30 އެޕްރީލް 2025 - 08:36
ލަންޑަން (އޭޕްރީލް 30) ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި އާސެނަލްގެ ދަނޑުގައި އެ ޓީމު 1-0 އިން ބަލިކޮށް ޕީއެސްޖީން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފި އެވެ.
ޕީއެސްޖީން ރޭ ކާމިޔާބިކުރި ހަމައެކަނި ގޯލު، ހަތަރު ވަނަ މިނިޓުގައި ކިވިޗާ ކްވަރަޓްސްކޭލިއާ ހުރަސްކޮށްލި ބޯޅައަކުން ޖަހައިދިނީ އުސްމާން ޑެމްބެލޭ އެވެ. މި ގޯލުގެ ބިލްޑް-އަޕްގައި ޕީއެސްޖީ ވަނީ ބޯޅަ ގެއްލުވާނުލައި 27 ޕާސް ފުރިހަމަ ކޮށްފަ އެވެ.
އެ ގޯލަށް ފަހު އާސެނަލުން ވަނީ މެޗުގެ ކޮންޓްރޯލް ނަގައިފަ އެވެ. އެ ޓީމުން ގޯލަށް އަމާޒުކޮށް ނުރައްކާތެރި އެތައް ބޯޅައެއް ވެސް ފޮނުވާލި އެވެ. އެކަމަކު ހުރަހަކަށްވީ ޕީއެސްޖީގެ ގޯލްކީޕަރު ޖިއަންލުއިޖީ ޑޮންނަރުއްމާ އެވެ.
ދެ ވަނަ ހާފުގެ ކުރީކޮޅު އާސެނަލްގެ މިކޭލް މޮރޭނާ ގޯލެއް ވެސް ޖެހި އެވެ. އެކަމަކު ވީއޭއާރް އިން ބެލުމަށް ފަހު ނިންމީ އޭނާ އޮފްސައިޑް ކަމަށެވެ.
މެޗުގެ ފަހުކޮޅު ޕީއެސްޖީ އަށް ލަނޑު ޖަހާނެ ރަނުގެ ދެ ފުރުސަތު ލިބުނެވެ. އެކަމަކު އެ ޓީމުގެ ބްރެޑްލީ ބާކޮލާ އާއި ގޮންސާލޯ ރާމޯސް އަތުން އެ ފުރުސަތުތައް ބޭކާރުވީ އެވެ.
ޕީއެސްޖީގެ ދަނޑުގައި ސެމީގެ ދެ ވަނަ ލެގަށް އަންނަ ހަފުތާގައި ނުކުންނައިރު އެ ޓީމަށް ލަނޑު ޖަހައިދިން ޑެމްބެލޭ އަށް މެޗުގައި ކުޅެވޭނެކަމާ ވަނީ ސުވާލު އުފެދިފަ އެވެ. ރޭގެ މެޗުގެ ދެ ވަނަ ހާފުގައި އަނިޔާވެގެން އޭނާ ވަނީ ބާލައިފަ އެވެ. މި ސީޒަނުގައި އެ ޓީމުގެ ޓޮޕް ސްކޯރާ ޑެމްބެލޭ ވަނީ މިހާތަނަށް 33 ގޯލު ޖަހައިފަ އެވެ.
ރޭގެ މެޗުގައި އާސެނަލްގެ ފުލްބެކް މައިލްސް ލެވިސް-ސްކެލީ ވަނީ މެޗުގެ ފުރަތަމަ 11 ގައި ހިމެނިގެން ކުޅެ އުމުރުން 18 އަހަރުގައި، ޗެމްޕިއަންސް ލީގު ސެމީ ފައިނަލް ކުޅުނު އެންމެ ޒުވާން އިނގިރޭސި ކުޅުންތެރިޔާގެ ރެކޯޑް ހަދައިފަ އެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި ކުޅެން އެރި އުމުރުން 18 އަހަރާއި 39 ދުވަހުގެ އީތަން އެންވަނޭރީ ވަނީ އެ ރެކޯޑް މުގުރާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަޅި އަލި
30 April 2025
ރިއަލް މެޑްރިޑް ބަލިކުރެވުނީމަ މިމީހުން އުޅުން ގޮތުން މަމެން ހީކުރީ ތަށިނެގީ ކަމަށް! އަހަރުންގޯތި ސޮލާހުވެސް މެންޔޫ އަށާ ލިވަޕުލަށް ވަރަށް އެއްޗިހިކީ! މިހާރު ކިހިނެތް މިބވަނީ!
ރަދީފްއޮފިޝަލް / އާސެނަލް ފޯ ލައިފް
30 April 2025
އިރާދަކުރެއްވިޔާ 2 ވަނަ ލެގް ކާމިޔާބް ކުރެވޭނެ.އިންޝާﷲ.
އަޅި އަލީ
30 April 2025
އިރާދަކުރެއްވިޔާ 2 ވަނަ ލެގް ވެސް ކާމިޔާބް ކުރެވޭނެ.އިންޝާﷲ.