޭނާ އެ ތަނުން ދިޔަ އެވެ.
ހުކުމްގައި ބުނީ މި މައްސަލާގައި އޭނާގެ އަމަލުތައް ހުރި ގޮތަށާއި ފުލުހުންނަށް ލިބުނު މައުލޫމާތާ ގުޅިގެން، އޭނާ ބޯޓުން ފޭބި ވަގުތު ހުއްޓުވައި ބަލައި ފާސްކުރުމުން ކުރިއާލައި ލިބުނު މައުލޫމާތާ ދިމާވާ ކަމަށެވެ. އަދި އޭނާގެ އަތުގައި ހުރި ގަސް ފޮށިގަނޑުގައި މަސްތުވާތަކެތި ހުރިކަން އޭނާއަށް އެނގޭ ކަމަށް ވެސް ގަބޫލު ކުރެވޭ ކަމަށް ހުކުމްގައިވެ އެވެ.
އެހެންވެ، އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް އޭނާގެ މައްޗަށް ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައި، 25 އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އަދި 100،000ރ. އިން ޖޫރިމަނާކޮށް އެ ފައިސާ 12 މަސް ދުވަސް ތެރޭ ދައުލަތަށް ދައްކަން އެންގި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޗިހ. ޗިޗިޗިހ
13 April 2025
މިދައުރު ނުނިމެނީސް ނޫނީ އެހެން ދައުރެއް ފެށި 3 މަސްވުމާ ހަމަޔަށް އުމުރުދުވަހުގެ ހުކުމް ނިމި މިނިވަން ވާނެ.
އަހައްމަދޫ
13 April 2025
އެބަ ރަނގަޅުވޭ. ދެންތިތާ ބަހައްޓާ އުމުރަށް ކުޅޭ ކުޅޭ ކަމަކަށް ނަހަދާ. އަދި ތިކަހަލަ އެހެން މީހުންތައްވެސް
ކޮއްކޮބެ
13 April 2025
ރާއްޖޭގަ އުމުރައް ޖަލައްލުން ވެދާނެ 2 ހަފުތާ ޖަލައް ލުމަކައްވެސް. ހެއްވާ ގައުމެއް މީ.
ލޮއްލަ
13 April 2025
25 އަހަރުގެ ޖަލު ހުކުމެއް އަންނަ އެންމެ ކުޑަ އަދަދު މިހާރު އެނގިއްޖެ. 100ގ އަށްވުރެ ދަށް ވެއްޖެއްޔާ 25 އަހަރު ޖަލު ހުކުމް ގެރެެންޓީ. ކުދިންނޭ ކިލޯ އަކަށްވުރެ ދަށުން ހަވާލު ނުވާތި ނަމަނަމަ. ކިލޯ ގިނަވިވަރަކަށް މިގެންގުޅޭ ކޮރު ގާނޫނޫ އަސާސީގެ ދަށުން އަވަހަށް ސަލާމަތްވާނެ.
ބަދަލޭ
13 April 2025
1000 މައްސަލަ އިން އެއްމައްސަލަ ސާބިތުވަނީ. ދެރަ ކަމަކީ ވޯޓް ކައިރިވީމަ ޖަލުން ދޫކުރާތީ
ގުރާކަލޯ
13 April 2025
ކުޅުދުއްފުށީގައި ތިކަން އެންމެ ގަދަޔަށް ކުރާ މީހާގޭގައި އެއްބަނޑު އެއްބަފާ ޕޮލިހެއް،ސިފައިންގެ މީހެއް އަދި މެންބަރެއްވެސް ހުންނަކަމަށް ވާހަކަ އިވޭ….ދެން ކިހިނެތް ހުއްޓުވާނީ….
ޗުލް ޗުލް
13 April 2025
ތިޔަވާނީ ސުޕުން ގެ ކަމަކައް