12 މެއި 2025 - 10:20
ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އަށް ދިވެހި ސަރުކާރުން ވިއްކި ޓީ ބިލުގެ ތެރެއިން، މި މަހު ދައްކަންޖެހޭ 50 މިލިއަން ޑޮލަރު އަނބުރާ ދެއްކުން އިންޑިއާ އިން އަނެއްކާ ވެސް ފަސްކޮށްދީފި އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި 2019 ގައި ސަރުކާރުން ވަނީ އެސްބީއައި މެދުވެރިކޮށް ބަޖެޓް ސަޕޯޓަށް 200 މިލިއަން ޑޮލަރު ހޯދައިފަ އެވެ.
އޭގެ ތެރެއިން 50 މިލިއަން ޑޮލަރަކީ ހިލޭ އެހީ އެވެ. ބާކީ 150 މިލިއަން ޑޮލަރު ލިބުނީ 50 މިލިއަން ޑޮލަރުގެ ތިން ޓީބިލްގެ ގޮތުގަ އެވެ. އޭގެ ތެރެއިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ވަނީ 50 މިލިއަން ޑޮލަރު (770 މިލިއަން ރުފިޔާ) ގެ އެއް ޓީބިލް ސަރުކާރުން އަނބުރާ ދައްކައިފަ އެވެ. ބާކީ ނުދައްކާ ހުރި 100 މިލިއަން ޑޮލަރުގެ ތެރެއިން 50 މިލިއަން ޑޮލަރު މިދިޔަ އަހަރުގެ މެއި މަހު އަނބުރާ ދައްކަން ޖެހިފައި ވަނިކޮށް އެ ފައިސާ ވެސް އިންޑިއާ ސަރުކާރުން އިތުރު އެއް އަހަރަށް އެ މަހު ދަންމާލި އެވެ.
އިތުރު ކޮށްދިން އެއް އަހަރުގެ މުއްދަތު މި މަހަށް ހަމަވާއިރު، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، އެ ޓީބިލު އަނބުރާ ދެއްކުން އަނެއްކާވެސް ފަސްކޮށްދީފައިވާ ކަން ހާމަކުރައްވައިފަ އެވެ.
ޓީބިލު އަނެއްކާވެސް ރޯލްއޯވާ ކުރި މުއްދަތު ހަލީލް ސީދާ ވިދާޅުނުވިޔަސް، މި ފަހަރު ވެސް މުއްދަތު އިތުރުކޮށްދީފައިވަނީ އިތުރު އަހަރަކަށް ކަން އެނގިފައިވެ އެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައިވާ މާލީ އަދި އިގުތިސާދީ ދަތިކަމުން އަރައިގަތުމަށް ދިވެހި ސަރުކާރުން އަޅަމުންދާ އިސްލާހީ ފިޔަވަޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން އިންޑިއާ ސަރުކާރުގެ މި ނިންމުމަށް ހަލީލް ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
އޭގެފަހުން ރާއްޖޭގައި ހުންނަ އިންޑިޔާ ހައި ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނީ، އެ 50 މިލިއަން ޑޮލަރު އިތުރު އަހަރަކަށް ރޯލްއޯވާ ކޮށްފައިވަނީ، އިތުރު އިންޓްރެސްޓެއް ވެސް ނާރާ ގޮތަށް ކަމަށެވެ.
އެސްބީއައި އަށް ވިއްކާފައިވާ ޓީބިލުގެ ތެރެއިން މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ދައްކަންޖެހިފައި އޮތް 50 މިލިއަން ޑޮލަރު ވެސް އިންޑިއާއިން ވަނީ ފަސްކޮށްދީފަ އެވެ. އެ 50 މިލިއަން ޑޮލަރު ދެން ދައްކަންޖެހޭނީ އަންނަ ސެޕްޓެމްބަރު މަހު އެވެ.
މި ޓީބިލުތައް ދެއްކުން ފަސްކޮށްދިނުމުގެ އިތުރުން، އިންޑިއާ ސަރުކާރުން ވަނީ ރާއްޖޭގެ ރިޒާވް ރަނގަޅު ކުރުމަށް ކަރަންސީ ސްވޮޕް ފެސިލިޓީއެއް ވެސް ހަމަޖައްސައިދީފަ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާ އަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އިންޑިއާ އިން ރާއްޖެ އަށް 750 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީއެއް ކަނޑައަޅައި، އެކަމުގެ ރަސްމީ ލިޔުންތައް ބަދަލުކޮށްފަ އެވެ.
އޭގެ ތެރޭގައި ހިމެނެނީ 400 މިލިއަން ޑޮލަރުގެ ސްވޮޕް ފެސިލިޓީ އަކާއި 30 ބިލިއަން ރުޕީސްގެ ސްވޮޕް ފެސިލިޓީ އެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަވައްޓެރި ޤައުމެއްގެ ބެކްޔާރޑްގައި ނޯންނާނަމޯ
12 May 2025
ރައީސް މުޢިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމާއި އެކު އިންޑިއާ އަށް ގޮންހައްސަވައި ވިދާޅުވަމުން ގެންދެވީ، ތުރުކީ ވިލާތުންނޭ ހަނޑޫ ގެންނާނީ އަވައްޓެރި ޤައުމެއްގެ ބެކްޔާރޑް ގައި ނޯންނަވާނަމޭ އެވެ.
ކޮރަލް
12 May 2025
ކޮންމެ ބަޔަކު ވެރިކަމަށް އަޔަސް ލޯން ތައް ފަސް ކުރަނީ އަލުން ބޮޑެތި ލޯން ތައް ނަގާށެވެ .
ލައިޓް
12 May 2025
ރަނުގެ ފުރުޞަތެއް: އަވަހަށް 100 މިލިއަން ޑޮލަރު އަނެއްކާ ދަރަންޏަށް ނަގާ!
ލޯކުޑަ ވާންޗޯ
12 May 2025
މިތާނގަ ކޮމެންޓްކުރާ ގިނަ ސިޔާސީ މީހުންނަށް 2019 ވަނައަހަރު ކޮވިޑް އައިކަމާއި ދުނިޔޭގެ ބޮޑެތި ގައުމުތައްވެސް ހާލުގައިޖެހުނުކަމާއި ނަމަވެސް ދިވެހިން ތިބީ ކައިގެން ބޮއިގެންކަން ހަނދާންނެތުމަކީ ހިތާމަހުރިކަމެއް.
ސޭން
12 May 2025
ޢަރަބީން ކައިގެން ތިބިއްޔާ ދިވެހީންވެސް ތިބޭނީ ކައިގެން!
ކޮރަލް
12 May 2025
ކޮވިޑް ގަ ކުރި ވައްކަން ބިލިއަނުން ނެވެ .
އިސްމާލި
12 May 2025
އެބުނާހެން. ދިވެހިން ތިބީ ކައިގެން ބޮއެގެން. ބައެއް ދިވެހިން ތަންކޮޅެއް ގިނައިން، ގއގޅނދެން ވެސް ކެއި.
ޝޮކްތެރަޕީ
12 May 2025
މިހާ ބޮޑެތި ލޯނުތަކެއް. ޓީ ބިލުތަކެއް އެމްޑީޕީ ނަގައިގެން އެމްޑީޕީގެ ހަރުގެ ހިންގީ.
ޙައްގުބަސް.
12 May 2025
އެމްޑީޕީ ސަރުކާރުން ބޮޑެތިގޯސް ތަކެއް ހެދީ.
ފޫހި
12 May 2025
ހެޔޮނުވާނެ މިފަދަ ހާލަތެއްގައި ދައުލަތް އޮންނަންވީ ކީއްވެ؟ އަބަދު ވެސް ކޮންމެވެސް ގައުމެއްގެ ކައިރީގައި އާދޭސްކޮށްގެން ލޯނުތައް ފަސްކުރުމީ ރަނގަޅުގޮތްތަ؟ ލޯނުތައް ނުދެއްކޭނަމަ މުވައްޒަފުން މަދުކޮށްގެންނަމަވެސް ދަރަނި ދައްކަންޖެހޭނެ. އިންޑިޔާގެ ދަށުވުމީ މިނިވަންކަން ގެއްލޭނެކަމެއް.
ޓިނު
12 May 2025
ޚަލީލު ކޮބާ އިންޑިއާ އައުޓްޖަހައިގެން ގެންގުޅު ޓީސާޓް
ޓިނުގެ ރިޕްލައި
12 May 2025
ލޯނު ނެގި މީހުން ނެގީ ވަކި ވަރެއް ބަލައިފައެއްނޫން. ދަރިންގެ ދަރިންވެސް ދަރުވާލައިފަ ފައިބައިގެން ދިޔައިރު ކޮބައިތަ ތި އަނގަތަށް؟
އޮނަރަބްލް އަފީފު ދީދީ
12 May 2025
ދުއިސައްތަ ނުވަދިހަ ބިލިޔަން ރުފިޔާއަށް ދައުލަތް ދަރާ ވިކިފައި އޮތް އިރު މިފައިސާގެ ތެރެއިން %80 ހޭދަކޮށްފައިވަނީ ކ.އަތޮޅު މާލެ ސަރަޙައްދުގެ ކަނޑު ފަޅު ހިއްކުމަށާއި އެތަންތަން ތަރައްޤީކޮށް އެތަންތަނުގައި އުޑުގައި ޖެހޭވަރު އުސް އިމާރާތް ތައް ހަދަން. އެހެން ކަމުން މިތަންތަނުން ޤަބީލާވަންތަ ރޭސިސްޓް ސިޔާސަތެއްގެ ދަށުން ކ.މާލޭ މީހުންނަށް ހިލޭ ބަހާފައިވާ ބިން ތައް އަބުރާ ދައުލަތަށް ނަގާ އެބިންތައް ވިއްކައިގެން ތިޔަ ދަރަނި އަދާކޮށް ތިކަމުން ސަލާމަތްވޭ.
އަފީފޫ ކަލެއަށް ކުރާނީ ހަމަ އަސަރެއް!
12 May 2025
އޮނަރަބްލް އަފީފު ދީދީ ބޭނުންހައި ގޮތެއް ވާނަމަ، މަރުވެފައި އޮތް މީހެއްގެ ނަމުގައި ފިލައި އިނދެގެން ތިހުރިހައި ކޮމެންޓު ތަކެއް ކުރާކަށެއް ނުޖެހުނީ ހެވެ. މާލޭ މީހުންގެ ގޯތިތައް އަތުލެވޭނީ އަފީފު ދީދީ އަށް ރަށުން ލިބިފައި އޮތް ގޯއްޗާއިއެކު ހުރިހައި ރަށެއްގެ މީހުންނަށް ވެސް ދީފައި ހުރި ގޯތި ތަކާއި އެކުގައެވެ.
އޮނަރަބްލް އަފީފު ދީދީ
12 May 2025
ތުބުން ކިރު ނުނެއްޓޭ ތިރަށުގެ ކުޑަކުދިންގެ ބޯވެސް ގުނައިގެން ތިރަށު ބިންވެރިންނަށް ކޮންމެ މީހަކަށް ހިލޭ ދީފައި އޮތް 25 މިލިޔަން ރުފިޔާގެ ގޯތި ތަކަކީ ތިޔަ ދަރަނި ފައިސާ އަށް ހިއްކި ބިން ތައް. އަދި ވަންނާނެ ތަނެއް ނެތް ކަމަށް ބުނެ ތިރަށު މީހުނަށް ދީފައި ހުރި ފުލެޓްތަކަށް އެމީހުން ފައިސާ ނުދެއްކިޔަސް ވަރިހަމަ ކަމަށް ނިންމައިގެން އެފައިސާ ހޯދަން އެއްވެސް މަސައްކަތެއް ނުކޮށް ތިޔަ ތިބޭ ފުލެޓް ތަކަކީ ހަމަ ތިޔަ ލޯނު ފައިސާއަށް ހަދާފައި ހުރި ތަންތަން.