އައިޖީއެމްއެޗް:.-- ފޮޓޯ: ނިޝާން އަލީ | މިހާރު
10 މެއި 2025 - 17:52
ނުރައްކާތެރި އިންފެކްޝަންގެ ސަބަބުން އައިޖީއެމްއެޗްގައި ހާލު ސީރިއަސްވި ކުދިންތައް ރާއްޖެއިން ބޭރަށް ފޮނުވާލައިފި އެވެ.
ނާޒުކު ހާލަތުގައި އެންއައިސީޔޫގައި ތިބި ކުދިންތަކެއްގެ ގައިން ގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ "ބާކޯލްޑޭރިއާ ސްޕޭޝިއާ" ނަމަކަށް ޖަރާސީމެއް ފެނިފައިވާ ކަމަށް އެ ހޮސްޕިޓަލުން ވަނީ މި މަހުގެ ކުރީކޮޅު ބުނެފަ އެވެ.
އެހެންވެ، އެ ކުދިންގެ ފަރުވާއަށް ބޭރަށް ގެންދަން ތައްޔާރުވަމުން އަންނަ ކަމަށް އޭރު ބުނެފައިވެ އެވެ.
އެ ހޮސްޕިޓަލްގެ މީޑިއާ އޮފިޝަލު ވިދާޅުވީ އެ ބެކްޓީރިއާ ފެނުނު ފަސް ކުދިން ވެސް މިދިޔަ ހޮނިހިރު ދުވަހު އިންޑިއާއަށް ފޮނުވާލާފައިވާ ކަމަށެވެ. އެ ކުދިން ގެންދިޔައިރު ހާލު ސީރިއަސް ވިޔަސް މިހާރުގެ ހާލަތެއް ސާފެއް ނުވެ އެވެ.
އައިޖީއެމްއެޗުން ބުނީ އެ ބެކްޓީރިއާ ފުރަތަމަ ފެނުނީ 28 ހަފުތާއަށް ވުރެ ކުރިން އުފަންވެ، އެންއައިސީޔޫގައި އެޑްމިޓުކޮށް، ފަރުވާދެމުން ދިޔަ ކުއްޖެއްގެ ގައިން މިދިޔަ މާޗު 27 ވަނަ ދުވަހު ނެގި ސާމްޕަލްއަކުން ކަމަށެވެ.
ފަހުން ނެގި ސާމްޕަލްތަކުން އެންއައިސީޔޫގެ ވެންޓިލޭޓަރުގައި ތިބި އިތުރު ހަތަރު ތުއްތު ކުއްޖެއްގެ ގައިން އެ އިންފެކްޝަން ފެނުނެވެ. އޭގެ ތެރޭގައި ދުވަސް ނުފުރާ ވިހެއި ތިން ކުދިން އަދި ދުވަސް ފުރާ ވިހެއި ކުއްޖަކު ހިމެނެ އެވެ.
ހޮސްޕިޓަލުން ބުނީ އައިޖީއެމްއެޗުން ބުނިގޮތުގައި، ޖަރާސީމު ފެތުރުން ހުއްޓުވަން އެ ހުރިހާ ކުދިން އައިސޮލޭޓުކޮށް އިންފެކްޝަން ކޮންޓްރޯލްކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ ކަމަށެވެ. އެއާއެކު، އިންފެކްޝަން ފެތުރުން ވަނީ ހުއްޓިފަ އެވެ. އަދި މިދިޔަ މަހުގެ 15 ގެ ފަހުން އިތުރު ކޭހެއް ރިޕޯޓުކޮށްފައި ވެސް ނުވާ ކަމަށް ސަރުކާރުގެ އެންމެ ބޮޑު ހޮސްޕިޓަލުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑިސްއިންފެކްޝަން
10 May 2025
މޮލްޑިވްސް 2.0 ގައި އެންއައިސީޔޫ ސާފު ކުރަނީ ބުލީޗުން. ވައްސަލަަމް
އަހި
10 May 2025
ތިކަމުގެޒިންމާ ނަގަންޖެހޭފަރާތެއް އެބައުޅޭބާ؟
ތަމީމު
10 May 2025
މިއަދު އެ ކުދިން ފުރުވީ.