ބ. ކެންދޫގައި މެންދުރުން ފެށިގެން ކަރަންޓެއް ނެތް.
15 އެޕްރީލް 2025 - 22:58
ބ. ކެންދޫއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން ދެ ޖަނަރޭޓަރު ހަލާކުވެ މުޅި ރަށުން ކަރަންޓު ކެނޑިއްޖެ އެވެ.
ކެންދޫ ކައުންސިލްގެ ރައީސް އިބްރާހިމް އަބްދުއްރަހްމާން، "މިހާރު" އަށް ވިދާޅުވީ މިއަދު މެންދުރުން ފެށިގެން ރަށުން އެއްކޮށް ކަރަންޓު ކެނޑިފައިވާ ކަމަށެވެ.
އެކަމަކު މިރޭ 9:00 ހާއިރު ފަހަރަކު މަގަކަށް 30 މިނެޓަށް ކަރަންޓު ދެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކެންދޫގައި ކަރަންޓު ދިނުމަށް ބޭނުންކުރަނީ 400 ކިލޯވޮޓުގެ ދެ ޖަނަރޭޓަރާއި 200 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އޭގެ ތެރެއިން 400 ކިލޯވޮޓުގެ ދެ ޖަނަރޭޓަރު ވެސް ވަނީ އެއްކޮށް ހަލާކުވެފަ އެވެ.
އިބްރާހިމް ވިދާޅުވި ގޮތުގައި މުޅި ރަށުން މިއަދު ކަރަންޓު ކެނޑުނުއިރު މިދިޔަ ހައެއްކަ މަސް ތެރޭގައި ވެސް އެރަށުގައި ކަރަންޓުގެ މައްސަލަ ބޮޑެވެ. އެހެންވެ ކޮންމެ ދުވަހަކު ވެސް ދިޔައީ ދެތިން ގަޑިއިރަށް ކަރަންޓު ކަނޑަމުންނެެވެ.
އެ މައްސަލާގައި ފެނަކަ އާއި ކަމާ ގުޅޭ އެހެން އިދާރާތަކާ މަޝްވަރާކުރުމުން ރޯދަ މަހުގެ ކުރިން ކަރަންޓުގެ މައްސަލަ އެއްކޮށް ހައްލުކޮށްދޭނެ ކަމަށް ބުނެފައިވާ ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
އެކަމަކު އެ މައްސަލަތައް ހައްލުނުވެ އުޅެނިކޮށް އެއްކޮށް ކަރަންޓަށް ކެނޑުނީ އެވެ.
އިބްރާހިމް ވިދާޅުވި ގޮތުގައި މިރޭ 8:30 ހާއިރު ފެނަކައިގެ ޓީމެއް ވަނީ އެ ރަަށަށް ގޮސްފަ އެވެ. އިންޖީނު ހެދުމުގެ މަސައްކަތް ކުރަމުން އަޔަސް އަދި އަލިމަގެއް ނުފެންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެހެންވެ، އެމްޑަބްލިއުއެސްސީ އިން އެރަށަށް ފެނާއި ނަރުދަމާގެ މަސައްކަތަށް ގެންގޮސްފައިވާ 150 ކިލޯވޮޓުގެ ޖަނަރޭޓަރު ބޭނުންކޮށްލަން ލިބޭތޯ އެ ކުންފުންޏާ ވެސް މަޝްވަރާކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އާބާދީ 1400 ގައި އުޅޭ އެ ރަށުގައި ކަރަންޓު ނެތްތާ ގިނައިރުތަކެއް ވުމުގެ ސަބަބުން މިރޭ ގޭގޭގެ މީހުން ވެސް ނިދަން ނުކުމެފައި ވަނީ މަގުމައްޗަށެވެ. ފަށްޖެހި އެނދާއި ޖޯލިތަކުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި މީހުން ނިދަން އެބަތިބި ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙެހެހެހެ
16 April 2025
އަޅޭ ދެން މަޖިލީސް މެމްބަރު ކައިރީ ބުނޭ ހައްލެއް ހޯދަން. ތިރަށް ރިސޯޓަކަށް ހަދަން ކަމަށް އަފުން ހިކުރީ ނުކިޔަވާ ހުރި ހަޅޭލަވާ މީހެއް މަޖިލީހަށް ހޮވި.
އަޅި އަލީ
16 April 2025
ކެންދޫ ދައިރާގެ މެންބަރު މަޖްލީހަށް ކުއްލި މައްސަލައެއް ވައްދާ ދެއްވާ! ފެނަކަ މަޖްލީހަށް ހާޒިރު ކުރައްވާ!
ކޮރަލް
16 April 2025
ބ އަތޮޅު އެއް ރިސޯޓުން ލިބޭ ފައިސާ ބ އަތޮޅުގެ ރަށް ރަށައް ހަރަދު ކޮށްލަ ބަލާށެވެ. ހައްލު ވާނެ އެވެ.
ބަރުދާސްތު
16 April 2025
ދަރަވަންދޫއަށް މި ސަރުކާރުން އެއްގޮތަކަށްވެސް އަޅާލުމެއް ނެތް. އަހަރުމެން މިއުޅޭ ހާލު އެނގޭނީ މި ރަށުގަ ކުޑައިރުކޮޅަކަށް މަޑުކޮށްލިޔަސް. ޒުވާނުން އަށް މަސަކަތެއް ނެތިފަ ކަންކަން މަތީ ބިއްޖެހިފަ، އުމުރުން ދުވަސްވީ މީހުން ރިޓަޔާ ކުރެވޭނެ ދުވަހެއް ނޭންގެ.
މޫމިނައްތަ
16 April 2025
ތި ކަމުގަ މެމްބަރުގެ ހަބަރެއް ނެތްތަ.
އިލްޔާސް.ބެ
16 April 2025
މެމްބަރޭ މަޖްލީހުގަ އަޑުން އަޑުނަގާ ހަޅޭއްލުން ކަމެއް ނުކުރޭ
ކެންދޫ ކުޑަމީހާ
16 April 2025
ކެންދޫއޭ ބުންޏަސް ހިތައް އަރަނީ ތޮއްޑޫމަތިން
ހަންބެ
16 April 2025
ކީތްވެޔޯ. އެރަށުގައި އެކަނިތަ މަގުމަތީ ގަސް އޮންނަނީ. ދޭބަލަ އެހެން ރަށްރަށް ބަލާލަން. ގޭގަ ފޯނު ހިފައިގެން ގޭމު ކުޅެން އޮތަކަސް އަދި ނުވާނެ ދުނިޔެ ފެނުނީ ކަމަކަށް
ޒާކިރުނެ
16 April 2025
މަ ބުނި ތިޔަ ރަށުގަ އިޒިރޭލު މީހުން އެބަތިބިތަ
މަހުވާ
16 April 2025
އަދިވެސް ތިންބުރި އިންޑޯޖިމްހަދައިގެން މަގުމަތީ ހިލަގޮނޑިޖަހޭތޯބަލާ. ކޮންމެތާކަށްދާންވެސް ފުއްޖަހާފަ ލިޕްސްޓިކްޖައްސާފަތިބޭއިރު ފެންވެރީ ގުއިވަޅުންކަމެއް ކާކުދެނެހުރީ. ވަށައިގެން 12 ލަގްޒަރީ ރިސޯޓުއޮވެ އެއިންމީހަކުވެސް އަޅާނުލިދޯ.
ސަހަރޯއި
16 April 2025
ކުޑަރަށެއް ބޮޑުރަށެއްނުބަލާ ތަރައްގީކުރި ސަރުކާު ދިޔައީ 1400 މީހުން ބިކާރީކޮށް ހާލުގަޖައްސާފަދޯ. 300 މީހުންއުޅޭ ރަށްރަށުގަވެސް 6 ޕްރޮޖެކްޓް ހިންގާ.
ހަސަންދީ(ލ)
16 April 2025
މިހާރު އާ ސަރުކާރަށް ދޮޅުއަހަރުވީ! އަބަދު ދެން ކުރީ ސަރުކާރޭ ނުކިޔާ! އިންޖީނުގެއެއް އަޅައިގެންވެސް ހިދުމަތްދޭހާ ދުވަސްވީ މިހާރު!
ރާޝަަ
16 April 2025
ކޮންމެ ކަމެއް ކުރިއަސް/ވިއަސް އެއީ ރައީސުލްޖުމްހޫރިއްޔާ ކުރައްވަންޖެހި ވަޑައިގަންނަވާ ކަމެއްކަމަށް ހީވާ ބަޔަކު ވެސް މި ފަސްގަޑުގަ އެބައުޅޭ. ކުރު މުއްދަތެއްގެ ތެރޭގައި މިވަރަށް އެހީތެރިކަން ފޯރުވާ ރައްޔިތުންގެއެދޭކަންކަން ކޮށްދެއްވާ ރައްޔިތުންގެދުޅަހެޔޮ ކަމަށް ވިސްނެވި ވެރިއެއްދިވެހިރާއްޖޭގަ މިއިން ޒަމާނަކު ވެރިކަންކޮށްފައި ނުވާކަމަށް ހިތާއިދެކޮޅަށް ނަމަވެސް އިދިކޮޅުން ޖެހޭނީ ޤަބޫލުކުރަން.