ބ. ކެންދޫ: އެރަށުގެ ކަރަންޓުގެ މައްސަލަ އެއްކޮށް އަދިވެސް ހައްލުނުވާ ކަމަށް ކައުންސިލުން ބުނޭ.
16 އެޕްރީލް 2025 - 11:55
ބ. ކެންދޫގައި ކަރަންޓު ދިނުމަށް ބޭނުންކުރާ ދެ ޖަނަރޭޓަރު ހަލާކުވެ، އެ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވެފައިވާއިރު އަދިވެސް އެ މައްސަލަ އެއްކޮށް ހައްލުނުވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ކެންދޫގައި ކަރަންޓު ދިނުމަށް ބޭނުންކުރަނީ 400 ކިލޯވޮޓުގެ ދެ ޖަނަރޭޓަރާއި 200 ކިލޯވޮޓުގެ ޖަނަރޭޓަރެކެވެ. އޭގެ ތެރެއިން އިއްޔެ އެއްކޮށް ހަލާކުވީ 400 ކިލޯވޮޓުގެ ދެ ޖަނަރޭޓަރެވެ.
އެ ރަށު ކައުންސިލުގެ ރައީސް އިބްރާހިމް އަބްދުއްރަހްމާން ވިދާޅުވީ ފެނަކައިގެ ޓީމެއް ރޭ އެ ރަށަށް ގޮސް ޖަނަރޭޓަރުތައް ހަދަން ކުރި މަސައްކަތުން އެއް ޖަނަރޭޓަރަށް ވަގުތީ ހައްލެއް ލިބިފައިވާ ކަމަށެެވެ.
މިހާރު ކަރަންޓު ދެމުންދަނީ އެކި ސަރަހައްދުތަކަށް ބަހާލައިގެން ކޮންމެ ސަރަހައްދަކަށް 45 މިނެޓަށެވެ.
އެރަށަށް ކަރަންޓުގެ މައްސަލަ ދިމާވިއިރު މިދިޔަ ހައެއްކަ މަސް ތެރޭގައި ވެސް އެ ރަށަށް ކަރަންޓުގެ މައްސަލަ ދިމާވި އެވެ. އެހެންވެ، އެކަން ހައްލުކުރުމަށް ފެނަކާ އާއި ކަމާގުޅޭ އެހެން އިދާރާތަކާ ވެސް މަޝްވަރާކުރުމުން، ރޯދަ މަހުގެ ކުރިން ހައްލެއް ގެނެސްދޭނެ ކަމަށް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު އިއްޔެ އިން ގިނަ އިރުތަކެއް ވަންދެން ކަރަންޓް ކެނޑުނީ ކުރިން ޖަނަރޭޓަރަށް ދިމާވި މައްސަލަތައް ހައްލު ނުކޮށް ހުރުމުގެ ސަބަބުން ކަމަށް އިބްރާހިމް ވިދާޅުވި އެވެ.
އާބާދީ 1،400 ގައި މީހުން އެ ރަށުގައި ރޭ ވެސް ބައެއް މީހުން ނިދީ މަގުމަތީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޭރުން ތިކަން ވެދާނެ
16 April 2025
ޑްރޯން މޯގޭޖް ކުރަން ހިނގާ.
ވިލް
16 April 2025
ކަމުދާ ބަޔަކު އުޅޭ ރަށެއްނޫން ތިޔައީ. އަނދިރީގަ ބައިތިއްބަ!