އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މަޖިލީހުގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލިސް
05 މެއި 2025 - 12:23
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށި "ނާސްތާ" ޕްރޮގްރާމަކީ ބޭނުންތެރި ކަމެއް ނޫން ކަމަށާއި މިހާރު ނާސްތާ ދޭ ދަރިވަރުންގެ އަދަދު 1،000 އަށް ވުރެ މަދު ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ވެރިކަމުގައި ސްކޫލުތަކުގައި ހިންގި ނާސްތާ ޕްރޮގްރާމްގެ ދަށުން ނާސްތާ ފޯރުކޮށްދޭ ކުދިންގެ އަދަދާ ގުޅޭ ގޮތުން ވިލިމާލެ ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އިސްމާއިލް ސުވާލުކުރެއްވުމުން މިނިސްޓަރު ވިދާޅުވީ އޭރު އެކަން ފަށަން އުޅުނު އިރު ވެސް އެކަން ކުރަން ރާވާފައިވާ ގޮތުން ކާމިޔާބު ނުވާނެ ކަމަށް ވިދާޅުވެފައި ވާނެ ކަމަށެވެ.
އއ. މާޅޮހު ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލުގައި ނާސްތާ ނަގަނީ.--
"ނަތީޖާއަކަށް ވެގެން މި ދިޔައީ، ތައުލީމާ ބެހޭ ގާނޫނު އައިއިރުގައި ގާނޫނުގައި މި ލިޔަނީ، ކޮންމެ ކުއްޖަކަށް ހެނދުނުގެ ނާސްތާ ދޭން ވާނެއޭ. މިހާރު ވެސް ގާނޫނުގައި އޮތީ އެހެން. އެހެން ނަމަވެސް އެ ގާނޫނަށް އެ ޕޮއިންޓު ލެއްވި ބޭފުޅުން އަދި މެނިފެސްޓޯގައި އެ ހިމެނުއްވި ބޭފުޅުން ފަހުން ނިންމެވީ ނޫނެކޭ، ބޭނުންވާ ކުއްޖަކަށޭ ދޭނީ،" ޑރ. އިސްމާއިލް ވިދާޅުވި އެވެ.
މިހާރު ނާސްތާ ދެމުން ގެންދަނީ ބޭނުންވާ ކުދިންނަށްކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ އެ އަދަދު އުޅެނީ 200 ގައި ކަމަށެވެ.
"ހެނދުނުގެ ދަންފަޅީގައި ގާތްގަނޑަކަށް 60،000 ވަރަކަށް ދަރިވަރުން ކިޔަވާނެ. އޭގެ ތެރެއިން ނާސްތާ ދެވެނީ 100 އެއްހާ ނުވަތަ 1،000 އަށް ވުރެ ވެސް މަދު ދަރިވަރުންނަށް،" މިނިސްޓަރު ވިދާޅުވި އެވެ.
ތާޖުއްދީން ސްކޫލުގެ ދަރިވަރުންތަކެއް ހެނދުނުގެ ނާސްތާ ކަނީ -- ފޮޓޯ: މިހާރު
އެހާ މަދު އަދަދެއްގެ ކުދިންނަށް ދޭ ނާސްތާ ޕްރޮގްރާމަކީ ބޭނުންތެރިކަމެއް ނޫން ކަމަށް އިސްމާއިލް ވިދާޅުވި އެވެ.
ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. އެ ވައުދު ފުއްދުމަށް، ސްކޫލުތަކުގައި ހެނދުނު ދަންފަޅީގައި ކިޔަވާ ހުރިހާ ކުދިންނަށް ނާސްތާ ދޭން ފެށީ ޖޫން 11، 2019ގަ އެވެ.
އޭރު ހުރިހާ ސްކޫލެއްގައި ނާސްތާ ޕްރޮގްރާމް ކުރިއަށް ގެންދިޔަ ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭ ސްކޫލުތައް ބަންދުކުރުމުން އެ ޕްރޮގްރާމް މެދުކަނޑާލީ އެވެ. އޭގެ ފަހުން އަލުން 2021 ވަނަ އަހަރު އެކަން އަލުން ފެށީ ހަމައެކަނި އެންމެ ބޭނުންޖެހޭ ކުދިން ދެނެގަނެ، އެ ކުދިންނަށް ނާސްތާ ދޭ ގޮތަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސިލްމާ ޒާހިރު
07 May 2025
ފަޤީރުންގެ ކުދިންނަށް ލިބޭ ނާސްތާ އަކީ ބޭކާރު އެއްޗެކޭ ވިދާޅުވި ކަމީ ހިތާމައިގެ ކޮޅެއްނެތް ކަމެއް. ފަސްޓް ކުލާސް ޓިކެޓް ނަގައިގެން ދައުލަތުގެ ވެރިން ކުރާ 1 ދަތުރުގެ %1 އިން ވެސް އެ 200 ކުދިންނަށް 5 އަހަރަށް ނާސްތާދެވޭނެ.
ގޮލާ
07 May 2025
ތިމީހުންނަށް ރަނގަޅު އެއްކަމެއްވެސް ނުކުރެވޭނެ! ރައްޔިތުންނަށް އެއްޗެއްލިބޭ ގޮތެއް ނުމެސް ހެދޭނެ! އެއްޗެއް ދިނަސް އަދި ރައްޔިތުންނަށް ލުޔެއް ލިބޭގޮތަށް ހެދީ އެންޑީޕީ ސަރުކާރުން އެކަމެއް ހަޖަމެއްނުވާނެ! މިވެރިންގެ ވެރިކަމެއްގައި ރައްޔިތުންނަށް ލުއިވާނެ އެއްވެސް ކަމެއް ނުކުރާނޭ! ހަމަ ރައްޔިތުން ފެލާނީ.
ޙަބީ
07 May 2025
ޢެއީކަލޭމެން ބޭނުންވާނެ ކަމެންނޫން އެކަނި ވެރިމައިންނާ މުސްކުޅިންނާ ރިސޯޓު މުވައްޒަފުންގެ ތުނބުޅިޔާ އެމީހުން ޑިޔުޓީ ނިންމާފަ ހަވީރު އަނބިދަރިންގާތައްގޮސް ފަތިހު ފެރީން ރިސޯޓައް ގެންދިޔުމަކީވެސް ކަލޭމެން ބޭނުންވާނެ ކަންކަމެންނޫން މިހާރުވެސް މިތާ މާލެ ކައިރި ވަރުބައި އެތޮމަސްފިޔާ ރިސޯޓުންވަނީ ސްޓާފު ފެރީނިޒާމު ހުއްޓާލާފަ ސާވިސްޗާޖައް ލިބެމުންދިޔަ ޑޮލަރު ކޮޅު ބޭންކައް މާރު ކުރީމަ ސްޓާފުންނައް ގެއްލުން މީކަލޭމެން ބޭނުންވާގޮތް ތީކުރީގެ ގާވެފަތިބިމީހުނ
ގޮނުއަނގަ
06 May 2025
ތިޔަކަން ޤާނޫނުގައި އޮވެ ނުކުރީމާ ޤާނޫނާ ޚިލާފުވާކަމަށް ބެލެވޭނީ. އަވަހަށް ޤާނޫނު އިސްލާޙު ކުރައްވާ. ވަރަށް ތާއިދު. ބޭނުންތެރި ކަމެއްނޫން.
މަހުދީ
06 May 2025
ގާނޫނީ ވެރިކަންކުރަން އޮންނަނީ ރައްޔިތުންނަށް· ވެރިކަމަށް އާދެވުނީމާ ވެރިކަންކުރަނީ ގައުމަށާއި ރައްޔިތުންނަށް އެއްވެސް މަންފާއެއްނުކުރާތާ ގައުމު ބަގުރޫޓްކުރުމުގެ މިސްރާބަށް ދެއްތޮ·
ދަންބި
05 May 2025
ހޮސްޕިޓަލެއްވެސް ބޭނުމެއް ނުވާނެ. ފަސްލައްކަ ރައްޔިތުންގެ ތެރޭން ފަންސާސްހާސް ރައްޔިތުންވެސް ކޮންމެ ދުވަހަކު ހޮސްޕިޓަލަށް ނުދާތީ.
ކައުންސެލަރު....
05 May 2025
ކޮންތާކު!؟ ތިޔައީ އޭރު ޖެއްސި ބޮޑު ސްކޭމެއް. ބަޔަކަށް ލާރި ދޭންވެގެން. ކޮންމެހެން ދަރިވަރުންނަށް ހެވެއް އެދިގެނެއްނޫން. އެކަން އެނގެނީ ކޮވިޑުގެ ފަހުން މިދިނީ ބޭނުން ކޮންމެހެން ޖެހޭ ކުދިންނަށޭކިޔާފަ. ކެމްޕޭނުގަ ވާނެ ވައުދެއް ނޭނގުނީމަ ކިޔުނު އެއްޗެއް. އަނެއްކާ ތިޔައީ ސްކޫލްތަކަށް އިންތިހާއަށް ބޮޑު ސަކަރާތަކަށް ވީކަމެއް. ތިޔަކުން ނިކުތް އެންމެ ހެވެއްވެސްނެތް. ހުސް ފެންނެތް ބޮޑެތިކާށިބިނުން މިގުރޫޕުގެ ކަމަކީ...
މީމާ
05 May 2025
މިއަށްވުރެ ކުރަން ރަނގަޅު ކަމެއް ނުފެނޭ..
މިއޮތީ
05 May 2025
ބޭނުންތެރި ކަންކަމުގެ ވާހަކަ ދައްކަން މިނިސްޓްރީއަށް ތިޔަށްވުރެ ބޭނުންތެރި ފައިދާ ކުރާނެ މިނިސްޓަރެއް ބޭނުންވާ ކަން ފާހަގަ ކުރަންޖެހޭ. ކަމެއް ހަމަ އެދެވޭ ގޮތަކަށް އަމިއްލަ އަށް ނުކުރެވޭނެ ކަން އެނގޭއިރަށް އެއީ ބޭނުންތެރި ކަމަކަށް ނުވޭ. މީދެން ކިހާ ހެއްވާ ކަމެއް!!!
މެރީނާ
05 May 2025
އަޅެ މި ސަރުކާރެއް އައި ފަހުނަ ރައްޔިތުންނަށް ލިބިލިބި ހުންނަ އެއްޗެހި ކަނޑައި، ހިފައްޓާ މި ހަދަނީ ކޮން ބަޔަކަށް ވެރިކަން ކުރަން އައިސްތިބި ބަޔަކީތަ! ރައްޔިތުންނސް ދުއްތުރާ ނޫން ކަމެއް އަދި ނުފެނޭ!