ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް: އެ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު މިރޭ ގޮތެއް ނިންމަން ވަނީ ހަމަޖައްސާފައި --- ފޮޓޯ/މިހާރު
27 އެޕްރީލް 2025 - 10:41
ސަސްޕެންޑް ކޮށްފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ މަގާމުން ވަކިކުރުމާ މެދު މިރޭ ގޮތެއް ނިންމަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އެޖެންޑާކޮށްފި އެވެ.
އެ ކޮމިޝަންގެ މިރޭގެ އެޖެންޑާގައި ހިމަނާފައިވާ ހަމައެކަނި މަސައްކަތަކީ ވެސް އެ ދެ ފަނޑިޔާރުން ވަކިކުރުމާ މެދު ގޮތެއް ނިންމުން ކަމަށް އެނގިފައި ވެ އެވެ.
މިދިޔަ ފެބްރުއަރީ މަހު ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ސަސްޕެންޑްކުރީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަމުންދާ މައްސަލައަކާ ގުޅިގެން ކަމަށް ބުނެ އެވެ. އެކަމަކު އެ މައްސަލާގެ ތަފްސީލު މިހާތަނަށް ހާމަ ނުކުރި ނަމަވެސް ޖޭއެސްސީން ވަނީ އެ ބޭފުޅުންނަށް ތުހުމަތުކޮށް އެހެން ދެ މައްސަލައެއް ވެސް ތަހުގީގުކުރަން ފަށައިފަ އެވެ. އެއީ ފަނޑިޔާރު އަޒްމިރަލްދާގެ ފިރިކަލުން ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކަށް ގުޅައި، ނުފޫޒު ފޯރުވި ކަމަށް ބުނާ ތުހުމަތެވެ.
މީގެ އިތުރުން ހައި ކޯޓުގެ އެސިސްޓެންޓް ރެޖިސްޓްރާ ހުސައިން މުހައްމަދު ހަނީފް ސުޕްރީމް ކޯޓަށް ހާޒިރުކޮށް، އެ ކޯޓުގެ ކުރީގެ ފަނޑިޔާރު ހުސްނުއްސުއޫދު ހުތުރު ބަހުން ވާހަކަ ދެއްކެވި ކަމަށް ބުނާ މަޖިލީހުގައި ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒް ތިއްބެވި ކަމަށް ބުނެ އެ މައްސަލަ ވެސް ވަކިން ދަނީ ބަލަމުންނެވެ.
އެ މައްސަލާގައި ތަހުގީގު ކޮމެޓީގެ ނިންމުމާ މެދު ޖަވާބުދާރީވާން އެ ދެ ފަނޑިޔާރުންނަށް ފުރުސަތު ދިނުމަށްފަހު އެ ބޭފުޅުން މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމާ މެދު ގޮތެއް ނިންމަން ޖޭއެސްސީގެ މިރޭގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވެ އެވެ.
އެ ދެ ފަނޑިޔާރުން ވަކިކުރަން މަޖިލީހަށް ހުށަހެޅުމާ މެދު ގޮތެއް ނިންމަން ޖޭއެސްސީން ތާވަލް ކުރިއިރު، ޖޭއެސްސީން އެ މައްސަލާގެ ތަހުގީގު ހިންގި ގޮތާ މެދު ފަނޑިޔާރު ޑރ. އަޒްމިރަލްދާގެ ފަރާތުން ވަނީ މަޖިލީހާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވެސް ޝަކުވާ ހުށަހަޅުއްވައިފަ އެވެ.
ފަނޑިޔާރު އަޒްމިރަލްދާ އާއި ފަނޑިޔާރު މަހާޒްގެ އިތުރުން ފަނޑިޔާރު ހުސްނުއްސުއޫދު ވެސް އޭރު ސަސްޕެންޑްކުރި އެވެ. ނަމަވެސް ފަނޑިޔާރު ސުއޫދު ވަނީ ފަހުން މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އެ ބޭފުޅުން އޭރު ސަސްޕެންޑްކުރީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކޮށްފިނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލް ކުރުމުގެ މައްސަލާގެ އަޑުއެހުމެއް ސުޕްރީމް ކޯޓުން ތާވަލް ކޮށްފައި އޮއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަފްރާސިޔާބު
27 April 2025
ކޯއްޗެއް ބަލާކަށް. ގަވާއިދުންވިޔަސް ނުވިޔަސް ވަކިކޮށްލާ. ދޭންޖެހޭ އެއްޗެއްދޭނީ ފަހުން. ދޭންޖެހުނަސް ދޭނީ 1 އަހަރުގެ މުސާރައާއި އިނާޔަތެއްނޫން. ވަކިކޮށްލީމާ ސަރުކާރަށްވާ ފައިދާ ބޮޑުވާނެ. އެއީ ބޭނުންމީހަކަށް ބޭނުން ހުކުމެއް ބޭނުންކަމަކަށް ބޭނުން ހުކުމެއް ޖަހާލެވޭނެ ރަބަރު ތައްގަނޑަކަށް ވެފައިވާނެތީ.
ޢަލީޒް
27 April 2025
މި ސްލޫކީ މައްސަލަ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މައްޗަށް ސާބިތުވާނަމަ، ކްރިމިނަލް ކޯޓުގެ 2 ގާޒީންގެ މައްޗަށްވެސް ސްލޫކީ މައްސަލަ ސާބިތުވާން ޖެހެއެވެ. އެއީ ގާޒީ ސޮފްއަތު ހަބީބް، ގާޒީ ޒިހުނީއަށް ނުފޫޒު ފޯރުވި ކަމާއި، ގާޒީ އިބްރާހިމް ޒިހުނީ ނުފޫޒުގައި ޖެހުނު ކަމެވެ.
ދޮންއަދަރާދަ
27 April 2025
އަޅެ ނިކަން ވާގޮތެއް ބަލާލަން ވަކިކޮށްލަބަލަ.. ތަޅުވާފައިން ކޯކު ފުޅިއަކަށް މިންޓެއް ލީމަ ވާގޮތް ފެންނާނެ.
ޟމމމމ
27 April 2025
ހާވާ ހަޑިި ބަލަން ރައްޔިތުން މިތިބީ. ވަރަށް ސަލާމް!
އަދިއަ
27 April 2025
ހަޑިހޭވީ ފަނޑިޔާރުން. އެތަން އަހަރެމެން ބަލައިފިން ޔާމީނުގެ ޝަރީއަތް ގެންދިޔައިރުވެސް
ބޯށި
27 April 2025
ގައުމު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައި ސްޕްރީމް ކޯޓްގެ ދެ ފަޑިޔާރަކު ވަކިކުރަން ނިންމުމަކީ އިތުރަށް ދަރުއަޅާ އަލިފާންގަނޑު ބޮޑު ކުރުން
ހުކުމް
27 April 2025
ވަތްކެއް ނުކުރާނެ
ކާކު
27 April 2025
ޖޭއެސްސީ ގެނިންމުން ވަރަށް ސާފު, ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކައް ބަލާފަ ދެ ފަންޑިޔާރުން ވަކިކުރުންނޫ ގޮތެއްނެތް
އިބުރާ
27 April 2025
ކީއްވެތަ ބޮޑެތި ނިންމުންތައް ނިންމާ ދަނޑިވަޅުތަކާއި ދިމާވާގޮތަށް ރައީސްގެ ބޭރުގެ ދަތުރުފުޅުތައް ރާވަނީ. މިވެސް އަބަދު އިއްތިފާގެއްތޯ!؟ ނޫނީ އެފަދަ ނިންމުމެއް ނިންމައި ހޫނު ދިލަކަން ކެނޑޭހައި ވަގުތުކޮށްލާއި އައިސް...، އަހަނ ތިމަން މަނިކުފާނު ދެނެހުރިކަމެއް ވެސް ނޫނޭ ކިޔައިފަ ނިންމުން ބަދަލުކޮށްލަނީ!!
ހިތުގެ އުދާސް
27 April 2025
ރައީސްއަށް އެޑްވައިޒަރދޭން ތިބި މީހުން މިވެރިކަން މިހާރު ޙަލާކުކޮއްލަމުން މިދަނީ.. ކުރީގެ ވެރިކަމެއްވެސް ވެއްޓިގެން ދިޔައީ ސްޕްރީޕްކޯޓުގައި ތަޅުއަޅުވާ ހިސާބަށްވެސް ގޮސްގެން.. 3 ބާރު ވަކިވެފައި އޮންނަކަން އޮންނަނީ ކަރުދާހުގައި ޢަމަލުން ފެންނަނީ ގަޑުބަޑުވެފައި އޮތްތަން.. ތިދަނީ ރަގަޅު މިސްރާބަކަށްނޫން.. އެޑްވައިޒަރުންތައް ބަދަލްކުރޭ..
ވޮޗްމޭން
27 April 2025
މަގުތައް ފުރާލައި ރައްުޔަތުންވެސް މިރޭ ގޮތް ނިންމަންޖެހޭ.